Support Us

ވާހަކަ: ރަން އުޅާ- 6

6 ވަނަ ޗެޕްޓަރ: އަލިތަކާއި ހިޔަނިތައް

އީދު ނިމުމުން އުލިގަމުގެ ދިރިއުޅުން އާދައިގެ ގޮތަކަށް ހިމޭންވެފައި އޮތް ނަމަވެސް، ރަށުތެރޭގައި، ހަސަނާއި އަހުމަދާއި މަރިޔަމްގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދިފައިވާ ވާހަކަ ވަރަށް ގަދަޔަށް ދެކެވެމުން ދިޔައެވެ. އަހުމަދު މިއަދު ވަނީ ރަށުގެ އެންމެންގެ މަގުބޫލު، މަޝްހޫރު މީހެއްގެ ދަރަޖައަށް އުފުލިގެން ގޮސްފައެވެ. އޭނާ ގެޔަކަށް ވަދެއްޖެ ނަމަ، އެ ގެއެއްގެ މީހުން ފަޚުރުވެރިވެއެވެ. އަވަހަށް ސައި ހަދާ ކާންދޭން އުޅެގަނެއެވެ. އެހެންވެ ބައެއް ޒުވާނުން އަޑިއަޑީން އޭނައާ މެދު ހަސަދަވެރިވެފައި ވެއެވެ. ވަކީން ޚާއްސަކޮށް ރަށުގެ ޒުވާން އަންހެން ކުދީންތައް އަހުމަދު ހާސިލު ކުރުމަށް އުޅޭތަން ފެންނާތީ އެވެ. އެމީހުންނަށް ލިބެން އޮންނަ ފުރުސަތު ހަނިވަމުންދާތީއެވެ. އެހެންވެ އެމީހުންނަށް ފެންނަނީ އަހުމަދަކީ އެމީހުންނަށް ކުރިމަތިވެފައިވާ ހުރަހެއް ކަމުގައެވެ. އެމީހުން ދެކޭ ގޮތުގައި އަހުމަދަށް އެވަނީ މަރިޔަމްގެ ލޯބި މިލްކުވެފައެވެ. ވީއިރު އޭނާ އެހެން ކުދިންނާ މާ ގައިގޯޅިވެގެން އުޅޭކަށް ނުޖެހެވެ.

މަރިޔަންއާ އަހުމަދުގެ ގުޅުން އުފެދިފައިވަނީ މިއަދަކު އިއްޔެއަކު ނޫންމެއެވެ. އެއީ ކުޑައިރުން ފެށިގެން އޮތް ގުޅުމެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެން ކަމަށްވާތީ އާއި، މަރިޔަން އަކީ ރަށުގެ އެންމެ އިސް އާއިލާގެ ތެރޭން އައިސްފައިވާ ކުއްޖެއް ކަމުންނާއި، މިއަދު ސްކޫލުގައި ހުރި އެންމެ ގާބިލް މުދައްރިސް ކަމުން، ރަށުގެ ގިނަ ޒުވާނުންނަށް އޭނައާ ދިމާއަށް އިސްއުފުލައި ބަލަންވެސް ނުކެރޭމެއެވެ.

މިކަން މިހެން އޮތް ނަމަވެސް، ހަސީނާ އަޑިއަޑިން އަހުމަދުގެ ހުވަފެންތަކެއް ދެކެމުން ދެއެވެ. އޭނާ ހުންނަނީ ވަރަށްވެސް ރީތި ވެލައިގެންނެވެ. އަދި ކޮންމެވެސް ގޮތަކުން އަހުމަދަށް ފެންނަ ހިސާބަށް ގޮސް އެރީތިކަން ދައްކާލެވޭތޯ ބަލައެވެ.

އަހުމަދަށް ވެސް އޭނާގެ ރީތިކަން ފާހަގަ ވޭމެއެވެ. އެހެންނަމަވެސް މަރިޔަންގެ އަސަރު އޭނާގެ ހިތުން ފިލުވާލެވޭ ވަރެއް ނުވެއެވެ. ރަށުގެ ފެންވަރުންނާއި ތައުލީމީ ގޮތުން މަރިޔަންއާ ހަމަޔަކަށް ހަސީނާއަކަށް ނާދެވޭނެއެވެ.

އެކަން ވިސްނޭތީ ހަސީނާ ހުންނަނީ ގޮތް ހުސްވެފައެވެ. ހަދާނެ ގޮތަކާ މެދު ފިކުރު ކުރުމުގައެވެ. އޭނާގެ އުންމީދަކީ ކޮންމެ ގޮތަކުން ނަމަވެސް، މަރިޔަންގެ އަތްދަށުން އަހުމަދު ޖަހައިގަތުމެވެ. އެކަމަށްޓަކައި އޭނާ ކޮށްފައި ނުކުރާނެ ކަމެއް ވެސް ނުމެ އޮންނާނެއެވެ.

ހަސަން މިހާރަކަށް އައިސް އުޅެނީ އަހުމަދު ރޭ ރޭގައި ދައްކާ ފިލްމުތަކާއި އަޖައިބު ކުރުވަނިވި ކުޅިވަރުތައް ފެންނަފަށަށް އެއްގޮތަކަށް ވެސް ނުގޮހެވެ. އެހެންނަމަވެސް އުލިގަންހާ ހަމަ ހިމޭން ރަށެއްގައި ލައުޑްސްޕީކަރު ބަހަށްޓައިގެން ޖަހާ ލަވަތަކާއި ދައްކާ ފިލްމުގެ ތަކުގެ އަޑު ނީވޭ ހިސާބެއް ނޯވެއެވެ. މިއީ އޭނާގެ ބޮލަށް ނުހަނު ތުރާ ވާކަންތަކަށް ވެސް ވެފައި ވެއެވެ.

އަހުމަދު، ރަށުގެ މީހުންގެ މުނިއަވަސް ފިލުވައިދިނެވެ. އޭނާގެ ސްކްރީނުން އަމީތާބުގެ ވަރުގަދަ ހިންދީ ފިލްމުތައް ދެއްކިއެވެ. އޭގެ އިތުރުން އާރނޯލްޑްގެ ގަދަ ފިލްމުތަކާއި ޖެކީޗެން ފަދަ ހުޝިޔާރު ބަތަލުން އުޅޭ ފިލްމުތައް ދެއްކިއެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން ފިލްމު ދެއްކުމާއި ލަވަޖެހުމުގައި އަހުމަދު ހޭދަ ކުރިއެވެ. ރަށުމީހުން، ޚާއްސަކޮށް ޒުވާނުން އޭނާގެ ވަށައިގެން މެހި ބުރާހެން އެނބުރެމުން ދިޔައެވެ. ރަށަށް އައިސްފައިވާ އުފާވެރިކަމުގެ އަސްލަކީ އަހުމަދުކަން ޔަގީނެވެ.

އެރެއަކީ އަހުމަދު މަރިޔަންގެ ގޭގައި ޝޯލޭ އަޅުވައިގެން ދެއްކި ރެއެވެ. ގެ ވަށައިގެން މީހުން އެއްވެ ހީވަނީ ގެ ވައްޓާލާފާނެ ހެންނެވެ. އެތެރެއަށް ވަދެވެނީ އަހުމަދު ވެއްދި މީހަކަށެވެ. އަހުމަދުގެ ޖެނެރޭޓަރުން ގެ ވަށައިގެން ކުލަ ކުލައިގެ ބޮކިތައް ދިއްލާފައި ހުއްޓެވެ. އަހުމަދާ ޖެހިގެން މަރިޔަން ފިލްމު ބަލަން އިނެވެ. ފިލްމުގެ އެންމެ ފޯރި ގަދަވީ ވަގުތު ކުއްލިއަކަށް ފުރާޅުމައްޗަށް ބަޔަކު ގާ އުކައިފިއެވެ. އަދި ބަޔަކު އެގެޔަށް ކަރަންޓުދީފައި ހުރި ނަރުވެސް ބުރިކޮށްލައިފިއެވެ. އެއާއެކު އެންމެން ތަރަތަރަ ޖަހާފައި އެކި ދިމާލަށް ދުއްވައިގަތެވެ. އެއްބަޔަކު ދުވަނީ ގާއުކި ބަޔަކު ފެނޭތޯއެވެ. ނުވަތަ ކަރަންޓު ނަރު ކަނޑާލި ބަޔަކު ހޯދާށެވެ. އެހާ ހިސާބުން އެރޭގެ ފިލްމު ދެއްކުން މެދުކެނޑިއްޖެއެވެ.

ކަރަންޓު ކެނޑި އަނދިރިވީ، ދުވަހަކުވެސް އެރަށުމީހުން ނުދެކޭ ވަރަށެވެ. ބައެއް މީހުން ޓޯޗުތަކާއި ބައްތި ތައް ހިފައިގެން މަގުމައްޗަށް ނުކުތެވެ. އެއީ މަރިޔަންގެ އަށް ގާއުކި މީހުން ފެނޭތޯއެވެ. މުޅި މަގުމަތީގައި އޭރު އެގޭ ދޮށަށް އެއްވެ ތިބި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. އެކަމަކު އޭރު ގާއުކި ބަޔަކު އުކާފައި ހިނގައްޖެއެވެ. އެކަން ކުރީ ކާކުކަން އެނގޭނެ ގޮތެއް ނެތެވެ.

މީހުން އަވަސް އަވަހަށް މިކަން ހަސަނާއި އޭނާގެ އެކުވެރި މަސްވެރި ކުދީންގެ ބޮލުގައި އަޅުވާލިއެވެ. އެންމެ ބޮޑު ސަބަބަކީ އޭގެ މީހަކު ފިލްމު ބަލަން އައިސް އުޅޭތަން ފެނިފައި ނުވުމުންނެވެ. ރަށުތެރޭގައި މިވާހަކަ ދެކެވި ހަސަނު ބޮލުގައި މި ކަމުގެ އިލްޒާމު އަޅުވައިފިއެވެ.

"މިކަން ކުރާނީ ހަސަނު ނޫން އެހެން ކާކު؟" ރަށުގެ މީހުން ޔަގީން ކަމާއެކު ބުނަން ފަށައިފިއެވެ.

"އަހުމަދުގެ ކާމިޔާބީއާމެދު ހަސަނު ނޫން މީހަކު ހަސަދަވެރިއެއް ނުވާނެ. އޭނާވެސް ހުންނަނީ މަރިޔަން އާ ހެދި މޮޔަވެފައި."

މިވާހަކަތައް ރަށުތެރޭގައި ދެކެވެން ފެށުމާއެކު ހަސަނާއި އޭނާގެ ރައްޓެހިން ރަށު އޮފީހަށް ގެންދެވި ތަހުގީގަށް ބަންދުކޮށްފައި ބައިތިއްބައިފިއެވެ.

އޭގެ އެތައް ދުވަހެއް ފަހުން އަތޮޅުވެރީން ވަޑައިގެން ކުރި ވަރުގަދަ ތަހުގީގަކުންވެސް އެއްވެސް ހެއްކެއް ނުފެނުނެވެ. އެހެން ކަމުން ކުރެވޭ ތުހުމަތަކަށް ރަށުގެ ޒުވާނުން ތަކަކަށް އަދަބު ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ، އަލުން މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ނަސޭހަތް ދީފައި، އަތޮޅުވެރީން، ހަސަނާއި އޭނާއާއެކު ހައްޔަރު ކުރެވުނު އެންމެން ދޫކޮށްލައިފިއެވެ. އެކަމަކު ރަށުތެރޭގައި އެމީހުންނާ ދެކޮޅުވެރި ޝުއޫރު ތަކެއް އުފެދިފައިވާތީ އާދައިގެ ދިރިއުޅުމެއް އުޅުމަށް ދަތިވާ ހިސާބަށް ވަނީ ކަންކަން ގޮސްފައެވެ

އެހެންކަމުން ހަސަނުމެން މިހާރު އެއްގޮތަކަށް ވެސް އަހުމަދާއި މަރިޔަން މެންނަށް ފެންނަ ހިސާބަކަށް އައިހެއް ނޫޅެއެވެ.

***

ވަގުތު ފާއިތުވަމުން ގޮސް މަޑުމަޑުން އަޑުތައް މަޑުވެ ރަށުތެރެ މައިތިރި ވެއްޖެއެވެ. އެކަމަކު އެކަންތަކުން ލިބުނު ގެއްލުން މުޅިއަކުން ފިލާނުދެއެވެ.

އަހުމަދާއި ހަސަނާ ދެމެދު އުފެދިފައިވާ ނުތަވަސްކަން ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މިހާރު މަރިޔަން ވަރަށް ބޮޑަށް ބޭނުން ވެއްޖެއެވެ. އެއީ ކުޑައިރުގެ ދެގޮތެއް ނުވާ ރައްޓެހީންނެވެ. އެކަންތައް ކުރީ ހަސަނު ކަމަކަށް މަރިޔަންއަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދުވަހަކުވެސް މަރިޔަންގެ ފުރާޅަށް ގަލެއް ނޫކާނެއެވެ. އޭނާ އެއަށް ވުރެން މަރިޔަން ދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. އެހެން ކަމުން އޭނާ މިކަމާމެދު ކޮންމެވެސް ގޮތަކުން ހައްލެއް ގެނެވޭނެ ގޮތެއް ވިސްނަމުން ދިޔައެވެ.

މަރިޔަން އަހުމަދުގެ ގާތުގައި ކައިރީގައި އޮންނަ މުޅަދުއަށް ޕިކުނިކު ދަތުރަކު ދިއުމުގެ ޚިޔާލު ފާޅުކޮށްފިއެވެ. މިއީ އަހުމަދު ވަރަށް ގަޔާވި ޚިޔާލެކެވެ. އޭނާ ވަގުތުން ތާއީދު ކޮންފިއެވެ. އެކަމަކު އެކަމުގައި ހުރަހެއް އެބައޮތެވެ. ދަތުރު ދާނެ ގޮތެކެވެ.

ހަސަން އަތުގައި އެކަމަށް ހެޔޮވަރު ކުޑަ ބައްތެއްޔެއް އެބައޮތެވެ. އެކަމަކު އެ ބައްތެލި ދަތުރު ދިއުމަށް ދޭށޭ ހަސަނު ގާތު ބުނާނެ ހިތްވަރެއް އަހުމަދުގެ ކިބަޔަކު ނެތެވެ. އެހެން ކަމުން އެކަމަށް އޭނާ މަރިޔަންގެ އެހީ ހޯދަން އެދުނެވެ.

ދަތުރުގެ ހުރިހާ އިންތިޒާމެއް ކުރަން މަރިޔަން އެއްބަސް ވުމުން، ދަތުރު ގެންދިޔުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ދޭން އަހުމަދު އެއްބަސްވެއްޖެއެވެ. އަހުމަދު ހުށަހެޅީ ބައްތެލި ހަސަން އަތުން ކުއްޔަށް ހިފުމަށެވެ.

ބައްތެލި ހޯދުމުގެ ހުރިހާ ޒިންމާއެއް އެންމެ ފަހުން މަރިޔަންއާ ހަވާލު ކުރެވުނެވެ. އެއީ މަރިޔަން ނޫން މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް އަހުމަދަށް ގަބޫލު ކުރެވޭތީ ވެސް މެއެވެ.

ދަތުރު ތައްޔާރުވަމުން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *