ގައުމަށް ވުރެން ޕާޓީތަކަށް އިސްކަން ދިނުން އަށަގެންފިޔޭ
ގައުމީ ރުކުންތައް ރޫޅެމުން ދިވެހީން ތެރޭން އެބަ އުވިދެޔޭ
ކާއްޓާ މަހާ ހަކުރާ ގަބުޅި ކައިގެން އުޅުނު އިރު އޮތްގުޅުން
ހާއްޔަށްވަކީން އެރުމުންނިދާން ކެނޑިގޮސް އަސަރު ފޮހެވިއްޖެޔޭ
އެއް ޢާއިލާއެއްފަދަ ބަދަހި ރަށްފުށުގެ ހިތްފައި ދިރިއުޅުން
އެއްފަސް ވެވޭ ދިރިއުޅުމަކުން އުވިގޮސް އެކީ ހީނަރުވެޔޭ
ވެރިއެއް ނުވަތަ އިސްމީހަކަށް ބެލުމެއް ގަދަރު ކުރުމެއް ނެތޭ
ކެރިގެން ހިތަށްއައިހައި ބަހެެއް ބުނުމުން ގަދަރު އެބައުފުލެޔޭ
ބޭރުންބަޔަކު ނަޔަކަސް ތަނަށް ހަނގުރާމަޔަށް ދުޝްމިނުވެގެން
މޭރުން ނުވާ ނާމާން ކަމެއް ގައުމުގެ ތެރޭ އެބަ މޫލަޔޭ
ބޮލަކަން އެއިން އެއްވެސްކަމެއް ވެއްދޭ އެކަކުވެސް ނެތްފަދައެ
ލޮލަކުން އެއިން ކަމަށް ނަޒަރު ހިންގޭ އެކަކުވެސް ނުފެނެޔޭ
ވިސްނައިފިކުރު ހިންގައި މިތަން ހެޔޮގޮތްމަތީ އޮންނާނެހެން
އިޞްލާޙުކޮށް ދޭނޭ ރަނގަޅު ވެތިޔަކު ހޮވަން ލާޒިމުވެޔޭ
