Support Us

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގާއިމްކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަޞްދީޤުކުރައްވާފައެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިން މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު)ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އަށް ބަދަލުވީއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *