Support Us

ވާހަކަ: ރަންއުޅާ- 9

9 ވަނަ ޗެޕްޓަރ: ކަނޑަށް އެއްލާލި ރަންއުޅާ

ހާދިސާތަކުން ފުރިފައިވާ ޕިކްނިކް ދަތުރުގެ ފަހުން އުލިގަމު އަޑުތައް މަޑުވެއްޖެއެވެ. އަހުމަދާއި މަރިޔަންގެ ކާވެނީގެ ވާހަކަވެސް މަޑުމަޑުން ހިނދެން ފަށައިފިއެވެ. އެކި މީހުން އެވާހަކަ ދައްކަނީ އެކި ގޮތަށެވެ. މަރިޔަން އެ ކާވެންޏަށް އާނބަސް ނުބުނީ އެވެ. ގަދަ ތޫފާނުގެ ތެރޭގައި ހަސަންގެ ހިތްވަރާއި ކުޅަދާނަކަމާއި މޮޅުކަން މަރިޔަންއަށް ފެނުމުން މަރިޔަންގެ ހިތް ހަސަނަށް ލެނބުނީއެވެ. އަދި މީގެ އިތުރުން ރަށުތެރޭގައި އަހުމަދާއި ހަސީނާގެ ވާހަކަވެސް ވަރަށް ގަދަޔަށް ދެކެވެމުން ދިޔައެވެ.

މިކަމާ ގުޅިގެން ޒުބޭރު ރުޅިގަދަވެ ހަސީނާގެ ރޭވުމަކަށް މަރިޔަންގެ ފުރާޅަށް ބަޔަކުލައްވާ ގާއުކުވި ވާހަކަވެސް ގޮވައިފިއެވެ. އޭރު އެންމެންވެސް ހީކޮށްގެން ތިބީ އެކަމުގެ އަޑީގައި ހުރީ ހަސަނު ކަމުގައެވެ. އެކަމަކު މިހާރު އެކަންތައް ވީގޮތް އެންމެންނަށްވެސް އޮޅުންފިލައިފިއެވެ.

މަރިޔަންގެ މައިންބަފައިން ހަސަން ދެކެ އައިސްފައިވާ ރުޅިވެސް މަޑުވީއެވެ. އަދި އޭނައަށް ހިތްނުބައި ކުރެވުނީތީ ހަސަންގެ ކިބައިން މާފަށްވެސް އެދެން އެމީހުން ބޭނުންވިއެވެ. އެހެންވެ މަރިޔަންގެ ގޭގައި ހަސަނަށް ރޭގަނޑުގެ ކެއުމަކަށް ވެސް ދައުވަތު ދިނެވެ.

ދުވަސްކޮޅަކީ ކުޑަ މައުލޫދަށް އެންމެން ތައްޔާރުވަމުން ދިޔަ ދުވަސްކޮޅެކެވެ. ހަސަނުވެސް އެ ދުވަހަށް ޚާއްސަކޮށް މަސްބާނަން ދިއުމުގައި އަވަދިނެތި އުޅެއެވެ. އަހުމަދުވެސް ފުރަން ތައްޔާރުވަނީއެވެ. އެހެންކަމުން އެ ދުވަސްކޮޅު ލަވަޖެހުމެއް ފިލްމު ދެއްކުމެއް ކަހަލަ އެއްވެސް މުނިފޫހިފިލުވުމުގެ ހަރަކާތެއް ނެތެވެ. މަރިޔަންވެސް އުޅެނީ ސްކޫލު ކަންތަކުގައި ވަރަށް ބޮޑަށް މަޝްޢޫލުވެގެންނެވެ.

އެއް ދުވަހަކު ވަރަށް ނުދަނޑިވަޅެއްގައި މަރިޔަން ހަސަންގެ ގާތަށް އައެވެ. އޭނާ ގެނައި ކުޑަ ސިޓީއުރައެއް ހަސަން އަތަށް ދޭން އުޅުނެވެ.

"މިއެތި އަހުމަދަށް ރައްދުކޮށްދީ،" މަރިޔަން ހުރީ އަވަސް އަރައިގެންފައެވެ. "މިކަމަށް އެހެން މީހެއްގެ ގާތުން އެދޭކަށް ބޭނުމެއް ނޫން."

ހަސަން އޭގައި ނުހިފަން އުޅުމުން މަރިޔަން އޭތި އޭނާގެ ޖީންސްބުރީގެ ޖީބަށް ވައްޓާލިއެވެ.

"ހަނދާންކޮށް މިއެތި ހަވާލު ކުރާތި!" މަރިޔަން މިހެން ބުނެފައި އައިވަރަށްވުރެން ހަލިކޮށް ގޮސް އޮބާލައިފިއެވެ.

ހަސަން ވަރަށް ފަތިހާ މަހަށް ފުރަން ނުކުމެއްޖެއެވެ. އޭނާގެ ޚިޔާލުގައި އޮތީ މަސްކޮޅެއް ބޭނުމެވެ. މިދިޔަ ހަފްތާ އެއްކޮށް ދިޔައީ ހުހަށެވެ. ކޮރަކައްޔެއްހާ މިންވަރުވެސް ނުބޭނިއެވެ. ކުޑަމައުލޫދަށް މަސް ހޯދައިދިނުމަކީ ހަސަނުގެ ބޮލުގައި އެޅިފައިވާ ކަމެކެވެ. ރަށުގެ އެންމެ އިސް މަސްވެރިޔަކީ ހަސަނު ވީމައެވެ.

އެދުވަހު ބަނދަރުމަތީގައި އޮތް ރިސޯޓް ދޯނި ފުރި ކަމެއް، އަދި އޭގައި އަހުމަދު ފުރައިގެން ދިޔަކަމެއް ކުޑަކޮށްވެސް އަހުމަދަކަށް ރޭކާނުލައެވެ. އަހުމަދު ފުރައިގެން ދިޔައީ ހަސީނާ ގޮވައިގެންކަން އެނގުނީވެސް ދޯނި މާ ކަނޑަށް ނުކުމެ މަސް އައިނެއް ފެނޭތޯ އެކި ދިމާލަށް ދުއްވަމުން ދިޔަ ވަގުތުގައެވެ. އޭރު އަސްރުން ތިރި ވެއްޖެއެވެ. މަހެއް ނުބޭނޭނެ ކަމަށް ހިތާ ދޯނި އަނބުރާލަން އެއްބަޔަކު ބާރު އަޅަން ފަށައިފިއެވެ. ފަޅުވެރި ކުދިން ތިބީ ވަރުބަލިވެ ހައިވެ ނާއުންމީދުވެފައެވެ. އޭރު އެއްބަޔަކު ޒުބޭރާ ދިމާ ކުރަމުން ދިޔައެވެ. ތެޔޮނާށި ޖަހައިގެން ހިނގައްޖެޔޯ ކިޔައިފައެވެ. ހަސަނު އެމީހުން އެ ދައްކާ ވާހަކައިގެ ތެރެއަކަށް ނުވަދެއެވެ. އޭނާ އުޅެނީ ހައްތާވެސް މަހެއް ބޭނޭތޯއެވެ.

ހަސަން ދެ ފަހަރަކު ތިންފަހަރަކު އެން އުކަން އެންގިއެވެ. އެންއުކާ ސޮރު އެން އުކަންވެސް އުކިއެވެ. އެކަމަކު ބަޑިއެއްވެސް ޖަހައިނުލިއެވެ. ދޯނިތެރޭ އަޑުގަދަވަމުން ދިޔައެވެ. ފަޅުވެރި ކުދީންގެ ކެތްތެރިކަން ގެއްލެމުން ދިޔައެވެ.

އިރުހުއްޓާ އަނބުރާލާފައި ރަށަށް ލެފޭތޯ މަސްވެރި ހުރިހާ ކުދިން ބާރު އަޅަމުން ދިޔައެވެ. އެކަމަކު ހަސަން އަނބުރާލާކަށް ނޫޅެއެވެ. އޭނާއަށް އެތަނުން މަސްކޮޅެއް ބޭނިދާނެ ކަމަށް ހީވާވަރުންނެވެ. އޭނާ ކިޔާކިޔާ އެކަކުވެސް އެންކޮޅެއް ދެނެއް އުކައެއް ނުދިނެވެ. އެހެންވެ އޭނާ ކޮންމެވެސް އެއްޗެއް ކަނޑަށް އެއްލާލަންވެން ޖީބަށް އަތްލިއިރު އޭނާގެ ޖީބުގައި ތަންކޮޅެއް ބަރު އެއްޗެއް އޮތްކަން އެނގުނެވެ. އޭނާ އަވަހަށް އޭތި އެ ދިމާލަށް ވައްޓާލިއެވެ.

ހީވީ ކަނޑުކެކިގެން އެރިހެނެވެ. ދޯނި ވަށައިގެން މަސްތައް ފުމެއަރަން ފެށިއެވެ. އަވަހަށް ދޯނި ކުދިން މަސްތައް ބާނަން ތެޅިގަތެވެ. ބައެއް މަސް ބާނަންވެސް ނުޖެހެއެވެ. ފުންމަފުންމައިގެން އައިސް ދޯނިވަތަށް ވެއްޓެންވެސް ވެއްޓެން ފަށައިިފިއެވެ. މިހާ ގިނަ މަސް އެއްދުވަހަކާ ބޭނުނު ދުވަހެއް ނުވެސް އާދެއެވެ. ދޯނި ބަރާވެގެން ނުދުއްވޭވަރު ވީމާ އަވަހަށް އެއްގަމާ ދިމާލަށް އަނބުރާލައިފިއެވެ. ރަށަށް ލެފުނީ އިރު އޮއްސުނު ފަހުންނެވެ. އޭރު މުޅި އަތިރިމަތި އޮތީ މީހުން ފުރި ބާރުވެފައެވެ.

ހަސަނު ހުރީ ތެމިފޯވެފައެވެ. ލޮނާއި ދަލުންނެވެ. މައުލޫދަށް ބޭނުންކޮށް އިތުރުވާ ވަރަށް ވެސް މަސް ބޭނިއްޖެއެވެ. އެކަމަށް ބޭނުންވާ މަސްތައް ޖަލީލުބެ ގެޔަށް ފޮނުވާފައި ބާކީ ހުރި މަހެއް ބަހަން ދޯނި ކުދިންނާ ހަވާލުކޮށްފައި ހަސަނު ފައިބައިފިއެވެ. އޭރު އޭނާގެ ޖީބުގައި އޮތް އެއްޗެއް އެއްލާލެވުނު ހަނދާންވިއެވެ. އެއީ ކޯނޗެއްބާއެވެ؟ އޭރު އޭނާ ހީކުރީ ދާ ހަދަން ގެންގުޅުނުތާ ބަރެެއް ކަމަށެވެ. އެކަމަކު ޖީބަށް އަތްލުމުން ހުސް ސިޓީއުރައެއް އަތުޖެހުނެވެ. އޭނާ ބަލައިލިއިރު އެއީ އިއްޔެ މަރިޔަން އޭނާގެ ޖީބަށް ވައްޓާލި އެތިކަން ހަނދާންވިއެވެ. އެއީ ކޮން އެއްޗެއް ބާވައެވެ؟ ހަސަނު އެ ފިކުރުމަތީ ހުރެގެން ހިނގަމުން ދިޔައެވެ.

