މަރަން ހުކުމްކޮށް ޖަލުގައި ހުރި ގާތަލިކު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިހަށް އިންތިހާބުވެ، މެމްބަރުކަމުގެ ހުވާކޮށްފިއެވެ. އިދިކޮޅު ފަރާތްތަކުގެ ހިތްހަމަނުޖެހުމާ އެކުވެސް، މިއީ މިގޮތަށް ސްރީލަންކާގެ މަޖިލީހަށް ގާތިލަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ޕްރިމަލާލް ޖަޔަސޭކަރާ މިދިޔަ އޮގަސްޓް މަހު ޖަލަށްލާފައި ވަނީ 2015ގައި އޮތް އިލެކްޝަން ރެލީއެއްގައި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މީހެއް ގަޔަށް ބަޑި ޖަހައި މަރާލުމުންނެވެ. ސްރީލަންކާގެ މަޖިލިސް މެމްބަރުކަން 2001 އިން ފެށިގެން އަދާކުރަމުން އައި 45 އަހަރުގެ ޖަޔަސޭކަރަ އަށް ހުކުމް އިއްވާފައިވަނީ އޮގަސްޓް 5 ގައި ބޭއްވި އާންމު އިންތިހާބުގެ ފަހުން ކަމުގައި ވުމުން، އޭނާ އެ އިންތިހާބުގައި ބައިވެރިވެ، އެ ގޮނޑި ވަނީ އަލުން ހޯދައިފައެވެ.
ޖަލުގެ އިސްވެރިން އޭނާ ޖަލުން ނެރެން ދެކޮޅު ހެދުމުގެ ސަބަބުން އޮގަސްޓްގައި 20 ގައި ބޭއްވި މަޖިލިސް ހުޅުވުުމުގެ ރަސްމީޔާތުގައި އޭނާ އަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް ކޯޓް އޮފް އެޕީލަށް ޕެޓިޝަނެއް ހުށަހެޅުމުން، އޭނާ މަޖިލިސް މެމްބަރުކަމުގެ ހައްގު އަދާކުރުމުގެ ހުއްދަ ދޭން ކޯޓުން އިއްޔެ ނިންމީއެވެ.

ޖަޔަސެކަރާ ހުވާ ކުރިއިރު މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުން ތަޅުމުން ނުކުމެފައިވާއިރު، އަނެއް މެމްބަރުން ވަނީ ކަޅު ފޮތިގަނޑެއް ކަރުގައި އެލުވައި، އޭނާ ހުވާކުރުމާ ދެކޮޅުވެރިކަން ހާމަކޮށްފައެވެ. މިއަދުގެ މަޖިލިސް ނިމުމުން ޖަޔަސޭކަރާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
ސްރީލަންކާގައި މަރަށް މަރުގެ ހުކުމް ކުރިކަމުގައި ވީނަމަވެސް، 1976އިން ފެށިގެން އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.
ދެކުނު އޭޝިއާގައި ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް ހުރަސްއަޅާ އެއްވެސް ކުށެއް ނެތެވެ. މިގޮތުން އިންޑިއާގެ މަޖިލީހުގެ 40 އިންސައްތަ މެމްބަރުންނަކީ މީހުން މެރުމާއި ރޭޕް ފަދަ ކުށްތައް ކޮށްފައިވާ މީހުން ކަމަށް އެސޯސިއޭޝަން އޮފް ޑިމޮކްރެޓިކް ރިފޯމް އިން ބުނެފައިވެއެވެ.



advertisment