1- މަޙަލްދީބާއި ބޭދާޅީ ގުޅުން ހުރިގޮތް ބަޔާން ކުރަނީ
ފަހަށް އޮތް ޖީލުތައް ކިޔުމަށް އެވާހަކަ ޅެންބަހުން ލިޔަނީ
2- އެރަށްޚާއްޞަވި ސަބަބު ދިވެހީން އޮޅުންފިލުވުން މުހިއްމުވެޔޭ
އެރަށަކީ ބޮޑުތަކުރުފާނުގެ މަދަރުސާޔަށް ވެފައި އެވަނީ
3- މި ދޭހަށް ދޭހަވާ ނަމަކީ، އިހުގެ ނަމަކަށްވި "ބޭދާޅީ"
ބިދޭސީން ކީނަމީ "ބޭޕޫރު" ކަން ރަނގަޅަށް އެނގޭންޖެހެނީ
4- ހުޅަނގު ދެކުނުން ބަނދަރު ރަށެކޭ އެއީ، މަލަބާރު އައްސޭރީ
އުޅަނދުތައް ގިނަ އައިސްގޮސްވާ ރަށެއްކަން ސާފުކޮށްއެނގެނީ
5- އެއީ، ޢަރުޟުން އެގާރަ ދަރަޖަ ޕޮއިންޓް އެކެއް އަށެއް އުތުރުން
އެއީ، ހަތްދިހަ ފަހެއް "ތިކި" އަދި އަށެއް ދޭއް ޠޫލު އިރަށަވަނީ
6- ދުރެއްގައި ނޫނެ ކާލީކޯޓު ވީ މަޝްހޫރު ވެވިފައިވާ
ބުރެއް ޖެހިނަމަ އިތުރު ކަންކަން ރަށާމެދުގައި އޮޅުން ފިލަނީ
7- ކަމަށްހެވި މޮޅުބައެކެ ބޭސްވެރި ފިލާވެއްޔާ މާވަޑާން ކުރުމާ
ނަމަށް ނިސްބަތް ވެފައިވީ "މާފިލާމުސްލިމް" ކަމަށް ކިޔަނީ
8- މިރާއްޖޭން މާފިލާފުއްޓާ އެމީހުންނާ ގުޅެޔެ ނަމުގައި
ގިރާކޮށް ގޮސް ސަބަބު ހޯދެން ނެތަސް ގުޅުމެއް ނަމުން ގުޅެނީ
9- ޔަމަނުގެ އެތައްނަވެއް ބަނދަރަށް ޙަޟުރަމައުތުން އައިސްވާތީ
ހަމައިގައި ޢަރަބިބަސް ރަނގަޅަށް އެނގޭ ބަޔަށް ވެފައި އެވަނީ
10- "ކަލަރި ހެވިކަން" މޮޅަށް ދަސްފުޅު ކުރެއްވެވިކަން އެނގޭން އޮވެޔޭ
ބަލަން ބޭނުން އެކަން ވާނަމަ ދިވެހި ތާރީޚު ޚާއްޞަވަނީ
11- ފިލާވެލި ބޭސް، ނަކަތް ތެރިކަން، ނިޔަމިކަން، ފަންޑިތައިގެ ބަޔާ
ފިލާފައިވާ ކަމޭ ހުރިހައި ކަމެއް ޢަމަލީ ގޮތުން ފެނުނީ
12- ޢަރަބި ބަސް، ތަމަޅަޔާ، މަލަޔާޅަމާ ދަސްފުޅު ކުރެއްވެވުމުން
އަރައި ހުންނެވި ކަމޭ ޢިލްމަށް އޮޅުން ނެތި ސާފުކޮށް އެނގެނީ
13- ފަހުން ވިޔަޒޯރު ކިބައިން ޕޯޗުގީޒުގެ ބަސް ކުރެއްވިޔެ ދަސް
ބަހުގެ ޢިލްމީ ގޮތުން މޮޅު ބޭފުޅެއް ކަމުގައި ވެގެންނެވަނީ
14- ޖިހާދުން ފަތަޙަ ހޯއްދެވުމަށް ނަފާ ޢިލްމިއްޔަ ހޯއްދެވި ގޮތް
ކިޔާގޮތް އެންމެ ހެޔޮ ނޫނަސް ބުރާރަގެ ކިޔުމުގައި އެވަނީ
15- ފުރައިގެން ބަނދަރު ބޭދާޅީން ކުރޭ ދިވެހީން ދަތުރު މަލިކަށް
ބުރައިގައި ރާއްޖެ އައުމަށް އެދި މަލިކު ސާލުން ނުކުމެ ހަދަނީ
16- ވަނގާރުން ނުކުމެފައި ސީދާ ގަހާޔަށް ގޮސް ދެޔޭ މަލިކަށް
ހަނގާކުރުމަށް ދެމެދު ނުވެޔޭ ފަރާ ގިރި މުސްކުޅީން ބުނަނީ
17- ދެޔޭ ބޭދާޅިޔަށް މަލިކުން ފުރައިގެން ދިގު ދަތުރު ކޮށްފައި
އެޔޭ ދިވެހީން ދަތުރުކޮށް ހެދި، މަގެއް ކަމުގައި ކިޔައި އުޅެނީ
18- ޒަމާނުގެ ހިނދުކޮޅެއްގެތެރޭ މިކަންކަންގޮސްފި އުވި ނެތިގެން
ކަމާ ގުޅިފައިވި ބަޠަލުގެ ޙައްޤުގައި ޅެމަކުން ބަޔާން ކުރަނީ
19- މިކަންކަން ފެންނަހެން ލިޔެފައި ބެލޭނެ ގޮތެއް ހަދައި ދިނުމަށް
ނިކަން ލުއިކޮށް ޢިބާރާތްކޮށް ޅެމެއްްގައި ހާމަކޮށް މިލަނީ
ނޯޓް: "ކަލަރި ހެވިކަން (ހަތިޔާރު ބޭނުންކޮށްގެން ކުޅިޖަހާ ހެވިކަން).
