ދިވެހީންގެ ބިޔަ ސަރަހައްދުވީ ގަދަ ބާރުގަައި އަތުލާފަޔޭ
ދިވެހީންގެ ގިނަ ތާރީޚުފޮތް އަތުލައި ވެރީން އިހު އެންދިޔޭ
ރާއްޖޭ މިބިޔަ ކަނޑުގައި އިހަށް ވެރިކަންކުރީ ދިވެހީންކަމާ
ރާއްޖޭގެ އޮތްކަން ބާރަހާސް ރަށްވީ މިއަދު ނޭނގުމުގަޔޭ
"އަޙުމަދު އިބުނު މާޖިދު" ފުށުން އެބައޮތް އެނގޭން ރަނގަޅަށް އެކަން
ބަހުރުގެ މަހަލްދީބުގެ ތެރޭ ކުޅަހައި ދަތުރު ލިޔެފައިވެޔޭ
ރަސްރަސްކަލުންގެ ލަޤަބުފުޅާ އެކުގައި އިހަށްކީ ތާނިޔާ
ވަސްވެސްފިލައި ނެތި ދިޔަކަމަކު ރަށްތަށު ޢަދަދު ގުޅިފައިވެޔޭ
ފޭރުނު އެހުރިހައި ރަށްރަށެއް ދިވެހީން ފޮތަކު ލިޔެފަައި ނެތަސް
އޭރުގެ މޮޅަތި ނިޔަމީން އެކަން ފޮތްފޮތުވަނީ ލިޔެދީފަޔޭ
ހުޅުދޫ އަރާއިރަގޭ ނިޔަމި މޫސާ ލިޔުއްވި ފޮތާ ނިކަން
ގުޅުވައިލެވޭ މާޖިދުގެ ފޮތް އެދެފޮތް އެކަން ބުނެދޭނެޔޭ
ދިވެހީންގެ ތަންތަން ފޭރިފައި ދައުލަތް ތަކެއް ހެދިޔަސް އެތާ
ދިވެހީން އެތަންތަން ހޯދުމަށް ދައުވާ ކުރަން ލާޒިމުވެޔޭ
ގައުމުގެ އެފަދަ ތާރީޚުތައް ނުބަލައި ލިޔާ ރަސްދަރި ކޮޅާ
ގައުމުގެ އިހުގެ ގަޑުބަޑު ތަކުން ގައުމަށް މޮޅެއް ނުލިބޭނެޔޭ
