Support Us

ވާހަކަ: ރަން އުޅާ- 7

ޗެޕްޓަރ 7

ވިއްސާރަ ރޭގެ ބައްދަލުވުން

ދުއްޕާން ވިއްސާރައިގެ ގަދަ މޫސުމަކަށް ފަހު، އެންމެ ފަހުން އުޑުމަތި އަލިވާން ފަށައިފިއެވެ. އެ ވެހުނު ވާރޭގައި، އުލިގަމު އެއްކޮށް ދޮވެ ސާފުވެ، ހަމަޖެހުން އަންނަން ފަށައިފިއެވެ. އަހުމަދު ވަރަށް ދާހިތުން ރޭވި ޕިކްނިކް ދަތުރު ފަސްކުރެވިފައި ވަނީ މޫސުން ރަނގަޅުވަންދެންނެވެ. ގަސްގަހާގެހީގެ ފަތްތައް ދޮވެވި ކުލަ ގަދަވެ، އޮހުނު ވާރޭން ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިނދެމުން ދިޔައެވެ. އަހުމަދަށް މިދަތުރު ހަމަ އެކަނި ޕިކްނިކު ދަތުރަކަށް ވުރެ މުހިންމެވެ. އޭނާ ބަލަމުން ދިޔައީ މި ދަތުރުގެ ސަބަބުން މަރިޔަންއާ އިތުރު ގާތްކަމެއް އުފެދި އޭނާގެ ނިޔަތް ހާމަ ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށެވެ. އާނއެކެވެ. މަރިޔަންއަށް ކައިވެނި ހުށަހެޅުމަށް ފުރިހަމަ ފުރުސަތެއް ފަހިވެގެން ދިއުމެވެ. އޭނާގެ ހިތް މަރިޔަންއަށް ހުޅުވާލައި، މަރިޔަންއާ އެކު ފާޅުގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރުމެވެ. އޭނާގެ ހިތުގެ ސްކްރީނުގައި މުސްތަގުބަލުގެ ފޮނި ހުވަފެންތަކުގެ ކުލަ ފިލްމުތައް އަޅުވަމުން ދިޔައެވެ.

މިދަތުރު ކުރިއަށް ގެންދިއުމަށްޓަކައި އަޙްމަދަށް މި ވަގުތު ބޭނުންވެފައިވަނީ ހަސަންގެ ކުޑަ ދޯންޏެވެ. ކޮންމެ ގޮތަކުން ނަމަވެސް މަރިޔަން އެ ކަންތައް ކުރާނެކަން އޭނާއަށް އެނގެއެވެ. ޚުދު އަހުމަދުވެސް މިހާރަކު ހަސަނަކާ ރުޅިވެރިކަމެއް ނެތެވެ. ނެތީ ކުރީގެ ގާތްކަމާއި އެކުވެރިކަމެވެ. އެ ކަންތައްވެސް ކާވެނީގެ ފަހުން ހައްލުވެގެންދާނެ ކަމަށް އޭނާ ވިސްނަމުން ދިޔައެވެ. އެހެން ނޫނަސް އޭނާ ހަސަނާ ރުޅިވާން ޖެހޭނެ ސަބަބެއް މިހާރަކު ނުވެސް ނެތް މެއެވެ. ހަސަނަކީ މިހާރަކު އޭނާގެ ކުރިމަތީގައި އޮތް ހުރަހެއް ނޫނެވެ. އަދި ރަށުގައި އެކަމަށް ޗެލެންޖް ކުރެވޭނެ އެއްވެސް ޒުވާނެއް ނުވެސް ނެތްމެ އެވެ. މިހާރު އޮތްހާވެސް ހުރަހަކީ މަރިޔަންގެ އާނ ބަހެވެ.

