"އެންމެ ރަނގަޅުވާނީ އަހަރެން ނުފެނުނިއްޔާ. އަހަރެން ފެނިގެން އޭނާ ލަދުގަންނާކަށް އަހަރެން ބޭނުމެއް ނޫން," ބައްޕަ ވިސްނައިލިއެވެ.
އޭނާ ހުރީ އޯޑިޓޯރިއަމްގެ އެންމެ ފަހަތުގައެވެ. އަތުގައި މާބޮނޑިއެއް އޮތެވެ. އޭނާ ހުރީ އޭނާގެ ވަށައިގެން ތިބި އެހެން ބެލެނިވެރިން ފަދައިން ސޫޓެއް ލައިގެނެއް ނޫނެވެ. ޓައިއެއް އަޅައިގެނެއް ވެސް ނޫނެވެ. އާދައިގެ ގަމީހެއްގައެވެ. ޖަހައިގެން ހުރީ އަގުބޮޑު ސެންޓެއް ނޫނެވެ. އެމީހުން ފަދައިން އަގުބޮޑު ކެމެރާއެއް އޭނާގެ އަތަކު ނެތެވެ. އެމީހުންގެ އަޑުތައް ބާރުވެފައި ވަނީ ފަޚުރުވެރިކަމުން ފޯވެފައެވެ. ނަމަވެސް އޭނާ ހުރީ ހަނުއެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. މަޑުމަޑުން ބަލަހައްޓައިގެންނެވެ.
އޭނާއަކީ މަގުމަތީގައި އައިސްކްރީމް ވިއްކާ މީހެކެވެ. ދިންހައި އަތްވަކާއި ވެހުނުހައި ވާރެއެއްގައި ވޭތުވެދިޔަ 20 އަހަރު އޭނާ ހޭދަކުރީ އައިސްކްރީމް ގާޑިޔާ ދަމަމުން މަގުމަތީގައި ހިނގުމުގައެވެ. އޭނާ އެ މަސައްކަތް ޝަކުވާއެއް ނެތި ކުރަމުން ގެންދިޔައީ އޭނާގެ ލޮލުގެ ފިނިކަން ކަމަށްވާ އޭނާގެ ހަމައެކަނި ދަރިފުޅަށް ޓަކައެވެ.
ކުޑަ އިރުއްސުރެ ދަރިފުޅު ކައިރީގައި އޭނާ ގެންދިޔައީ ބުނަމުންނެވެ. "ދަރިފުޅަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއްކަން ހަނދާނުގައި އަބަދުވެސް ބަހައްޓާތި. ދަރިފުޅު ވަރަށް މޮޅު ކުއްޖަކަށް ވާނެ."
ބައްޕަގެ ބުރަ މަސައްކަތުންނާއި ދަރިފުޅުގެ ހިތްވަރުން ދަރިފުޅަށް ސަރުކާރުގެ ޔުނިވަރސިޓީއަކުން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. އެކަމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ބައެއް ފަހަރު އޭނާގެ އަތުގައި ދަރިފުޅު ޔުނިވަރސިޓީއަށް ދާ ބަހަށް ދައްކާނެ ފައިސާއެއް ނުހުރެއެވެ. ބައެއް ފަހަރު ކަރަންޓު ނެތުމުން ފުޅިބައްތީގެ އަލީގައި ދަރިފުޅަށް ކިޔަވަން ޖެހުނެވެ. ނަމަވެސް ދަރިފުޅު ދުލެއް ނުދިނެވެ. އޭނާ ބޭނުންވީ ބައްޕަ ބުނި ގޮތަށް އޭނާގެ ގާބިލުކަން ބައްޕައަށް ސާބިތުކޮށްދޭށެވެ.
ބައްޕަ ވެސް އައިސްކްރީމް ގާޑިޔާ ދުއްވުން ހުއްޓައެއް ނުލިއެވެ. ކުރިޔަށްވުރެ ފަތިހާ ހޭލައިގެން މަގުތަކުގައި ގާޑިޔާ ދުއްވަން ފަށައެވެ. އިތުރަށް އައިސްކްރީމް ވިއްކަން ފެށިއެވެ. އޭނާއަށް ލިބޭ ހުރިހާ އެއްޗެއް ހޭދަކުރީ ދަރިފުޅުގެ ކިޔެވުމަށް ބޭނުންވާ ފޮތްތަކާއި ފޮޓޯކޮޕީތަކާއި އަދި އެހެނިހެން ތަކެތި ހޯދުމަށެވެ. ދުވަހަކުވެސް ވަރުބަލިވެގެން ޝަކުވާއެއް ނުކުރެއެވެ.
