Support Us

އަފްޣާނިސްތާންގައި އަންހެނަކު ފޯން ބޭނުންކުރަނީ

އިންޓަނެޓް ހުއްޓުވައިލައިފި ނަމަ މުޅި އަފްޣާނިސްތާން ފުރިހަމަ އެކަހެރިކަމަކަށް ހުށަހެޅިދާނެ؟

ވޭތުވެދިޔަ މަދު ދުވަސްތަކުގައި ކޭންޑަހާރް، ހެލްމަންދް އަދި ބޯލްކް ފަދަ އަފްޣާނިސްތާންގެ ގިނަ ޕްރޮވިންސްތަކުން ވަނީ ފައިބާ-އޮޕްޓިކް މެދުވެރިކޮށް ދޭ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރުވައިލައިފައެވެ. މި ކަމުގެ ސަބަބުން މުޅި ގައުމުގެ މައުލޫމާތުގެ ރަސްމަގު ހުއްޓުމަކަށް އައިސްފައިނެކަމުގެ ހުޅުކޮޅުވަނީ ރޯވެފައެވެ.

ސަރުކާރާ ހަވާލުވެގެން ތިބި ތޯލިބާން ޖަމާއަތުން، ބުނެވޭ ގޮތުގައި، ބޭނުންވަނީ އިންޓަނެޓަށް އޮތް މި ފަދަ ހުރަސްތައް މުޅި ގައުމަށް ފަތުރައިލައިށެވެ. އެއީ "އަޚްލާގީ މިންގަނޑު" ހިފަހައްޓަން ކަމަށް ބުނެއެވެ.

މި ކަމުގެ އަސަރުތައް ފުޅާ ދާއިރާއެއްގައި އަދި ފުންކޮށް ތަޖުރިބާ ކުރެވޭނެ ކަމަށް ބެލެވެއެވެ. އެ ގޮތުން ވިޔަފާރިތަކަށާއި އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަށާއި އަދި ބޭންކިން ދާއިރާއަށް ބުރޫ އަރައި، ޑިޖިޓަލް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލުމާއި، އަދި ދުނިޔެއާ ގުޅިފައިވާ ދާއިރާތަކަށް ބަރޯސާކުރާ ފަރާތްތައް ހިމޭންވެގެންދިއުން ހިމެނެއެވެ.

"ހަމައެކަނި އިންޓަނެޓް ބޭނުންކޮށްލުމަށް ވެސް އަވަށްޓެރި ގައުމަކަށް ދާން އަހަރެމެންނަށް މަޖުބޫރު ވެދާނެ،" ވެރިރަށް ކާބުލްގައި މަސައްކަތްކުރާ ނޫސްވެރިޔަކު ބުނިކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.

އަފްޣާނިސްތާންގައި ސައިބަކެފޭއަކުން ދެ މީހަކު އިންޓަނެޓްގެ ހިދުމަތް ލިބިގަންނަނީ

އިންޓަނެޓްގެ ހިދުމަތް މުޅިން ކަޑައިލައިފި ނަމަ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އަފްޣާނިސްތާން ވެގެންދާނީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެކަހެރިވާނެ ގައުމަކަށެވެ.

މިއީ "އަމިއްލަ ނަފުސު ބޯއިކޮޓް ކުރުން" ފަދަ ކަމެއް ކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން އިންޒާރު ދިނެވެ. ސަބަބަކީ އަސާސީ ހިދުމަތްތައް މެދުކެނޑި، އަދި ބައިނަލްއަގުވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް ނިކަމެތިވެގެންދާނެތީއެވެ.

އިންޓަނެޓަށް ހުރަސްއެޅުމުގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވި ގައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ނޭޕާލާއި އިންޑިއާ ހިމެނެއެވެ. މީގެ އިތުރުން އީރާން، އިރާގު އަދި ރަޝިޔާ ވެސް ހިމެނެއެވެ.

ނޭޕާލްގައި، ފޭސްބުކް އަދި އެކްސް (ކުރިން ޓްވިޓާގެ ނަމުގައި ހިންގި ސޯޝަލް މީޑިއާ ޕްލެޓްފޯމް) ހިމެނޭ ގޮތަށް 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ބަންދު ކުރުމާ ގުޅިގެން، "ޖެން ޒީ"ގެ ގޮތުގައި ބެލެވޭ 1997 ގެ ފަހުން ވިހެއި ޖީލުގެ މީހުން، އަނިޔާވެރިކަން އެކުލެވޭ ގޮތަށް، 70 މީހުން މަރުވި މުޒާހަރާ ކުރުމުން، ބޮޑު ވަޒީރު ކަގްޑާ ޕްރަސާދް އޮލީގެ ސަރުކާރު ވަނީ ވެއްޓިފައެވެ. ޖެން "ޒީ" (އެމެރިކާ ރައްޔިތުން ކިޔާ ގޮތް) ނުވަތަ ޖެނެރޭޝަން "ޒެޑް" (އިނގިރޭސި ވިލާތު ރައްޔިތުން ކިޔާ ގޮތް)އަކީ ޑިޖިޓަލް ގޮތުން ދުނިޔެ ބަވަނަވެ، އިގުތިސާދީ ބޮޑެތި ލޮޅުންތަކާ ކުރިމަތިލައި، އަދި އިޖުތިމާއީ ގޮތުން ހޭލުންތެރިކަން އިތުރުވިއިރު ބޮޑުވަމުން އައި ޖީލެވެ.

އިންޑިއާ ފަދައިން އީރާން، އިރާގް އަދި ރަޝިޔާއަކީ މި ފަހަކުން އިންޓަނެޓަށް ހުރަސްއެޅުމުން، އޭގެ ތެރޭގައި އިންޓަނެޓް އެއްކޮށް ހުއްޓުވައިލައި އަދި ސޯޝަލް މީޑިއާއަށް ދަތިކުރުމުން، މައްސަލަތަކެއްގެ ކުރިމައްޗަށް ހުށަހެޅުނު ގައުމުތަކެވެ.

މި ކަމުގެ ނަތީޖާތަކުގެ ތެރޭގައި ހިމެނުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމާއި، ހާއްސަ ގޮތެއްގައި މުޒާހަރާތައް ނުވަތަ އިންތިހާބުތަކުގައި ސިޔާސީ މިނިވަންކަން ހަނިކުރެވުމާއި އިގުތިސާދީ ބޮޑެތި ގެއްލުންތައް ލިބުމެވެ. މިސާލަކަށް، އިރާގުގައި، އިމްތިހާންތަކުގައި މަކަރު ހެދުން ހުއްޓުއްވުމަށްޓަކައި، ގައުމީ އިމްތިހާންތައް ބާއްވާއިރު އިންޓަނެޓް އެއްކޮށް ބަންދުކޮށްލައެވެ. މިހެން ވުމުން، މުހިންމު މައުލޫމާތު ލިބިގަތުމުގަ އާއި ޑިޖިޓަލްކޮށް ރައްކާކޮށްފައި ހުންނަ މައުލޫމާތު، ސަލާމަތީ ގޮތުން ރައްކާތެރި ކުރުމަށް ނުރައްކާތެރި މިންވަރަކަށް ހުރަސްއެޅެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *