Support Us

އުސޫލާ އެއްގޮތަށް ބޭނުން ހިފަމުންނުދާތީ މީޑިއާ ފެންޑާ އުވާލައްވައިފި

ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ނޫސް ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، މި އަހަރުގެ މޭ 29 ގައި ޤާއިމުކުރެއްވި މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަން އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދައިފައިނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގައިފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ގްރީން ޒޯންގައި ހުންނަ މިތަނުގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން" އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެކެވެ."

މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *