Support Us

ކޮލަމް ދޭހަ

ދެވަނަ ވަޒަނަކަށް ރާއްޖެ

ފަތުރުވެރިކަމުގެ ޞިނާޢަތު އޮތީ އިނދަޖެހިފައި އެވެ. ވަބާ-ކޮވިޑް 19 އިގެ ސަބަބުން ރަށް ބަންދުވުމާއި ޤައުމު ބަންދުވުމުގެ ސަބަބުންނެވެ. ހަމަ އެކަނި ރާއްޖެ އެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ޤައުމުތަކެވެ. ދުނިޔޭގެ އެހެން ޤައުމު ތަކަށް ވުރެ ބޮޑަށް ރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުން ބޮޑެވެ. ކޮވިޑް 19ގެ އިޤްތިޞާދީ ލޮޅުން އެންމެ ބޮޑަށް އަންނާނެ ޤައުމުތަކުގެ ލިސްޓުގައި ބޭރުގެ އިޤްތިޞާދީ މާހިރުން ވަނީ، އެ މީހުން ކުރި އިޤްތިޞާދީ ދިރާސާ ތަކުގައި، ކުރިން ވެސް އެންމެ ކުރީގައި ރާއްޖެ ހިމަނާފަ އެވެ. ރާއްޖެ އަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވާތީވެ އެވެ. ރާއްޖެ އަށް ޑޮލަރު ވަންނަ މައި ދޮރާއްޓަކީ ފަތުރުވެރިކަމުގެ ޞިނާޢަތެވެ. ފާއިތުވި މާޒީގައި ވެސް ފަތުރުވެރިކަމަށް ހީނަރު ކަމެއް އައުމާ އެކު ޑޮލަރު ހޯދުމުގެ ދަތިކަން ޢާއްމު ރައްޔިތުން އިޙްސާސް ކުރި އެވެ. އެއަރޕޯޓް ހިންގުމަށް އަންނަ ބަދަލަކުން ވެސް ފާއިތުވި ދުވަސްތަކުގައި ޑޮލަރު ހޯދުމުގެ ދަތިތަކާއި ޢާއްމު ރައްޔިތުން ކުރިމަތިލާން ޖެހުނެވެ. ސަބަބަކީ އެއަރޕޯޓަށް ވަންނަ ހުރިހާ ޑޮލަރެއް ސަރުކާރުގެ މާލީ އިދާރާ ތަކަށް ވަންނާތީވެ އެވެ. އެ ތަންތަނުން އެކި ގޮތްގޮތަށް ފުރޭނިގެން ރައްޔިތުންނާއި ހަމައަށް އަންނާތީވެ އެވެ. ފެށުނީއްސުރެ ދިވެހިން ހިންގަމުން އައި އެއަރޕޯޓު ހިންގުން އަވައްޓެރި ޤައުމެއްގެ ކުންފުންޏަކާއި، ޙަވާލުކުރުމުން އެއަރޕޯޓަށް ދައްކަން ޖެހޭ ކުލި ކީއްކުރަންތޯ އެވެ. ޓެކްސް އަށް ދައްކަންޖެހޭ ފައިސާ ވެސް ކަމާއި ބެހޭ އިދާރާތަކަށް ނުދައްކަ އެވެ. ނަތީޖާ އަކަށް ވީ ދިވެހި ޢާއްމު ރައްޔިތުން ޑޮލަރު ލިބުމުގެ ހައިހޫނު ކަމަކަށް ދިއުމެވެ. ވިޔަފާރި އަކަށް ވިއަސް އެވެ. ބޭސްފަރުވާ ކުރުމަށް ވިޔަސް އެވެ.

މިހާރު މި އޮތީ އަނެއްކާ ވެސް ޑޮލަރު ލިބުމުގެ ދަތިކަން ރާއްޖޭގެ ރައްޔިތުން ތަޙައްމަލު ކުރަން ޖެހިފަ އެވެ. މިކަހަލަ ކޮންމެ ދައްޗަކުން ސަލާމަތް ވުމަށް އަޅުގަނޑުމެން އެހީ އަށް އެދެނީ އަޅުގަނޑުމެންގެ ގާތް އެކުވެރި ކަރައިންނެވެ. އެ ކަރައިން ހިލޭ އެހީ އަށް ވެސް ވަރަށް ބައިވަރު ފައިސާ ދެއެވެ. ދަރަނި އެހީ އަށް ވެސް އެހާ ބައިވަރު ފައިސާ ދެއެވެ. ކޮންމެ ބަޔަކު ދިނަސް ދަރަނި ވާނީ ދަރަންޏަށެވެ. ދަރަނި އަދާ ނުކުރުމުން އިޤްތިޞާދީ އަޅުވެތި ކަމަށް ދާންޖެހޭނީ ހަމައެކަނި ސީނު ކަރައިން ދަރަންޏަށް ދޭ ފައިސާ ނުދެއްކުމުންނެއް ނޫނެވެ. އެހެން ކަރައަކުން ވެސް ދަރަންޏަށް ދޭ ފައިސާ ނުދެއްކުމުން އިޤްތިޞާދީ އަޅުވެތިކަމަކަށް ދާން ޖެހިދާނެ އެވެ. އަޅުވެތިކަން ވާނީ އަޅުވެތި ކަމަށެވެ. އެކަމަކު މިކަން ބޮޑު ވަޒީރަށް ޤަބޫލު ނުކުރެއްވިދާނެ އެވެ. ސަބަބު އަޅުގަނޑުމެންނަށް ނޭނގެނީއެއް ނޫނެވެ. ދަންނަވަން ލަދުގަންނަނީ އެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުން މިހާރު ވިދާޅުވަނީ ޑޮލަރުގެ ދަތިކަމުން ސަލާމަތްވެވެން އޮތް އެންމެ އަވަސް ގޮތަކީ ދެވަނަ ވަޒަން، (ސެކެންޑް ހޯމް) ވިއްކައިގެން ކަމަށެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ދެވަނަ ވަޒަނަކަށް ބިމެއް ވިއްކައިގެންނެވެ. ނުވަތަ ވަކި ވަރަކަށް ފައިސާ ދެއްކުމުން ދިގު މުއްދަތަކަށް ރާއްޖޭގައި ހުރެވޭނެ ގޮތް ހަދައިދީގެންނެވެ. މިއީ ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ކަމެއް ކަމުގައި ވެއެވެ. ވެދާނެއެވެ. ކިތަންމެ ގިނަ ޤައުމެއްގައި ވަކި ބާވަތެއްގެ ކަމެއް ކުރިޔަސް އަޅުގަނޑުމެން، އެކަމެއް ކުރުމުގެ ކުރިން، އެހެން ޤައުމުތަކާ ޚިލާފް، އަޅުގަނޑުމެންގެ އަމިއްލަ މާހައުލަށް ވިސްނަންވާނެ އެވެ. ރާއްޖެ އަކީ ވަރަށް ކުޑަ ޤައުމެކެވެ. ބިން ތަދު ޤައުމެކެވެ. ރާއްޖޭގައި އެންމެ އަގު ބޮޑު އެއްޗަކީ ވެސް ބިމެވެ. އެންމެ ހޯދަން އުނދަގޫ އެއްޗަކީ ވެސް ބިމެވެ. ބޮޑެތި ބިންތައް ހުރި ރަށްރަށް ވެސް ރާއްޖޭގައި ގިނައެއް ނޫނެވެ. ދެވަނަ ވަޒަނަކަށް ވެސް ރާއްޖެ އިން ބިންކޮޅެއް ވިއްކައިފި ނަމަ، ރާއްޖެ ކަހަލަ ކުޑަ ޤައުމެއްގައި ނުކުމެދާނެ މައްސަލަ ތަކެެއް އޮވެދާނެ އެވެ.

ދެވަނަ ވަޒަނަކަށް ބިން ވިއްކައިގެން އަޅުގަނޑުމެން ބޭނުން ވާ ޑޮލަރުގެ ދަތިކަން ފިލާނެ ގޮތެއް އަޅުގަނޑަށް ސާފެއް ނުވެއެވެ. ބިން ވިއްކަނީ އެންމެ ފަހަރަކު އެވެ. މިސާލަކަށް ދަންނަވާ ނަމަ ފަހަކަށް އައިސް ވަރަށް ގިނަ ދިވެހިން ދެވަނަ ވަޒަނަކަށް ހަދައިގެން އުޅޭ މެލޭޝިއާގައި، ދެވަނަ ވަޒަނެއްގެ ވަޒަންވެރިއަކަށް ވާން ތިން މަސްދުވަސް ވާންދެން ތިން ލައްކަ ރިންގިޓް އެ މީހެއްގެ އެކައުންޓުގައި ބަހައްޓަން ޖެހެ އެވެ. އަދި އެ މީހަކަށް މަހަކު އެގާރަ ހާސް ރިންގިޓްގެ އާމްދަނީ އެއް ލިބޭކަން ބޭންކް އެކައުންޓް އިން ފެންނަން ޖެހެއެވެ. އުމުރުން ފަންސާސް އަހަރަށް ވުރެ މަތީ މީހުންނަށް ދައްކަން ޖެހެނީ އެއްލައްކަ ފަންސާސް ހާސް ރިންގިޓް އެވެ. އެއް އަހަރު ފަހުން އެ ފައިސާގެ ތެރެއިން ފަންސާސް ހާސް ރިންގިޓް ނެގިދާނެ އެވެ. މިހާރު ހަމަޖެހިފައި އޮންނަ ގޮތުން ދިހަ އަހަރު ފަހުން އެ ހުއްދަ އާ ކުރަން ޖެހެއެވެ. މި ހުއްދައިގެ ތެރެއިން އަނބިމީހާ އާއި ބައްޕަ އާއި މަންމަ އާއި އުމުރުން އެކާވީސް އަހަރު ނުފުރޭ ދަރިންނަށް އެ ޤައުމުގައި ތިބުން ހުއްދަ ކުރެ އެވެ. މި ހުއްދައިގެ ދަށުން އެ މީހުންގެ އާއިލާ އާއި އެކު އެ ޤައުމުގައި ދިރިއުޅޭ ކަމުގައި ވާނަމަ ދިރިއުޅުމުގެ ޚަރަދަށް އެ މީހުންގެ އަޞްލު ޤައުމުން ފޮނުވާ ފައިސާ އެ މީހުންގެ ދިރިއުޅުމުގެ ތަފާތު ކަންކަމަށް ޚަރަދު ކުރާނެ އެވެ. މެލޭޝިއާގައި ވަކި ރަށްތައް ހުއްޓަސް، އެ ޤައުމަކީ އެއްފަސްވެފައި އޮތް ބޮޑު ޤައުމަކަށް ވުމާއި އެކު ދަތުރުފަތުރު ކުރުމަކީ ވެސް ފަސޭހަ ކަމެކެވެ. ދަރިންނަށް ކިޔަވައިދިނުމަށް ކޮންމެ ހިސާބެއްގައި ދިރިއުޅުނަސް ފެންވަރު ރަަނގަޅު ސްކޫލް އާއި މަތީ ތަޢުލީމް ދޭ މަރުކަޒުގެ ޚިދުމަތް އަތްފޯރާ ހިސާބުން ލިބެން ހުރެ އެވެ. ރާއްޖޭގައި ފަޅު ރަށެއް މިކަމަށް ތަރައްޤީ ކުރިއަސް، އެ ރަށުގައި ޢާއިލާއާ އެކު ދިރިއުޅެން މީހުން އަންނާނެތޯ އެވެ؟ މި ކަމުގައި ފައިދާ ބޮޑުވާނީ އަންނަ މީހުންގެ އަދަދު ގިނަވުމުންނެވެ. މުއްސަދިންނަށް ނުވަތަ މިލިއަނަރުންނަށް ތަނެއް ވިއްކިއަސް އެމީހުން އެތާގައި ދިރިނުއުޅޭނެ އެެެވެ. ރާއްޖޭ ގެ ރައްޔިތުން ނަށް ނުލިބޭ ބައިވެރި އިމްތިޔާޒް ތަކެއް އެމީހުންނަށް ދޭންޖެހޭނެ އެވެ. ދިވެހިންގެ ސަގާފަތާނނުގުޅޭ ކެއިންބުއިމުގެ ސާމާނު އެމީހުންނަށް ލިބޭނެ ގޮތް ހަދައިދޭން ޖެހޭނެ އެވެ. އެ މީހުންގެ އަމިއްލަ މަތިންދާ ބޯޓު ޕާކް ކުރުމުގެ ޖާގަ ވެސް ދޭން ޖެހޭނެ އެވެ.

ރާއްޖެ އަކީ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ރާއްޖެ އަށް އަންނަ ގިނަ ފަތުރުވެރިންނަކީ ތިން "ސ" އަށް އަންނަ މީހުންނެވެ. ސަން، ސީ، ސޭންޑް (އަވި، މޫދު ،ދޮންވެލި) އެވެ. މިހެން ވުމާއި އެކު ދެވަނަ ވަޒަން ދިނުން ރާއްޖެ އަށް ތަޢާރަފް ކުރިއަސް ރާއްޖެ އަށް މިހާރު ކުރިމަތިވެފައި އޮތް ޑޮލަރުގެ ހައިހޫނު ކަމެއް ހައްލެއް ނުވާނެ އެވެ.

