Support Us

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މާސްޓާސް ޑިގްރީގެ 40 ސްކޮލަޝިޕް

ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް 40 ސްކޮލަރޝިޕް ފުރުޞަތު ހުޅުވައިލައިފިއެވެ. "ސިގްނޭޗަރ ސްކޮލަޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ.

މި ސްކޮލަޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

މި ސްކޮލަޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ.

މި ފުރުސަތު ދިނުމަށް ނިންމައިފައިވަނީ 40 ދަރިވަރުންނަށެވެ. ސްކޮލަޝިޕްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ. ސްކޮލަޝިޕަށް އެދި ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެ އެވެ. މި ލިންކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ސްކޮލަޝިޕާ ގުޅޭ އިޢުލާނުގައި ވަނީ ހިމަނައިފަ އެވެ.

މި ސްކޮލަޝިޕްގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.

"މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުން،" ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުންޏެވެ.

"މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ."

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ ނިޒާމު"ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި، މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން ފަދަ ކަންކަން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބަލަން ވީނޫންހޭ ޕޯރޗުގީޒުން ރާއްޖެ އަރާ ހިފިތޯ؟ އެ ބުނަނިއްޔޭ ޕޯރޗުގީޒުންނެއް ރާއްޖެ އަރާ ނުހިފާ ކަމަށް އެއީ ކަންނަންނޫރުގައި ތިބި ބަޔަކު މަޖަލަށް ކުރިކަމަކަށް ވަނީ! އެހެން އެއޮތް ކިޔާ ނަަގަނީނު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *