ޢަދަދުން މަދަސް ކުޑަޔަސް ވަޠަން މިނިވަން ބައެއް ދިވެހީންނަކީ
މަދަދުން އިލާހީ ދިރިއުޅޭ މުސްލިމު ބައެއް ދިވެހީންނަކީ
ދުޝްމިނުބަޔަކު އަޔަކަސް ތަނަށް ތަޚުތަށްއަރައި ވެރިކަން ކުރަން
ހުސްކޮށް ތަނުން އެވެރިން ނެރޭން އިސްވާ ބައެއް ދިވެހީންނަކީ
ތާރީޚު ބުނެދީފައި އެވާ އެކި ހާދިސާ ބެލުމުން އެއީ،
މާރީތިކޮށް ތަމްސީލުވާ ގަދަފަދަ ބައެއް ދިވެހީންނަކީ
ބޮޑުތަކުރުފާނުގެ ހިތްވަރާ އެއްފަދައެ ދޮންބަންޑާރައިން
ކޮނޑުފުޅު އެޅުއްވެވި ޒިންމަތަށް ތެދުވެރި ބައެއް ދިވެހީންނަކީ
ނާޞިރުގެ ގަދަފަދަ ފަންވަރާ މައުމޫނު ޙިކުމަތު ޢަމަލުގައި
ޙާޞިލް ކުރެއްވި ސަލާމަތަށް ކެރިތިބި ބައެއް ދިވެހީންނަކީ
ދީނާއި ގައުމަށް ޖާނުދީ ޤުރުބާން ވުމަށް ކެރިގެން ތިބޭ
ފީނާން ކަނޑަށް ޖެހިލުން ނުވާ ބިރުކުޑަ ބައެއް ދިވެހީންނަކީ