***

އުލިގަމު އުތުރުކޮޅުގައި ހަސަން އުޅެމުންދިޔައީ ރަށުގެ އަޑުތަކާ ދުރުގައި އޭނާގެ އެކަނިވެރި ވުޖޫދުގައެވެ. މަރުޙޫމް ބައްޕަގެ އަތުން ވާރުތަވެފައިވާ އޭނާގެ ދަނޑިފަނުގެ ގެ، މިހާރު މިވަނީ އާބާތުރަ ފިލުވައި އަލުން އާކޮށްފައެވެ. ހުދު ދޮންވެލި ހަނި ތުނޑިއަކަށް މޫނުލެވޭ ގޮތަށް ހުރި މި ޖިފުޓި، ނުވަތަ ފަން ގެ ވަނީ މި ގުދުރަތީ މާހައުލާ ވަރަށް ފުރިހަމައަށް ގުޅޭ ގޮތަށެވެ. ރުއް ދަނޑުތެރޭގައި ރުކުފަނުން ފުރާޅު ލައި، ރުއް ލަކުޑިން މަތިވަޑާންކޮށް ބިތުގައި ދަނޑި ޖަހައި ސާދާކޮށް ބިނާ ކޮށްފައިވާއިރު ގޭތެރެ ފިނިވެފައި ނިކަން އަރާމެވެ. އެގޭގައި ދެބައެއް ހުއްޓެވެ. އެއީ ނިދާ އެނދު ހުންނަ ކޮޓަރިއާއި ދިރިއުޅޭ ކޮޓަރިއެވެ. އެއީ އޭނާ މަސްވެރިކަމަށް ބޭނުން ކުރާ ސާމާނުތައް ބަހައްޓައި އަދި ކައިބޮއި ހަދާ ތަނެވެ. ބަދިގެ ހުންނަނީ ގެޔާ ވަކިން ކުޑަ ތަންކޮޅެއް ދުރުގައެވެ. ބަދިގޭގެ ބޭރުގައި ތެލިތަށި ބަހައްޓާނެ ހަރެއް ހަދައިފައި ހުއްޓެވެ.

އެ ގެޔަކީ ހަސަންގެ މުޅި ދިރިއުޅުން ހޭދަކުރާ ތަނެވެ. އޭނާގެ ދުނިޔެއެވެ.

ހަވީރު ވަގުތު ކައިރިވަމުން އައިއިރު ހަސަން އޭނާގެ އާދައިގެ ދިރިއުޅުމުގައި ދެމިހުއްޓެވެ. އޭނާ މަސްވެރިކަމުގެ މަސައްކަތުން އަވަދިވެގެން ގެޔަށް އައިސް ގެޔާއި ބަދިގެޔާ ދެމެދު ހުރި ފެން ވަޅުގެ ދާންޏަކުން ފެންނަގައި ގަޔަށް އަޅަމުން ދިޔައެވެ. އެވަގުތު އަނެއްކާވެސް ވާރޭވެހެން ފެށިއެވެ. ވެހޭ ވާރޭގެ ފެންތިކިތަކުން ވެސް އިތުރު ތާޒާ ކަމެއް ހަށިގަނޑަށް ލިބިގެން ދިޔައެވެ. ދުވަހުގެ ބުރަ މަސައްކަތް ނިމުމުން ރީއްޗަށް ފެންވަރައިލުމަކީ އިތުރު އަރާމުކަމެއް ލިބޭ ކަމެކެވެ. ދުވާލުގެ ހުރިހާ ބުރަދަނެއް ފިލައިގެންދާ ކަމެކެވެ. އޭނާ ފެންހިއްކަން ގެންގުޅުނު ތުނި ތުވާލިގަނޑު ގައިގައި އޮޅާލައިގެން ހުރެ، ބަދިގެއަށް ވަދެ، އުދައިފައިވާ ފެންކުރާ ނަގައިގެން ގެޔަށް ވަންނަން އަތުވެއްޖެއެވެ. އޭރުވެސް އޭނާގެ ތެމިފައިވާ އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައެވެ. އޭރު ކުއްލިއަކަށްހެން ވާރޭ ބޯކޮށްލިއެވެ. އޭނާ އަވަހަށް ގެޔަށް ވަންނަން އައި ވަގުތު ގޭގެ އަސްކަނި ދޮށުގައި މަރިޔަން ހިޔާ ވެވޭތޯ ބަލަން ހުރިތަން ފެނިފައި ހައިރާންވެ މެއަށް ފިނިވެގެން ދިޔައެވެ. ދެފައިން ބާރު ގޮސް ކުރިއަށް ދާން ހަނދާންނުވެ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާ އަވަހަށް ތުވާލިކޮޅުން އިތުރަށް ފޮރުވެން މަސައްކަތް ކުރަމުން މަރިޔަންއަށް ގެޔަށް ވަންނަން އިޝާރާތް ކުރިއެވެ.

"ވާރޭގައި ނުތެމި އެތެރެއަށް ވަދޭ، މަރިޔަން،" އޭނާ ދޮރުގެ ފުޅަލިގަނޑު ހިއްލާލަމުން މަރިޔަންއަށް އިލްތިމާސް ކުރިއެވެ.

ހަސަން މަރިޔަން އިށީންނާނެ ގޮނޑިއެއް ދެއްކިއެވެ. އެ ނޫން ގޮނޑިއެއް ނުވެސް ނެތްމެއެވެ. އޭރު މަރިޔަންއަށް ހަސަންގެ ކަސްރަތީ، ވަރުގަދަ، ޒުވާން ހަށިގަނޑު ނުހަނު ގާތުން ހާމަވެފައި ވެއެވެ. އެއީ ކުޑައިރު ފެނުނު ހަސަނެއް ނޫނެވެ. މަރިޔަންއަށް ނޭވާލާން ދަތިވިއެވެ.

ހަސަނު އަވަހަށް އެތެރެއަށް ވަދެ ސާފު ޖީންސްބުރިއަކާއި ޓީޝާޓެއް ލައިގެން ނުކުމެއްޖެވެ. އޭރު މަރިޔަންގެ އިސްތަށިގަނޑުން ވާރޭގެ ފެންތިކިތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. އޭނާ އެ ފެންތިކިތައް ހިއްކައިލައިދޭން ހިތް އެދުނުކަމުގައި ވިޔަސް އެ ހިތްވަރެއް ނުލިބުނެވެ. އޭނާ ގެނައި ސާފު ތުވާލިކޮޅު މަރިޔަންގެ އަތަށް ދިއްކޮށްލިއެވެ.

އެ ކުޑަކުޑަ ގޭގެތެރޭގައި ނޭވާއެއް ލެވޭ ވަރަށް ވުރެން ވާންކަން ބޮޑުވެފައިވެއެވެ. ގޭތެރޭގައި ދިއްލާފައިވާ ބައްތީގެ ހުޅުކޮޅުވެސް ފަރާތަކަށް ގުޑާނުލައެވެ. އެ މާހައުލުގެ ޓެންޝަން އެހާވެސް މަތިވެފައިވެއެވެ.

ހަސަނު ހަރުގަނޑުމަތީ ހުރި ޖޯޑުތަށި ނަގައިގެން އައިސް މަރިޔަންއަށް ސައި އަޅައިދިނެވެ. މަރިޔަން ތަށީގައި ހިފަން އުޅުމުގެ ތެރޭގައި ހަސަންގެ އަތުގައި ބީހިލެވުނެވެ. އެއާއެކު ކަރަންޓްގައި ޖެހުނު ފަދަ އިހްސާސެއް މަރިޔަން އަށް ކުރެވުނެވެ.

ހަސަން އަކީ މަރިޔަންއަށް އާ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ޒުވާންކަމުގެ ޖާދޫ މީގެ ކުރީން މިހާ ކައިރިން އޭނާއަކަށް ފެނިފައެއް ނުވެއެވެ.

އޭރު މަރިޔަން ޖަހާފައިވާ އަނައިސްއަނައިސް ސެންޓު ވަސް ހަސަންގެ ހިއްސުތަކާ ސިއްރުސިއްރުން ކުޅެމުން ދިޔައެވެ. އޭނާވެސް ބިއްލޫރި ތައްޓަކަށް ސައި އަޅައިގެން ތައްޓެއްގައި ހުރި މުރަނަ ކުޅި ރޮށިތަކެއް މޭޒުމައްޗަށް ގެނައެވެ.

