6 ވަނަ ޗެޕްޓަރ – ހަނދުވަރުގެ އަލިން ދިއްލިފައިވާ މޫދު
އެރޭ ޒަޔާން ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދިޔައިރު މަގުމަތީގެ ލައިޓްތައް ހުޅުދާންވެ މޫދުގެ މައްޗަށް އެކި ކަހަލަ ކުލައަލި ރޮނގުތަކުގެ މަނާޒިރާއެއް ދައްކައިދީފައި އޮތެވެ.. އޭނާގެ ސައިކަލު މަޑުކޮށްލީ ޖެހޭ ވައިރޯޅިން އިސްތަށިގަނޑު ވިހުރެވުމުން ދިޔަ ނަޝްފާއާ ނުހަނު ކައިރިއަށެވެ.
ނަޝްފާ މަޑުކޮށްގެން ހުރީ ބުރިޖުގެ ކަންމަތީގައެވެ. އެދެމީހުންގެ ދެލޯ ބައްދަލުވުމުން، އެ ހިމޭން ނަޒަރުން ދުވަސްތަކުގެ ދުރުމިން ފިލައިގެން ދިޔައެވެ.
"އާދޭ!" ސްޕެއާ ހެލްމެޓް ދިއްކޮށްލަމުން މަޑުމަޑުން ޒަޔާން ބުނެލިއެވެ.
ނަޝްފާ ފަހަތަށް އެރުމުން، ޒަޔާން އިރުމައްޗަށް ދުއްވާލިއެވެ. ހުޅުމާލޭގެ ހިމޭން މަގަކުން ދުއްވަމުން ގެންދިޔަ ސައިކަލްގެ ހޫމް އަޑު ފުލެޓްތަކުގެ ތެރެއަށް ފެތުރިގެން ދިޔައެވެ. އެ އިމާރާތްތައް ފަހަތަށް ދެމިގެން ދިޔައިރު މަގުމަތީގައި ހުރި ލައިޓްތަކާއި ހަނދުވަރުގެ އަލީގައި ރަށް ފެނިގެން ދިޔައީ ވަރަށްވެސް ހިތަށް ފިނިކަން ގެނެސްދޭ ގޮތެއްގައެވެ.
ސައިކަލް ނަޝްފާގެ އެނެކްސްގެ ކުރިމަތީ ޕާކްކޮށްލާފައި ދެމީހުން އެކުގައި ހިނގަމުން ދިޔައެވެ. ފްލެޓްތަކުގެ ދޮރުމަތީގައި ގޮނޑިގޮނޑީގައި ކުދި ކެފޭތަކުގައި ހިތްއުފާކުރަން އެތައް ބަޔަކު އަދިވެސް ތިއްބެވެ. މަގުގެ ކޮޅަށް ދިޔައިރު ހަނދުވަރުގެ ރިހި އަލިން ދިއްލިފައިވާ މޫދު ހަނާއަޅަމުން ދިޔައެވެ. އެމީހުން ގޮސް މަޑުކޮށްލީ ގޮނޑުދޮށުގައި ތަންކޮޅެއް ނިވާ ތަންކޮޅަކަށެވެ. އެތަނުން ހަނދުވަރުގެ އަލި ވިރުވާ އަޅައިފައިވާ ރިހިގަނޑެއްހެން މޫދުމަތީ ދުވެދުވެ އޮތެވެ. ރާޅުބާނިތައް އެ ރިހިގަނޑު އެކި ފަރާތްތަކަށް ހަރަކާތް ކުރުވައި މޫދުގައި އެކި ޑިޒައިންތައް ކުރަހަމުން ދެއެވެ. ކަންނެތްކަމާއެކު ބީއްސާލާ ރާޅުތަކުން އެ ދެ ޒުވާނުންނަށް މަރުހަބާ ކިޔަމުން ދިޔައެވެ.
