ސިންގަޕޫރުގައި މިއަދު ހެނދުނު ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން ބޭއްވި ފޯރަމެކެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެކެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު ކުރިއެރުންތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ވެދެއްވާފައިވާ ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިނާމު ދެއްވާފައެވެ.
އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ، ސާފު ހަކަތައާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް، މި ފޯރަމްގެ މުހިންމު ބައެއް ގޮތުގައި އާންމުކުރައްވާފައިވެއެވެ.
މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން އިތުރު ދެ އެގްރިމެންޓެއްގައި ސޮއިކުރެއްވިއެވެ.
އެ ގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާ ދެމެދު ސޮއިކުރިއެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ. ހެންލީ އެންޑް ޕާޓްނާރސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޤާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމާ ގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށްވެސް މި މަޝްރޫޢުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ސިންގަޕޫރުގެ މިނިސްޓަރ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަރަންމެންޓް، ހާ އެކްސެލެންސީ ގްރޭސް ފޫ ހައި ޔިއެން، މި ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ކުރިއަށްގެންދެވޭ ޕާޓްނަރޝިޕް އިނީޝިއޭޓިވްތަކުގެ ހެޔޮ މިސްރާބު ފާހަގަ ކުރައްވައި، މި ކުރިއެރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމުގެ އުންމީދު އައުކުރެއްވިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ އެކި މެންބަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ވަރުގަދަ ގުޅުމުގެ ބިންގަލުގެ މައްޗަށް ބިނާކޮށް އިތުރު ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ފޯރަމްގައި، "ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: އެކްސްޕްލޯރިންގް އިންވެސްޓްމެންޓް ޕާޓްނަރށިޕްސް،" ޝިޢާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންދެވުނެވެ. މި މަޝްވަރާގައި އަލިއަޅުވާލެވުނީ ދިވެހިރާއްޖޭގެ ފުޅާ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމުގެ މައްޗަށެވެ.
ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، އެހެނިހެން ޚާއްސަ ހަރަކާތްތައްވެސް މި ފޯރަމްގެ ހަވާސާގައި ކުރިއަށްދިޔައެވެ.



advertisment