އެ މާހައުލުގެ ހިމޭންކަން މުގުރާލެވޭތޯ މަރިޔަން އުޅުނެވެ. އޭރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރުލުމެއް ހުއްޓެވެ.

"އަހަރެން… މިއައީ ކަލޭގެ ބައްތެލި އަހަރެމެން ޕިކްނިކް ދާން ދީފާނަންތޯ އަހާލަން،" ގަރުނެއް ހީވާ ވަގުތުކޮޅަކަށް ފަހު އަނެއްކާވެސް ވާހަކަ ދެއްކީ މަރިޔަން އެވެ. "އަހުމަދު ބޭނުންވަނީ އަހަރެމެންގެ މަޑުލަށް ޕިކްނިކަށް ގޮސްލަން."

ހަސަނުގެ މޫނުމަތީގެ ކުލަވަރު، ފަސްޖެހުމާއި ނުރުހުމުގެ ބޯ ވިލާގަނޑެއްހެން ފެތުރިގެން ދިޔައެވެ.

"އަހަރެންގެ ބައްތެލި؟ މަރިޔަން އަށް އެނގޭތަ އެއީ އަހަރެން މީހެއްގެ އަތަށް ދޫކޮށްލާނެ އެއްޗެއް ނޫންކަން؟"

މަރިޔަން އާދޭހުގެ ރާގުގައި ބުންޏެވެ. "އަހުމަދަށް ބައްތެލި ދުއްވަން އެނގޭ- އޭނާ ރިސޯޓުގައި ކެޓެމަރާން ދުއްވަން އުޅުނު ވާހަކަވެސް ކިޔައިދިން."

"އެކަމަކުވެސް ހެޔޮ. އަހަރެން ނުގޮސް މީހެއްގެ އަތަށް ބައްތެލި ދޫކޮށެއް ނުލެވޭނެ."

"ދެން ހަސަންވެސް ދާންވީނު،" މަރިޔަން ބާރުއެޅިއެވެ. "ހަސަން ދެކެ ރުޅިން ހުރި އެކަކުވެސް ނޫޅޭ. އަހުމަދަކީވެސް ހަމަ އަދިވެސް ކުޑައިރުން ފެށިގެން އުޅުނު ރަހުމަތްތެރިއެއްނު؟" މަރިޔަން ހަނދާންކޮށްދިނެވެ.

"އެކަމަކުވެސް އަހަރެން ތިޔަ ކަހަލަ ދަތުރު ދާހިތެއް ނުވޭ."

މަރިޔަން ހީކުރިހާ ފަސޭހައިން ހަސަން މިކަމަށް އެއްބަހެއް ނުވިއެވެ.

ހަސަން ކުއްލިއަކަށް ތެދުވިއެވެ.

"މި ވިއްސާރަ މާ އަވަހަކަށް ހުއްޓާނެ ހެނެއް ހިޔެއް ނުވޭ،" އޭނާ މަރިޔަން ފޮނުވާލަން އުޅޭ ފަދައަކުން ބުންޏެވެ. "ހިނގާ މަރިޔަން، ނުތެމި ގެޔަށް ދެވޭތޯ އުޅެމާ."

ހަސަން ވާރޭގެ ތެރެއަށް ނުކުމެ ގޯތިތެރޭ ހުރި ކެޔޮގަހަކުން ބޮޑު ކެޔޮފަތެއް ކަނޑައިގެން އަތުވެއްޖެއެވެ.

"އާދޭ، މަރިޔަން. އަނދިރި ނުވަނީސް ދާން."

