މި މައްސަލާގައި ރަނގަޅަށް ވިސްނާލައިފިނަމަ މާ ބޮޑު އުނދަގުލަކާ ނުލައި ކަމުގެ ހަގީގަތް ސާފުވާނެއެވެ. ހަމަކަށަވަރުން މަރުވުމަށްފަހުގައި ދިމާވާނެ ކަންތައްތަކުގެ ހަގީގަތް މާތް ﷲ ލޯމައްޗަށްވަންހަނާ ކުރައްވާފައިވަނީ އިމްތިޙާނު ކުރެއްވުމަށެވެ. ނަމަވެސް އެކަންކަން ދެނެގަތުމަށްޓަކައި އެކަލާނގެ ވަނީ ހިމަނައި ކޮޅުލުންނުލާހައި ގިނައިން ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަލާމާތްތަކާއި ނިޝާންތައް މި ކައުނުގައި ލައްވައިފައެވެ. އަހަރެމެންނަށް އޮތީ ކައުނުގައި ލައްވައިފައިވާ މި ހަގީގަތްތަކާމެދު ފުންކޮށް ވިސްނައި ދެނެގަތުމެވެ. މި ކައުނުގައި ލައްވާފައިވާ އެންމެހާ ތަކެއްޗަކީ އަނެއް ދުނިޔެ، ނުވަތަ އާޚިރަތުގެ ދުނިޔެ ރީތިކޮށް ދައްކައިދޭ ލޯގަނޑެކެވެ.
އަހަރެމެން ކުރެ ކޮންމެ މީހަކު މިހާރު މިތިބީ އަހަރެމެން ދުނިޔެއަށް ފުރަތަމަ އައި ދުވަހު ތިބި ޞޫރައިގައި ނޫންކަން ހަމަ ކޮންމެ މީހަކަށް ވެސް ނުހަނު ރަނގަޅަށް އެނގޭނެއެވެ.
އިންސާނާ ދުނިޔެއަށް އުފަންވަނީ، އެއްވެސް އަގެއް ނެތް އެއްޗަކުންނެވެ. ނުވަތަ ނުޠުފާއަކުންނެވެ. އެއްވެސް ޞޫރައެއް ނެތިއެވެ. އެއަށްފަހު މަންމަގެ رَحِمُ ގައި އޮވެގެން ބޮޑުވަމުން ހެދިފޯދިގެން އައިސް އިންސާނެއްގެ ސޫރައަށް ބަދަލުވެއެވެ. ދެން އެއަށްފަހު ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނުކުމެ ހެދިބޮޑުވެ ފުރިހަމަ އިންސާނަކަށް ވެދެއެވެ.
އަޖައިބެކެވެ! އަމުދުން އަގެއް ނެތް، ލޮލަށް ނުފެންނަހައި ކުޑަކުޑަ ދަރިފަނި ހެދިބޮޑުވަމުން އައިސް އާޚިރުގައި އިސްކޮޅުން ހަ ފޫޓު ދިގުމިނުގެ އިންސާނަކަށް ބަދަލުވީ އެވެ. މިއީ އަހަރެމެންގެ ލޯމައްޗަށް ކޮންމެ ދުވަހަކުފެންނަހާދިސާއެކެވެ. ކަން ހިނގާ ގޮތެވެ.
އިންސާނާ މަރުވުމަށްފަހު ބިމުގެ ތެރެއަށާއި ޖައްވުގެ ތެރެއަށް ބައިބައިވެ ފެތުރިގެން ދެއެވެ. ލޮލަށް ނުފެންނަ ވަރުގެ ހިމުން ޒައްރާތަކަކަށް ބަދަލުވެއެވެ. އެއަށްފަހު އެއްކަލަ ދަރިފަންޏަކުން އުފެދުނު އިންސާނާ، ދެވަނަ ފަހަރަށް އަލުން އިންސާނެއްގެ ޞޫރައަށް ބަދަލުވުމަކީ ގަބޫލުކުރަން ދަތި ކަމެއް ހެއްޔެވެ؟ ދެނެގަންނަން ދަތި ހަގީގަތެއް ހެއްޔެވެ؟ ހަޖަމުނުވާ ވަރުގެ މައްސަލައެއް ހެއްޔެވެ؟
ވީހިނދު، ފެތުރިފައިވާ ޒައްރާތަކެއްގެ މިސާލުގައިވީ އިންސާނާ ޤިޔާމަތް ދުވަހު އަލުން ދެފައިމައްޗަށް ކޮޅަށް ހުއްޓައި ފެނިދާނެކަމާމެދު ހައިރާންވާންވީ ކީއްވެ ހެއްޔެވެ؟
އިންސާނާގެ ދިރިއުޅުން ދެވަނަ ފަހަރަށް ތަކުރާރުވުމަކީ އަހަރެމެންނަށް ގަބޫލުނުކުރެވޭ ވަރުގެ ކަމެއް ހެއްޔެވެ؟ ނިކަން ބައްލަވާށެވެ! ކޮންމެ އަހަރަކު ވިއްސާރަ މޫސުމުގައި ވާރޭވެހި ބިމުގެ އެންމެހާ ކަންކޮޅުތަކުގައި ރީތި ފެހި ފޭރާމަކުން ފޭރާން ލެވެއެވެ. ދެން ހޫނު މޫސުން އައިސް މި ފެހިކަން ފިލުވާލައި ހީނަރުކޮށްލައެވެ. ބިން ހިކި ހަނަފަސް ޞަޙަރާއަކަށް ބަދަލުވެއެވެ. އެއްކަލަ ފެހިކަމާއި ނަލަކަމުން ތާޒާވެގެން ދިޔަ ބިން ހަނަފަސް ބިންގަނޑަކަށް ބަދަލުވެދެއެވެ. އެއަށްފަހު އަނެއްކާވެސް ވިއްސާރަ މޫސުން އައިސް އަލުން ބިމަށް ތާޒާކަމާއި ދިރުން ގެނެސްދެއެވެ. މިއީ ތާއަބަދު އަހަރެމެންގެ ކުރިމަތީ ތަކުރާރުވާ މަންޒަރެކެވެ. ހަޔާތެއް ނިމި އަނެއް ހަޔާތް ފެށެނީ މިގޮތަށެވެ.
* ترجمة: قباد و حامد




advertisment