Support Us

ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ފ. ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް މިއަދު ގާއިމުކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ފ. އަތޮޅުގެ ހުރިހާ ރަށެއްގައި 24 ގަޑިއިރު ޚިދުމަތް ލިބޭނެ، އެންމެ ޒަމާނީ ފެންވަރުގެ ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް،" ޝަރީފު ވިދާޅުވިއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 170 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 228 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީ.އެމް.އެލް އިން ބުންޏެވެ.