އެމީހުން ހިނގަމުން ދިޔައީ ހުދު ފުށްގަނޑެއްހެން ދުރަށް ދެމިގެންގޮސްފައިވާ ގޮނޑުދޮށުގެ ދިޔަރެސް ބެދޭ ހިސާބުންނެވެ. ވައިރޯޅި ހެޔޮވަރަކަށް ޖެހެއެވެ. އެއާއެކު ނަޝްފާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. ނަޝްފާ ލާފައި ހުރި ތުނި ޓޮޕުން ފުރޭނިގެން އެ ފިނި ރޯޅިތައް އޭނާގެ ހަށިގަނޑުގައި ބީހެމުން ދެއެވެ. މޫދާ އެހާ ކައިރިކަމުން ރާޅުތައް ބުރުވާ ފޮނުތަކުން ރެކެންވެގެން ނަޝްފާ ޒަޔާންގެ އަރިމައްޗަށް ޖެހުނެވެ. ވައިރޯޅިއަށް ފިލަން އޭނާ ޒަޔާންގެ ނިވަލަށް ވަނެވެ. ރާޅުތަކުގެ އަޑުގެ އިތުރުން ތަންކޮޅެއް ދުރުން އިވެމުންދާ މިއުޒިކްގެ އަޑުތަކާއި ރުއްތަކުގެ ފަންތަކުން އިވޭ ކުދިއަޑުތައް އެކުވުމުން އިވެމުން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ހިތްގައިމު ރާގުތަކެކެވެ.
ނަޝްފާގެ ނަޒަރު ދުރުގައި އޮތް ފަޅުތެރެއަށް ހުއްޓިފައި އޮތް ނަމަވެސް ޒަޔާން އޭނާގެ ގާތަށް ޖެހިލުމުން ނޭނގޭ ސިހުރުވެރިކަމެއް އުފެދިގެން ދިޔައެވެ. އޭނާ ތުރުތުރު އަޅަމުން ޒަޔާން ދިއްކޮށްލި އަތުގައި ހިފަހައްޓާލިއެވެ.
"ނަޝްފާ،" އެހެން ގޮވާލި އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. އޭނާ ހީނލިއެވެ. "މިހާރު އިތުރު އެހެން ގޮތެއް ނެތް."
ނަޝްފާ ނޭވާ ހިފަހަށްޓައިގެން ހުރިއިރު އޭނާގެ ލޮލުން ކަރުނަތައް ފޭދެމުން ދިޔައެވެ. އޭނާ ކިތަންމެ ވަރަކަށް ދުރުގައި ހުންނަން މަސައްކަތް ކުރި ނަމަވެސް އެ ގާތްކަމުން އޭނައަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ދެމީހުންގެ ހަތަރުކަޅި ދިމާވުމުން އެދެމީހުން ގެއްލިގެން ދިޔައީ- އުއްމީދެއް ނެތް، އެހީތެރިކަމެއް ނެތް އޮޅުންބޮޅުން ވެފައިވާ ހާލަތަކަށެވެ.- އެކަކު އަނެކަކާ ދެމީހުން ދަމަމުން ދިޔައެވެ.
އެރޭ އެމީހުން އެ ހިތްގައިމު ބީޗު ދޫކޮށް ދިޔައީ އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ބަނދެވިގެން ތިބެގެންނެވެ. އެންމެ ފަހުން ނަޝްފާގެ ކުޑަ އެނެކްސްއާ އަރާ ހަމަވެއްޖެއެވެ.
ޒަޔާން އެތެރެއަށް ނުވައްދައި ފޮނުވާލާނެ ހިތްވަރެއް ނަޝްފާއަކަށް ނުލިބުނެވެ. އޭގެ ފަހުން ދެން ހިނގި ކަންކަން ހިނގީ ކުރީގައި ރާވައިފައިވާ ޕްލޭނަކާ އެއްގޮތަކަށް ނޫނެވެ. ދެމީހުންނަށް ދެކެވުނީ ކޮން ވާހަކައެއްކަން ނުދެކެވެނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ. ގަދަ އޮއިވަރަކާއެކު ދެމީހުން ބެހެމުން ގޮސް ކޮޓަރިއަށް ވަދެވުނެވެ. އެޔާއެކު ބަރަނި ބޯޅަތަކެއްހެން އެކަކު އަނެކަކާ އޮޅެމުން ގޮށްޖެހެމުން ދިޔައެވެ. ނިއުޅޭނެ ގޮތެއް ނެތި ދިޔައީ ބަނދެވި ބާރުވަމުންނެވެ. ދެމީހުން ވެސް ދެމިގެން ދިޔައީ ފޮނި މާމުއިގެ ކޯރަކަށެވެ. ގެނބިގެން ދިޔައީ ހަށިނުކާ ހިސާބަށެވެ.
ގަޑިތައް ފާއިތުވަމުން ދިޔައީ ހަމައެކަނި އެމީހުންގެ ނޭވާލުމުގެ އަޑު ނޫން އަޑެއް ނީވޭ ހަމަހިމޭންކަމެއްގެ ތެރޭގައެވެ. އޭރު ހުޅުމާލެއާ، އަދި މާލެވެސް އޮތީ ރަނގަޅަށް ނިދާފައެވެ.
ފަތިސް ވަގުތު ފާއިތުވެ ކުޑަދޮރުގެ ތެރެއިން އިރުގެ ދޯދިތައް އައިސް ނަޝްފާގެ މޫނުގައި ފިރުމަން ފަށަންދެން އޭނާ އޮތީ ހުވަފެނުގެ ދުނިޔެއަކަށް ޣަރަގުވެފައެވެ. އެވެސް ކުލަ ހުވަފެންތަކުގެ ދުނިޔެއެކެވެ. އޭނާގެ ބަރުވެފައިވާ އެސްފިޔަ ހުޅުވާލަން ލީ ބާރަށްވުރެން ލެއްޕެން ލީބާރު ބޮޑެވެ. މުޅި ރޭ ނިދިފިޔައެއް ނުޖެހި އުޅެފައި، އެންމެ ފަހުން ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ. އެވަގުތު ބޭނުންވީ ގަރުނަކަށް ނިދަން އޮންނާށެވެ. އޭނާ ޒަޔާނާ ވީ ދިމާއަށް އެނބުރިލިއެވެ. އެހެންނަމަވެސް އަތުގައި ޖެހުނީ ބޮނޑިވެފައިވާ ބެޑްޝީޓެވެ.
ހީވީ އޭނާގެ ހިތް މޭތެރޭން ފުންމާލިހެންނެވެ. އަވަސްއަވަހަށް ތެދުވެ އިށީނދެ ކޮޓަރީގެ އެކި ދިމަދިމާ ހޯދަމުން ދިޔައެވެ. އޭނާ އަވަސްއަވަހަށް ހެދުން ލިއެވެ. ޒަޔާންގެ ހިލަމެއް ނުވިއެވެ. އެކަމަކު އެނދުގެ ބާލީސްތަކުން ކީސްކުނޑި ވަސް ދުވަމުން ދިޔައެވެ. އޭނާއަށް ހޭވެރިކަންވީ ދެނެވެ.
އެވަގުތު އޭނާ ހާސްވެ ބިރުގަނެ މޭތެޅެން ފަށައިފިއެވެ. ދެން އަތްފައި ފިނިވެގެން ދިޔައެވެ.
މިއީ އޭނާ އަހަރެންނަށް ކިޔައިދޭން ބޭނުންވި ވާހަކަ ބާއޭ ނަޝްފާގެ ހިތަށް އެރިއެވެ. އޭނާ އެބުނީ އަހަރެން ދެކެ ލޯބިވާ ވާހަކައާއި، އަހަރެން ބޭނުންވާ ވާހަކަ ބާވައެވެ؟
އަނެއްކާވެސް ނަޝްފާގެ ހިތް އެނބުރޭ ރޯޅިއެއްގެ ތެރެއަށް ވަދެ ބުރު ނޭނގޭ ވަރަށް އެނބުރިގެންފިއެވެ.
އޭނާގެ އުންމީތައް އޮތީ ހަގީގަތާ ކިހާ ދުރުގައި ކަމެއް، އަދި އެ ދެމެދުގައި އޮތް ދުރުމިން ކިހާ ދުރެއް ވާނެ ކަމެއް އޭނައަކަށް އެއްގޮތަކަށް ނުވިސްނެއެވެ.
އޭނާގެ ވުޖޫދު ތެޅިގަނެގެން ދިޔައެވެ.
(ނުނިިމޭ)



advertisment