ހަސަން ހުރީ އެކަމާ ގޮތްހުސްވެފައެވެ. އަހުމަދާ ހަވާލުކުރަން މަރިޔަން ދިން އެތި އެއްލާލެވުނު ވާހަކަ އޭނާ ގާތު ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނައަށް އެއީ ކޮން ފަދަ އެއްޗެއް ކަމެއް ވެސް ނޭނގެއެވެ. އެކަމަކު ކޮންމެ އެއްޗެއް ނަމަވެސް އެ އެއްޗެއް ދެނެއް ނުލިބޭނެއެވެ. ކަނޑުއަޑިޔަށް ވެއްޓޭ އެއްޗެއް އަލުން ލިބިދާނެހެއްޔެވެ؟ އެއީ ކޮންމެ ފަދަ އެއްޗެއް ނަމަވެސް މީހެއްގެ އަމާނާތެއްގެ އަގު އޭނާ ދައްކާނީ ވެސް ކޮން ގޮތަކުން ހެއްޔެވެ؟ މި ޚިޔާލުގައި ކަންބޮޑުވެ ހުރެގެން ގެޔާ ދިމާލަށް ހިނގަމުން ދިޔައެވެ. ވަގުތަކީ އިރުއޮއްސި އަނދިރި ބޮޑުވަމުންދިޔަ ވަގުތެވެ. ހިރުނދުގަސްދޮށް ވަކީން އަނދިރިއެވެ. އޭނާ އެ ގަހާ ހަމަޔަށް ދިޔަތަނާ އަނދިރީގެ ތެރެއިން މަރިޔަން ކުއްލިއަކަށްހެން އައިސް އޭނާގެ ކުރިމައްޗަށް އެރިއެވެ. ހަސަނު ސިއްސައިގެން ދިއުމާއެކު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނުވިސްނިގެންނެވެ. އޭނާއަށް ކުރެވުނު ދެރަ ކަންތަކުގެ ވާހަކަ ބުނަން ފަށައިގަންނާނެ ގޮތެއްވެސް ނޭނގިގެންނެވެ.

"އޭތި ކަނޑަށް އެއްލާލެވިއްޖެ" ހަސަން ބުނަން ފެށިއެވެ.

މަރިޔަން އެ ވާހަކައަށް ސަމާލުކަމެއް ނުދީ، ލޮނާއި ދަލުން ތަތްތެޅިފައި ހުރި ހަސަންގެ ގައިގައި ގާތްގަނޑަކަށް އޮޅުލައިގަތެވެ.

"ހަސަން. އަހަރެންގެ މީހަކަށް ވެދީ!" އޭނާ އަދިވެސް ކައިރިއަށް ޖެހިލިއެވެ. "އަހަރެންނަށް އަހަރެން ބޭނުންވަނީ ކޮން އެއްޗެއްކަން އެނގިއްޖެ!"

"އެކަމަކު…" ހަސަން ބުނަން އުޅުނެވެ. "މަރިޔަން ތިއީ އުޑުގައިވާ ތަރިއެއް…"

މަރިޔަން ހަސަންގެ ވާހަކަ ހުއްޓުވާލިއެވެ. "އަހަރެން ބޭނުންވަނީ އަހަރެންގެ ރަށުގައި އަހަރެން ގާތު ހުންނާނެ މީހެއް." މަރިޔަން ހަސަންގެ ކަންފަތްދޮށުގައި މަޑުމަޑުން ބުންޏެވެ. "އަހަރެން މީ ތަރިއެއް ނަމަ އަހަރެން މީ ތި ހަސަންގެ ތަރިއެއް."

އެހާ ހިސާބުން ދެމީހުންގެ ދެޖިސްމާއި ދެހިތް ގުޅި ލާމެހިގެން ދިޔައެވެ.

ހިރުނދުގަހުގެ ނިވަލުގައި މިރޭ ބައްދަލުވަނީ ތިންމީހުންގެ ބަދަލުގައި ދެމީހުންނެވެ. އެ ދެ މީހުންނަށް އެކަކު އަނެކެއްގެ އަތުތެރޭގައި ހިތާހިތުން ބަނދެވިގެން ތިބެވުނު އިރެއް ވެސް ނޭނގެއެވެ. އެއީ އެތައް ސުވާލުތަކެއްގެ ފެށުމެވެ. އެއީ ދެ ހިތެއްގައި އެތައް ޒަަމާނެއް ވަންދެން އުފެދިފައި އޮތް ލޯތްބެއް ފަރުދާ ފަޅާލާފައި ނުކުމެ މުޅި ދުނިޔެއަށް ހާމަވީ ވަގުތެވެ. އޭރު އަރަމުން ދިޔަ ސާދަ ވިލޭރޭގެ ހަނދު ވެސް ހިރުނދުގަހުގެ ފަތްތަކުގެ ތެރޭގައި ފިލާހުރެ މި އުފާވެރި މަންޒަރު ބަލަމުން ދިޔައެވެ. ސިއްރު ސިއްރުންނެވެ. ހިނިތުންވެ ހުރެއެވެ.

މަރިޔަންއާއި ހަސަންގެ ކާވެނީގެ ހުރިހާ ކަމެއް އިންތިޒާމު ކުރީ މަރިޔަންގެ މައިންބަފައިންނެވެ. އެ މީހުންނަށް އެއަށް ވުރެން ބޮޑު އުފަލެއް ނުވެސް ލިބޭ ފަދަޔަކުންނެވެ. އެއީ މުޅި ރަށަށް ދައުވަތު ދެވިގެން އުލިގަމުގައި ބޭއްވުނު އެންމެ ބޮޑު ކާވެނީގެ ހަފްލާ ކަމުގައި ވެގެން ދިޔައެވެ.

***

އޭގެ ދެތިން އަހަރު ފަހެވެ.

ހަސަން ވަނީ ޒަމާނީ ރީތިގެއެއް ބިނާކޮށްފައެވެ. އޭނާއަކީ އެންމެން ބުނާގޮތުންނަމަ ކެޔޮޅު ހަސަނެވެ. އެހެން ނުކިޔަންވީ ސަބަބެއްވެސް ނެތެވެ. އޭނާގެ އަތުގައި އިންޖީނުއެޅި ދެ މަސްދޯންޏާއި ވަދާ ދުއްވާނެ ދެ ބައްތެލި އޮވެއެވެ. ރަށަށް ބާނާހާ މަހެއް ބާނަނީ އޭނާގެ ދޯނިތަކުންނެވެ. އެހެންވެ އުލިގަމުގައި މިއަދު ހުރި އެންމެ މުއްސަނދި، އެންމެ ތަނަވަސް މީހަކީ ހަސަން ކަމުގައި ވަނީ ވެފައެވެ.

އެއީ ހުކުރު ދުވަހެއްގެ ހަވީރު ވަގުތެވެ. ހަސަން ގޭދޮށު އަތިރިމަތީގައި ހެދިފައި ހުރި ކާނިގަހެއްގެ ހިޔަލުގައި އެލުވާފައި އޮތް ހެމޮކެއްގައި ފޮތެއް ކިޔަން އޮތެވެ. ތިރީގައި ހުރި ލަކުޑި، ތިރި މޭޒެއްދޮށުގައި މަރިޔަން ތަރުކާރީ ކޮށަން އިނެވެ. މަރިޔަންއާއި ހަސަންގެ ކުޑަ އަންހެން ދަރިފުޅު އައިޝާ ގޮނޑުދޮށަށް ފައިބައި ދޮންވެލިގަނޑު ހާވާތަން މަރިޔަންއަށް ފެނުނެވެ.

"ދަރިފުޅާ ތިތާ ހުރެދާނެ އައްޗި އެއްޗެހިވެސް. އާދޭ ނުހާވާ."

އެހެން ބުނުމުން އެ ކުޑަ ލޯބި އައިޝާ ދުވެފައި އޭނާގެ މަންމަ ގާތަށް އައެވެ. އޭރު އޭނާގެ އަތުގައި އުޅަލެއް ކަހަލަ އެއްޗެއް އޮތެވެ.

"މަންމާ.. އުޅާ… ލަން އުޅާ!"

މަރިޔަން ހައިރާންވީ އެއީ އޭނާ ހަސަނުގެ އަތަށް ދީފައި އަހުމަދަށް ފޮނުވި އުޅާކަން އެނގުނީމައެވެ. އޭގައި “އެމް” އަކުރު ކަނޑާނަގައިފައި އޮތެވެ. މިއުޅާ ގޮނޑުދަށަށް ލައްގާނީ ކިހިނެއްބާއެވެ؟ ގައިމު އޭތި ކަނޑަށް އެއްލާލެވުނު ވާހަކަ ހަސަން ބުންޏެވެ.

މަރިޔަން ތެދުވެ ހަސަނަށް އެ އުޅާ ދައްކާލިއެވެ.

"މިއޮތީ އެއްކަލަ އުޅާ. ހަސަން އޭތި ކަނޑަށް އެއްލާލެވިއްޖެޔޭ ބުނީމެއްނު؟"

ހަސަނަށް މިކަންވީގޮތް އޮޅުންފިލައިފިއެވެ. އެދުވަހު އޭނާ އޭތި ކަނޑަށް އެއްލާލުމުން ކޮންމެވެސް މަހެއް އޭތި ދިރުވާލީއެވެ. މަސްކެނޑި މީހުންނަށް އޭތި ނުފެނި ބަނޑައިދޫ މޫދަށް އުކާލެވިފައި އޮތީއެވެ. ރާޅުތަކާ އެކުވެގެން އެންމެ ފަހުން އައިސް އެ ދިމާއަށް ލައްގާފައި ވަޅުލެވިފައި އޮތީއެވެ.

"ކަނޑަށް އެއްލާލިޔަސް ލިބެން ހުރި އެއްޗެއް ލިބޭނެ،" މަރިޔަން ހެވިފައި ބުންޏެވެ.

އަހުމަދަކީ މިއަދު ރިސޯޓް މެނޭޖަރެކެވެ. އޭނާއާއި ހަސީނާގެ ވެސް ކުޑަ ފިރިހެން ދަރިއެއް ހުރެއެވެ.

އަހުމަދު ވަނީ ހަސަނާއި މަރިޔަން އަދި ކުޑަ ދަރިފުޅު ރިސޯޓަށް ދައުވަތުދީގެން ގެންގޮސްފައެވެ.

އެއީ ޒަމާންވީ ތިން ރަހުމަތްތެރިން އަލުން ބައްދަލު ކުރަން އަހުމަދު ރޭވި ދަތުރެކެވެ.

ރިސޯޓްގެ ރީތި ދިގު ދޮންވެލި ތުނޑީގައި އަހުމަދުގެ ދަރިފުޅު އާރަންއާއި އައިޝާއާ ދެކުދިން ކުޅެން ތިއްބެވެ. އެ ވަގުތު ހަސަން އޭނާއާ ހަވާލުކުރެވުނު އަމާނާތް އަހުމަދާ ހަވާލު ކުރިއެވެ.

"ކަނޑަށް އެއްލާލެވުނަސް އަމާނާތެއް ހަވާލު ކުރެވިދާނެ." ހަސަން ހީނލާފައި ބުންޏެވެ. އަހުމަދުވެސް ހުރީ އެކަމާ ހައިރާންވެފައެވެ. އޭނާ އެއުޅާ އަލުން ހަސަން އަތަށް ދެމުން ބުންޏެވެ.

"މިއީ އަހަރެންގެ ފަރާތުން ހަސަންގެ ދަރިފުޅަށް ދޭ ހަދިޔާއެއް ކަމަށް ބަލާ."

އޭރު މަރިޔަންއާއި ހަސީނާވެސް ރިސޯޓްގެ ކަބާނާއެއްގައި އެލުވާފައި ހުރި ދެ އުނދޯންޏެއްގައި ތިބެގެން ރަށުގެ އެކި އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.

އެއީ ޒަމާންވީ ތިން ރައްޓެހިން ހަތަރު ރައްޓެހީންގެ ގޮތުގައި ބައްދަލުވުމުގެ އުފާ އަނެއްކާވެސް ހާސިލްވެގެން ދިޔަ ރީތި ހަވީރެކެވެ. އެދުވަހުގެ އިރު އޮއްސޭ މަންޒަރު ވަކީން ކުލަ ގަދަހެން ހީވެއެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *