Support Us

ޢުޘްމާނީ ޚިލާފަތުގެ އެރުމާއި ވެއްޓުން

އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފަހުގެ އިސްލާމީ ޚިލާފަތަކީ ޢުޘްމާނީ ޚިލާފަތު (އޮޓަމަން އެމްޕަޔަރ) އެވެ. އިސްލާމީ ޚިލާފަތަކީ ޚަލީފާއެއް ނުވަތަ އަމީރުލްމުއުމިނީންއެއްގެ ދަށުގައި (އެއް ވެރިޔެއްގެ ވެރިކަމުގެ ދަށުގައި) މުޅި އިސްލާމީ އުންމަތުގެ ޤިޔާދަތު އޮތް ނިޒާމެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ސަރަޙައްދުތަކުގައި އޮތް އިސްލާމީ ޚިލާފަތުތަކުގެ ތެރެއިން ޢުޘްމާނީ ޚިލާފާތަކީ މިހާރުގެ ތުރުކީގައި އެ ޚިލާފަތުގެ ބިންގާ އެޅުނު ތާރީޚަށް ބަލާއިރު ހަ ގަރުނަށް ދިގު ދެމިގެންދިޔަ، މުޅި ދުނިޔެއަށް ވެސް ސިޔާސީ، އިޖުތިމާޢީ އަދި ސަގާފީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައި ބާރުގަދަ ޚިލާފަތެކެވެ.

ކުރީގެ އިސްލާމީ ޚިލާފަތުތައް

މި އުންނަތުގެ މާތް ނަބިއްޔާ މަދީނާގައި ބިންގާއެޅުއްވި އިސްލާމީ ދައުލަތާއެކު އިސްލާމީ ވެރިކަމުގެ ތާރީޚު ފެށުނެވެ. އެކަލޭގެފާނަށްފަހު އައީ ތެދުމަގު ލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިން ނުވަތަ ޚުލަފާއުއްރާޝިދޫން އިސްލާމީ ދައުލަތް ހިންގެވި ދުވަސްވަރު (632-661) އެވެ. އެ ޒަމާނަށްފަހު އުފެދުނީ ޤުރައިޝްވަންހައިގެ ދަރިކޮޅެއްކަމަށްވާ އުމައްޔަތު ބިން ޢަބްދު ޝަމްސަށް ނިސްބަތް ކުރެވުނު އުމަވީ ޚިލާފަތު (661-750) އެވެ. މި ޚިލާފަތުގެ ބާނީއަކީ ކީރިތި ރަސޫލާގެ ޞަޙާބީއެއް ކަމަށްވާ މުޢާވިޔަތު ބިން އަބީ ސުފްޔާނެވެ. އުމަވީ ޚިލާފަތަށްފަހު އޮތީ ޢައްބާސީ ޚިލާފަތު (750-1517) އެވެ. ޢައްބާސީ ޚިލާފަތުގެ ނަން ނިސްބަތް ވަނީ ޤުރައިޝްވަންހައިގެ ދަރިކޮޅެއް ކަމަށްވާ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބަށެވެ. ޢައްބާސީ ޚިލާފަތު ބަލިކަށިވަމުން ދިޔައިރު މުސްލިމުގެ ތެރޭގައި އެންމެ ބާރުގަދަކޮށް އޮތީ މިޞްރުގައި އޮތް މަމާލިކުން (މަމްލޫކީން) ގެ ވެރިކަމާއި ތުރުކީގައި އޮތް ސްލްޖޫޤީން (ސަލްޖުކްސް) ގެ ވެރިކަމެވެ. ޢައްބާސީ ޚިލާފަތު 1517 ވަނަ އަހަރު ނިމުމުގެ ކުރިން ޢުޘްމާނީ ޚިލާފަތުގެ ބިންގާ 1299 ވަނަ އަހަރު އޮތީ އެޅިފައެވެ. މީލާދީން 1261އިން 1517 އަށް އިސްލާމީ ޚިލާފަތު އޮތީ މިޞްރުގައި ވެރިކަން ކުރަމުން ދިޔަ މަމްލޫކީންގެ އަތްމަތީގައެވެ.

ޢުޘްމާނީ ޚިލާފަތު އުފެދުން:

ޢުޘްމާނީ ޚިލާފަތުގެ ނަން ނިސްބަތްވަނީ އެ ޚިލާފަތުގެ ބާނީ ސުލްޠާން ޢުޘްމާން ބިން އުރުޠުޣުރުލް ނުވަތަ ސުލްޠާން ޢުޘްމާން (އެއްވަނަ) އަށެވެ. މި ޚިލާފަތް މީލާދީން 1299 އިން 1922 އަށް ދެމިއޮތެވެ. ޢުޘްމާނީންނަށް ރަސްމީކޮށް އިސްލާމީ ޚިލާފަތު ލިބުނީ މީލާދީން 1517 ވަނަ އަހަރުއެވެ. އަދި މި ޚިލާފަތު ރަސްމީކޮށް އުވާލެވުނީ 1924 ވަނަ އަހަރުގައެވެ.

ޢުޘްމާނީ ޚިލާފަތުގެ ބިންގާ އެޅިގެން ދިޔައީ މީލާދުން 13 ވަނަ ޤަރުނުގެ ފަހުކޮޅު މިހާރުގެ ތުރުކީވިލާތުގެ ސަރަޙައްދުގައެވެ. އޭރު އެ ސަރަޙައްދުގައި އޮތީ ސެލްޖޫޤީންގެ ރަސްކަމެވެ. މި ރަސްކަން ވެއްޓިގެންދާން ފެށުމުން، އުފެދުނު އަމީރުންގެ ކުދިކުދި ރަސްރަސްކަމުގެ ތެރެއިން ސުލްޠާން ޢުޘްމާން (އެއްވަނަ) 1299 ވަނަ އަހަރު މިނިވަން ދައުލަތެއްގެ ގޮތުގައި އިޢުލާނު ކުރެއްވި ރަސްކަން ފުޅާވެ، ފަހުން އެ ރަސްކަމަށް އިސްލާމީ ޚިލާފަތުގެ ވެރިކަން ލިބުނީއެވެ.

މުހިންމު ހާދިސާތައް:

ޤުސްތަންޠީނިއްޔާ ފަތަޙަކުރުން: 

ޢުޘްމާނީ ޚިލާފަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1453 ވަނަ އަހަރު ބައިޒަންޓައިން އެމްޕަޔަރ (ރޯމަން އަންބަރާތޫރު) ގެ ވެރިރަށް ޢުޘްމާނީ ޚިލާފަތުގެ ސުލްޠާން މުޙައްމަދު ފާތިޙް (މުޙައްމަދު ދެވަނަ) ގެ ޒަޢާމަތުގައި ފަތަޙަކުރެއްވުމެވެ. ރޯމަނުންގެ ވެރިރަށް ކަމުގައިވާ ކޮންސްޓަންޓިނޯޕްލް (ޢަރަބިން ކިޔާ ޤުސްޠަންޠީނިއްޔާ) ފަތަޙަކޮށް އެ ސިޓީއަށް އިސްތަންބޫލް ނުވަތަ އިސްލާމީ ސިޓީގެ ނަންދީ، އެއީ ޢުޘްމާނީ ޚިލާފަތުގެ ވެރިރަށްކަމުގައި ކަނޑައެޅިއެވެ.

އިސްލާމީ އުންމަތުގެ ޤިޔާދަތު ލިބުން:

ޢުޘްމާނީންގެ ވެރިކަން ފެށި، ފުޅާވަމުން އައިއިރު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އިސްލާމީ ވެރިކަމަކަށް އެ ވެރިކަން އައީ ބަދަލުވަމުންނެވެ. އޭރު އިސްލާމީ އުންމަތުގެ ޤިޔާދަތު އޮތް ޢައްބާސީ ޚިލާފަތު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތު އެ ރަށަށް ތަތާރުން (މޮންގޯލުން) އަރައި އޮތީ ވައްޓާލާފައެވެ. ތަތާރުން މިޞްރު ހިފުމަށް ކުރި މަސައްކަތް ހުއްޓުވައި އޭރު މިޞްރުގައި ވެރިކަންކުރަމުން ދިޔަ މަމާލިކުން (މަމްލޫކުން) މިޞްރުގައި އިސްލާމީ ޚިލާފަތު ޤާއިމުކުރިއެވެ. އިސްލާމީ ޤިޔާދަތު ޢުޘްމާނީ ޚިލާފަތަށް ލިބުނީ ސުލްޠާން ޔަވޫޒް ސަލީމް (އެއްވަނަ) މިޞްރު ފަތަޙަ ކުރައްވައި، މަމްލޫކުންގެ ވެރިކަން ނިމުމަކަށް ގެންނެވުމުންނެވެ. އަދި ޢައްބާސީ ޚިލާފަތުގެ ފަހު ޚަލީފާގެ އަތްޕުޅުން ޚިލާފަތުގެ މަޤާމު ޢުޘްމާނީންނަށް ބަދަލުކުރުންނެވެ. ރަސްމީގޮތުން ބަލާއިރު ޢުޘްމާނީ ޚިލާފަތުގެ ފުރަތަމަ ޚަލީފާއަކީ ސުލްޠާން ޔަވޫޒް ސަލީމް (އެއްވަނަ) އެވެ.

ޚިލާފަތު ފުޅާކުރުން:

ޢުޘްމާނީ ޚިލާފަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ އެ ޚިލާފަތު ދުނިޔެއަށް ފެތުރި ފުޅާވީ މިންވަރެވެ. ޢުޘްމާނީ ޚިލާފަތުގެ އެންމެ ބާރުގަދަ ދުވަސްވަރު، ދުނިޔޭގެ ތިން ބައްރަށް އެ ޚިލާފަތު އޮތީ ފެތުރިފައެވެ. މިގޮތުން ދެކުނު އިރުމަތީ ޔޫރަޕާއި، ހުޅަނގު އޭޝިއާއާއި އުތުރު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ޢުޘްމާނީ ޚިލާފަތު އޮތީ ފެތުރިފައެވެ. މީގެ ތެރޭގައި މިހާރުގެ ތުރުކީ، ގްރީސް، ބަލްގޭރިއާ، ރޮމޭނިއާ، ބަލްކަން ސަރަޙައްދު، ހަންގޭރީ، މިޞްރު، ސީރިއާ، ޢިރާޤު އަދި ފަލަސްތީނު، ޖޯޑަން، ޢިރާޤު، އަދި ޙިޖާޒުކަރަ ހިމެނިގެން ޢަރަބި ކަރައިގެ ބައެއް ސަރަޙައްދުތަކާއި އީރާނުގެ ބޮޑު ސަރަޙައްދެއް ވެސް އޮތީ ޢުޘްމާނީ ޚިލާފަތުގެ ދަށުގައެވެ. އެއިރު ޢުޘްމާނީ ޚިލާފަތަކީ ދުނިޔޭގެ ބޮޑުބާރެވެ.

ޚިލާފަތު ވެއްޓިގެން ދިޔަގޮތް:

މީލާދުން 17 ވަނަ ޤަރުނަށްފަހު، ޢުޘްމާނީ ޚިލާފަތު ދިޔައީ މަޑުމަޑުން ބަލިކަށިވަމުންނެވެ. މިހެން ދިމާވުމުގައި އެތައް ސަބަބުތަކެއް މެދުވެރިވިއެވެ. އޭގެތެރޭގައި ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި ސިޔާސީ ހަލަބޮލިކަން ބޮޑުވުމާއި، ވެރިކަމުގެ ތެރޭގައި ދިމާވި މައްސަލަތަކުގެ ސަބަބުން ޚިލާފަތުގައި ދާޚިލީ ހަމަޖެހުން ގެއްލިގެން ދިއުން ހިމެނެއެވެ. މީގެއިތުރުން ޢުޘްމާނީ ޚިލާފަތުގެ އެންމެ ބޮޑު ދުޝްމަނުންގެ ގޮތުގައި ތިބި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކަށްވުރެ އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން ޢުޘްމާނީ ޚިލާފަތު ހީނަރުވުމަކީ ވެސް މީގެ ސަބަބެކެވެ.

