"ސޯބިރު ދުވަހެއްގައި ވެސް މީހުންގެ ސަމާލުކަން ހޯއްދަވާކަށް މަސައްކަތެއް ނުކުރައްވާ. ނަމަވެސް، ހަމަ އެއާއެކު، ޒިންމާ ނެންގެވުމުގައި އެއްގޮތަކަށް ވެސް ފަސްޖެހި ވަޑައެއްނުގަންނަވާ. ރާއްޖެ ތަރައްގީ ކުރެވިދާނެ ހުރިހާ ގޮތްތަކެއް އޭނާ ފުންކޮށް ގަބޫލުކުރެއްވި،" ހަސަން ސޯބިރާ ބެހޭ ގޮތުން ކުރީގެ ވަޒީރަކު ވިދާޅުވިއެވެ.
ރާއްޖޭގެ އީޖާދީ، އިހްތިރާމާއި ތަޖުރިބާ ލިބިވަޑައިގަންފައިވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިފަ މުޅި ދުނިޔެއަށް ބައްޓަންކޮށްދެއްވައި، އަދި މުހިންމު ގައުމުތަކުގައި ރާއްޖޭގެ އެމްބެސެޑަރުކަން ކުރައްވައިފައިވާ ސޯބިރު، 73، ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ގެންދަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި އަވަހާރަވީ މިއަދުއެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ތިން ބޭފުޅުން އެބަތިއްބެވިއެވެ. ދަރިކަލުން އަހުމަދު ހަސަން ސޯބިރު (އަންމު) އަކީ ޕައިލެޓެކެވެ.
ކެންސަރުގެ އާލާސްކަންފުޅަށް ސޯބިރު ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހައި ދުވަސް ވަނީ ވެފައެވެ. އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޖަޕާނުގައި ހުންނަވައިގެންނެވެ. ފަހުން މެލޭޝިޔާގައެވެ. ޓްރީ ޓޮޕްގައި އޮންނަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޙަސަން ޞާބިރަށް އެރުއްވީ އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މުޅި ހަޔާތުގައި ވެސް ސޯބިރު ގަބޫލު ކުރެއްވީ ވަގުތާއި ހާލަތާ އެކަށޭނަ ގޮތަށް އެންމެ ރަނގަޅު ހިންގުންތެރިކަމުގެ ސިޔާސަތްތައް ތަންފީޒުކުރައްވައި، މަޑުމައިތިރިކަމުގެ ޑިޕްލޮމެޓިކް ފިކުރެއް ކުރިއަރުއްވައިށެވެ. ސޯބިރާއެކު ކުރިން މަސައްކަތް ކުރެއްވި މަސައްކަތު ދާއިރާގެ އެކުވެރިން އޭނާ ސިފަކުރައްވަނީ "ޖީލުތަކާއި ބައްރުތަކާމެދު ފާލަން އަޅުއްވައި ތަރައްގީ ކުރެއްވި އާރުކާޓީއެއް"ގެ ގޮތުގައެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އާއްމު ހިދުމަތުގައި މައިގަނޑު ދައުރެއް އަދާކުރައްވައިފައިވާ ސޯބިރުގެ ފަހުރުވެރި ހިދުމަތް ހަތަރު ދަހަރަށްވުރެ ދިގެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ 1998 އިން 2004 އަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ގޮތުގައެވެ. އެ މުއްދަތުގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ލަގްޒަރީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ފެނިގެން ދިޔަ އައިޑެންޓިޓީ އިތުރަށް ހަރުދަނާވެފައެވެ.
ސޯބިރުގެ ބެއްލެވުމުގެ ދަށުން ރާއްޖެ ވަނީ "އިންޓެގްރޭޓެޑް" ނުވަތަ ތަފާތު ކަންތައްތައް އެއްކޮށްލައިގެން ހިންގާ ފަތުރުވެރިކަމުގައި އިތުރު ހަރުފަތްތައް ގިރާކުރަން ފަށައިފައެވެ. އެ ގޮތުން ރިސޯޓުތަކުގެ ބާވަތްތައް ފުޅާވުމާއި ދުނިޔޭގައި މަގުބޫލުވާން ފެށުން ވެގެން އައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުއްލިއަކަށްހެން ތަރައްގީވެގެން އައި އައުމަށެވެ.
ޓޫރިޒަމް މިނިސްޓަރުކަން ކުރައްވަމުން ސޯބިރު ވަނީ، އެތައް ހާސް ދިވެހީންނަށް އާމްދަނީ ލިބޭ ދެ ދާއިރާ ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރުކަން ވެސް ކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ސޯބިރު ވަނީ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރައްވައިފައެވެ. އެއީ 1999 އިން 2004 އަށެވެ. ރާއްޖޭގެ އެންމެ ތިރީ ފަންތީގެ އަޑުތައް އިއްވަވަމުން، ރަނގަޅު އަދި އަވަސް ސިޔާސަތުތައް ނިންމަވަމުންނެވެ.

ބައިނަލްއަގުވާމީ ގޮތުން ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ސޯބިރަކީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ޑިޕްލޮމެޓެވެ. މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ވަޒީފާތައް އަދާކުރެއްވިއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި ސިންގަޕޫރަށް ކަނޑައެޅުއްވި ހައި ކޮމިޝަނަރުކަމާއި ޔޫރަޕްގެ އިއްތިހާދަށް ކަނޑައެޅުއްވި އެމްބެސެޑަރުކަމާއި އަދި ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގެ ދާއިމީ މަންދޫބުކަން ވެސް ކުރެއްވިއެވެ.
ޑިޕްލޮމެޓިކް ދާއިރާގައި ސޯބިރު ވެވަޑައިގަންފައިވަނީ މަޑުމައިތިރި މިޒާޖެއްގެ، ޔަގީންކަމާއެކު ވަކާލާތުކުރައްވާ، ތަރައްގީ އާއި ސަގާފީ އައިޑެންޓިޓީ އަދި ދެމެހެއްޓެނިވި އިގުތިސާދީ ގުޅުންތަކަށް އިސްކަމެއް ދެއްވި ޑިޕްލޮމޭޓެއްގެ ގޮތުގައެވެ. ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ހުންނެވިއިރު ސޯބިރު ވަނީ "އޯތެންޓިކް މޯލްޑިވްސް" ނުވަތަ ލަފުޒީ މާނައިން ނަމަ "ހަގީގީ ދިވެހި ރާއްޖޭ"ގެ ނަމުގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާންގެ ވައިގެ ބަނދަރުތަކުގައި ދައްކަވައިލައްވައިފައެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ތައުލީމީ ދާއިރާއިން ރައްކާތެރި ގޮތެއްގައި ގުޅުންތައް ކުރިއަރުއްވައިފައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕްލޭނިން މިނިސްޓަރުކަން ކުރައްވަމުން ސޯބިރު ވަނީ ރާއްޖޭގެ ފެނާއި ނަރުދަމާއާ ބެހޭ ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ. ޑެންމާކްގެ ކުންފުނިތަކާ ގުޅިގެން ލޮނު ފެން، ތާޒާ ފެނަށް ބަދަލުކޮށް، މީޓަރު ބަހައްޓައިގެން، މާލެއަށް ފެން ތައާރަފުކުރެއްވުމުގެ މަސައްކަތް ބަލަހައްޓަވައިފައެވެ. މިއީ މާލޭގެ އާބަން އިންފްރާސްޓްރަކްޗަރު ބަދަލުކޮށްލެއްވި މަސައްކަތެކެވެ.
ބައިނަލްއަގުވާމީ މުއައްސަސާތަކުން ތައުލީމު ހޯއްދެވި ސޯބިރު ވަނީ ސައުތު އޮސްޓްރޭލިއާ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވައިފައެވެ. މީގެ އިތުރުން އިންޑިއާއިން ވިޔަފާރި ނުވަތަ ކޮމާސް ދާއިރާއިން ބެޗްލާސް ޑިގްރީ ހޯއްދަވައި އަދި އެމެރިކާއިން އިގުތިސާދީ ތަފާސްހިސާބު ނުވަތަ އިކޮނޮމިކް ސްޓެޓިސްޓިކްސް ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވައިފައެވެ.
ސޯބިރުގެ ވިސްނުންތެރިކަމާއި ކަންތައްތައް ފަހުމްވުމުގައި އަވަސްކަން ހުންނެވުމާއި ވާހަކަދެއްކެވުމުގައި މަޑުމައިތިރިކަން ހުންނެވުމުގެ ސަބަބުން އޭނާއަށް ވަނީ ސިޔާސީ އުދަރެހުގައި ބޮޑު އިހުތިރާމެއް ލިބިވަޑައިގަންފައެވެ. އެއީ، ވަކި އަތަކަށް ނުކިރޭ ފަދައިން ސިޔާސީ ހުރިހާ ފިކުރެއްގެ ވެސް މީހުންނާ ގުޅިވަޑައިގަން އިހުލާސްތެރިކަމާއެކު ގައުމަށްޓަކައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމުންނެވެ.
ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް ސޯބިރު އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 30 މޭ 2022 ގައެވެ. ސިޔާސީ މަގާމެއްގެ ގޮތުގައި ކުރީ ސަރުކާރުން ސަފީރު ކަމަށް އައްޔަން ކުރެއްވި ހުރިހައި ބޭފުޅުން މަގާމުން ވަކިކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް ސޯބިރުގެ މަގާމުގައި ވަނީ ދަމަހައްޓަވައިފައެވެ.

ސޯބިރު އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިފައި ވަނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ ޑިޕްލޮމެޓުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދިޔަ ރޯދަމަހު މުލީއާގޭގައި ބޭއްވެވި ރޯދަވީއްލެވުމުގެ ތެރެއިންނެވެ.
ސޯބިރުގެ މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައެވެ. ރަސްމީ އިއްޒަތުގައި ޖަނާޒާ އޮންނާނީ ގަލޮޅު ސަހަރާގައެވެ.
ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ސޯބިރު އަވަހާރަވެއްޖެ



advertisment