ހަސަނު ގެނައި ކެޔޮފަތުގެ ހިޔަލުގައި ގެޔަށްދާން މަރިޔަން ނުކުތެވެ. އޭރު މަގުގައި ވެސް އޮތީ ފެން ހެދިފައެވެ. އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. މަރިޔަންގެ ގަޔަށް ފެންތިއްކެއް ނުޖަހާނެހެން ހަސަން ނިވާ ދީގެން ހިނގަމުން ދިޔައެވެ

އެވަގުތު ކުއްލިއަކަށް މަރިޔަން ހަސަންގެ އަތުގައި ހިފާލިއެވެ.

"ހަސަން. މިކަން އަހަންނަށްޓަކައި ކޮށްދީ!" ވަރަށް ލޯބިވެތި ގޮތަކަށް މަރިޔަން ހަސަނަށް ބަލައިލިއެވެ. "އަހަރެމެންގެ ކުޑައިރުގެ ރަހުމަތްތެރި ކަމަށްޓަކައިވެސް…"

ހަސަން ކުއްލިއަކަށް މަރިޔަން ފެންގަނޑަކުން ދުރަށް ޖެއްސިއެވެ. އެއާއެކު މަރިޔަން އޭނާގެ ގަޔާއެކު އޮޅުލައިގަނެވިއްޖެއެވެ.

ހަސަންއަށް ނޭވާއެއްވެސް ނުލެވި ހިނދުކޮޅެއް ދިޔައެވެ.

"އެންމެ ރަނގަޅެވެ." ހަސަންގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. "އަހަރެން ތިޔަ ދަތުރު މަރިޔަންއަށް ދެވޭ ގޮތް ހަދައިދޭނަން."

މަރިޔަންއަށް އުފަލުން ހަސަނު ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ.

"ހާދަ ރަނގަޅޭ މަގޭ ހަސަން!" އޭނައަށް ބުނެވުނެވެ.

"އަހަރެން ބައްތެލީގައި ދާނަން. އެކަމަކު ތިއިން އެއްވެސް ކުޅިވަރެއްގައި ބައިވެރިއެއް ނުވާނަން."

ހަސަނާއި މަރިޔަން މިހާ ގައިގޯޅިކޮށް އެކުގައި ދާތަން މީހަކަށް ފެނުމުގެ ކުރީގައި އަވަހަށް މަރިޔަންގެ އަތަށް ކެޔޮފަތް ދީފައި ހަސަނު ހިޔަލަކަށް ވަނެވެ.

"ނުތެމި ދާތި!" ހަސަނު ބުނެލިއެވެ.

***

އޭރު ހަސީނާ އެ މަންޒަރު ބަލަން ދުރުގައި ހުރިކަމެއް އެމީހުންނަކަށް ރޭކާވެސް ނުލައެވެ.

ހަސީނާ ހުރީ އުފާވެފައެވެ. އޭނާއަށް އަގުބޮޑު ހަދިޔާއެއް ލިބުނު ފަދައިންނެވެ.

އޭނާއަށް މިފަހަރު އަހުމަދު ނޫނީ ހަސަނު ކާމިޔާބުވުމުގެ ހުވަފެން މާ ސާފުކޮށް ފެނިގެން ދިޔައެވެ. ބޮޑަށް ރަނގަޅީ އަހުމަދެވެ. އަހުމަދު ނުލިބިއްޖެއްޔާ ހަސަން ކާމިޔާބު ކުރުމަށް އޭނާ ވިސްނުން ހިންގާލިއެވެ. އެގޮތަކީ މި ރަށުގައި ތިބި އެންމެ ކަމުދާ ދެމީހުންނަކީ އެއީ ކަމަށް ވީމައެވެ.

އޭރު މަރިޔަންގެ ހިތް ވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނާ އަވަސް ފިޔަވަޅުގައި ގެޔާ ދިމާއަށް ހިނގަމުން ދިޔައެވެ. ހަސީނާ ވެސް ދުރުދުރުން މަރިޔަންގެ ފަސްފަހަތުން ދިޔައެވެ.

ހަސަން، އޮއްސުނު އިރުގެ ރަން ދަޅަތައް ވާރޭގެ ތެރޭން ބަލަން ހުއްޓެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *