Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ނުހިނގިއަސް، ހަމަ ގޮވާނީ "ޓަކާ ޓަކާ" އެވެ.

ހުރި ހިސާބުން ދެތިން ފިޔަވަޅު، ކުޑަ އިރުކޮޅަކަށް، ފަހަތަށް ޖެހިލާނަމެވެ. ސިޔާސީ ތޮފި ބާލައި، ވަގުތުކޮޅަކަށް، ކައިރީގައި ބާއްވާލާނަމެވެ. މަޖުބޫރުވީއެވެ. އެނޫންގޮތެއް ނެތުނީއެވެ.

އިއްޔެ ހަވީރު މަގުމަތިން ދިމާވި ހާދިސާއެކެވެ. ދެކެދަނެ ފަރިތަ، ގޭދޮށު ޒުވާނަކާއެކު ކުރެވުނު މުޢާމަލާތެކެވެ. އޭނާ ދަންނަތާ ގިނަ ޒަމާންތަކެއް ވެއްޖެއެވެ. މިއަދު އޭނާ ހުރީ ސަރުކާރުގެ ސިޔާސީ މަޤާމެއްގައެވެ. މި މަޒުމޫނުގެ ބޭނުމަށް އޭނާއަށް ޚިޔާލީ، ޢާންމު ނަމެއް ދޭނަމެވެ. ފުރަތަމަ ހިތަށް އެރި ނަމަކީ "މޮބީ" އެވެ. މި ގޭގައި ގެންގުޅޭ ބުޅަލަށް ދީފައި އޮންނަ ނަމެވެ.

މޮބީ: މުންދުމެން ތި "ޖައްސާ ސްޓޯރީ" މިހާރު ނުހިނގާ. ކަލޭމެންގެ ތި "ޓަކާ ޓަކާ" މިހާރުގެ ގިނަ ޒުވާނުން އަޑެއް ނާހާނެ.

އަޅުގަނޑު: "ޓަކާ ޓަކާ"؟

މޮބީ: ހޫން. "ޓަކާ ޓަކާ"! ދީނަށްޓަކާ! ޤައުމަށްޓަކާ! މިނިވަންކަމަށްޓަކާ! ދެންވެސް ކަލޭމެން ޕީ.ޕީ.އެމް އިން ތި އަމުނާހާ "ޓަކާ"! އޭތި ނުހިނގާނެ މިޒަމާނުގަ، ބްރޯ! ކަލޭމެން ވެރިކަމަކަށް ނާދެވޭނެ ޔޫތުންގެ ސަޕޯޓާ ނުލާ. ގައިމު މުންދުއަށް އެވަރު ވިސްނެންވާނެދޯ! ތީ ކުރިން ޔޫތު މިނިސްޓަރެއްނު! ޔޫތުންނަކަށް ކޫލެއް ނޫނޭ ތި "ޖައްސާ ސްޓޯރީ"!

އަޅުގަނޑު: ބައެއް ކަންކަމަކީ ސިޔާސީ ކަންކަމަށް ނުވެދާނެ އެއްނު. ބައެއް "ސްޓޯރީ" އަކީ ވޯޓު ހޯދަން ޖައްސާ "ސްޓޯރީ" އަށް ނުވެދާނެ އެއްނު.

މޮބީ: ދެން އޮތީ ކަލޭމެންގެ އަނެއް "ފެއިލިއަރ"! ތި ޖައްސާ "ލާދީނީ"! ނުހިނގާ. ދެން އޮތީ "އެލް.ޖީ.ބީ.ޓީ"! ބްރޯމެން އެކަމާ ދެކޮޅަށް ވާހަކަ ދައްކާއިރު ނުވިސްނަންދޯ ވޯޓު ގެއްލޭނެ ކަމެއް.

އަޅުގަނޑު: ތެދެއް. ނުވިސްނަން ވޯޓަކަށް. ނުވެސް ވިސްނާނަން. މަ ހިފަހައްޓަނީ މަ ޤަބޫލުކުރާ އެއްޗެއްގައި. މަ ތާއީދު ނުކުރާ ކަމެއްވިއްޔާ، އެކަމާ ދެކޮޅަށް ބަސްބުނާން. ގެއްލޭ އެއްޗެއް ގެއްލެންވީ. މަށަށް ދީނާ، ޤައުމާ އެއީ ސިޔާސީ ކަންކަމެއް ނޫން.

