ރައިވަރު:
"އަސްދޫނި އުދުހިދާ، މަސްއައިނު ކޮށަކޮށައިކާ
ގަސްގަހު ވަތަށް ނިރުފަޅާ، ރަސްކަން ބުޅާ ފިކުރުލާ
ބަސްވިކި ކަނބިލި އުޅޭޔޭމި، ފަސްވި ޒަމާނު ދުނިޔޭމި"
ނަޒަރު:
އިޝާރާތް ނައިބުތުއްތޫ ރައިވަރުން ދެއްވެވި ޒަމާން ފެށުނީ
މިސާލު އެ ޖައްސަވައި ދެއްވެވި ކަމެއް ހުރިހައި ދިމާ އެވަނީ
ކުރަނގި، ކިރުދޫނި، ފަދައިން އައިނުގައި އަސްދޫނި ގޮސްއެޅުމާ
ދުރަށް ދުވެސްގޮސްފިލާ ވަލު ވަގުކަނބިލިތަކު ބަސްް ވިކެންފަށަނީ
އެބަހުގައި ދޭހަކޮށް ދެއްވީ ކުފޫހަމަ ނުވިކަމަކު މީހުން
ދެބަސް ނުވެވޭވަރަށް އިސްސަފު ފުރާނެ މިސާލަކަށް ވެދަނީ
ގަހާ ރުއްރުކުގެ ނިރު އަޑިޔަށް ބިމުގެ އަމުދުން ނުފޭބިޔަކަސް
ބަހާ ޢަމަލުން އެކަންކަން ހުވަފެނުން ދައްކާނެކަން އެނގެނީ
ދެވަނަ، ތިންވަނަ، ބަހުގެ ދޭހައިގެ މައްޗަށް ފިކުރު ހިންގީމާ
އެވަގުތު ފެށޭހިނދުން ހުރިހައި ކަމެއް ގޯސްވާނެކަން އެނގެނީ
އެ ރައިވަރުގައި މިސާލުން ތިންކަމެއް ދެއްކެވިކަމަށް ވިޔަކަސް
އެ ރަހަލާ ހާސް އެތައް ކަންތަކަށް ހިނގާނެ މިސާލަކަށް އެވަނީ
ފަނާވެ މި ދުނިޔެ ދާންވީމާ ނުބައި ހުރިހައި ކަމެއް އާންމުވެ
މަނާކަންކަން މުޅީން ހުއްދަވެ އެކަނި ފޭރާން ޖަރީ ކުރަނީ
