ވަދާޢުގެ ވަގުތު އައުމުން ހިނދުކޮޅެއްވެސް ލަސްވެވޭކަށް ނެތް
ވަދާޢުގެ ހެޔޮ ސަލާން ކޮށްފައި ދިޔުން ނޫނީ ގޮތެއް ހަމަ ނެތް
އެތައް ގިނަ ކަންތަކެއް ރާވައި، ކުރަން ހުއްޓަސް މިތާ ފެށިފައި
ހިތާ ދެކޮޅަށްވިޔަސް މަޑުކޮށް، ނުގޮސް ވާނޭ ގޮތެއް ވެސް ނެތް
ލިބުނު މާތް ޢިއްޒަތާ ޝަރަފާ، އެހުރި މަތިވެރި ނަމާ ޤަދަރާ
މިބުނި ހިނދު ނުވެ ލަހެއް ދޫކޮށް، ނުގޮސް ހުރެވޭނެ މީހަކު ނެތް
ޢިމާރާތްތައް ބޮޑެތި ހެދިފައި، މުދާވެރިކަން އޮތަސް ލިބިފައި
ޙިމާޔަތަކަށް މިކަންވެވިގެން ލިބޭ ކުޑަ މިންވަރެއްވެސް ނެތް
ޖަމާކުރި މުދަލަކުން ކުޑަވެސް ނެތޭ ގެންދާނެ އެއްޗެއްވެސް
ތިމާ ކުރި ހެޔޮ ޢަމަލު ނޫނީ ހިފައިގެންދާނެ އެއްޗެއް ނެތް
ޚިޔާލާ ފިކުރުތައް ކުރަމުން، އެއާއެކު ދުނިޔެ ކުޑަ ކުރަމުން
ޙަޔާތުގެ ކުރިއެރުން ދެކެމުން އަޔަސް ލިބިދާނެ ބާރެއް ނެތް
އެވަގުތާމެދު ނިކަން ވިސްނައި އަބަދު ތައްޔާރުގައި ތިބެމާ
ދެވަރު ނުވެ ތިބެ ސަމާލުވެގެން އުޅުން ނޫނީ ގޮތެއް ހަމަ ނެތް