ޢުޘްމާނީ ޚިލާފަތު ވެއްޓިގެން މެދުވެރިވި އަނެއް ސަބަބަކީ ޚިލާފަތުގެ ދަށުގައި އޮތް ވަކިވަކި ޤައުމުތަކުގައި ޤައުމިއްޔަތުގެ ރޫޙު ވަރުގަދަވެ، މިނިވަންވުމަށް އެދި ހަނގުރާމަފެށުމެވެ. ނުވަތަ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ބަޣާވާތްކުރުމެވެ. އިސްލާމްދީނާއި އިސްލާމީ ޚިލާފަތުގެ އެންމެ ބޮޑު ދުޝްމަނުން ކަމުގައިވާ ހުޅަނގުގެ އިސްތިޢުމާރީ ބާރުތައް އަޑީގައި ތިބެގެން ހިންގި މި ހަރަކާތްތަކުގެ އަޑީގައި އޮތީ ނަސްލީ ތަފާތުތަކާއި، މަޒުހަބީ ދެކޮޅުވެރިކަމާއި، ވެރިކަމަށްއޮތް ދަހިވެތިކަމެވެ. ޢަރަބި ވަކިވަކި ޤައުމުތައް ޢުޘްމާނީ ޚިލާފަތުން ވަކިވުމަށް ކުރި ބަޣާވާތުގައި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާއެކުގައި މަސައްކަތްކުރުމުގެ އެއް ނަތީޖާ އަކީ، 1917 ވަނަ އަހަރު އެބައި މީހުން ޤުދުސް ހިފުމެވެ. މިއީ ފަލަސްޠީނުގެ ބިމުގައި ޞަހްޔޫނީ (ޒަޔަނިސްޓް) އިޒްރޭލު އުފެއްދުމުގެ މަސައްކަތް ފެށުނު ހިސާބެވެ.

ޢުޘްމާނީ ޚިލާފަތު ނިމުމަކަށް އައުމުގައި މިހާރުގެ ތުރުކީވިލާތުގައި އުފެދުނު "އިލްމާނީ ފިކުރު" ވަރަށް އިސް ދައުރެއް އަދާކުރިއެވެ. އިލްމާނީ ފިކުރަކީ، ދައުލަތް ހިންގުމުގައި ދީން، އެކަހެރިކުރުމުގެ ފިކުރެވެ. ދީން އެއީ ފަރުދީ ކަމަކަށް ހަދައި، ދައުލަތުގެ ޤާނޫނުތަކާއި ހިންގުމުގެ ނިޒާމު ދީނީ އަސާސްތަކުން ވަކިކުރުމެވެ.

ޢުޘްމާނީ ޚިލާފަތުގެ ފަހުކޮޅުގައި ޚާއްޞަކޮށް މީލާދުން 19 ވަނަ ޤަރުނުގެ ތެރޭގައި، ޔޫރަޕުގެ ޤައުމުތަކުގެ ކުރިއެރުންތަކަށް ބަލައި، އެ ކުރިއެރުންތައް ހޯދުމުގެ ވިސްނުމުގެ ތެރެއިން ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި "އިސްލާހީ" މަސައްކަތްތަކެއް ފެށުނެވެ. މި މަސައްކަތްތަކުގެ ތެރެއިން ހުޅަނގުގެ އިސްތިޢުމާރީންގެ ވިސްނުމާއި ފިކުރާއި މަދަދާއި އެހީތެރިކަން ލިބޭ، ހުޅަނގުގެ ފަލްސަފާތައް ހިފައިގެން ތެދުވި ޖަމާޢަތްތައް އުފެދިގެން ދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޖަމާޢަތަކަށްވީ "ޜައުން ތުރްކްލަރް" (Young Turks) އެވެ. ތުރުކީގެ އަމިއްލަވަންތަ ޤައުމިއްޔަތެއްގެ މައްޗަށް "ޒުވާން ތުރުކީ" އެއް ބިނާކުރުމުގެ ނަމުގައި ފެށި މި ޖަމާޢަތުގެ ހަރަކާތް ފުޅާވެގެންދިޔައެވެ. ޢުޘްމާނީ ޚިލާފަތަކީ ވަރަށް ގިނަ ނަސްލުތަކާއި ދީންތަކުގެ މީހުން ހިމެނޭ ޚިލާފަތަކަށް ވާތީ، ހަމައެކަނި ތުރުކީ މީހުންގެ މައްޗަށް ބިނާވެފައިވާ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ މި ވިސްނު ޢުޘްމާނީ ޚިލާފަތުގެ ތެރެއަށް ވަދެގެންދިޔައެވެ. ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި އިލްމާނީ ފިކުރު ފެތުރެންފެށުމުން ޚިލާފަތުގެ ތެރޭގައި ދީނީ ބާރާއި ދީނީ ނުފޫޒު ކުޑަވާން ފެށިއެވެ. މިކަމުގެ ސަބަބުން ޚިލާފަތުގެ ހައިބަތު ގެއްލި، އިސްލާމީ އުންމަތުގެ ތެރޭގައި ޚިލާފަތުގެ މަޤުބޫލުކަން ދަށަށް ގޮސް ޚިލާފަތުގެ ބާރު ކެނޑެންފެށިއެވެ. އެންމެ ފަހުން އިލްމާނީ ޖަމާޢަތުން 1909 ވަނަ އަހަރު ޢުޘްމާނީ ޚިލާފަތުގެ ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދު ވެރިކަމުން ދުރުކޮށް ޚިލާފަތުގެ ބާރުތަކަށް ވެރިވެގަތެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ (1914-1918) އަކީ ޢުޘްމާނީ ޚިލާފަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި ހަނގުރާމައިގައި ޢުޘްމާނީން ބަލިވުމާއެކު، އެމީހުންގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތައް ގެއްލިގެން ދިޔައެވެ. އަދި ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ބިންތައް އެކިގޮތްގޮތަށް ފޮތިފޮތިކޮށް ބަހަމުން ދިޔައެވެ. މި ދަނޑިވަޅުގައި، މުޞްޠަފާ ކަމާލް އަތާތުރުކްގެ އިސްވާރުކަމުގައި ތުރުކީގެ "މިނިވަންކަމުގެ ހަނގުރާމަ" ފެށިއެވެ. އިލްމާނީ މި ހަރަކާތުގެ އަމާޒަކީ، ދީނީ ބާރުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ، ޒަމާނީ، ޤައުމެއް ބިނާކުރުމެވެ. މި ހަރަކާތުގެ ކާމިޔާބީއާއެކު، 1922 ވަނަ އަހަރު ޢުޘްމާނީ ޚިލާފަތު އުވާލައި، ދައުލަތުގެ ސިޔާސީ ބާރު ޚިލާފަތުން ވަކިކުރިއެވެ. އަދި އޭގެ ދެ އަހަރު ފަހުން، 1924 ވަނަ އަހަރު، މުޞްޠަފާ ކަމާލްގެ ނިންމެވުމެއްގެ ދަށުން، ޢުޘްމާނީ ޚިލާފަތް އެއްކޮށް އުވާލިއެވެ.

ޢުޘްމާނީ ޚިލާފަތުގެ ދިގު ތާރީޚުގައި އަދި އެ ޚިލާފަތުގެ ކީރިތި ކަމާއި މޫރިތިކަން އޮތް ދުވަސްވަރު ކުރެވުނު އިސްލާމީ ދިރާސާތަކަށާއި، އާކިޓެކްޗަރަށާއި، ސަގާފަތަށާއި، އިންސާފުވެރިކަމަށް ދިން އިސްކަމުގެ ސަބަބުން، މިއަދުވެސް އެ ޚިލާފަތުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ. އެއީ މުސްލިމުންގެ އާރާއި ބާރުގެ ރަމްޒެއް ގޮތުގައި ތާރީޚުން ފެންނަން އޮތް މުހިންމު ދައުލަތެކެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *