Support Us

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ބައްލަވައިލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރެވިގެންދާނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދެވެ.

މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން އެމް.އެމް.އޭ ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބާއި އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކޮށް އިންސްޓޯލް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާއިރު، މި ފިޔަވަހީގައި ބިން ހިއްކުމުގެ 82 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢު އިޢުލާނުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުތަކުރުފާނު މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްކޮށް، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނެކަމުގައި ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *