ކެންސަރަށް ވެކްސިނެއް ތަޢާރަފުކޮށް، އެ ވެކްސިން ބޭނުންކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރަޝިޔާއިން އިޢުލާނުކޮށްފިއެވެ.
ރަޝިޔާގެ ވްލަޑިވޮސްޓޮކްގައި މިދިޔަ ހަފުތާގައި ނިމުނު 10 ވަނަ އިރުމަތީ އިޤްތިޞާދީ ފޯރަމްގައި ތައާރަފުކުރި މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ލިބިފައިވާ ކަމަށް ރަޝިޔާ އިން ބުނެއެވެ. މިއީ މަރުބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ވެކްސިން ތަހުލީލުކޮށް ތަރައްގީކުރީ ރަޝިޔާގެ ގަމެލެޔާ ޤައުމީ އެޕިޑެމިއޮލޮޖީ އަދި މައިކްރޯބަޔޮލޮޖީ ރިސާރޗް ސެންޓަރުންނެވެ. ކެންސަވެކް ނަމުން ނަން ދީފައިވާ ވެކްސިން މިވަގުތަށް ހާއްސަކޮށް ޓެސްޓުކުރަމުން ގެންދަނީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ކޮލޯރެކްޓަލް ކެންސަރު (ގޮހޮރުގެ ކެންސަރު) އަށް ފަރުވާ ކުރުމަށެވެ. ނަމަވެސް މުސްތަގުބަލުގައި މި ވެކްސިން އެހެން ވައްތަރުތަކުގެ ކެންސަރަށް ފަރުވާކުރުމަށް ބޭނުންކުރާނެއެވެ.
މި ވެކްސިނަކީ އިމިއުނޮތެރަޕީގެ ވައްތަރެކެވެ. މި ވެކްސިންގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގެ އިމިއުން ސިސްޓަމް (ދިފާޢީ ނިޒާމު) ހަރުދަނާކޮށް، ކެންސަރު ސެލްތައް ދެނެގަނެ ނައްތާލުމަށް އެ ނިޒާމަށް އެހީތެރިވެދިނުމެވެ.
މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގައި ބައިވެރިވި ބަލިމީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ކެންސަރު ވަނީ ކޮންޓްރޯލްވެފައި ކަމަށް ސައިންޓިސްޓުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުން ދިރިތިބުމަށް ދީފައިވާ މުއްދަތު އިތުރުވި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ރަޝިޔާގެ ސިއްޙީ އިދާރާތަކުން ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ސިއްޙީ ޖަމްޢިއްޔާތަކުން އަދި މި ވެކްސިންގެ ރައްކާތެރިކަމާ ދޭތެރޭ ގޮތެއް ނިންމާފައެއް ނުވެއެވެ. ވެކްސިން ފުޅާ ދާއިރާއެއްގައި އާންމުންނަށް ލިބެން ފަށާނީ ބައިނަލްއަޤްވާމީ މެޑިކަލް ކޮމިއުނިޓީން މި ވެކްސިންގެ ޑޭޓާ އިތުރަށް ދިރާސާކޮށް، މުސްތަޤިއްލު ގޮތެއްގައި ބެލުމަށްފަހު އެވެ.



advertisment