ޑެމޮކްރަސީގެ ހުދު ފޮށާ ގައިގާ އޮޅާލައިގެން އުޅުއްވާ، އެތެރެފުށުން ޚުދުމުޚްތާރު، ވެރިކަމާއި، ގޮށްމުށު ބާރަށް ދެވިހިފައިފައި ތިއްބެވި، އަޅުގަނޑުމެންގެ ބައެއް ސިޔާސީ ބޭފުޅުންގެ އަރިއަހުން އަޅުގަނޑު ކަހަލަ ދިވެހިން ދަންނަވާ އާދޭހެއް އެބައޮތެވެ. ޤައުމަށް ދަތިވާ ކޮންމެ ފަހަރަކު ޤައުމުގެ ހަރުމުދާ ވިއްކަން ނުވިސްނަވާށެވެ. ފަޅު ރަށްރަށް ނުވިއްކަވާށެވެ. ބިދޭސީންނަށް ބިން ނުވިއްކަވާށެވެ. އެއަރޕޯޓު އަޅުގަނޑުމެންގެ ކަންޓުރޯލުގެ ދަށުންދިޔަ ނުދެެއްވާށެވެ. ކިތަންމެ ގިނަ ހަދިޔާ އާއި ފައިސާ ދިނަސް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަށް ނުރައްކާ ވެދާނެ ކަމަށް ގިނަ ރައްޔިތުންނަށް ފެންނަ ކަންކަމުގައި "ނޫން" ވިދާޅުވަން ޖެހިލުންވެ ވަޑައިނުގަންނަވާށެވެ.

އަޅުގަނޑުގެ ބިދޭސީ ރައްޓެއްސަކު ބުންޏެވެ. ދިވެއްސަކު ކައިރިން ކަމެއް ކުރުމަށް އަހާއިރަށް "ނޯ ޕުރޮބްލަމް" އޭ ބުނެ އެވެ. ބައެއް ބިދޭސީ ބާރުތަކުން ގިނަ ދިވެހިން ކަންބޮޑުވާ ބައެއް ކަންކަމަށް އެދުމުން އަޅުގަނޑު މެންގެ ސިޔާސީ ލީޑަރުން "ނޯ ޕުރޮބްލެމް" އޭ ވިދާޅުވެއްޖިއްޔާ އެއީ އަޅުގަނޑުމެންނަށް "ބިގް ޕުރޮބްލެމް" އެކެވެ.

އެއް އިރެއްގައި ބޭރު ޤައުމުތަކުގެ ނުރައްކަލުން ސަލާމަތްވުމަށް، އިނގިރޭސިންގެ ޙިމާޔަތަށް އަޅުގަނޑުމެން އަމިއްލަ އަށް އެދުނެވެ. އެ ޙިމާޔަތުން ވަކިވި ދުވަހަކީ އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނު ދުވަސްް ކަމަށް އިޢްލާނު ކުރެވުނެވެ. (އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތް ކަމަށް ރާއްޖޭގެ ތާރީޚް ހެއްކެއް ނުދެ އެވެ.) ފަހުން އައްޑު އަތޮޅުން އިނގިރޭސިން ފޭބި ދުވަހަކީ ވެސް މިނިވަން ދުވަސް ކަމުގައި ހަމަޖެއްސި އެވެ. މި އާ ޤަރުނުގައި ވެސް އަޅުގަނޑުމެން މިހާރު ދަތުރުކުރަނީ ޙިމާޔަތަކާއި ދިމާއަށެވެ. މި ހިމާޔަތުގެ ވާހަކަ ލިޔެކިއުމުން އަޅުގަނޑުމެންނަށް ފެންނަ ހިސާބަކަށް އަދި ނުދެ އެވެ. އެކަމަކު ފެންނަ ބައެއް އަމަލުތަކުން، ބައެއް މަންޒަރު ތަކުން ހިތުގައި ޝައްކު އުފެދެ އެވެ. ގައިން ހީބިހި ނަގައިގެން ދެއެވެ. ހިތަށް ބިރުވެރިކަން އާދެ އެވެ. މޫނު މައްޗަށް މޮޅިވެރިކަން އާދެެއެވެ.