Support Us

ކުއްލި ބޮޑު ބަދަލެއް ނުގެންނާށެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ހާސްވެ ކަންބޮޑުވާ އެއް ކަމަކީ ތިމާގެ ހަށިގަނޑު ހުންނަ ގޮތެވެ. ތިމާގެ ބުރުސޫރައެވެ. ތިމާ ހުންނަ ސިފައާމެދު ހިތްހަމަޖެހެނީ ވަރަށް މަދުބައެކެވެ. އެއްބަޔަކު ކުޑަކޮށް ލުއިވާން ބޭނުންވާއިރު އަނެއްބަޔަކު ބޭނުންވަނީ ތިމާގެ ހަށިގަނޑުގައި އިތުރަށް ހުންނަމަސްތައް ހިއްކާލުމެވެ. ސަރުބީތައް ވިރުވާލުމެވެ. އަހަރެމެންގެ ހަށިގަނޑު ބައްޓަންވެފައި މިވަނީ އެ ހަށިގަނޑުގައިވާ ކަށިތަކުގެ އިތުރުން ކަށީގައި ހަރުލާފައިވާ މަސްތަކާއި ސަރުބީގެ ސަބަބުންނެވެ. ތިމާގެ ހަށިގަނޑުގެ ބައްޓަން ބަދަލުކުރެވޭނީ ވަކިމިންވަރަކަށެވެ. ބަދަލެއް ގެނެވޭނީ ހަމައެކަނި މަސްތަކަށާއި ސަރުބީ އަށެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ ތެރޭގައި މަހާއި ސަރުބީ ހިމެނެއެވެ. ސަރުބީ އަކީ ހަށިގަނޑުގެ ޓިޝޫތަކުގައި ހިމެނޭ މާއްދާއެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ސިފަ ބައްޓަންކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މީގެ އިތުރުންވެސް ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި ރައްކާތެރިކަމުގެ ފަށަލައެއްގެ ގޮތުގަޔާއި، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކޮށް ހަށިގަނޑުގެ ހަކަތަ ރައްކާކުރާ ގުދަނެއްގެ ގޮތުގައިވެސް ސަރުބީ މަސައްކަތްކުރެއެވެ. ތިމާގެ ހަރަކާތްތެރިކަން ކުޑަވެ، އެކަށީގެން ނުވާވަރަށް ގިނައިން ކެވޭނަމަ، ހަށިގަނޑުގެ ތަފާތު ހިސާބުތަކުގައި ސަރުބީ ޖަހައެވެ. ހެދިހުރި ހަށިގަނޑާ އެކަށީގެން ނުވާވަރަށް ފަލަވެ، ބަރުދަން އިތުރުވެއެވެ.

ހަށިގަނޑުގައި ޖަހައިފައިވާ ބޭކާރު މަސްތަކާއި ސަރުބީތައް ހަށިގަނޑަށް ގެއްލުންނުވާ ފަދަ ގޮތަކަށް ނައްތާލައި، ހަށިގަނޑުގެ ބަރުދަން ލުއިކޮށްލަން ބޭނުންހެއްޔެވެ؟ އެހެން ކަމަށްވާނަމަ، ކެއުމުގެ އާދަކާދަތަކަށް ކުއްލި ބޮޑު ބަދަލެއް ނުގެންނާށެވެ. ވަގުތީ ޑައިޓެއްވެސް ޚިޔާރު ނުކުރާށެވެ. ކާ މިންވަރު ކުޑަ ތަންކޮޅެއް މަދުކޮށްލައި، ދާއިމީ ބަދަލެއް ކެއުމުގެ ވައްޓަފާޅިއަށް ގެންނާށެވެ. ހަމައެއާއެކު މިހާރަށްވުރެ ބޮޑަށް ހެލިފެލިވެ އުޅުމާއި ހަރަކާތްތެރިކަން އިތުރުކޮށްލާށެވެ. ތިމާގެ ދުވަހީ ކަމެއްގެ ގޮތުގައި ކަސްރަތުކުރުން ހިމަނާލާށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުއްލިއަކަށް، މާއަވަސް އަވަހަށް، މާ ބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ތިމާގެ ޞިއްޙަތަށް ކުރެއެވެ. ހަށިގަނޑުގައި ޖަހައިފައި ހުންނަ އިތުރު މަސްތަކާއި ނޭދެވޭ ސަރުބީތަށް ރަނގަޅުގޮތުގައި ނައްތައިލާން ބޭނުންނަމަ މަހެއްގެ މައްޗަށް 4 ކިލޯ އަށްވުރެ ގިނައިން ބަރުދަން ލުއިނުކުރާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *