ހުޅުލޭ ވައިގެ ބަނދަރަކީ މިނިވަންކަމަށް ދިވެހީން ކުރި ދަތުރުގައި އެންމެ ގިނަ ބައެއްގެ ބައިވެރިވުން ފެނިގެންދިޔަ މަސައްކަތެވެ. ހުޅުލޭގައި ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރެއް ހެދުމަށް ކުރެވުނު މިންނަތް ބުރަ މަސައްކަތުން ފެނިގެން ދިޔައީ ދިވެހީންގެ ހިތްވަރާއި ހިންމަތާއި މިންނަތާއި ޢަޒުމު އެކަންޏެއް ނޫނެވެ. އެ މަސައްކަތުން ދިވެހީން މިނިވަންކަމަށް ފެންބޮވައިގެންފައި ތިބި މިންވަރު ވެސް ފެނިގެން ދިޔައެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި ދިވެހީންގެ ޤައުމީ ރޫޙާއި ޤައުމީ ލޯތްބާއި ޤައުމީ ޖޯޝް ވެސް ހާމަވެގެން ދިޔައެވެ.
އޭރު ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. އިނގިރޭސި ސިފައިން ތިބީ އައްޑުއަތޮޅަށް ފައިބައެވެ. ކުރިން ހުންނެވި ބޮޑުވަޒީރު، އިބްރާހީމް ފާމުލަދޭރި ކިލެގެފާނާ މަޝްވަރާކޮށް، އައްޑު އަތޮޅު ގަމާއި ހިތަދޫން 110 އޭކަރުގެ ބިމެއް 100 އަހަރަށް ކުއްޔަށް ނެގުމަށް 1956 ވަނަ އަހަރު ސޮއިކުރި އިނީޝިއަލް އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ އެއްބަސްވުންމުން އުފެދުނު ސިޔާސީ ވައިބަދަލުވުމުގެ ހަރަކާތުގައި އެންމެފަހުން ކިލެގެފާނު އިސްތިޢުފާ ދެއްވީއެވެ. ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޒުވާން، އިބްރާހީމް ނާޞިރުގެ ސިޔާސަތު ހުރީ އެ އެއްބަސްވުމާ ދިމާ ދެކޮޅަށެވެ. މިކަމުގެ ތެރޭގައި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.
އިނގިރޭސީން ތިބީ ކޮންމެ ގޮތަކުން ނަމަވެސް އައްޑޫން ފައިބައިގެން ދާގޮތަކަށް ނޫނެވެ. އެހެންކަމުން އިނގިރޭސީން އަޑީގައި ތިބެގެން އުފެއްދި ދެކުނު ގަޑުބަޑު 1959 ވަނަ އަހަރު އޮތީ ފެށިފައެވެ. ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ހިމަނައިގެން ދިވެހި ދައުލަތުން ސަރަޙައްދެއް ވަކިކޮށް ޣައިރުޤާނޫނީ ދައުލަތެއް ވެސް އޮތީ އުފައްދައި އިޢުލާންކޮށްފައެވެ. މި ކަންކަމާ ހުރެ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ އިނގިރޭސީން ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެ ހިސާބުން އިނގިރޭސީންގެ ހިމާޔަތް ބޭނުން ނުވާކަން ދިވެހީން ދިޔައީ ޢަމަލާއި ބަހުން ދައްކަދެމުންނެވެ.

ދެކުނު ގަޑުބަޑުގައި އައްޑު އަތޮޅުގައި އުފެއްދި ބަޣާވާތުގެ ސަރުކާރުގެ ވެރިޔަކަށް ހުރި ޢަބްދުﷲ ޢަފީފު، އޭނާގެ ޢާއިލާއާ އެކު 1963 ވަނަ އަހަރު އިނގިރޭސީން ސީޝެލްސްއަށް ގެންދިޔައެވެ. އެ ހިސާބުން އޭރުގެ ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް (ބޮޑު ވަޒީރު) ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ވަނީ ދިވެހީންގެ ނިންމުން ވަރަށް ސާފުކޮށް އިނގިރޭސީންނަށް ހާމަކޮށްދެއްވާފައެވެ. މިނިވަންކަމުގެ ވާހަކަ ނޫނީ އިނގިރޭސީންނާ ދައްކާނެ އެހެން ވާހަކައެއް ނެތްކަމަށް އޮތީ ވިދާޅުވެފައެވެ.
އިނގިރޭސީން ފަދަ ދުނިޔޭގެ ބޮޑު ބާރެއްގެ ކުރިމަތީގައި ދިވެހިރާއްޖެއިން މި ސިޔާސަތުގައި ހިފެހެއްޓުމަށް އެ މުހިންމު ދަނޑިވަޅުގައި ދިވެހި ސަރުކާރަށް އެންމެ ބޭނުންވީ ދިވެހިދަރީން ތިބި ގޮތް އިނގިރޭސީންނަށް ހާމަކޮށްދިނުމެވެ. ދިވެހީންގެ ޢަޒުމާއި ހިތްވަރު ދައްކާލުމެވެ. ދިވެހީން މިނިވަންކަން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނުމެވެ. އިނގިރޭސީންނާ މެދު ހިތްހަމަ ނުޖެހިފައިވާ މިންވަރާއި، ދިވެހިރައްޔިތުންގެ ރުހުމާއި ތާޢީދު ދިވެހި ސަރުކާރުގެ ސިޔާސަތަށް އޮތް ވަރު ބަޔާންކޮށްދިނުމެވެ. އެ ދުވަސްވަރު ހިނގަމުންދިޔަ އެތައްކަމަކު މި ވިސްނުމާއި ފިކުރު ފެންނަމުން ދިޔައެވެ. ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރެއް ހުޅުލޭގައި އެޅުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ މިނިވަންކަމަށް ދިވެހީން ކުރި ދަތުރުގައި ދިވެހީން ދީފައިވާ ވަރުގަދަ މެސެޖެކެވެ. ގަލާއި ވެއްޔެއާއި ތާރުން ޒަމާންތަކަށް ފެންނާނެހެން ލިޔެފައިވާ މާނަފުން ބަޔާނެކެވެ. އެއް ޖީލުން އަނެއް ޖީލަށް ހުޅުލޭ ވައިގެ ބަނދަރު އެ ކިޔައިދެނީ އެ ވާހަކަތަކެވެ.

ދިވެހީން، ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރެއް ހެދީ އިނގިރޭސީން ބޭނުންކުރަމުން ދިޔަ ދަގަނޑު ފިލާ އަޅައިގެން ހުޅުލޭގައި ހަދާފައި އޮތް ވައިގެ ބަނދަރުގެ ފިލާތައް ނަގާ އުކާލައިފައެވެ. އެ ދުވަސްކޮޅު ރޭވެފައި އިރުއަރާއިރު ފެންނަނީ ފިލާތައް ނައްޓާފައި ހުންނަ ތަނެވެ. އަނެއްބައި ދުވަސްދުވަހު އިރުއަރަނީ ރަންވޭމަތީގައި ބޮޑެތި ރުއްގަސް ޖަހާފައި ހުއްޓައެވެ. މިގޮތަށް އިނގިރޭސީންނަށް އެކިއެކި ޖެއްސުންކޮށް އުޅުނު ބައެއް މީހުން ބައެއް ފަހަރު އަތުލައިގަނެ ފިޔަވަޅު އަޅާތަން ޑިޕޮލޮމަސީގެ ލޮލަށް ދައްކައެވެ. އެކަމަކު އެ ހުރިހާ ރޭވުމެއް ރޭވިގެން އަންނަނީ ސަރުކާރުގެ އެންމެ އެތެރެއިން ކަމަށްވާތީ އަދަބަކަށް ވާހަކަ އަދަބެއް ނުލިބެއެވެ. ދިވެހީންގެ މި ބާވަތުގެ ޢަމަލުތަކުން ފާޅުވެ ހާމަވަމުން ދިޔައީ އިނގިރޭސީންނާ މެދު ދިވެހީން ނުރުހިފައި ތިބި މިންވަރާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ތިބުމަށް ދިވެހީން ދެކޮޅު ހަދަމުންދާ މިންވަރެވެ. އަދި އިނގިރޭސީން ދިވެހިރާއްޖޭގައި ގެންގުޅެމުންދާ ސިޔާސަތުތަކާމެދު ދިވެހީން ރުޅިއައިސްފައިވާ މިންވަރާއި ނަފުރަތުކުރާ މިންވަރެވެ. އޭގެތެރެއިން އުފަންވެގެން އައީ ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރެއް ހުޅުލޭގައި އެޅުމުގެ ވިސްނުމެވެ. ދިވެހި ސަރުކާރުން އެވަރުގެ ބުރަ ބޮޑު މަޝްރޫޢެއް އަމިއްލައަށް ހިންގާނެގޮތް ކޮންމެކޮންމެ މީހެއްގެ ސިކުނޑިއަށް ނަޔަސް ދިވެހި ސަރުކާރު ހިންގަވަން އޭރު ހުންނެވި ބޮޑުވަޒީރުގެ ވަރުގަދަ ސިކުނޑިފުޅުގައި އެކަމުގެ ރޭވުންތައް އޮތީ ކުރައްސަވާފައެވެ.

ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރެއް ހެދުމަށް ސަރުކާރުން ގަސްތުކުރައްވާކަން 1964 ވަނަ އަހަރުގެ އެޕްރީލްމަހުގެ 27 ވަނަ ދުވަހު އިޢުލާންކުރައްވައިފިއެވެ. މިކަމާ ގުޅިގެން ދިވެހީން ދުށީ އެއީ އިނގިރޭސީންގެ އަތްދަށުން ސަލާމަތްވެ މިނިވަންވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ދިވެހީން އެކަމަށް ޓަކައި ދަލާއި ލޭ އޮހޮރާލިއެވެ. މުޅި ދައުލަތުގެ ހުރިހާ ހަކަތައެއް އެކަމަށް ވާގިދޭގޮތަށް މިސްރާބުކުރިއެވެ. އެކި އަތޮޅުތަކުގެ ވަކިވަކި ރަށްރަށުގެ ރައްޔިތުން އެހީވާން އައެވެ. ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވިއެވެ. އަތުގައި އޮތް މިންވަރަކުން ވަކިވަކި ފަރުދުން މާލީގޮތުން އެހީވިއެވެ. މި ހުރިހާ ކަމަކާއެކު ހުރިހާ ދިވެހީންގެ ބައިވެރިވުމާއި ޝާމިލުވުން އެ މަސައްކަތުން ފެންނަމުން ދިޔައެވެ. އެއީ މިނިވަންކަމަށް ހޯދުމަށް ޓަކައި ދިވެހީން ހުރި ފޯރިއާއި ޖޯޝް ފެނިގެންދިޔަ ޤައުމީ މަސައްކަތެކެވެ. ޤައުމީ ރޫޙާއި ޤައުމީ ލޯބީގެ ބޮޑު ހަރަކާތެކެވެ.
މީލާދުން 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ދިވެހީންނަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ދިވެހީންގެ ވައިގެ ބަނދަރުގެ މަސައްކަތް އޮތީ ގާތްގަނޑަށް ނިމުކަކަށް އައިސްފައެވެ. ދިވެހީންގެ ބުރަ މަސައްކަތުން ޤައުމީ ކަމެއްގެ ގޮތުގައި ބިނާކުރި ހުޅުލޭ ވައިގެ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވީ 1966 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12ވަނަ ދުވަހުއެވެ. އެ ދުވަހު މި ތާރީޚީ ރިބަންފަށް ކަނޑާލެއްވީ ބޮޑު ވަޒީރު އިބްރާހީމް ނާޞިރެވެ. 'ހުޅުލޭ އެއަރޕޯޓް"ގެ ނަމުގައި ހުޅުވުނު މި ތާރީޚީ ވައިގެ ބަނދަރަށް އޭގެފަހުން ވަރަށް ބޮޑެތި ތަރައްޤީއާ ކުރިއަށް އަތުވެއްޖެއެވެ. ތަފާތު އެތައް ނަމަކަށް ބަދަލުވެސް ވެއްޖެއެވެ. މިހާރު އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ.

މި ތާރީޚީ ބައިގެ ބަނދަރަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި މިނިވަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. މިއީ ހަމައެކަނި ވައިގެ ބަނދަރެއް ނޫނެވެ. މިއީ ދިވެހީންގެ ލޭގައި މިނިވަންކަމަށް އޮންނަ ޤަދަރާއި އިޙުތިރާމުގެ ރަމުޒެކެވެ. ދިވެހީން މިނިވަންކަމަށް ޓަކައި ވެފައިވާ ޤުރުބާނީ ފެންނަ ދިރިހުރި މިސާލެކެވެ. މިއީ މުޅި ދިވެހި ޤައުމު، ކޮނޑުގުޅާލައިގެން ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިއީ ދިވެހި ކާބަފައިން މި ޤައުމަށް ޓަކައި އަދާކޮށްފައިވާ އާދަޔާ ޚިލާފު ޤައުމީ ބޮޑު ވާޖިބެއްގެ ދަލީލެކެވެ. ހުޅުލޭ ވައިގެ ބަނދަރުންގެ ބިންގަލަކީ ދިވެހި ރައްޔިތުން އޮޑިދޯނިފަހަރުގައި ގޮސް ގާ ނަގައި، ގާގޮޅިޖަހައި، ގާތަޅައި، ވެލިނަގައި، ވެލިއަޅައި، ޗަކަ ބިންތައް ހިއްކައި ބިންގަނޑު އެއްވަރުކޮށްގެން އެޅި ބިންގަލެކެވެ. މި ހުރިހާ ގަލަކާއި ވެއްޔެއް ކަހަލަ ގޮތަކަށް އުފުލީ ދިވެހީންގެ ކޮނޑުތައްމަތީގައެވެ. ރައްޔިތުންގެ އަމިއްލަ އޮޑިދޯނިފަހަރު މި މަސައްކަތަށް ދިނީ ހިލޭ ސާބަހަށެވެ. ބައިބަޔަށާއި ފަތްވަތްފަންވަތަށް މީހުން ބެހިގެން މަސައްކަތްކުރަމުން ދިޔައީ ގޭގައި ގެންގުޅޭ ކަތިވަޅިއާއި މޮޅޯއާއި ފުރޯއާއި އުދައްޔާއި މަށަންދަތި ފަދަ ތަކެތި ގެންގޮސްގެންނެވެ. މިއީ ގަދަ އަވީގެ ހޫނުގައާއި ވިއްސާރައިގެ ތެރޭގައި ދުވާލާއި ރޭގަނޑުގެ ބޮޑު ބައެއްގައި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ދިވެހި ދަރިންވީ ވަރަށް މަތިވެރި ޤުރުބާނީއެކެވެ. މިއީ ޤައުމީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ. ދިވެހީންގެ މިނިވަންކަމާ ގުޅިފައިވާ އަލިގަދަ ރަމްޒެކެވެ.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment