Support Us

ވާހަކަ: ޔޫލީ

ދުނިޔޭގައި ކޮންމެ އަޅަކަށްވެސް އެތައް ބައިވަރު އިމްތިޙާނުތަކަކާ ކުރިމަތިލާން ޖެހެއެވެ. މި ދުނިޔޭގައި އުޅުމަށް ލިބޭ މަދު ވަގުތުކޮޅުގާ އެއް ކަންތައް އަނެއް ކަންތަކަށްވުރެ އިސްކުރަން ދަސްކުރަން ޖެހެއެވެ. މިގޮތުން އަހަރުމެންނަށް ދެއްވާ ކަންތައްތަކުގައި އެ ކަންތައްތަކުގެ މުހިންމުކަމުގެ މިންވަރު ޖަހާފައެއް ނުހުރެއެވެ. ނަމަވެސް ހަގީގަތަކީ ބައެއް ކަންތައް އަނެއްބައި ކަންތައްތަކަށްވުރެ މާ ބޮޑުތަނުންވެސް މުހިންމު ކަންތަކެވެ. ބައެއް ފަހަރު ކަމެއްގެ މުހިންމުކަން އެކި ގޮތްގޮތުން ދައްކުވައިދެއެވެ. ނަމަވެސް ދުނިޔަވީ ކަންކަމުގައި ގެއްލިފައިވާ ވަރުން އެ ކަންކަމުގެ މުހިންމުކަން ވިސްނެނީ ވަގުތު ފާއިތުވުމަށްފަހުގައެވެ. މިއީ އަހަރެންގެ ޙަޔާތުގައި ދިމާވި އެންމެ ޢިބްރަތުން ފުރިގެންވާ ހާދިސާއެވެ.

މިކަން ހިނގީ މީގެ 10 އަހަރު ކުރިންނެވެ. އަހަރެންގެ ހަޔާތުގެ ހުރިހާ ކަމެއްވެސް ވަމުން އައީ ވަރަށް ފުރިހަމައަށެވެ. އޭރު ރާއްޖޭގެ ވަރަށް ބޮޑު ކުންފުންޏެއްގައި މަސައްކަތްކުރާތާ ތިން އަހަރު ވެއްޖެއެވެ. އަހަރެން ވަރަށް ޅަ އުމުރުން ފެށިގެން ކޮށްގެން އުޅުނު ކައިވެނި ރޫޅިފައިވީ ނަމަވެސް ކުރީގެ ފިރިމީހާއާ ދެމެދުގައި އޮތީ ވަރަށް އެކުވެރި ގުޅުމެކެވެ. ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޔޫލީގެ ކަންތައް ބެލުމުގައި ދެމީހުންވެސް ނަގަންޖެހޭ ޒިންމާ ނެގުމަކުން ފަސްޖެހުމެއް ނެތެވެ. ޔޫލީގެ ހުރިހާ ކަމެއްވެސް ކުރަމުން ގެންދިޔައީ ދެމީހުން ބަހާލައިގެންނެވެ.

ހާދިސާ ހިނގީ ހޯމަ ދުވަހަކުއެވެ. އާދައިގެ މަތިން އެ ދުވަސް ވެސް ފެށުނީ ޔޫލީ ކައިރީގައި ތަންކޮޅެއް އަވަސްކޮށް ކަންތައް ކުރާށޭ ކިޔާ އާދޭސްކުރަމުންނެވެ.

ޔޫލީއަކީ ވަރަށް ލޯބި ކުއްޖެކެވެ. އޭނާ ބަލައިލައިފި މީހެއްގެ ހިތް އެ މައުސޫމު މޫނު ފެނިފައި ވިރޭނެއެވެ. ނަމަވެސް އޭނާއަކީ އިންތިހާއަށް ތަތް ކުއްޖެކެވެ. ކޮންމެ ކަމެއް ކުރަންވެސް ވަރަށް ގިނަ ވަގުތު ބޭނުންވެއެވެ. ނިދިން ހޭލައްވަން ޖެހެނީ ވަރަށް ވަރުބަލިކަމާ އެކުގައެވެ. ހޭލައިގެން ދެން ކުރަންޖެހޭ ކަންތައް ކުރުވަން އެހާ ގިނަ ވަގުތު ނަގައެވެ.

ނަމަވެސް އޭގެ ދެމަސް ކުރީގައި އަހަރެންނަށް އޮތީ ވަޒީފާގައި އުޅޭ ތަނުން ޕްރޮމޯޝަނެއް ލިބޭނެ ކަމަށް ބުނެފައެވެ. ޕްރޮމޯޝަނުގައި ބޮޑުވާ މުސާރައާ އެއްވަރަށް ޒިންމާތައްވެސް އުފުލިގެން ދާނޭ ކަން އަހަރެންނަށް އެނގެއެވެ. އެ ޕްރޮމޯޝަން ލިބެން އުޅޭކަން އެނގުނު ފަހުން ހެނދުނު ގަޑީގައި ޔޫލީއަށް ކޮށްދޭންޖެހޭ ކަންތައްތައް އޭނާގެ މަޑު ދުވެލީގައި ކޮށްދިނުން އަހަރެންނަށް އޮތީ ބުރައަކަށް ވެފައެވެ.

"ޔޫލީ އަވަސްކޮށްބަލަ!" އަހަރެން ތައްޔާރުވެގެން ނުކުތްއިރުގައިވެސް ޔޫލީ އިނީ އޭނާ ކުރިމަތީ ހުރި ކޯންފްލޭކްސް ތަށިން އެތިކޮޅުކޮޅު ނަގައިގެން ހަފަހަފައެވެ. އޭނާއަށް އަހަރެންގެ އަޑުގައިވާ ނުތަނަވަސްކަން ވިސްނުނީމަ ކަންނޭނގެއެވެ. އަވަސްއަވަހަހަށް ކާން ފެށިއެވެ. އެކަމަކު އަނެއްކާ ކުޑައިރުކޮޅެއް ފަހުން އޭނާގެ ސަމާލުކަން އޭނާގެ ޚިޔާލީ ދުނިޔެއަށް ހިޖުރަކޮށްފިކަން އެނގުނެވެ. އެހިސާބުން މޭޒު ކައިރީގައި އަހަރެން އިށީނދެ ޔޫލީއަށް ކާންދޭން ފެށީމެވެ. ވަރަށް ހިތްހަމަނުޖެހިގެން ކުދިކިޔަމުންނެވެ.

"ޔޫލީ މިހާރުތީ ބޮޑު ކުއްޖެއް. މިހާރު ފައިވް އިޔަރސް ވީ. އަދިވެސް މިޖެހެނީ މަންމަ ކާންދޭން. މަންމަ ބުނިންދޯ މިއަދު މަންމަ އަވަހަށް އޮފީހަށް ދާންޖެހޭ،" އަހަރެން ކާންދެމުން ކިޔަމުން ދިޔަ އެއްވެސް އެއްޗަކަށް ޔޫލީ އެއްޗެކޭ ނުބުނެއެވެ. އޭނާ އިނީ އޭނާގެ މަޢުޞޫމު ގޮތަށް ހެވިފައެވެ.

"މަންމާ،" ޔޫލީ އަހަރެންގެ ކޮލުގައި ލޯބިން އޭނާގެ އިނގިލިން ޖައްސައިލިއެވެ.

"ޔޫލީ! ޕްލީޒް. އަވަހަށް ކައިބަލަ،" އަހަރެން ޔޫލީގެ އަތް ފޮޅުވައިލީމެވެ. އަހަރެން އިނީ ޔޫލީގެ ތުއިބަލައި ކަހަލަ މޫޑެއްގައެއް ނޫނެވެ. އެވަގުތު ޔޫލީ ސިހިފައި ބިރުން ދެލޯ ބޮޑުކޮށްލިއެވެ.

"މެޑަމް ދީ އަހަރެންގެ އަތަށް އަހަރެން ކާންދޭނަން،" އަނޫލާ އަހަރެންގެ ފަހަތުން އައިސް ހުއްޓިފައި ބުންޏެވެ. އަހަރެންގެ ކައިރީގައި އަތްގާތްކޮށްދޭން ބޭރު މީހަކު ގެންގުޅުނަސް ދުވަސް ފަށާއިރުގައި ޔޫލީއަށް ކޮށްދޭންޖެހޭ ކަންތައް ކުރުމުގައި އޭނާއެއް ނުބައްސަމެވެ.

ނަމަވެސް އެދުވަހު އަހަރެންގެ ހުރީ ވަރަށް ރުޅި ގަދަވެފައެވެ. އެހެންވެ ޔޫލީއަށް ކާންދިނުން އަނޫލާއާ ހަވާލުކޮށްފައި ތެދުވީމެވެ. ދުރުގައި ހުރެގެން ޔޫލީއަކަށް ވަގުތުގެ މުހިންމުކަން ނޭނގެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ޔޫލީގެ އުފެދުމުގައި ސަމާލުކަން ދިނުމުގެ މައްސަލައެއް ހުންނަނީކަމާމެދުގައި އަހަރެންނަށް ޝައްކު އުފެދޭތާ އޭރު ދުވަސްކޮޅެއް ވެއްޖެއެވެ. މާދަމާ އޭނާ ޗައިލްޑް ސައިކޮލޮޖިސްޓަކަށް ދައްކަން އެޕޮއިންޓްމަންޓް ހަދަން ފޯނުގައި ނޯޓުކުރީމެވެ.

އެންމެ ފަހުން ކާންދީގެން، ތައްޔާރުކޮށްގެން ޔޫލީ ގޮސް ސްކޫލަށް ލެވުނުއިރުގައި ސްކޫލު ގަޑި ޖެހެން އޮތީ ފަސް މިނެޓަށް ވެފައެވެ. އާދަވެގެން ކޮންމެ ދުވަހަކު ޔޫލީ ސްކޫލަށް ލާފައި އޭނާ ގައިގައި ބައްދާލައިފައި މޫނުން ދޮނެއް ނަގަމެވެ. ނަމަވެސް އެދުވަހު އެހެނެއް ނަހަދަމެވެ. އެއަށްވުރެން ބޮޑަށް އަހަރެން ހުރީ ޔޫލީ ދެކެ ހިތްހަމަނުޖެހިފައެވެ. ޔޫލީ އަހަރެންގެ ފަސްބައިން ދޫނުކުރަން އުޅުނީމައިވެސް އޭނާގެ އަތް ގަދަކަމުން ނައްޓުވައިފައި ކުލާހަށް ވަންނަން ބުނެފައި އަހަރެން އަވަހަށް ބޭރަށް ނުކުތީއެވެ.

އަހަރެންގެ ހިތް އަވަސްވެފައި ހުރީ ވޯކްޝޮޕަށް ގަޑިޖެހިގެން ދެވިދާނެތީއެވެ. ޕްރޮމޯޝަނަށް ޝޯޓްލިސްޓްވި ހިސާބުން އަހަރެންގެ ކަންތަކަށް ފާރަވެރިވެ އޮފީހުގެ ބޮޑެތި މީހުން ބަލާކަން އަހަރެންނަށް އޮތީ އެނގިފައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ޔޫލީގެ ތަތްކަމާ ހެދި އަހަރެންނަށް ވޯކްޝޮޕް އޮތް ބިލްޑިންގަށް ވަދެވުނުއިރުގައި ގަޑިޖެހިއްޖެއެވެ. އަހަރެންނާ އެކުގައި ވޯކްޝޮޕްގައި ބައިވެރިވި އަހަރެންގެ މައްޗަށް ހުރި ސުޕަވައިޒަރު ނުރުހުމުގެ ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ.

ވޯކްޝޮޕްގެ ސައިގަޑިއަށް ފަހުގައި އެންމެން އަލުން އެއްވެ ސެޝަން ނަގައިދޭން ފެށިތަނާ އަހަރެންގެ ދަބަސްތެރޭގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އަހަރެންނަށް އެ މެސެޖު ނުބަލައިވެސް އެއީ ރަޒީން ޔޫލީ ގެއަށް ލައިފިކަން އަންގަން ކުރި މެސެޖެއްކަން އެނގުނެވެ. އެހެންވެ އަހަރެން ފޯނު ނަގައިގެން ޗެކުކުރާކަށް ނަހަދަމެވެ. އަހަރެން ފޯނު ޗެކްކުރީ މެންދުރަށް ވޯކްޝޮޕް މެދުކަނޑާލުމުން އަނޫލާއަށް ގުޅާފައި ޔޫލީއަށް ކާންދީފިންތޯ އަހާށެވެ. ނަމަވެސް ފޯނަށް އޭގެ ދޮޅު ގަޑިއިރު ކުރިން ރަޒީން ކޮށްފައިވާ މެސެޖު ފެނުމުން ކުޑަކޮށް އަޖައިބުވިއެވެ.

"ޔޫލީ ބަލީތަ؟" ރަޒީން މެސެޖުކޮށްފައި އޮތެވެ. ހަމަ ވަގުތުން ރަޒީންނަށް ގުޅީމެވެ. ރަޒީން ފޯނުނެގީ ދެތިން ރިންގު ފަހުންނެވެ.

"ކިހިނެއްވީ އަނެއްކާ ޔޫލީ ބަލީތޯ އަހައިފައި އެ އޮތީ؟" ބިލްޑިންގުން ބޭރަށް ނިކުންނަމުން އެހީމެވެ.

"ސްކޫލަށް ނުގެންދާތީއެއްނު،" ރަޒީން ބުނި އެތިން އަހަރެންނަށް ކުޑަކޮށް އޮޅުން އެރިއެވެ.

"ކީކޭ ތިކިޔަނީ؟ ޔޫލީ ސްކޫލަށް ގެންދިޔައީމޭ،" އަހަރެންގެ އަޑު ކުޑަކޮށް ބާރުވިއެވެ.

"އަހަނ. އަހަރެން ދިޔައިރުގައި ޔޫލީ ކްލާސް ޓީޗަރު ކައިރީގައެއް ނެތް. އަހަރެން ހީކުރީ ނުގެންދަނީ ކަމަށް،" ރަޒީންގެ އަޑުގައި ހުރީ ހައިރާންކަމެވެ.

"ފަހަރެއްގައި އިނދެދާނެ ކަމެއް ދިމާވެގެން އޮފީހުގައި ބައިންދާފައިވެސް. އަޅެ ޗެކް ކޮށްލިނަމަ. މިހާރު ބަލާ ގަޑިން ވީއިރު. އެކަމަކު ސްކޫލުން އަހަރެންގެ ފޯނަކަށް ނެތް ގުޅާފައެއް. ކިހާ ދެރަކަމެއް. އަހަރެން މިދަނީ އެކޮޅަށް،" އަހަރެންގެ ގާތަށް ވަރަށް ރުޅިއައެވެ.

"އަހަރެންވެސް މިދަނީ އެ ދިމާލަށް،" ރަޒީން ވަގުތުން ފޯނު ކަނޑާލިއެވެ.

ހިނގާފައި ސްކޫލާ ހަމައަށް ދެވުނުއިރުގައި ރަޒީން ސައިކަލުން ފުއްމާލައިގެން ދުވެފައި އަހަރެންނާ ދިމާލަށް އާދެއެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނެއެވެ. އަހަރުމެން ދެމީހުން ގޮސް ވަނީ ސްކޫލުގެ އިދާރާއަށެވެ.

"މިއީ އައިޝަތު ޔޫލީގެ ޕޭރެންޓްސް އެނގޭތޯ. ޔޫލީ އިންނާނެ އޮފީހުގައި އޭނާ ނެރެދެއްވައިފާނަންތޯ؟" ކައުންޓަރުގައި އިން ކުއްޖާއާ ވަރަށް ހަމަޖެހިފައި ވާހަކަދައްކަން މަސައްކަތްކުރި ނަމަވެސް އަހަރެންގެ އަޑުން ރުޅި އައިސްފައިކަން އެނގޭނއެވެ.

"ކޮން ނަމެއްތޯ ކުއްޖާއަށް ކިޔަނީ؟" ކައުންޓަރުގައި އިން ކުއްޖާ އަނެއްކާ އެހިއެވެ.

"އަޅެ. ދެންމެ ދެއްތޯ ނަން މިބުނީ. އައިޝަތު ޔޫލީ ރަޒީން،" އަހަރެން ބެލީ ވީހާވެސް މައިތިރިކޮށް އަޑު ގެންގުޅެވޭތޯއެވެ.

"މަޑުކޮށްލައްދެއްވާ. އެތާނގައި އިށީންނަވާ. އަޅުގަނޑު އެބަ ޗެކްކޮށްލައިދެން،" އޭނާ އަހަރެންނަށް އެތާ ދުރުގައި ހުރި ގޮނޑި ދައްކައިލިއެވެ. އަހަރުމެން ގޮސް ގޮނޑީގައި އިށީނީމެވެ. ރަޒީން އަހަރެންގެ އަތުގައި ހިފައިފައި ފިއްތާލިއެވެ. ހަމަޖެހެން ހަނދާންކޮށްދޭ ކަހަލަ ގޮތަކަށެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ.

"އޯކޭ ވާނެ. ފަހަރެއްގައި ވެދާނެ ތަނަކަށް އަނިޔާވެގެން އޮފީހުގައި ބޭންދީ ކަމަށް،" ރަޒީން ބުންޏެވެ.

"އެކަމަކު އެމީހުން ގުޅައިފައި ބުނަންވާނެ ދޯ. މި ނޫން އެހެން ސްކޫލަކަށް ޔޫލީ ބަދަލުކުރަންވީ،" އަހަރެންގެ ރުޅި އަންނަން ފެށިއެވެ.

ކައުންޓަރުގައި އިން ކުއްޖާ އޮފީހަށް ވަދެފައި ނުކުމެ އަހަރެންނަށް ހަނާއަޅައިލިއެވެ. އަހަރުމެން ކައުންޓަރު ކައިރިއަށް ދިޔައީމެވެ.

"ޔޫލީ ކިޔާ ކުއްޖެއް ނެތް އިނގޭތޯ އޮފީހުގައި ބޭންދިފައެއް،" އެކުއްޖާ ވަރަށް ޖެހިލުންވެފައި ހުރެގެން ބުންޏެވެ.

"ނެތޭ؟ ކީއްވެތޯ ނެތީ؟ މިއަދު ހެދުނު ސުކޫލަށް ގެނައި ކުއްޖެއް ދެން ވާނީ ކޮންތާކު؟" އަހަރެންގެ ރުޅި އަންނަން ފަށައިފިއެވެ.

"ލުބުނާ އާންޓީއަށް ގުޅައިދެއްވަފާނަންތޯ؟" އަހަރެންގެ ފަހަތުގައި ހުރި ރަޒީން އެކުއްޖާ ކައިރީގައި ބުންޏެވެ.

އެކުއްޖާ އަވަސްއަރުވާލައިފައި ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅަން ފެށިއެވެ. އޭރު ރަޒީން އަހަރެންނާ ދުރަށް ޖެހިފައި ފޯނުން ކޮންމެވެސް މީހަކާ ވާހަކަދައްކަން ފަށައިފިއެވެ.

"މަޑުކޮށްލައްވާ،" އެ ކުއްޖާ ފޯނު ހިފައްޓައިގެން ހުރެފައި އަނެއްކާވެސް އަހަރެންނަށް ދުރުގައި ހުރި ގޮނޑި ދައްކައިލިއެވެ.

"ބަލަ އަހަރެން މިހިރީ މަޑުކޮށްގެންނޭ!" އެކުއްޖާއާ ދިމާލަށް އަހަރެންނަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ. އެކުއްޖާ ދިޔައީ ސިއްސައިގެންނެވެ.

"މައު. އާދެބަލަ. މިތާނގައި އިށީނދެބަލަ. ހަމަޖެހިބަލަ،" ރަޒީން އަހަރެން ކައުންޓަރާ ދުރަށް ގެންދިޔައެވެ. އަހަރެން ގޮނޑީގައި އިށީނުމުން އޭނާ އަނެއްކާވެސް ފޯނުން ވާހަކަދެއްކުމައިގެން ކުރިޔަށް ދިޔައެވެ. ކުޑައިރުކޮޅަކުން އޭނާ އަހަރެން ކައިރިއަށް އައެވެ.

"ރަޒީން. ޔޫލީ ވާނީ ކޮންތާކު؟ ކޮންމެވެސް މީހަކު އޭނަ ގެންދިޔައީތަ އަނެއްކާ؟" އަހަރެންގެ ރުޅި ފިލައިގޮސް ބިރުވެރިކަން އިޙްސާސްކުރެވެން ފަށައިފިއެވެ. ކުޑަކޮށް ރޮވޭގޮތް ވެއްޖެއެވެ.

"ނޭނގެ މައު. އަހަރެން ފުލުހުންނަށް އަންގައިފިން. އެމީހުން ބުނީ އަވަހަށް ބަޔާނެއް ދޭން އަންނާށޭ. ހިނގާ ޔޫލީގެ އާންޓީއާ ވާހަކަދައްކާފައި ބަޔާން ދޭން ދާން،" ރަޒީން ވާހަކަދެއްކީ ވަރަށް މަޑުންނެވެ. ރަޒީންނަކީ ހަލަބޮލި ވަގުތުތަކުގައި ވަރަށް މަޑުމައިތިރި މީހެކެވެ.

އަހަރެންނަށް އެތާ ފާރުގައި އިން ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން 1:30 ވަނީއެވެ. ޔޫލީ ސްކޫލަށް ލީ ފަހުން ބަރާބަރު ހަ ގަޑިއިރަށްވުރެން ގިނައިރުވީއެވެ. ނޭވާ ހާސްވާން ފަށައިފިއެވެ.

"އެކްސްކިއުޒްމީ. ލުބުނާ އާންޓީގެ ފޯނެއް…،" ކައުންޓަރުގައި ހުރި ކުއްޖާ ފޯނު ދައްކައިލަމުން ގޮވާލިއެވެ. އަހަރެން ދުވެފައި ގޮސް ފޯނު ޖަހައިގަތީމެވެ.

"މައުރީން. ލުބްނާ އިގޭތޯ. މިއަދު ޔޫލީ ސްކޫލަށް ގެނައިންތޯ؟" ލުބްނާގެ އަޑުގައިވަނީ ހައިރާންކަމެވެ. އަހަރެންގެ މޭ ބާރުބާރަށް ތެޅެން ފެށިއެވެ.

"ލުބްނާ. ޔޫލީ ސްކޫލަށް ލީ އަޅުގަނޑޭ. އަޅުގަނޑު ޔޫލީ ކުލާހާ ހަމައަށް ގެންދިޔައިން،" އަހަރެން ބޭނުންވީ އަހަރެން ޔޫލީ ސްކޫލަށް ގެނައިކަން ސާބިތުކޮށްދޭށެވެ.

"ވަރަށް ބޮޑަށް މާފުކުރައްވާ މައުރީން. އެހެން ދުވަސްދުވަހު ޔޫލީ އަޅުގަނޑާ ޙަވާލުކުރައްވަމެއް ނޫންތޯ؟ މިއަދު އަޅުގަނޑު ޔޫލީއަކާ ޙަވާލެއް ނުވަން ދެއްތޯ؟" އެކޮޅުން ލުބްނާގެ އަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ.

"އާދެ. މިއަދު އެކަނި ދެއްތޯ ޙަވާލު ނުކުރަނީ. އަޅުގަނޑަށް ލަސްވެފައި ހުރީމަ އޭނާ ކުލާހާ ހަމައަށް ގެންގޮސް ކުލާސް ދޮރުމައްޗަށް ލާފައި ދިޔައީ. ޔޫލީ ގޮވައިގެން އައިތަން އައިޒަން މަންމައަށްވެސް ފެންނާނެ،" އަހަރެންގެ އަމިއްލަ ވާހަކައިން އަހަރެންގެ އަމިއްލަ ފަރުވާކުޑަކަން އެނގެން ފެށިއެވެ.

އަހަރެންގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ ފައިބަމުން ދިޔައެވެ. އަހަރެންގެ ދަރިފުޅު ވީ ކޮންތާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. މިއީ މަޔަކަށް ދިމާވާނެ އެންމެ ބިރުވެރި އެއް ޙާލަތެވެ. އިތުރަށް ލުބްނާއާ ވާހަކަދައްކައިގެން ލިބޭނެ ފައިދާއެއް ނެތްކަން އަހަރެންނަށް އެނގުނެވެ. އެހެންވެ އިތުރަށް ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފޯނު ކައުންޓަރުގައި އިން ކުއްޖާއަށް ޙަވާލުކުރީމެވެ.

އަހަރެން ކިތަންމެ ހިފަހައްޓަން އުޅުނަސް ގިސްލެވެން ފަށައިފިއެވެ. ރަޒީން އަހަރެން ގޮވައިގެން ނުކުތެވެ.

"ހިނގާ އަވަހަށް ޕޮލިހަށް އަންގަން ދާން،" ރަޒީން ބުންޏެވެ.

އަހަރުމެން ދެމީހުން ސައިކަލުގައި ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *