ބޭންކް އޮފް މޯލްޑިވްސް އިން އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި، އައު ބްރާންޗްގެ ބިންގާ އަޅައިފިއެވެ.
މި ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބޯޑު ޑިރެކްޓަރުންނާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަރީފް ވިދާޅުވީ ތޮއްޑޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމާއި އެގްރިޓޫރިޒަމަށް އަމާޒުކޮށް ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަކީި "ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
"ތޮއްޑޫގައި އެންމެ ފުރަތަމަ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށީ މީގެ ފަސް އަހަރު ކުރިން. މިއަދު މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިގެންދާއިރު، މި ރަށުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު އެހެން ރަށަކަށް ދަތުރު ނުކޮށް މިހާރު ލިބޭނެ، ޝަރީފް ވިދާޅުވިއެވެ.

"މި ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބްރާންޗްގެ މަސައްކަތްވެސް އަންނަ އަހަރުތެރޭ ނިމޭނެ. މިއާއެކު ބޭންކިން ޚިދުމަތް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ."
ތޮއްޑޫގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މާލެ، ހުޅުމާލެ، ވެލާނާ އެއަރޕޯޓް، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 201 އޭޓީއެމް، އޭޖެންޓު ބޭންކިންގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.



advertisment

