Support Us

ކޮލަމް ކޯދު: އިސްލާމީ ގޮތުގެ ވާހަކައެއް

މި ދުވަސްކޮޅަކީ 'އިސްލާމީ ގޮތް' މީސްތަކުން ދުލުން ބަޔާންކޮށް، ވަކި ބަޔަކު އެއީ މުސްލިމުން ނޫން ކަމުގައި ކަނޑައަޅައި، އެ ފަދަ ބަޔަކަށް ތާއީދު ކުރުމަކީ އިސްލާމީ ގޮތެއް ނޫން ކަމުގައި ސީދާ ގޮތެއްގައްޔާއި ނުސީދާ ގޮތުގައި ބުނެ އުޅޭ އަޑު އިވޭ ދުވަސް ވަރެކެވެ.

އެހެންވެ، އިސްލާމީ ގޮތަކީ ކޮބައިކަމާ މެދު އެއްޗެއް ބުނެލުން އެންމެ ރަނގަޅު ކަމަށް ފެނެއެވެ. ހަނދާން ކޮށްލަން ޖެހޭނީ މިއީ މި ލިޔުންކޮޅު ލިޔާ މީހާގެ ރައުޔު ކަމުގައެވެ. ކަމުގެ އެންމެ ފަހުގެ ބަސް ނޫން ކަމުގައެވެ. ކޮންމެ މީހަކަށް ވެސް، އެ މީހަކަށް ފެންނަ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެއެވެ.

1. އިސްލާމީ ގޮތަކީ ހައްގަށް ނަސްރުދިނުމެވެ. ހައްގުގެ ކޮޅުގައި ތިބި ބަޔަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވަނީ މިފަދައިންނެވެ:

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ

(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! [މިތާނގައި މުޚާތަބުކުރެވެނީ ކީރިތި ގުރުއާނަށާއި މުހައްމަދު (ސ)އަށް ތަބާވީ މީހުންނަށެވެ! އާދެ، މުސްލިމުންނަށެވެ!] ތިޔަބައި މީހުން ﷲއަށްޓަކައި ތެދުވެ ތިބެ [އެބަހީ، ހައްގަށް ނަސްރު ދިނުމުގައި ދެމިތިބެ،] އަދުލު އިންސާފަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކު މީހުން ދެކެ، ތިޔަބައި މީހުންގެ ކިބައިގައި އުފެދިފައި އޮންނަ ނަފުރަތާއި ރުޅިވެރިކަމަކީ، ތިޔަބައި މީހުން [އެ މީހުންނާ ދޭތެރޭ ވެސް] އަދުލުވެރި ނުވުމަށް ހުރަސްއަޅާ ކަމެއްކަމުގައި ނުހަދާށެވެ! އަދި ކިއެއްހެއްޔެވެ؟ އަދުލު އިންސާފަށް ކަންތައް ކުރާށެވެ! އެ ގޮތް ތަގުވާވެރި ވުމާއި، [މާތްﷲއަށް އިމާންވެ، އެކަލާގެއަށް ބިރުވެތިވުމާ] މާ ގާތެވެ. [މާނައަކީ އަދުލު އިންސާފަށް ކަންތައްކޮށް ހައްގަށް ނަސްރު ދިނުމަކީ ތަގުވާވެރި ކަމުގެ ހެއްކެކެވެ.] ތިޔަބައި މީހުން މާތްﷲއަށް ތަގުވާވެރިވާށެވެ! ހަމަ ކަށަވަރުން ތިޔަބައި މީހުންގެ އަމަލުތައް މާތްﷲ ވަރަށް ރަނގަޅަށް ދެނެވޮޑިިގެން ވެއެވެ!) [މާއިދާ ސޫރަތުގެ އަށް ވަނަ އާޔަތް]

މިހާރު ފެންނަމުންދާ ހަނގުރާމައިގެ ހާދިސާތަކުގައި ހައްގުގެ ފަރާތުގައި ތިބީ ކޮން ބަޔެއް ހެއްޔެވެ؟ އަނިޔާވެރިވީ ކޮން ބަޔެއް ހެއްޔެވެ؟ މީގެ ޖަވާބު ވަރަށް ސާފެވެ! އެހެންވީމާ، ހިތުގެ ތާއީދު އޮންނަން ޖެހޭ ފަރާތް ވެސް ސާފެވެ. ހައްގާ އެއްކޮޅަށެވެ. އަނިޔާވެރިކަމާ ދެކޮޅަށެވެ.

2، މިފަދަ މާނަ ދޭހަވާ އެހެން ދެ އާޔަތެއް ވެސް އެބަ އޮތެވެ. އޭގެ ތެރެއިން އެއް އާޔަތަކީ:

﴿ وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾

(މުއުމިނުންގެ ދެ ބަޔަކު ތަޅާފޮޅައި ހަނގުރާމަކޮށްފި ނަމަ، އެ ދެބައި މީހުންގެ ދެމެދު ތިޔަބައި މީހުން ސުލްހަވެރި ކުރާށެވެ! އޭގެ ތެރެއިން އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް އަނިޔާވެރިވެ، ހަނގުރާމަ ފަށައިފި ނަމަ، އެ އަނިޔާވެރިވި މީހުން ﷲގެ މަގަށް އެނބުރި އަތުވެއްޖައުމަށްދާންދެން، އެ މީހުންނާ ތިޔަބައި މީހުން ހަނގުރާމަ ކުރާށެވެ! އެ މީހުން ﷲގެ މަގަށް އެނބުރި އަތުވެއްޖެ ނަމަ، އެ ދެބައި މީހުންގެ ދެމެދުގައި އަދުލުވެރިކަމާއެކު ސުލްހަ ގާއިމުކުރާށެވެ! ތިޔަބައިމީހުން [އަބަދުވެސް] ހަމައަށް، އަދުލު އިންސާފަށް ކަންތައް ކުރާށެވެ. އަދުލު އިންސާފަށް ކަންތައް ކުރާ މީހުންދެކެ، ހަމަ ކަށަވަރުން، މާތްﷲ ލޯބިވެވޮޑިގެން ވެއެވެ.) (ހުޖުރާތު ސޫރަތުގެ ނުވަ ވަނަ އާޔަތް)

މި އާޔަތް މުޚާތަބުވަނީ މުސްލިމުންނާ ކަމުގައި ވިޔަސް، މުހިއްމު ނުކުތާއަކީ އަދުލު އިންސާފަށް ކަންތައް ކުރުމަށް ގޮވާލެވިފައިވާ ގޮވާލުމެވެ. ހައްގަށް ނަސްރު ދިނުމަށް ބާރު އެޅިފައިވާ ކަމެވެ.

3. ދެން އޮތް އާޔަތަކީ މުމްތަހިނާ ސޫރަތުގެ 9 ވަނަ އާޔަތުގައި އޮންނަ وآتوهم ما أنفقوا (އެބައި މީހުން، ޔައުނީ މައްކާގެ ކާފިރުން، [އެ މީހުންގެ މުސްލިމު އަނބިންނަށް، ރަނުގެ ގޮތުގައި ހޭދަކުރި އެއްޗެއް، އެ ކާފިރުންނަށް އަނބުރާ ދޭށެވެ!)

މި ވާހަކަ ގުޅެނީ މުޝްރިކުންނާ އިނދެގެން އުޅުނު މުސްލުމިވީ އަންހެނުންގެ ކައިވެނި ރޫޅާލުމާއެވެ. އެފަދަ ހާލަތެއްގައި ވެސް، އެކަނބަލުންގެ ފިރިންނަކީ ކާފިރުންކަމުގައި ވިޔަސް، އެ މީހުންނާ ދޭތެރޭ ވެސް ކަންތައް ކުރަންވާނީ އަދުލު އިންސާފަށް ކަމަށް އަންގަވައި، ކައިވެނީގެ ރަނަށް އެ މީހުން ހޭދަކުރި އެއްޗެއް ދިނުމަށް މި އާޔަތުގައި އަމުރުކުރައްވާފައި ވެއެވެ.

މި އާޔަތުން މި ފެންނަނީ ހައްގަށް ނަސްރުދީ، އަދުލު އިންސާފު އަމަލީ ގޮތުން ހިންގާލުމުގެ ނަމޫނާއެކެވެ.

އާދެ، އިސްލާމީ ގޮތަކީ ކޮބައި ހެއްޔެވެ؟ މީހެއްގެ ދީނަށް، މަޒްހަބަކަށް ބެލުމެއް ނެތި، އަދުލު އިންސާފަށް، ހައްގަށް ނަސްރު ދިނުމެވެ. މުސްލިމުން ކަމުގައިވާ ނަމަ، މާތް ﷲއަށް ތަގުވާވެރިވާ ނަމަ، އިސްލާމީ ގޮތަކީ މިއީކަން މަތީގައި ނަންގަނެވުނު އާޔަތްތަކުން ވަރަށް ސާފު ސީދާކޮށް އެނގެއެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް، ރޭނގަޑު ދުވާލަށް ވެސް ހަދަން ވާހަކަ ދެއްކިދާނެއެވެ! އެކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ! ނަމަވެސް، އަބަދުވެސް، އަދުލު އިންސާފަށް ކަންތައް ކޮށް، ހައްގަށް ނަސްރުދޭށެވެ. އިސްލާމީ ގޮތަކީ އެއީއެވެ!