Support Us

އުމުރުން 80 އަހަރުގައި ގްރޭޑް 12 ފުރިހަމަކޮށްފި

އުމުރުން 80 އަހަރުގެ މީހެއް ކަމަށްވާ ޕީ.ޑީ. ގޯޕިދާސް، އިންޑިއާގެ ލިޓަރަސީ މިޝަންގެ ދަށުން ގްރޭޑު 12ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފިއެވެ.

ގްރޭޑް ފަހަކުން ކިޔެވުން ހުއްޓައިލި ގޯޕިދާސް ވަނީ މީގެ ކުރީގައި ލިޓަރަސީ މިޝަންގެ ދަށުން ތައުލީމު ހާސިލުކޮށް ގްރޭޑް 7 އަދި ގްރޭޑް 10 ގެ އިމްތިހާނުން ފާސްވެފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ 1957 އަހަރު ސުކޫލުގައި ގްރޭޑް 5 ނިންމުމަށް ފަހު ގްރޭޑް 6 ގައި އުޅެމުން ކިޔެވުން ދޫކޮށްލީ މާލީ ހާލަތު ދަށް ވެގެން ނޫން ކަމަށާއި، ހަމަ ކިޔަވަން ބޭނުންނުވީމައެވެ.

"އެ ދުވަސްވަރު ކިޔެވުމުގެ ޝައުޤެއް ނެތް. އޭރު ބޭނުންވީ ރައްޓެހިންނާއެކު ކުޅެން. މާލީ ދަތިކަމެއް ނެތް، ސްކޫލް ދޫކޮށްލީ އަމިއްލައަށް ބޭނުން ވެގެން،" އޭނާ ބުންޏެވެ.

ކިޔެވުން ހުއްޓައިލުމަށްފަހު، ގޯޕިދާސް މަސައްކަތްކުރީ އޭނާގެ މަންމަ ފިހާރައިގައި ބިޑި އަނބުރައި ތައްޔާރުކުރުމަށެވެ. އޭގެ ފަހުން ބޮނބި ފެކްޓަރީއެއްގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އޭގެ އެތަކެއް އަހަރު ފަހުން، ލިޓަރަސީ މިޝަންގެ އެކުއިވަލެންސީ ސްކީމްގެ ހަބަރު ލިބުމުން، އޭނާ އަލުން ކިޔެވުމަށް ނިންމިއެވެ.

ކޮވިޑް-19ގެ ދުވަސްވަރު އޭނާ ގްރޭޑް 10ގެ އިމްތިހާނުގައި ބައިވެރިވެ ފާސްވިއެވެ. އޭގެ ފަހުން އެއް އަހަރު ސިއްހީ މައްސަލަތަކަކާ ހެދި ނުކިޔަވާ މަޑު ކުރުމަށްފަހު ގްރޭޑު 11 އަދި 12 ފުރިހަމަކުރިއެވެ. މިދިޔަ ބުދަ ދުވަހު އިއުލާނުކުރި ހަޔަރ ސެކަންޑަރީ ނަތީޖާ އިން އޭނާ ވަނީ އިމްތިހާނުން ކާމިޔާބުކަމާއެކު ފާސްވެފައި ކަން އެނގުނެވެ.

"ކިޔެވުން ހުއްޓައިލައިފައި ވެސް އަހަރެން ގަވާއިދުން ފޮތް ކިޔައި އުޅުނިން. އެހެންވެ ކިޔަވަން ފަށައިގަންނާކަށް އެހާ އުނދަގޫ ކަމަކަށް ނުވި. ކިޔަވަން ފަށައިގެން ދުވާލަކު ދެގަޑިއިރު ކިޔެވުމުގައި ހޭދަކުރިން. އުނދަގޫވި ހަމައެކަނި މާއްދާއަކީ އިނގިރޭސި. އަހަރެންގެ ކާފަ ދަރިން ކިޔަވާ ވަގުތު އެމީހުންނާ އެކުގައި ވަރަށް ގިނައިން ކިޔަވަން،" އޭނާ ބުންޏެވެ.

ގޯޕިދާސް ބުނާ ގޮތުގައި އޭނާ ކިޔަވައިގެން ގްރޭޑް 10 އިން ފާސްވުމަކީ އޭނާގެ މަންމަގެ ހުވަފެނެކެވެ. އެހެންވެ އެ ކަންތައް ފުރިހަމަ ކުރެވުނީމައި އޭނާ ވަރަށް އުފާވެއެވެ. ގޯޕިދާސް ދަންނަ ގިނަ މީހުންނާއި މުދައްރިސުންވެސް ބުނަނީ އޭނާ ކިޔެވުމައިގެން ކުރިޔަށް ދިޔުމަށެވެ. ގޯޕިދާސްގެ ސިއްހަތު ތަންދޭނަމަ އޭނާ ބޭނުންވަނީ ޑިގްރީއެއް ހާސިލުކޮށްގެން ގާނޫނީ ވަކީލަކަށް ވާށެވެ.

ގޯޕީދާސް މިހާރު ދިރިއުޅެނީ އޭނާގެ ހަގު އަންހެން ދަރިފުޅުގެ އާއިލާއާ އެކުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *