ދުނިޔޭގެ އައި.ވީ.އެފް ދުވަހާ ގުޅުވައިގެން، ދަރިމައިވުމުގެ ފަރުވާ ނުވަތަ ފާޓިލިޓީ ސްޕެޝަލިސްޓުންނަށް ހިލޭ ދެއްކޭ ޕްރޮގްރާމަށް ރަޖިސްޓްރީ ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ މި މަހު 25ގައި ފާހަގަކުރާ މި ދުވަހާ ގުޅިގެން 75 މީހަކަށް ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި "ޕްރޮގްރާމްގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ތިން ކޮންސަލްޓަންޓުން ކަމަށްވާ ޑރ. ޒާކިޔާ އަހްމަދު، ޑރ. ވަރްޝާ ރެންގަރާޖް އަދި ޑރ. އަނީތާ ގޯރް އަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެއެވެ. އަދި މި ފަރުވާއާ ބެހޭ މަޢުލޫމާތާއި މިހާރުގެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާ އިތުރު އެއްވެސް ޚަރަދެއް ނުކޮށް ހޯދޭނެއެވެ. މި ތިން ޑޮކްޓަރުންނަކީވެސް އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ދާއިރާއިން ދިވެހިންގެ އިތުބާރު ހޯދައިފައިވާ ކޮންސަލްޓަންޓުންނެވެ." ޓްރީ ޓޮޕުން ނެރުނު ބަޔާނެއްގައި ވެއެވެ.
ރާއްޖޭގައި މަތީ ފެންވަރުގެ ހިދުމަތް ދޭ ޓްރީ ޓޮޕް ހޮސްޕިޓަލްގައި 2023 ގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައި، އައި.ވީ. އެފް އަދި އައި.ޔޫ.އައި ޚިދުމަތް ދޭން ފެށުމަށްފަހު، މިހާތަނަށް 13 މީހެއް މާބަނޑުވެ، ކުދިން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މީގެ ތެރޭގައި ދެ މީހަކަށް އެއްމާބަނޑު ދެ ކުދިން ވަނީ ލިބިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުގައި ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އާއި ކުޑަކުދިންގެ ޚާއްސަ ފަރުވާވެސް ފުޅާ ދާއިރާއެއްގައި ދެއެވެ. ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ޚަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދިއުން އެއީ "ބޮޑު ކާމިޔާބީއެއް"ގެ ގޮތުގައި ޓްރީ ޓޮޕުން ފާހަގަކުރެއެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ މި ފަރުވާ ބޭނުންވެފައިވާ ދިވެހީންނަށް އަތްފޯރާ އަގެއްގައި މި ފުރުސަތު ހޯދައިދިނުމެވެ. މި ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ލިބޭ ކާމިޔާބީގެ ނިސްބަތް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްވަރުގައި ވަނީ ހިފެހެއްޓިފައެވެ." ޓްރީ ޓޮޕުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.



advertisment