އެތަކެއް އަހަރެއް ފާއިތުވެގެން ހިނގައްޖެއެވެ. އެންމެ ފަހުން ބޮޑު ދުވަސް އައީއެވެ. ދަރިފުޅު ދަސްވެނިވާ ދުވަހެވެ.
ސްޓޭޖުމަތިން ދަރިފުޅުގެ ނަން ގޮވައިލުމުން ދަރިފުޅު ސްޓޭޖަށް އަރައި އޭނާގެ ޑިޕްލޮމާއާ ހަވާލުވެފައި ހޯލުގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާ ކޮންމެވެސް މީހެއް ހޯދަނީކަން އެނގެއެވެ. އޭނާގެ ބައްޕަ ކުޑަކޮށް ފިލާ ހުރިތަން އޭނާއަށް ފެނުނެވެ. ދެން ތުރުތުރުއަޅާ އަޑަކުން ދަރިފުޅު ވާހަކަ ދެއްކިއެވެ.
"މި ކާމިޔާބީ އަޅުގަނޑާ އެކުގައި ހިއްސާކުރުމަށް ބައްޕަ މިކޮޅަށް އައިސްދެއްވާ!"
މިހެން ބުނުމުން މުޅި ހޯލުތެރެ ހަމަހިމޭންވެގެން ދިޔައެވެ. އެންމެން ބަލަމުން ދިޔައީ ސްޓޭޖާ ދިމާލަށް ތުރުތުރުއަޅާ ހާލުގައި ހިނގަމުން ދިޔަ، ވަރަށް އާދައިގެ ގަމީހެއް ލައިގެން ހުރި މީހާއަށެވެ. އޭނާ ސްޓޭޖާ އަރާ ހަމަވުމުން ދަރިފުޅު ސްޓޭޖުން ފައިބައިގެން އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. އަދި ކަންފަތް ކައިރީގައި މަޑުމަޑުން ބުންޏެވެ.
"ޝުކުރިއްޔާ ބައްޕާ. ދޫ ނުދީ ހިތްވަރުކުރީތީ. އަހަންނަށް އިތުބާރު ކުރީތީ. ބައްޕަ ވިއްކި ކޮންމެ އައިސްކްރީމަކަށް، ގަންދެއްވި ކޮންމެ ފޮތަކަށް، ކޮންމެ ބަސް ޓިކެޓަކަށް. އަމިއްލަ ނަފުސާ ދޭތެރޭ އިތުބާރު ގެއްލޭ ކޮންމެ ފަހަރަކު އަޅުގަނޑަކީ ކާކުކަން ހަނދާންކޮށްދެއްވީތީ."
ދަރިފުޅަށް ހިފަހައްޓައެއް ނުލެވުނެވެ. ރޯން ފަށައިފިއެވެ. ހިތާމައަކުން ނޫނެވެ. އުފަލާއި ފަޚުރާއި ޖޯޝާއި ލޯބިންނެވެ. މުޅި ހޯލުގައި ގުގުމަމުން ދިޔައީ މީހުން އަތްޖަހާ އަޑެވެ. ދަރިފުޅު އޭނާގެ ޑިޕްލޮމާ މައްޗަށް އުފުލައިލައިފައި ބުންޏެވެ.
"މިއީ އަހަރެންނަށް އެކަނި ލިބުނު ކާމިޔާބީއެއް ނޫން. މިއީ އަހަރެންގެ ބައްޕަ، އައިސްކްރީމް ވިއްކާ މީހާގެ ވެސް ކާމިޔާބީ."
ދުނިޔެއަށް ތަރިކައެއް ދޫކޮށްފައި ދިޔުމަށް މުއްސަނދިކަމެއް ބޭނުމެއް ނުވެއެވެ. ލޯބިވާ ބައްޕައެއްގެ ހިތްވަރާއި މިންނަތް މަސައްކަތުންނާއި ވާ ޤުރުބާނީތަކުން ދަރިއެއްގެ މުސްތަޤުބަލު ވަރަށް އުޖާލާ މަގަކަށް އެޅިދާނެއެވެ. ކާމިޔާބީ ދޭހަވަނީ ހަމައެކަނި ލިބޭ ތަޢުލީމީ ސެޓުފިކެޓަކުން ނޫނެވެ. ކުލަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު މަސައްކަތްކުރާ މީހުންގެ ހިތްތަކަށް ލިއްބައިދޭ ފާގަތިކަމުން ވެސް މެއެވެ. އެއީ ފޮނި ހުވަފެންތަކެކެވެ. އައިސްކްރީމް ފަދައިންނެވެ.



advertisment