އެބްރަހަމް އެކޯޑްސް (އިބްރާހީމީ އެއްބަސްވުންތައް) މިއީ އެމެރިކާ އިސްވެ އޮވެ އިޒުރޭލާއި ޢަރަބި އަދި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ޤައުމުތަކުން ވަކިވަކިންވާ އެއްބަސްވުންތަކެކެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ނަންދީފައިވާ މި އެއްބަސްވުމަކީ ސަމާވީ ތިން ދީނުގެ އަހުލުވެރިން ކަމުގައިވާ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށްގެން ސުލުހަވެރިކަމާއެކު މެދުއިރުމަތީގައި ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މި އެއްބަސްވުންތަކާމެދު އިސްލާމީ ގިނަ ޤައުމުތަކުގެ ރައްޔިތުން ދެކެނީ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. ގިނަ އިސްލާމީ ޤައިމުތައް އަދި ބައިވެރިވެފައި ނުވާ މި އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައި ވަނީ އަރަބި ހަތަރު ޤައުމަކުންނެވެ.
އެބްރަހަމް އެކޯޑްސް އެކުލަވައިލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައެވެ. މި އެއްބަސްވުމުގައި އެންމެ ފުރަތަމަ އެމެރިކާއާއި އިޒުރޭލާއެކު ސޮއިކުރީ 15 ސެޕްޓެންބަރު 2020 ގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ބަހުރެއިނެވެ. އޭގެފަހުން އެ އަހަރުގެ އޮކްޓޫބަރުމަހު ސޫދާނުން އަދި ޑިސެންބަރުމަހު މޮރޮކޯއިން ވަނީ ސޮއިކޮށްފައެވެ.
އިޒުރޭލާއި ޢަރަބި-އިސްލާމީ ޤައުމުތަކާ ގުޅުން ޤާއިމުކުރުމުގެ ފެށުމަކީ 1979 ވަނަ އަހަރު މިޞްރުން އިޒުރޭލުގެ ޔަހޫދީ ޒަޔަނިސްޓް ދައުލަތަށް އިޢުތިރާފުވެ ސިޔާސީ ގުޅުން ޤާއިމުކުރުމެވެ. އޭގެފަހުން 1994 ވަނަ އަހަރު އުރުދުނުން ވަނީ އިޒުރޭލާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައެވެ. މިފަދަ ކޮންމެ އެއްބަސްވުމަކީ ވެސް އެމެރިކާއާއި ޒަޔަނިސްޓް ބާރުތަކުން އަޑީގައި ތިބެގެން މަކަރާއި ހީލަތުން ވުޖޫދަށް ގެނެސްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގައި ޢަރަބި އިސްލާމީ ޤައުމުތަކުން ސޮއިކޮށްފައި ވަނީ ބޭރުފުށުން ފެންނަ ދެލިގަނޑަށް ބަލައިގެން މެދުއިރުމައްޗަށް ސުލުހަ ގެނެސް، ޚާއްޞަކޮށް ފަލަސްތީނުގެ މައްސަލަ ހައްލުކުރެވޭނީ މިގޮތުގެމަތީން މަސައްކަތްކޮށްގެން ކަމަށް ގަބޫލުކޮށްގެންނެވެ. މި ވިސްނުމާއި ފިކުރު އެމެރިކާއިން ލައިދެމުން ދަނީ އެ ޤައުމުތަކުގައި އޮތް ޒަމާންވީ ރަސްކަންތަކާއި އެ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުން ދިފާޢުކުރުމުގެ ޖާމިނުކަން ދީގެންނެވެ.

