Support Us

ކުރު ވާހަކަ: ނަސީބު

މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން، އަހަރެންގެ އުމުރުން ފަނަރަވަރަކަށް އަހަރު، އެއްދުވަހު މަގުމަތިން ހިނގަމުން ދަނިކޮށް އަހަންނަށް 100ރ.ގެ ނޫޓެއް ފެނުނެވެ. ދެން، ވަރަށް އުފަލުން، އަހަރެން އެ ނޫޓު ނަގައި ޖީބަށްލީމެވެ.

އެ ދުވަހުން ފެށިގެން، މަގުމަތީ ހިނގާއިރު، އަހަރެން ހިނގަނީ، އަބަދުވެސް، އިސްޖަހައިގެން ބިންމައްޗަށް ބަލައިގެންނެވެ. އަހަރެންގެ ކުރިމަތީ އަދިވެސް ނަސީބު ހިނތުންވެލާފާނެ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް، އެ 100ރ.ގެ ނޫޓު ފެނުނު ފަހުން، 60 އަހަރުވީ އިރު އަހަންނަށް ފެނި ލިބުނީ ކޮންކޮން އެއްޗިއްސެއް ހެއްޔެވެ؟ ތިންހާހެއްހާ ގޮށާއި، ހައެއްކަ ގަލަމާއި، ދޮޅަހަކަށް ފަންސޫރުބުރި އާއި ދެތިން ކުޑަރުމާލެވެ. އަދި، މީގެ އިތުރުން، ގުދެއްލީ ބުރަކައްޓަކާއި އުފަލެއް، އަރާމެއް، ނެތް، އަބާއްޖަވެރި ހަޔާތެކެވެ.

މިކަމުން އަހަންނަށް ލިބުނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ ހަމައެކަނި ނަސީބުގެ މައްޗަށް ބުރަވެ، އަދި، ނަސީބު ހިނިތުންވެލާފާނެ ކަމަށް ހީކޮށްގެން ހުރެ، އަދި، ހިއްވަރާއި ގަދަ މަސައްކަތް ކުރުމުން ދުރުވެ ހުރެ ހަޔާތް ވޭތުކޮށްލަން ވެއްޖެ ނަމަ، ލިބޭނީ މަގުމައްޗަށް އުކާލައިފައިވާ، ނޫނީ މީހުން ދޫކޮށްލާފައިދާ، ކުނި ބުންޏާއި ގުދެކެވެ!

ހަމަ އެހެންމެ، ގައުމުގެ މުޖުތަމައީ ހަޔާތް ވެސް، މަތިން މަލާއިކަތެއް ނޫނީ ޖާދޫގަރެއް ފައިބަންނަވައި މުޖުތަމައުގެ ނުރަގަނޅު ކަންކަން ހަމައަކަށް އަޅުވާލާފަނެ ކަމަށް ހީކޮށްގެން އެ މުޖުތަމައުގެ އަފުރާދުން ތިބެއްޖެ ނަމަ، މުޖުތަމައު ވެސް އަބާއްޖަވެރިވެ، ހަލާކުވެ، ނެތި ހިނގައިދާނެއެވެ. ފަރުދީ ހަޔާތް ވެސް ބައްޖަވެރި ކުރަން ވެއްޖެ ނަމަ އަދި މުޖުތަމައީ ހަޔާތައް ބާއްޖަވެރިކޮށް، ގައުމަށް ވެސް ހަގީގީ ކުރިއެރުމެއް ގެންނަން އެދޭ ނަމަ، އެކަން ހާސިލުކުރެވޭނީ އަމިއްލައަށް އެކަމުގެ މަގު ކޮށައި ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *