ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން މިއަދު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގު، ބިސް، އަލުއި، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމަވާފައިވާ ކަމަށެވެ.
މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން މިއަދު ނިންމެވި ނިންމެވުމެކެވެ.



advertisment