Support Us

މީދަލަށް ތާއީދުކުރާ، ފްރާންސްގެ ވެރިރަށް ޕެރިސްގެ އަވަށެއްގެ މޭޔަރުގެ ނައިބު ގްރެގަރީ މޯރޯ، ކޮނޑުމަތީގައި، އޭނާ ޕެޓެއްގެ ގޮތުގައި ގެންގުޅޭ "ޕްލޫމް" ނަމަކަށް ކިޔާ މީދަލާއެކު، މީދާތަކުގެ ފޮޓޯ ޖެހި ލީފްލެޓް ހިފައިގެން ބާޒާރުމަތީގައި

މީދާ މަރާނެ ކަމެއް ނެތް؟ ފްރާންސްގެ އަހުލުވެރިން މީދަލާ އަހުލުވެރިކުރުވާ ކެމްޕޭނެއް!

ގްރެގަރީ މޯރޯއަކީ އާދައިގެ މީހެއް ނޫނެވެ. މި ބުނީ، ސިޔާސީ ހައިސިއްޔަތުން ބެއްޔަސް، "އާއްމު ރައްޔިތު މީހާ"ގެ ގޮތުގައި ބެލެވޭނެ މީހެއް ނޫނެވެ. ސަބަބަކީ އޭނާއަކީ ފްރާންސްގެ ވެރިރަށް ޕެރިސްގެ އަވަށެއްގެ މޭޔަރުގެ ނައިބެވެ. އަދި އާދަޔާ ހިލާފު ކަމަކީ، އޭނާ މިހާރު ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް، އެންމެން ހީ ނުކުރާ ފަދަ ކަމެއް ފަށައިފައެވެ؛ އިންސާނުންނާ މީދަލާ ދޯޅު ކުރުމެވެ.

ޕެރިސްގެ އިންސާނީ އަހުލުވެރިންގެ އަދަދަކީ ދެ މިލިއަނެވެ. ނަމަވެސް ސަހަރުގެ މީދަލުގެ އާބާދީ އެއަށްވުރެ ބޮޑު ތަނުން އިތުރެވެ.

"ހެލޯ، ދުވަހަކު ވެސް މީދަލެއް ދުށިންތަ؟ އަހަރެންގެ ކޮނޑުގައި މި އިން އެއްޗަށް ބަލައިލަބަލަ!" މާރުކޭޓަކަށް ގޮސް ބާޒާރު ކުރަން ހުރި އަންހެނަކު ސިއްސުވައިލަމުން އެއް ފަހަރު އޭނާ ބުނެލިއެވެ.

"ޕްލޫމް"ގެ ނަން ދީގެން ގްރެގަރީގެ ކޮނޑުގައި އޭނާ އޮޅުކޮށްގެން ގެންގުޅޭ މީދަލަށް، އެ އަންހެންމީހާ ރަނގަޅަށް ނަޒަރު ހިންގައިލިއެވެ. ޝައްކެއްގައި ހުރި ފަދައިންނެވެ. ދެން ހީނލިއެވެ. އަދި ބުންޏެވެ: "ތިޔައީ 'ރެޓަޓުއި’ތަ؟"

ރެޓަޓުއި މިއީ ކާޓޫނު ފިލްމެއް ކަމަށްވާ "ރެޓަޓުއި"ގައި ކައްކަން ދަންނަ މީދަލެއް އުޅޭ ގޮތުގެ ވާހަކަ ކިޔައިދޭ އެނިމޭޓެޑް ފިލްމެކެވެ. މިއީ އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމްގެ އެވޯޑު ލިބުމުގެ އިތުރުން އެންމެ މޮޅު ވާހަކައިގެ އޮސްކާއަށް ވެސް ނޮމިނޭޓްވި ފިލްމެކެވެ.

މީދަލާމެދު ފަތުރަމުންދާ ބުހުތާންތަކަކީ ޕެރިސްގެ ފްލޯކް ވާހަކަތަކުގެ ތެރޭގައި އެތައް ގަރުނެއް ވަންދެން ދައުރުކުރަމުންދާ ހިޔާލީ ވާހަކަތަކެކެވެ. މިހެންވެ މީދަލުގެ އަގު ވަނީ ބޮޑުތަނުން ވެއްޓިފައެވެ.

ގްރެގަރީ ބުނީ މީދަލާމެދު ކަތި ނަޒަރަކުން ބައެއް މީހުން ބަލަނީ 14 ވަނަ ގަރުނުގައި ދުނިޔޭގައި އޮތް 450 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މީހުން "ބްލެކް ޑެތް"ގައި މަރުވީމާ ކަމަށެވެ. އިންސާނީ ތާރީހުގެ އެންމެ ނުރައްކާތެރި އެއް ޕެންޑެމިކަކީ "ކަޅު މަރު"ގެ ލަފުޒީ މާނައިން މުހާތަބު ކުރެވޭ މި ޕެންޑެމިކްއެވެ.

"ނަމަވެސް ބަލި ފެތުރުމުގައި މީދަލުގެ ދައުރު މިހާރު ނެތް އެއްޗެއް ފަދަ،" ގްރެގަރީ ބުނެއެވެ.

އޭނާއަކީ ހައިވާނުން ހިމާޔަތްކުރާ ޕާޓީއެއްގެ މެންބަރެއްގެ އިތުރުން ފިޒިކްސްގެ ދާއިރާއިން ވެސް ތަމްރީންވެފައިވާ ސިޔާސީ ލީޑަރެކެވެ.

ރަށްފުށުގައި ލެޕްޓޯސްޕައިރޯސިސް ބަލި ފެތުރޭ ކަމަށް ބެލެވެއެވެ. މިއީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބެކްޓީރިއާ ޖަރާސީމުގެ އިންފެކްޝަނެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މަސްގަނޑަށް ތަދު އެރުން، ހުން އައުން، ފުއްޕާމެއިން ލޭ އައުން އަދި ފުރާނައަށް ނުރައްކާވެދާނެ ސިކުނޑި އާއި މައިބަދައިގެ ބަލި މެނިންޖައިޓިސް ހިމެނެއެވެ. މީގެ އިތުރުން ޖޯންޑިސް އާއި ގުރުދާ ފޭލިވުން ވެސް ހިމެނެއެވެ.

މީދަލުގެ ހައްގުގައި ވަކާލާތު ކުރުމުގައި ގްރެގަރީއަށް ދުވަހަކު ވެސް ވަރުބަލިކަމެއް އިހްސާސެއް ނުކުރެވެއެވެ.

ޕެރިސްގެ މަޝްހޫރު އައިފަލް ޓަވަރުގެ ކުރިމަތީގައި ހުރެގެން، ލޯބި ސިފަތަކަށް ހުންނަ މީދަލުގެ ފޮޓޯ ޖެހި ލީފްލެޓްތައް ގްރެގަރީ ބަހައެވެ. އަދި މީދަލުގެ ބޭނުންތެރިކަން ދެނެގަތުމަށް، އޭނާގެ ގާތުން ހިނގައިފައިދާ މީހުންގެ ކިބައިން އެދެއެވެ.

"މީދާތައް ކޮންމެ ދުވަހަކު ޕެރިސްގައި 100 ވަރަކަށް ޓަނުގެ ކުނި ކައިލައި،" ސިޓީގެ ނަޖިސް ވަޅުތައް ނުބެދެނީ މީދަލުގެ ސަބަބުން ކަމަށް ކިޔައިދޭން ވެގެން ގްރެގަރީ ބުނެއެވެ.

ނަމަވެސް ކުޅޭ ތަންތަނާއި ޕާކްތަކުގައި މާ ގިނައިން މީދާ އުޅޭކަމުގެ ޝަކުވާތަކުން ގޮންޖެހުމުން، މީދަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ކަންތަކާ ގްރެގަރީ އެއްބަސްވެއެވެ.

އެކަމަކު މީދާ މަރައި ސަގާފީ ބޭހުގެ ބަދަލުގައި ތަންކޮޅެއް މައިތިރި ގޮތްގޮތަށް އެ ސޮރުމެން ނައްތައިލެވިދާނެ ކަމަށް ގްރެގަރީ ބުނެއެވެ.

މީދާ ބޭހަކީ އަނިޔާވެރިކަމުގެ އިތުރުން އާހިރުގައި މީދާ ނައްތައިލުމުގެ ގާބިލުކަމެއް ވެސް ނެތް އެއްޗެއް ކަމަށް އޭނާ ބުނެއެވެ. ސަބަބަކީ އޭގެ ވިހަކަމަށް މީދާ ހޭނި، އަދި އޭގައި ނުޖެހޭނެ އުކުޅުތައް ގިނަ ފަހަރަށް މީދާތައް ދަސްކުރާތީއެވެ.

މަގުމައްޗަށް ކާބޯތަކެތީގެ ބާކީ ބައި ނޭޅުން އެއަށްވުރެ ބުއްދިވެރިކަމަށް ގްރެގަރީ ބުނެއެވެ. ހާއްސަކޮށް، ޓޭކްއަވޭ ކެއުންތައް ވިއްކާ ތަންތާނގެ ވަށައިގެން، އެއީ ސަހަރަށް ކުރިމަތިވެފައިވާ މައްސަލައަކަށްވާތީއެވެ.

"މީދަލަށް ކާން ނުލިބެންޏާ އެ ސޮރުމެންގެ އާބާދީ އެހާ ބޮޑުވެގެން ނުދާނެ،" ގްރެގަރީ ބުނެއެވެ.

ކުރިން ވެސް ހީކުރި ގޮތަށް، އޭނާއަށް ވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައެވެ.

އެންމެ ވަރުގަދައަށް އޭނާއާ ދެކޮޅުހަދަނީ ޖިއޮފްރޯއި ބޯލާޑްއެވެ. ޖިއޮފްރޯއިއަކީ ޕެރިސްގެ ހުޅަނގުގައި އޮންނަ ތަންކޮޅެއް "ސަޅި" އަވަށެއްގެ މޭޔަރެވެ.

އޭނާއަކީ ވެރިރަށުގައި މީދަލަށް އެންމެ ނަފުރަތުކުރާ މީހާ ކަމަށް ވެގެންދިޔައީ ޕެރިސްގެ ނޫހެއް ކަމަށްވާ އެލްއީ ޕެރިސިއަންގައި ޖެހި ފޮޓޯއަކުންނެވެ. ފޮޓޯގައި ފެންނަނީ މަރުވެފައިވާ ހަތަރު މީދާ، އެ ސޮރުމެންގެ ނިގުލުގައި ހިފައިގެން، އަތުގައި އެލުވައިލައިގެން ޖިއޮފްރޯއި ހުންނަ މަންޒަރެވެ.

މީދަލާ ދެކޮޅު ހަދައި، ޕެރިސްގެ އަވަށެއްގެ މޭޔަރު ޖިއޮފްރޯއި ބޯލާޑް، މަރުވެފައިވާ ހަތަރު މީދަލުގެ ނިގުލުގައި ހިފައިގެން ހުރި، އެލްއީ ޕެރިސިއަން ނޫހުގައި ޖެހި، އޭނާއަކީ މީދަލާ ދެކޮޅު މީހެއްކަމަށް މަޝްހޫރުވި ފޮޓޯ

އޭނާއަށް މީދަލާ ދެކޮޅު "ރަސްމީ ފަތްކޮޅު"، އެހެންކަމުން، މި ގޮތަށް އެރުވުމުން، އެމެރިކާގެ ނިއު ޔޯކްގައި މި ދިޔަ އަހަރު އަލަށް ބާއްވަން ފެށި "ނެޝަނަލް އާބަން ރެޓް ސަމިޓް" (އެހެން ގޮތަކަށް ބުނާ ނަމަ، މީދަލާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އެންމެ އިސް ފަރާތްތަކުގެ މެދުގައި ބާއްވާ ގައުމީ ޖަލްސާ)އަށް ދައުވަތު އެރުވުމުގެ ހައްގު ވެސް ލިބުނެވެ. އާބާދީގައި އަށް މިލިއަން މީހުން ދިރިއުޅޭ ނިއު ޔޯކަކީ، އެތައް ގޮތަކުން، އެމެރިކާގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސިޓީއެވެ.

"މީދަލާއެކު އެކުއެކީގައި އަހަރެމެން އުޅެން ޖެހޭނެ ކަމަށް ބުނާ ކޮންމެ މީހަކު އެ އުޅެނީ ހިޔާލީ ދުނިޔެއެއްގައި،" ޖިއޮފްރޯއި ބުނެއެވެ.

މީދަލާ ދެކޮޅަށް ކުރާ "ހަނގުރައިމައިގައި އެއްވެސް ވަރަކަށް ވެސް ދޫ ދީފި ނަމަ އާއްމު ސިއްހަތަށް ނުރައްކާވާނެ" ކަމަށް އޭނާ ބުނެއެވެ.

އޭނާގެ އަވަށުގައި ވަނީ މީދާ ހިފައި އާލާތްތަކެއް ބަހައްޓައިފައެވެ. ކާއެއްޗެއްސަށް ދަހި ކުރުވައިގެން މި މެޝިން ތެރެއަށް މީދާ ވަނުމުން، އެޕެއްގެ ޒަރީއާއިން އެ މީދާ މަރައިލައެވެ.

ގާތްގަނޑަކަށް 940 ޑޮލަރު (14،391ރ.)އަށް ލިބޭ މި އާލާތުން އަހަރަކު 800 މީދާ މަރައިލައެވެ. ނަމަވެސް މިއީ މީދަލުގެ އާބާދީގެ މަދު އަދަދެކެވެ.

ޖިއޮފްރޯއި ބޭނުންކުރާ ކަމަށް ބެލެވޭ، އެޕެއް ބޭނުންކޮށްގެން މީދާ މަރާ އާލާތް

އެކަމަކު ޖިއޮފްރޯއި ބުނީ، މީދަލުގެ ކަންތައްތަކާ ކަންބޮޑުވާ ރައްޔިތުންގެ ފަރާތުން މީދާ ފެނުން ރިޕޯޓްކުރާ އަދަދު މަދުވާކަން، މި ކަމަށް ހަދައިފައިވާ ހާއްސަ ވެބްސައިޓަކުން އެނގޭތީ، އޭނާގެ އުކުޅު މަސައްކަތް ކުރާކަމަށް ހިޔާލު ލިބޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *