އުމުރުން 56 އަހަރުގެ ކުލްސުމް އަކްބަރީ ހައްޔަރުކުރީ އޭނާގެ 82 އަހަރުގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، ތަޙުޤީޤުގެ ތެރެއިން ހާމަވީ މާ ބޮޑު ކަމެކެވެ؛ ކުލްސުމް އިޢުތިރާފުވީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އޭނާ ކައިވެނިކޮށްފައިވާ އެތައް ބަޔަކު މަރާލައިފައިވާ ކަމަށެވެ.
އީރާނުގެ މަހުމޫދުއާބާދު ކައުންޓީގައި ހިނގަމުން އަންނަ ޝަރީޢަތް ނިމި، 11 މީހުން މަރާލި ކަމުގެ ކުށް ސާބިތުވެ، ކުލްސުމްގެ މައްޗަށް ޙުކުމް އިއްވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ކުލްސުމް އުފަންވެފައިވަނީ އީރާނުގެ ސާރީ ކައުންޓީގެ އާދައިގެ ޢާއިލާއަކަށެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ ވަރަށް ޅަ އުމުރެއްގައެވެ. އެ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބުނު ނަމަވެސް، އެ ކުއްޖާ ވަނީ ބަލިވެގެން މަރުވެފައެވެ. ދެވަނަ ކައިވެނި ކުރީ އޭނާއަށްވުރެ އުމުރުން ދޮށީ މީހަކާއެވެ. އެ ކައިވެނީގައި އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. އެ ކައިވެންޏަށް އަންހެން ދަރިއަކު ލިބުނެވެ.
އޭނާގެ ދެވަނަ ފިރިމީހާ މަރުވުމަށްފަހު، ކުލްސުމް ވަނީ އެތައް ފަހަރަކު ކައިވެނިކޮށްފައެވެ. އޭނާ ކައިވެނިކުރާނެ މީހުން ހޯދަނީ އަންހެނުންގެ ޖަމާޢަތްތަކަށް ގޮސްގެންނެވެ. މި ފަދަ ޖަމާޢަތްތަކަށް ގޮސް އޭނާ ބުނަނީ އުމުރުން ދޮށީ، އެކަނިވެރި މީހަކާ ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. މިގޮތުން އޭނާ ގިނަ ފަހަރަށް ހޯދަނީ 75 އަހަރުން މަތީގެ، މުއްސަނދި މީހުންނެވެ. އަދި އެ މީހުންނާ ވަގުތީ ކައިވެނި (ސިޣާ) ކުރަނީ ބޮޑެތި މަހުރުތަކަށެވެ.
ކުލްސުމްގެ އެންމެ ފަހުގެ ފިރިމީހާގެ ދަރިއަކު ބުންޏެވެ.
"ބައްޕައަކީ އުމުރުން ދުވަސްވީ، އެކަނިވެރި މީހަކަށް ވާތީ، އަހަރެމެން ބޭނުންވީ ބައްޕައާއެކު އުޅޭނެ މީހެއް. އެފަދަ މީހަކު ހޯދަން ކުރި މަސައްކަތުން އަހަރެމެންނާ ބައްދަލުވި މީހެއް ކުލްސުމް އަކީ. ކުލްސުމް އަހަރުމެން ކައިރީގައި ބުނީ އޭނާއަކީ ފިރިމަރުވެފައިވާ، އެކަނި ދިރިއުޅޭ މީހެކޭ. އޭނާ އެއްބަސްވި އަހަރެމެންގެ ބައްޕައާއެކު ވަގުތީ ކައިވެންޏަކަށް ދާން."
ކުލްސުމް އެ މީހާއާ ގުޅެން އެއްބަސްވީ 500 މިލިއަން ތޮމާންގެ މަހުރަކަށެވެ.
ކައިވެނިކުރުމަށްފަހު، ކުލްސުމް އެ މީހާގެ ގެއަށް ބަދަލުވިއެވެ. ދެމީހުން އެކުގައި ދިރިއުޅެން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުލްސުމް، އެ މީހާއަށް އޭނާ މަރާލަން އުޅޭ ކަމަށް ޝައްކުކުރެވުނެވެ. މިކަން އޭނާގެ ދަރިންނަށް އެންގިއެވެ. އޭނާގެ ދަރިން ކައިރީގައި ކުލްސުމް އޭނާއަށް މަޖުބޫރުން ޕްރެޝަރު ބޭސް ދޭ ކަމަށާއި، ކުލްސުމް ތައްޔާރުކޮށްދޭ ބުއިންތައް ބޮއިފި ނަމަ އޭނާ ހޭނެތޭ ކަމަށް ބުންޏެވެ.
މި ކަން ދަރިންނަށް އެންގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މީހާ މަރުވިއެވެ. ޢާންމުންނަށް ހީވީ އެ މީހާގެ އުމުރުގެ ސަބަބުން ސްޓްރޯކް ޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް، އޭނާގެ ދަރިން މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ކުލްސުމް މައްޗަށް މަރުގެ ދަޢުވާ ކުރުމުން، ތަޙުޤީޤީ އިދާރާތަކުން މައްސަލަ ބަލަން ފެށިއެވެ. އޭނާގެ މަރުގައި ކުލްސުމްގެ ބައިވެރިވުމެއް ވާކަން ދައްކުވައިދޭ ހެކިތަކެއް ފެނުމުން އޭނާ ހައްޔަރުކުރިއެވެ.
ތަޙުޤީޤުތަކުން ހާމަވީ ކުލްސުމް މިހާ ބައިވަރު މީހުން މެރުމުގައި އާދަކޮށް ކަންތައް ކުރިގޮތެވެ. އޭނާ ބަލައިގެން ކައިވެނިކުރަނީ އުމުރުން ދުވަސްވެފައިވާ، މުއްސަނދި މީހުންނާއެވެ. ކައިވެނިކުރުމަށްފަހު، ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި އެ މީހަކު މަރާލައެވެ. މިކަން ކުރަނީ އެކި ބާވަތުގެ ބޭސް ދީގެންނެވެ. ބައެއް ފަހަރު ބޭހުން މަރުނުވާނަމަ، އެ މީހާގެ މޫނުމައްޗަށް ބާލީސް އަޅައި ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް ވެސް ކުލްސުމް އިޢުތިރާފުވެފައިވެއެވެ.
އެ މީހާ މަރުވުމުން، ކުލްސުމް އެ މީހާއާ ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބެންޖެހޭ ބައި ވާރިސުންގެ އަތުން ހޯދައެވެ. މިގޮތަށް އޭނާ ހޯދައިފައިވާ މުދަލުގެ ތެރޭގައި އެތައް ބައިވަރު އަގުބޮޑެތި ގެދޮރު ހިމެނެއެވެ. އޭނާ މިހެން ހޯދާފައިވާ މުދަލުގެ އަގު ބިލިއަން ތޮމާނަށް އަރާ ކަމަށް ލަފާކުރެވެއެވެ.
މި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުލްސުމް ހިންގަމުން ދިޔަތާ ނުވަ އަހަރު ވީއިރުވެސް މިކަން ހާމަނުވެ އޮތީ އޭނާގެ ރޭވުންތެރިކަމުގެ ސަބަބުންނެވެ. އޭނާ ކައިވެނިތައް ކޮށްފައިވަނީ މާޒަންދަރާންގެ އެކި ސިޓީތަކުގައެވެ. މިހެންވުމުން، ފުލުހުންނަށް މި ހުރިހާ މަރަކީ އެއް ފަރާތެއްގެ މަސައްކަތް ކަމެއް ދެނެގަންނާކަށް ނޭނގުނެވެ.
ކުލްސުމް އެންމެ ފުރަތަމަ މަރާލި މީހާގެ ޢާއިލާއިން އޭނާއަށް ޝައްކުކޮށް މައްސަލަ ހުށަހެޅި ކަމަށް ވެއެވެ. އެ ފަހަރު އޭނާގެ ފިރިމީހާގެ ހަށިގަނޑު ފޮރެންސިކް ތަޙުލީލަށް ފޮނުވި ނަމަވެސް، ކުލްސުމްގެ އަންހެން ދަރިފުޅާއި ޅީދަރިފުޅު އޭނާގެ ދިފާޢުގައި ވާހަކަދައްކައި ވަކާލާތުކުރުމުން، އެ މީހާގެ ޢާއިލާއިން މައްސަލަ އަނބުރާ ގެންދިޔައެވެ. މިކަން މިހެން ވުމުން، ކުލްސުމްއަށް މި ޢަމަލުތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބުނެވެ.
މީޑިއާ ރިޕޯޓުތަކުގައި ބުނާ ގޮތުން، މިފަދަ ކޮންމެ ކައިވެންޏަކުން ލިބޭ މުދާތައް ކުލްސުމް ބަދަލުކުރަމުން ދިޔައީ އޭނާގެ އަންހެން ދަރިފުޅުގެ ނަމަށެވެ. ރިޕޯޓުތަކުގައި އިތުރަށް ބުނެފައިވަނީ ކުލްސުމްގެ މި ޢަމަލުތަކުން އޭނާގެ ދަރިފުޅަށް ވެސް ވަނީ ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައި ކަމަށެވެ.
އީރާނުގައި، ސިޣާ ނުވަތަ ވަގުތީ ކައިވެންޏަކީ ޝީޢާ މަޒުހަބުގައި އިސްލާމީ ޝަރީޢަތުގެ ދަށުން ޤާނޫނީ އަދި ދީނީ ގޮތުން ޤަބޫލުކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، ފިރިހެނަކާއި އަންހެނަކު ވަކި މުއްދަތަކަށް ކައިވެނިކުރެވެއެވެ. މިފަދަ ކައިވެނިތަކުގެ މުއްދަތު ގަޑިއިރުތަކަކަށް ނުވަތަ އަހަރުތަކަކަށް ވެސް ދެމިގެންދާނެއެވެ. މިފަދަ ކައިވެނިތައް ކުރެވެނީ ދެފަރާތުން އެއްބަސްވާ މަހުރަކަށެވެ.
މިފަދަ ކައިވެނިތައް އީރާނުގައި އާންމުވެފައިވާ އެއް ސަބަބަކީ އުމުރުން ދުވަސްވެފައިވާ ފިރިހެނުންގެ ކަންތައް ބަލަހައްޓައި، ގޭގެ މަސައްކަތް ކޮށްދޭނެ އަންހެނަކު ބޭނުންވުމެވެ. ނަމަވެސް، ދާއިމީ ކައިވެންޏަކަށް ނުގޮސް މިފަދަ އަންހެނަކު ގޭގައި ބެހެއްޓުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ގޮތުގައި މުޖުތަމައުގައި ނުދެކެވޭތީ، ގިނަ ފަހަރު މިފަދަ ވަގުތީ ކައިވެނިތަކަށް ދިޔުމަށް މީހުން އަހުލުވެރިވެއެވެ.



advertisment