މިހާތަނަށް އިޒުރޭލާއި ޢަރަބިންނާ ދެމެދުގައި ވެފައިވާ އެއްވެސް އެއްބަސްވުމަކުން އިސްލާމީ އުންމަތަށް ލިބުނު ރަނގަޅެއްނެތެވެ. އޭގެ ބަދަލުގައި ހުރިހާ ފައިދާއެއް ވަނީ އިޒުރޭލަށާއި ޒަޔަނިސްޓުންނަށެވެ. މި އެއްބަސްވުންތަކުގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެ، ފަލަސްތީނުގެ މައްސަލައަކީ އިސްލާމީ އުންމަތުގެ މައްސަލައެއްކަމަށް ދެކެމުން އައިގޮތް ބަދަލުވެ، އެއީ ސަރަޙައްދީ ނުވަތަ ސިޔާސީ މައްސަލައެއްގެ ގޮތުގައި ވަނީ ދެކެންފަށާފައެވެ. މިއާއެކު، މުޅި ސަރަޙައްދުގައި އިޒުރޭލުގެ ބާރު ގަދަކޮށް، ފަލަސްތީނުން އިތުރު ބިންތައް ފޭރި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ވަނީ ނަސްލު ނައްތާލުމުގެ ބޮޑު ގަތުލުއާންމަކަށް ހަދާފައެވެ.
އެބްރަހަމް އެކޯޑްސްގައި މެދުއިރުމަތީގައި ސުލުހައާއި ހަމަޖެހުން ޤާއިމުކުރުމާއި، އިންސާނިއްޔަތުކަން އިސްކޮށް އެއްބަޔަކު އަނެއް ބައެއްގެ ނަސްލާއި ދީނާއި ސަގާފަތަށް އިހުތިރާމުކުރާނެ ކަމަށް ލިޔެފައި އޮތަސް، ހަގީގަތުގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވަމުން ދަނީ ހަމައެކަނި އިޒުރޭލަށެވެ. ހަމައެއާ އެކު މުޅި ސަރަޙައްދަށް އޮތް އިޒުރޭލުގެ ބިރުވެރިކަން ދަނީ ބޮޑުވަމުންނެވެ. ސަރަޙައްދީ ބިރެއްގެ ގޮތުގައި އެމެރިކާއާއި އިޒުރޭލުން މެދުއިރުމަތީގެ ޤައުމުތަކަށް ދައްކަނީ އީރާނެވެ. އެ ޤައުމުގެ ބިރުވެރިކަން ކުޑަކުރުމަށް ކަމަށްބުނެ މި އެއްބަސްވުންތަކުގައި ބައިވެރިވާ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއާއި އިޒުރޭލުން ދަނީ ބާރު އަޅަމުންނެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން އިޒުރޭލަށް ޢަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކޮށް، ސިޔާސީގުޅުން ގާއިމުކުރުމުގެ މަގު ދަނީ އަލިވަމުންނެވެ. އަދި އިޒުރޭލަކީ އެއްވެސް ނުރައްކަލެއް އަދި ބިރުވެރިކަމެއްނެތި ސަރަޙައްދީ އެންމެ ބޮޑު ބާރުގެ ގޮތުގައި އޮންނަ ދައުލަތަކަށް ހެދުމަށް ޒަޔަނިސްޓުން ކުރާ މަސައްކަތަށް މިއީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން މި އެއްބަސްވުން ވެފައިވަނީ އިޒުރޭލު މެދުވެރިކޮށް އިސްލާމީ އުންމަތާ ދެކޮޅަށް ޚާއްޞަކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ޒަޔަނިސްޓުން ހިންގާއިރު، ޢަރަބި އިސްލާމީ ދައުލަތްތަކުގެ ލޯތައް ކަނުކޮށްފައިވާ އަދި ކަންފަތްތައް ބީރުކޮށްފައިވާ އެއްބަސްވުންތަކަކަށެވެ. މިއަދު އިސްލާމީ އުންމަތުން ޣީރަތްތެރިކަމާއި އެއްބައެއްވަންތަކަމުގެ އިހުސާސްތައް ކެނޑިފައިވަނީ އިސްލާމީ އުންމަތުގެ ހިތަށް ދީނުގެ އަދުވުން ޖަހާފައިވާ މިފަދަ ހަންޖަރުތަކުގެ ސަބަބުންނެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment