އެކި ގައުމުތަކުގެ ސައިންޓިސްޓުން ހިމެނޭ ޓީމަކުން ދުނިޔޭގެ ފުރަތަމަ މަސްނޫއީ ދޫ އުފައްދައިފިއެވެ.
އެމެރިކާގެ ޕްރޮސީޑިންގްސް އޮފް ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް ޖާނަލް އިން ބުނީ މި ދުލުން، އިންސާނުންގެ ދޫ ފަދައިން ދިޔާ ތަކެތީގެ ރަހަ ވަކިކުރެވޭ ކަމަށެވެ. މިކަން ކުރަން މި އާލާތް ބޭނުންކުރާ ޓެކްނޮލޮޖީ ބިނާވެފައިވަނީ ވަރަށް ތުނި ކާބަން ޝީޓްތަކެއްގެ މައްޗަށް ކަމަށާއި މީގެން ތަފާތު ރަހަތައް ދެނެގަނެ އޭގެ ހަނދާނުގައި ބަހައްޓާ ކަމަށް އެ ޖާނަލް ބުނެ އެވެ.
މި މަސްނޫއީ ދުލުން އަސާސީ ހަތަރު ރަހަ ވަކިކުރެއެވެ. އެއީ ފޮނިރަހައާއި، ލޮނުރަހައާއި، ހުތްރަހައާއި، ހިތިރަހައެވެ. މި ރަހަތައް ދެނެގަންނަނީ 87.5 އިންސައްތަ ސައްހަކަމާއެކުގައެވެ. މި އާލާތަށް ކޮފީ އަދި ކޯކާކޯލާ ފަދަ ބުއިންތައް ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. އެއީ މި ބުއިންތަކުގެ ރަހަ އެހެން އެއްޗެއްސަށް ވުރެން ތަފާތުވީމައެވެ.
ކުރީގައިވެސް މަސްނޫއީ ދޫތައް ވަނީ އުފައްދައިފައެވެ. ނަމަވެސް އެ އެއްޗެއްސާ ޚިލާފަށް މި އާލާތަށް މަޢުލޫމާތު ދެނެގަންނާކަށް އެހެން ކޮމްޕިއުޓަރެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. މި އާލާތަށް ދައްކާ ރަހަތައް އަމިއްލައަށް ދެނެގަނެ، އަމިއްލައަށް އެ މަޢުލޫމާތު ޕްރޮސެސްކުރެއެވެ. މިކަން ކުރަނީ އޭގައިވާ ކާބަން ޝީޓްތަކުގައިވާ ކުދިކުދި ހޮޅިތަކުން ދިޔާތަކެތި ދަތުރުކުރާ ގޮތް ދެނެގަނެގެންނެވެ. ކޮންމެ ރަހައެއް ދަތުރުކުރަނީ ވަކި ގޮތަކަށެވެ. ގިނައިން ބޭނުންކުރާ ވަރަކަށް މި ދުލަށް ރަހަތައް ދެނެގަންނަން ފަސޭހަވެއެވެ. މިއީ އިންސާނުންގެ ސިކުނޑިން ރަހަ ދެނެގަންނަ ގޮތާ ދާދި އެއްގޮތް ނިޒާމެކެވެ.
މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޗެކްކުރުމާއި، ފެނުގެ ފެންވަރު ބެލުން ހިމެނެއެވެ. ސިއްޙީ ބޭނުންތަކަށް މިއީ ވަރަށް މުހިންމު އީޖާދެކެވެ. މީގެން ބަލިތައް އަވަހަށް ދެނެގަތުމާއި، ރަހަ ދެނެގަތުމުގެ ޤާބިލުކަން ގެއްލިފައިވާ މީހުންނަށް އެހީތެރިވެވޭނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ އިންސާނުންގެ ސިކުނޑިން ރަހަ ދަސްކުރާ ގޮތާއި، ރަހަ ދެނެގަންނަ ގޮތް ކޮޕީކުރާ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.



advertisment