އިބްރާހީމް ނާޞިރަކީ ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރުގެ އިތުރުން މަޙްކަމަތުލް އަމަންޢާންމުގެ ވެރިޔާ އެވެ. އެއީ ދިވެހިރާއްޖޭގެ އަމުނު ބަލަހައްޓަވާ ދައުލަތުގެ ވަޒީރެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރު ވެސް މެއެވެ. އޭރު ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް ތިން އަތޮޅުކަމަށްވާ އައްޑުއަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅުގައި އޮތީ އަމިއްލަ ވަކި ވެރިކަމެއް އުފައްދައި ބޮޑު ބަޣާވާތެއް ފަށައިފައެވެ. އަދި މި ޣައިރު ޤާނޫނީ ދައުލަތުގެ ފަރާތުން އެ ދައުލަތް ދުނިޔެއިން ބަލައިގަނޭތޯ ބެލުމަށް ބޭރުގެ ބައެއް ޤައުމުތަކަށް އޮތީ ހުށަހަޅައިފައެވެ.
މި ބަޣާވާތަކީ އޭރު އައްޑުއަތޮޅަށް ފައިބާ ތިބި އިނގިރޭސީން އަޑީގައި ތިބެގެން ހިންގުވި ބަޣާވާތެކެވެ. އެ މީހުންގެ އިސްތިއުމާރީ ފަލްސަފާގައި ތަންތަން ބައިބައިކޮށްގެން ބޭނުންވާ މަގުސަދުތައް ހާސިލުކުރުމަށް ގެންގުޅުނު "ޑިވައިޑް އެންޑް ރޫލް"ގެ ސިޔާސަތުގެ ދަށުން މަސައްކަތްކުރީ ދިވެހިރާއްޖެ ވެސް ދެބައިކުރާށެވެ. ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖޭގެ ބައެއް، އެހެން ދައުލަތެއްގެ ގޮތުގައި އެބައިމީހުން ރޮނގުދަމާ ވަކިކޮށް ފާހަގަ ވެސް ކުރިއެވެ. އޭރު އެ އަތޮޅުތަކުގައި ވިހުރެމުން ދިޔައީ ދިވެހި ދިދައިގެ ބަދަލުގައި ބަޣާވާތުން އުފެއްދި ޣައިރު ޤާނޫނީ ދައުލަތުގެ ދިދައެވެ.
މިއީ، މިހާތަނަށް ދިވެހި ތާރީޚުގައި ދިވެހީންގެ ބަޔަކު ދިވެހި ދައުލަތުން ނެއްޓިގަތުމަށް ހިންގި ހަމައެކަނި ބަޣާވާތެވެ. މި މައްސަލައިގައި ދިވެހި ދައުލަތުގެ ނިންމެވުން ވަރަށް ސާފެވެ. ދިވެހި ދައުލަތުން އޮތީ އެ ފުރުސަތު ދޭގޮތަކަށް ނޫނެވެ. އެހެންކަމުން އެ މައްސަލަ، ފެނިވަޑައިގެންނެވި ގޮތަކަށް ހަމަޖެއްސެވުމުގެ ޤާނޫނީ ބާރު އޭރު ހުންނެވި ރަދުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ރައްޔިތުންގެ ވޯޓަކުން ވެސް ބޮޑުވަޒީރު ނާޞިރަށް ދެއްވިއެވެ.
މި ބޮޑު މައްސަލައި ބާރުގެ ބޭނުންކުރެއްވުމުގެ ބަދަލުގައި ފުރަތަމަ ނާޞިރު މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ނަސޭހަތްދެއްވައި ވިސްނައިދެއްވުމަށެވެ. އަދި އެ ނަސޭހަތް ޤަބޫލުނުކޮށްފިނަމަ ދެން ކަންތައްތައް ކުރައްވާނެގޮތުގެ އިންޒާރު ދެއްވުމަށެވެ.
އޭރު ދިވެހިރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް މުއާސަލާތު ކުރެވޭނެ އެއްވެސް ވަސީލަތެއްނެތެވެ. ރަށްފުށުގައި ހުރީ ފުޅި ބައްތީގެ އައްޔެވެ. ކަރަންޓެއް ނެތެވެ. ދަތުރުފަތުރުކުރަނީ ރިޔަލާއި ފަލީގައެވެ. ބަޣާވާތުގައި ހިމެނޭ ތިން އަތޮޅުގެ ރައްޔިތުންނަށް މިހާލަތުގައި ސަރުކާރުން ދެއްވަން ބޭނުންފުޅުވި ނަސޭހަތްތައް ފޯރުކޮށްދެއްވާނެ ގޮތަކަށް އޮތީ ބޭނުންވެފައެވެ. އެކަމަށް ނާޞިރު ގޮތެއް ނިންމެވިއެވެ. އެއީ އެ ތިން އަތޮޅުގެ ރައްޔިތުންނަށް ނަސޭހަތުގެ ސިޓީފުޅުތަކެއް ފޮނުއްވުމެވެ. މާލޭގައި ޗާޕުކުރައްވައި ތައްޔާރުކުރެއްވި އެ ސިޓީފުޅުތައް ރައްޔިތުންނަށް ރައްދުކުރެއްވުމަށް ނާޞިރުނިންމެވީ އެ ތިން އަތޮޅަށް ފޮނުއްވި ހަނޑޫ ބަސްތާތަކަކަށް ލައްވައިގެންނެވެ. ހަނޑޫ ބަސްތާތަކަށް ސިޓީފުޅުތައް ލުމުގެ މަސައްކަތްކުރީ ދިވެހި ސިފައިންނެވެ.
މީލާދުން 9 މޭ 1959 (ހިޖުރައިން 1 ޛުލްޤައިދާ 1378) ގައި ވަޒީރުލްދާޚިލިއްޔާގެ ޙައިޞިއްޔަތުން ނާޞިރު މި ސިޓީފުޅު ފޮނުއްވީ ކޮންމެ އަތޮޅެއްގެ ރައްޔިތުންނަށް ވަކިން، އެ އަތޮޅެއްގެ ރައްޔިތުންނަށް އެޑްރެސްކުރައްވާފައެވެ. ތިރީގައި މިވަނީ މިގޮތުން ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފޮނުއްވި ސިޓީފުޅުގެ ޢިބާރާތެވެ.

"ދިވެހި ދައުލަތުގެ ފަރާތުން ހުވަދު އަތޮޅުގެ ކޮންމެ ފިރިހެނަކާއި އަންހެނަކަށް ސަލާމަށްފަހު އަންގަމެވެ. ތިޔަ އަތޮޅުގެ މީސްތަކުންކުރެ އަމިއްލަ އެދުމުގެ މައްޗަށް ބުރަވެގެން ތިބި ބަޔަކު ދައުލަތާއި ދެކޮޅުހަދައި ދިވެހިރާއްޖޭގެ ދިގު ތާރީޚު ނުދެކޭ ފަދަ ބަޣާވާތް ކޮށްފިކަމީ އެގި ފައުޅުވެގެންވާ ކަމެކެވެ. ކަން އެހެން ހިގުމާއިއެކު ދައުލަތުގެ ފަރާތުން ތިޔަ އެންމެ ކަލުންނާއި ކަނބަލުންނަށް ނަސޭހަތްތެރިވުމުގެ ގޮތުން އަންގަމެވެ.
އަހުރެމެންގެ ދިވެހިރާއްޖެއަކީ، ފެށުނީއްސުރެ އެއް ދީނެއްގައި އޮންނަ އެއް ދައުލަތެއްގެ ވެރިކަމެއް ހިގާ އެއް މަޛުހަބަކަށް ލޯބަލަބައިގެން ތިބޭ އެކުވެރި ބަޔަކީމުއެވެ. ޞުލްޙަވެރިކަމާއި އަމަންއަމާންކަމަށް ލޯބިކުރާ ބައަކީމުއެވެ. މިފަދަ ގޮތެއްގައި ރާއްޖެ ހިގަމުންދަނިކޮށް އައްޑު އަތޮޅު ގަމަށް އިގިރޭސީން ފޭބުމުގެ ނަތީޖާއެއްގެ ގޮތުން ތިޔަ އަތޮޅުގައި ދެކޮޅުވެރިކަމުގެ ރޫހެއް ފިތުނަވެރީންގެ ބައަކު އުފެއްދެވި ކަމީ، އެކަމުގެ މައްޗަށް ތެދުވެރިކަމާއިއެކު ތިޔަބައި މީހުން ވިސްނާންވީ މައްސަލައެކެވެ.
ދިވެހި ދައުލަތާއި ދެކޮޅަށް އިސްވެ ބަސްކިޔާން އެހުރި ޢަބްދުﷲ ޢަފީފަކީ މިދިޔަ ހަނގުރާމައިގައި އައްޑު އަތޮޅަށް އިގިރޭސީން ފޭބި ދުވަސްވަރު ވެސް ކޮންފަދަ ގޮތަކަށް އުޅުނު މީހެއްކަން ތިޔަބައިމީހުން ހަދާންކުރާށެވެ.
ނިކަން ވިސްނާބަލާށެވެ. ދިވެހި ދައުލަތުގެ ތެރެއިން ވަކިވެ އަލުން ދައުލަތެއް އުފެއްދުމުގެ މޮޔަ ޚިޔާލު ކުރުމަށް ބޭނުންވާ ސަބަބަކީ ކޮބާހެއްޔެވެ. ތިޔަބައިމީހުން އެދުނު އެއްވެސް އެދުމެއް ދައުލަތުން ފުއްދައިނުދީ އެބައޮތްހެއްޔެވެ. ތިޔަ ގެންނަން އުޅޭ އިންޤިލާބަކުން ޢާންމު ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް އެބައޮތްހެއްޔެވެ.
ޝައްކެއްނެތެވެ. ދިވެހި ދައުލަތުން އޭރުވެސް އަދި މިހާރުވެސް އޮތީ ރައްޔިތުން އެދޭ އެދުންތައް ޤަބޫލުކޮށް އެބައިމީހުންނަށް ފައިދާއހުރި ގޮތްތައް ހޯދައިދިނުމަށް ތައްޔާރަށެވެ.
އަލަށް ދައުލަތެއް އުފައްދައި ހަމަޖައްސާ ހިންގުމަކީ، މި ޒަމާނުގައި ދުނިޔެ އޮންނަގޮތުން ވަރަށް ވެސް ފަސޭހަކަމެކޭ ހީކުރުމަށްވުރެ ވަކީން މޮޔަ ޚިޔާލެއް ނޯންނާނެއެވެ. އެކަން އެ ދައުވާ ކުރާ މީހުންނަށްވެސް މިހާރު ދާނީ އެނގެމުންނެވެ. އާއެކެވެ! އެބައިމީހުން ދައުލަތެއް އުފެއްދި ކަމަށްކުރި މޮޔަ ދައުވާ ދުނިޔޭގެ އެއްވެސް ދައުލަތެއް ޤަބޫލެއް ނުކުރި ނޫންހެއްޔެވެ. ނުކުރިއެވެ. އަދި ނުވެސް ކުރާނެއެވެ. މިހެނީ، ޚާއްޞަކޮށް ސިލޯނު، އިންޑިއާ، ބަރުމާފަދަ ދައުލަތްތައް ވަނީ ވަރުގަދައަކަށް ދިވެހި ދައުލަތާއިއެކުގައެވެ. އެއިން އެއްވެސް ދައުލަތަކުން ދިވެހި ދައުލަތުގެ ހުއްދައެއްނެތި އެއްވެސް ކަހަލަ މުދަލެއް ތިޔައިން އެއްވެސް އަތޮޅަކަށް ބޭރެއް ނުވެސް ކުރާނެއެވެ. މިހިރަ ކަންކަމުގެ މައްޗަށް ވިސްނާ ހޭއަރާށެވެ. ދަންނަބޭކަލުންގެ ނަމުގައި ތިޔަ އަތޮޅުގައި އުޅޭ ބައެއް މީހުން ވައްހާބީ މަޛުހަބު ފެތުރުމަށް އެކުރާ މަސައްކަތާއި މެދުވެސް ވިސްނާށެވެ.
ދިވެހި ދައުލަތުގެ ފަރާތުން ނަސޭހަތްތެރިވެ އަންގަމެވެ. ދިވެހި ދައުލަތް އޮތީ ތިޔަ އަތޮޅަށް ހުރިހާ ގޮތަކުން ފުރިހަމައަށް އެހީވާށެވެ. ތިޔަބައިމީހުންގެ ޙައްޤު އެދުންތަކަށް އިޖާބަ ދިނުމަށް ތައްޔާރަށްމެއެވެ. ވީމާ، ދިވެހި ދައުލަތަށް ކިޔަމަންތެރިކަމުގައި ތިބި ބަޔަކު އެބައެއްގެ ޙާލާއި އެދުންތައް ހުށަހެޅުމަށް މާލެ އަންނާށެވެ. އަންނަ ބަޔަކަށް ދައުލަތް ބަލާނީ، އޯގާތެރިކަމުގެ ނިހާޔަތުގައިވާ ބެލުމަކުންނެވެ.
ނަމަވެސް، ދައުލަތުގެ މި ނަސޭހަތަށް ތަބަޢަވުމެއްނެތި ފިތުނަވެރިކަމާއި ދެކޮޅުވެރިކަންމަތީ ދެމި ތިބެއްޖެނަމަ އިންޒާރުކޮށް އަންގަމެވެ. ދައުލަތަށް ނުކިޔަމަންތެރިކަންމަތީ ތިބި ބަޔަކު ކިޔަމަންކޮށް ތިޔަ އަތޮޅުގައި އަމަން އަމާންކަން ޤާއިމުކުރުމަށް އަޅާންވީ ހުރިހާ ފިޔަވަޅެއް ދައުލަތުގެ ފަރާތުން އަޅާނެއެވެ. މިކަމުގައި ހައްދުންމަތިން ފެށިގެން ތިލަދުންމައްޗާއި ދެމެދު ހުރިހާ ރައްޔިތުންމެ ތިބީ ކުރާންވީ ކޮންމެ މަސައްކަތެއްކޮށް ވާންޖެހިއްޖެ ކޮންމެ ޤުރުބާނީއެއްވުމަށް ތައްޔާރަށެވެ. އާއެކެވެ. ދިވެހި ދައުލަތުގައި، ބަޣާވާތްތެރިވާ ދިވެހީން ކިޔަމަންކުރުވާނެ ހަތިޔާރާއި ބާރު ވެސް މިހާރު އެބަހުއްޓެވެ. އަދިވެސް އެއްކަމެއް ތިޔަބައިމީހުންނަށް ވިސްނައިދެމެވެ. އެކަމަކީ ތިޔަ އަތޮޅު ހަމަޖެއްސުމަށް ދިވެހި ދައުލަތުން ކޮންމެ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް އިގިރޭސި ދައުލަތް އެ ދޭތެރެއަކަށް ނުވަންނާނެއެވެ. އެގޮތީ، އެނުވަނުމަށް އެ މީހުން ވަނީ ދިވެހި ދައުލަތާއިއެކު މުޢާހަދާއެއްގައި ސޮއިކޮށްފައެވެ. ވީމާ، ތިޔަބައިމީހުން ހެއްލުންތެރިކުރުމަށް އުޅޭ ބަޔަކު އެފަދަ ވަގުތެއްގައި އިގިރޭސީންގެ އެހީ ލިބިދާނެކަމަށް އެދައްކާ ވާހަކައެއްގައި ހުވަފެނަކަށްވުރެ ބޮޑު އަގެއްނެތެވެ.
އަދިވެސް އެއްފަހަރު ނަސޭހަތްތެރިވެ އޯގާތެރިކަމާއިއެކު އަންގަމެވެ. އަހުރެމެން އެންމެން އެއް ދީނެއްގައި އެއް ދައުލަތެއްގައި ވަނިކޮށް އަހުރެމެން ވަކިކޮށްލުމަށް އެމަސައްކަތްކުރާ އަމިއްލަ އެދުންވެރީންނާއި، ޚިޔާނާތްތެރީންނާއި ތިޔަބައިމީހުން ވަކިވާށެވެ. ތިޔަބައިމީހުންގެ ޙާލާއި އެދުންތައް ދައުލަތުގައި ދެންނެވުމަށް ކިޔަމަންތެރިކަމާއިއެކު އަވަސްވެގަންނާށެވެ. ނޫންނަމަ އާޚިރުގައި އުފުލަންޖެހޭނޭ ބޮޑު ހިތާމައާއިމެދު އިންޒާރުކުރަމެވެ.
ގަދަ ކީރިތިވަންތަ މާތްﷲ ތިޔަބައި މީހުންނަށް ހެޔޮ ވިސްނުން ދެއްވައި ދިވެހިރާއްޖޭގެ ދީނާއި މިނިވަންކަން ރައްކައުތެރިކުރައްވާށިއެވެ. އާމީން.
1 ޛުލްޤައިދާ 1378ހ.
9 މެއި 1959މ.
ސޮއި
އިބްރާހީމް ނާޞިރު
ވަޒީރުއްދާޚިލިއްޔާ
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment