ކޮންމެ ޢިލްމަކީވެސް އޭގެ އަލީގައި މާތްރަސްކަލާނގެ ވޮޑިގެންވާކަމުގެ ޢަޤްލީ ހެކިތައް ކަށަވަރުވާ ވަސީލަތެކެވެ. އެކަން އެހެން ނުވެއެއް ނުދާނެތާއެވެ؟ ޔާސީން ސޫރަތުގެ 38 ވަނަ އާޔަތުގެ ބަޔާންކުރައްވާފައިވާ ފަދައިން އިރު، އެއަށް ކަނޑައަޅުއްވާފައިވާ ވަގުތާއި އެ ވަގުތަށް ކަނޑައަޅުއްވާފައިވާ "ތަނަށް" ދަތުރުކޮށްކޮށް ހުއްޓުމެއް ނެތި ހިނގަހިނގާ އެބަ ހުރޭވިއްޔާއެވެ!
އެކަމަށް ފަލަކީގޮތުން ބަލައިލާއިރު، ކޮންމެ އަހަރަކުވެސް މާލެމައްޗަށް އިރު އަންނަނީ ދެ ދުވަހަކުކަން އެނގޭން އޮވެއެވެ. އެ ދެ ދުވަހަކީ
މާރިޗު މަހުގެ 31 ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ.
އެ ދެ ދުވަހު މެންދުރު ވަގުތު މާލެމަތީގައި އިރު ހުންނަކަންވެސް ފަލަކީ ގޮތުން އެނގި ކަށަވަރުވާން އޮވެއެވެ. އެގޮތުން އެދުވަހު މާލެއަށް އިރު މެދުޖެހޭ ވަގުތު (މެރީޑިއަންވާ ވަގުތު) މާލޭގައި ސީދާ އޮލަނބަށް ހުންނަ ކޮންމެ އެއްޗެއްގެވެސް ހިޔަނި އެއްޗެއްގެ ތެރެއަށް ވަދެ ފޮރުވޭކަމީ އެކަމަށް ހުރި މާއްދީ ހެތްކެއް ކަމަށް ފުދެއެވެ. އަދި އެވަގުތު އަވީގައި ކޮޅަށް ހުންނަ ކޮންމެ މީހެއްގެ ހިޔަނި ސީދާ އެ މީހާގެ ފައިދަށަށް ވަދެ ހުންނަކަން ކަށަވަރުވާ ކަށަވަރުވުމަކީވެސް އެކަމުގެ ސާފު ހެތްކެއް ކަމަށް ފުދެއެވެ.
ކޮންމެ އަހަރަކުވެސް މާލެ މައްޗަށް އިރު އަންނަނީ ދެ ދުވަަހަކުއެވެ. އެއީ، ދެކުނުން އުތުރަށް ދިއުމަށް އިރު ކުރާ ދަތުރުގައި މާލެމައްޗަށް އިރު އަންނަ އެއް ދުވަސް ކަމަށްވާ މާރިޗު މަހުގެ 31 ވަނަ ދުވަހާއި އުތުރުން ދެކުނަށް ދިއުމަށް އިރު ކުރާ ދަތުރުގައި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
އެގޮތުން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު މާލެ އޮންނަ އުތުރު ޢަރުޟު (ލެޓިޓިޔުޑް) ކަމަށްވާ 04° 10’ނ. ހުރަސްކޮށްފައި ދެކުނު ފަޅިޔަށް އިރު ބަދަލުވާންދާ މަގުމަތީގައި އެ ދުވަހު 12:02 ގައި (މެންދުރުވުމުގެ ހަ މިނެޓް ކުރީގައި)
މާލެ މައްޗަށް އިރު އާދެއެވެ.
މާލެ އޮންނަ ޢަރުޟު ހުރަސްކޮށްފައި ދެކުނު ފަރާތަށް މި އަހަރު އިރު ބަދަލުވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ފަތިހު ހަތަރެއް ޖެހުމާ އެކުގައެވެ.