މޮބީ: ހުރިހާ ކަމެއްވެސް ސިޔާސީ ވާނެ ދޯ. ސިޔާސީ ކުރެވޭނެ ދޯ. އާނ، އޯކޭ! މަށަކާ ބެހޭ ކަމެއް ނޫންދޯ؟ ކަލޭމެން ތިގޮތަށް ދިބޭ. އަހަރުން މިގޮތަށް ތިބޭނަން. އެކަމަކު ބުނަންތަ! މިހާރު ތި ޖައްސާ އެތި ކަލޭމެންނަށް "ވިން" އެއް ނުވާނެ. ކަލޭމެން "ޓަކާ ޓަކާ" ގަ ހިފައިގެން ތިބޭ. އަހަރުން މިތިބީ "އިންޑިޔާ ސައިޑު"ގައި!

އަޅުގަނޑު ދިޔައީ ހަމަ ބިމުން ކެޓިގެންނެވެ. ކުރިމަތީގައި މިހުރީ ހަމަ އަޅުގަނޑާ އެއް ނަސްލެއްގެ މީހެކެވެ. އެއް ޤައުމެއްގެ ޕާސްޕޯޓާއި ރައްޔިތުކަން އަންގައިދޭ ކާޑު އޮތް މީހެކެވެ. ފަހަރުގައި، ދެތިން ޖީލު ފަހަތަށް ޖެހިލައިފިއްޔާ ތިމާގެ މީހަކަށްވެސް ވެދާނެއެވެ. ސިޔާސީ އަނދިރި އެޅިފައި ހުރި މިންވަރުން މީނާއަށް 'ސިޔާސީ' އާއި 'ދިޔާސީ’ގައި ހުރި ތަފާތުވެސް ނުވިސްނެނީއެވެ.

ހަރުކަށި އެއްޗެއް ބުނަން ހިތަށް އެރިއެވެ. އެހެން ނަމަވެސް، އެ ވަގުތާއި ޙާލަތަށް ބަލާ، އިޚްތިޔާރުކުރީ މުޢާމަލާތް ވަގުތުން ނިންމާލުމަށެވެ. އެހެންކަމުން ފަހު ބަހެއް ބުނެލީމެވެ.

އަޅުގަނޑު: އެހެންތަ! މޮބީ "އިންޑިޔާ ސައިޑު"ގައި ހުރޭ. މަ މިހިރީ އަދި އަބަދު ހުންނާނީވެސް "މޯލްޑިވްސް ސައިޑުގައި!"

އެހެން ބުނުމަށްފަހު ސައިކަލަށް އަރައިގެން ނައްޓާލީއެވެ.

އާންމުކޮށް މިކަހަލަ މުޢާމަލާތްތަކަށްފަހު މާބޮޑު އެއްޗެއް ހިތަކަށް ނާރައެވެ. އާކަމެއް ނޫނެވެ. އުޞޫލެއްގެ ގޮތުން، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިއަސް، ދަންނަ މީހުންނާ ވާހަކަ ދައްކަމެވެ. ސިޔާސީ އަދި ސިޔާސީ ނޫން ވާހަކަވެސް ދައްކަމެވެ. އަނގައިން ބުނަންވެސް ފޫހިވާ، ހޮޑުލަވާ ހުންނާނީ ހަމަ އެންމެ މީހެކެވެ. ފިތުނައިގެ މި ޒަހަރު ދިވެހިންގެ އަރުތެރެއަށް ފުރަތަމަ އެޅި މީހާއެވެ. ނަން ބުނާކަށް ނުޖެހޭނެއެވެ. ބުނާކަށްވެސް ބޭނުމެއް ނޫނެވެ. ކާކުކަން ސާފުވެއްޖެ ދެއްތޯއެވެ. އޭނާ ނޫން ހަމަ ކޮންމެ މީހަކާވެސް، ޒާތީ ތަޢައްސުބެއްނެތި، އަޅުގަނޑު ވާހަކަ ދައްކާނަމެވެ. އަދި، ބަހުސް ކިތަންމެ ހޫނުވިއަސް، މައުޟޫއު ކިތަންމެ އޮލަވިއަސް، ވާހަކަ ދައްކާނަމެވެ.

ގެއަށް އައިސް މިކަމާ އިތުރަށް ވިސްނާލީމެވެ. ތަފާތު ނަޒަރިއްޔާއަކުންނެވެ. ހިތަށް އެރިއެވެ. މިއަދު، މިރާއްޖޭގައި ސިޔާސީ ނުވާނީ ހަމަ ކޮންކަމެއްބާވައެވެ. މޮބީ އެ ބުނިހެން، ދީން އެއީ ސިޔާސީ ތަރާދުން ގުނޭ އެއްޗަކަށްވެ ނިމުނުތާ ކިތަންމެ ޒަމާނެކެވެ. ޔުނިވަރސިޓީ ތަޢްލީމުން އަޅުގަނޑަށް ދަސްވި "ސިޔާސީ" އަކީ މައިގަނޑު ގޮތެއްގައި އިޤްތިޞާދީ އަދި އިޖްތިމާއީ އިމުގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗެކެވެ.

ރާއްޖޭގައި މިއޮތީ ސިޔާސީ އިންތަކާއި މިންތައް އެއަށްވުރެ ފުޅާވެފައެވެ. ފުރަތަމަ ދީނަށް ބަލާލަމާ ހިންގަވާށެވެ. އެއްކޮޅުން، ވަރަށް ފާޅުކޮށް ބުނަނީ "ސެކިއުލަރިޒަމް" ކަމުދާ ކަމަށެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ލިޔެފައި އޮތް އެއްޗެއް ބަލާކަށް ނުޖެހެއެވެ. ނުވެސް ބަލައެވެ. ދީނާ ޚިލާފުވިއަސް، ބަހާއި އަމަލުން އެމީހުންގެ ވިސްނުން ފަތުރަން މަސައްކަތް ކުރެއެވެ.

އަނެއްކޮޅުގައި މިއޮތީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސައްތައިން ސައްތަ އިސްލާމީ ވަޙްދަތު ދަމަހައްޓާ، ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް އޮތް އޮތުން ބަދަލުވިޔަ ނުދޭން ގޮވާލާ ބައެކެވެ. އަޅުގަނޑުމެންނެވެ.

ޒަމާނީ ޑެމޮކްރަސީގެ ހުދޫދުގެ ތެރެއިން ދެފަރާތުންވެސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރަނީޔޯލައެވެ. މިއީ ހަޤީޤަތުގައި ދެކެވިގެންނުވާނެ ވާހަކައެއްކަން ގިނަ ބަޔަކަށް ޤަބޫލެއް ނުކުރެއެވެ.

މިއަދު މިއޮތީ ސިޔާސީ އިން އިހުނަށްވުރެވެސް ފުޅާވެފައެވެ. މިއަދު މިއޮތީ ޤައުމިއްޔަތުވެސް ސިޔާސީވެފައެވެ. މޮބީ އެ ބުނި އެއްޗަކުން އެކަން ސާފުވެގެންދެއެވެ. ސޯޝަލް މީޑިޔާ ބަލާލީމަ އެކަމުގެ ދަލީލުވެސް އެބަ ފެނިގެންދެއެވެ. އެއްބަޔަކު މިބުނަނީ ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ބޭރުގެ ސިފައިންނާއި ސިއްރު ފުލުހުން މި ފަސްގަނޑުގައި ތިބެވިގެން ނުވާނެ ކަމަށެވެ. އެބައިމީހުންގެ އަތުގައި އޮންނަނީ މާ ބޮނޑިއެއްތޯ ނުވަތަ ހަތިޔާރެއްތޯ ބަލާކަށް ނުޖެހޭ ކަމަށެވެ. އެބައިމީހުންގެ ނިޔަތް ހެޔޮތޯ ނުވަތަ ނުބައިތޯވެސް ބަލާކަށް ނުޖެހޭ ކަމަށެވެ. ފައިބަންވީ ކަމަށެވެ. ބާލަންވީ ކަމަށެވެ.

އަޖާއިބުވެ އަންތަރީސްވަނީ، ވަޠަނީ މިޚިޔާލާއި ފިކުރާ ދެކޮޅު ބަޔަކު، ދިވެހިންގެ ތެރޭގައި މިއަދު ތިބިކަމެވެ. އެއީ ސިޔާސީ ގޮތުން އަނެއްކޮޅެވެ. މިދެންނެވި އަނެއްކޮޅުގެ އަހުލުވެރިން ދެކެނީ މިކަމަކީ މިއަދު މިއޮތް ސަރުކާރާއި ސަރުކާރު ހިނގާ މައި ޕާޓީއާ ދެކޮޅު ޚިޔާލަކާއި ފިކުރެއް ކަމަށެވެ. މީހަކު ހަމަ އަޖާއިބުވެދާނެތާއެވެ. މިކަންވެސް މިއޮތީ ސިޔާސީ ތިލަފަތަށް ލައިގެން ގޮތް ނިންމަން ޖެހިފައިވިއްޔާއެވެ.

ޤައުމިއްޔަތުގެ މި ޝުޢޫރުތަކާ ދެކޮޅަށް ސަރުކާރުން ތެދުވި މިންވަރުން، އެބައިމީހުންނަށް މިވީ "ވަގުކޭ" އަށް ވީވަރެވެ. އަމިއްލައަށް އެކަމާ ޙަވާލުވެވުނީއެވެ. އަމިއްލައަށް އެކަން އިޢްތިރާފުވެވުނީއެވެ. ބޭރު ޤައުމަކަށް މިފަދަ ބާރުތަކަކާއި އިޚްތިޔާރުތަކެއް، އަދި ޖާގައަކާއި ފުރުޞަތެއް، މިލިބިގެންދިޔައީ އެބައިމީހުންގެ ރުހުމުގައިކަން އިޢްތިރާފުވެވުނީއެވެ. އެބައިމީހުން އެގޮތަށް ބޭނުންވެގެންކަން އެއްބަސްވެވުނީއެވެ. އެހެންކަމުން، ސަރުކާރާއި ސަރުކާރު ހިނގާ ޕާޓީއަށް ތާޢީދުކުރާ މީހުން، ޢާންމު އުޞޫލުން އަދި ސިޔާސީ އާދަކާދައިގެ މަތިން، މިއެތުރިލީ ހަންދަގުގެ އަނެއް ފަރާތުގައެވެ. ބޭރު ޤައުމުގެ ފަޅީގައެވެ. ބޭރު ޤައުމުގެ ދިފާއުގައެވެ.

މިފަހަރު މި ވާދަކުރެވެނީ އިދިކޮޅު ސިޔާސީ ފިކުރާއި އިދިކޮޅު ޕާޓީއާ ނޫންކަމެއް ވިސްނައެއް ނުލައެވެ. މިއަދު، މި ނުކުމެވެނީ، ދިވެހީންގެ ތެރެއިން "އެންމެ ފުރަތަމަ ޤައުމު" އިޚްތިޔާރުކުރާ އެންމެނާ ދެކޮޅަށް ކަމަށްވިއަސް، ހަކުރުދޭ ބޮޑުބޭބެގެ ޙައްޤުގައި، އެގޮތްވެސް ކަމުދާކަމަށް ބުނެފައެވެ. އާންދޮގޭއެވެ.

މިހިސާބަށް ކަންކަން ދިޔައީމާ، ވިސްނާލަން އެބަޖެހޭ ދެއްތޯއެވެ. މިޖީލު މިހާރުވެސް ހަލާކުވެއްޖެ ކަމަށް ބުނެވިދާނެއެވެ. ހެވާއި ނުބައި އޮޅިއްޖެ ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެކަމަކު، މިނޫން ދުވަހެއްވެސް އަންނާނެކަން ޤަބޫލުކުރަން ޖެހެއެވެ. މިޖީލުގެ ފަހުންވެސް މިރާއްޖޭގައި، މިދީންމަތީ، މިތާ އުޅުމުގެ ޙައްޤު ލިބޭ ބަޔަކު އަންނާނެކަން ވިސްނާލަން ޖެހެއެވެ. އަދި، އެބަޔަކީ ޚުދު އަޅުގަނޑުމެންގެ ދަރިންނާއި އޭގެ ފަހުގެ ދަރިފަސްކޮޅުތައްކަންވެސް ހަނދާންކުރަން ޖެހެއެވެ.

އަޅުގަނޑަށް ވިސްނޭ އަދި ޤަބޫލުކުރެވޭ އިތުރު ޚިޔާލެއްވެސް ނިއުޅާލާނަމެވެ. 'ސިޔާސީ' ވުމަކީ ހަމައެކަނި ތާއީދު ހޯދުންތޯއެވެ. ހަމައެކަނި ވޯޓު ހޯދުންތޯއެވެ. ހަމައެކަނި ވެރިކަން ހޯދުންތޯއެވެ. އަޅުގަނޑު އެގޮތް ޤަބޫލެއް ނުކުރަމެވެ. އަޅުގަނޑު އެ 'ސިޔާސީ' އިޚްތިޔާރެއް ނުކުރަމެވެ. ތާއީދު ބޮޑީ ކޮން ކޮޅެއްތޯ ބަލާ، އެކޮޅަކަށް އަރާ، އެކޮޅަކަށް ތާއީދުކުރުމުގެ 'ސިޔާސީ' އާދަކާދަ ބަލައެއް ނުގަންނަމެވެ.

ހެވާއި ނުބައި ވިސްނައިދިނުންވެސް އޮވެއެވެ. އެނގޭ އެއްޗެއް އެހެން ބަޔަކަށް އުނގަންނައިދިނުންވެސް އޮވެއެވެ. ޤަބޫލުކުރާ ފަލްސަފާއެއްގެ މަތީ ހުރެ ކަންކަމާމެދު ވަކާލާތުކުރުންވެސް އޮވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިޔާސީ މައިދާނުގައި ހެޔޮ ނިޔަތުގައި މަސައްކަތްކުރާނަމަ، ނުރަނގަޅު، ނާތަހުޒީބު، ނާޖާއިޒު އަދި ނާއުންމީދީ ކަމެއް ތަޖުރިބާ ކުރެވުމުން، އެކަމެއް ބަދަލުކުރަން ނުކުންނަން ކެރެންވާނެއެވެ.

މޮބީ އެ ބުނީ ތެދަކަށްވެސް ވެދާނެއެވެ. ބަޔަކަށް މިއަދު އަޅުގަނޑުމެންގެ "ޓަކާ ޓަކާ" ބަލައިނުގަނެވޭކަމަށް ވެދާނެއެވެ. އެކަމަކު، އެއްކަމެއް ޔަޤީންކުރައްވާށެވެ. ބަލައިގަނެވުނަސް ނުގަނެވުނަސް، އަޅުގަނޑުމެން ތިބޭނީ "ޓަކާ ޓަކާ" ގޮވާލަގޮވާލައެވެ. މި "ޓަކާ ޓަކާ" ބަލައިގަނެވޭ ދުވަހެއް އަންނަންދެނެވެ.

ނިންމާލަމުން ދަންނަވާލާނަމެވެ. މޮބީ އެބުނިފަދައިން، ސިޔާސީގޮތުން ބުއްދިވެރީ އެމީހުންކަމަށް ވެދާނެއެވެ. އެމީހުންގެވެސް "ޓަކާ ޓަކާ" ފައްޗެއް އެބައޮތެވެ. އެއީ ވޯޓަށްޓަކައި، ތާއީދަށްޓަކައި، ވެރިކަމަށްޓަކައި، ބާރަށްޓަކައެވެ. އެކަމަކު، އެމީހުންގެ "ޓަކާ ޓަކާ" ފައްޗަށް، ބޮޑު ވަރަކަށް ލިބޭނީ ރިޔާސީ ދެ ދައުރުގެ އުފާވެރިކަމެވެ. އަޅުގަނޑުމެންގެ މި "ޓަކާ ޓަކާ" ފައްޗަށް، އިރާދަކުރެއްވިއްޔާ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ. އުންމީދަކީ އަދި ދުޢާއަކީވެސް އެއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2381

3 Responses

  1. ކީީ އްކުރާނީ އަމި އްލަ އެދުން ބޮޑުކަމުން ލިބޭމަދު ފަ އިސާ ކޮޅަ އް ތިމާގެ އަމި އްލަ ލޮބުވެރި މޫރިތި ދީނާ ލޮބުވެތި ވަތޮންވެސް ދޫކޮ އްލާ ބަޔެ އް ލާދީނީ އެމްޑީޕީ ގުނަޑާ އިންނަކީ

  2. މުންދު ވިދާޅުވިބަސް މިކަމަށްފުދޭ… ސިޔާސީ ހިނގާނީ ހަމައެކަނި ހުދޫދުގެ ތެރެއިން.. އެކަމަކު " ދިޔާސީ " މުޅި ތާނގަ އާއި ގައިގައި އުނގުޅި ހަރާބްވެ ކުނިވެދާނެތާ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *