Support Us

ރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބޭނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައިފި

ރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރު ކުރައްވައިފިއެވެ.

ދޯހާގައި، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާއެކު މިއަދު އޮތް ބައްދަލު ކުރެއްވުމުގައި، އިސްރާއީލުން ދޯހާ އަށް ދާދި ފަހުން ދިން ޢުދުވާނީ ޙަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ޤަޠަރުގެ އިސްތިޤުލާލަށް ނުރައްކާވުން ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

އަދި ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި، ޤަޠަރުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ހަމަ މިއާއެކު، ޢަރަބި- އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވެވި ކަމަށްޓަކައި ޤަޠަރުގެ ލީޑަޝިޕަށް ތަޢުރީފުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، ދޭދޭ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ވަކި މިނިވަން ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނު އުފެދި، އިސްތިޤުލާލީ މިނިވަންކަމާ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ކަށަވަރުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖެއާއި ޤަޠަރުގެ ލީޑަރުން ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *