Support Us

ކެތަރިން ޕެރޭޒް ޝަކްދަމް: ޖާސޫސީ ނިގާބެއްގެ ނިވަލުގައި

ކޮލަމް ރަންދެލި: އީރާނުގެ ހިތް ކޮނެލި ޖާސޫސުގެ ވާހަކަ

މިއީ އީރާނުގެ ހިތާ ހިސާބަށް ކޮނެގެން ވަދެ ޖާސޫސްކުރި އަންހެނެއްގެ ވާހަކައެވެ. އަދި އީރާނުގެ އެންމެ މަތީ އިސްވާރުންގެ އަނބިންގެ ދުލުން އެމީހުންގެ ފިރިންނާ ބެހޭ ވާހަކަތައް ހޯދައި، އެމީހުން ޝަހީދުކުރުވި ޖާސޫސުގެ ވާހަކައެވެ.

ކެތަރިން ޕެރޭޒް ޝަކްދަމް އަކީ ފުރާންސުގެ ޒުވާން އަންހެނެކެވެ. އޭނާ އިސްލާމްދީނަށް ވަނުމަށްފަހު ފާޅުގައި ޝިޔައީއެއް ކަމަށް އިޢުލާން ކުރިއެވެ. އޭނާ އީރާނުގެ އިންގިލާބަށް ތައުރީފުކޮށް، ވިލާޔަތަށް ތާއީދުކޮށް ވާހަކަ ދައްކާ ހެދިއެވެ. އަދި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله ޚާމަނާއީގެ ވެބްސައިޓުގައި ވެސް އޭނާގެ ލިޔުންތައް ޝާއިއު ކުރަން ފެށިއެވެ.

އެކަމަކު، މި ހުރިހާ ކަމެއް ވީ ހަމައެކަނި ޖާސޫސީ ނިގާބެއްގެ ނިވަލުގައި ހުރެ، އޭނާއާ ހަވާލުކޮށްފައިވާ ވަރަށް ޚާއްސަ މިޝަނެއް ފުރިހަމަ ކުރުމަށް އޭނާ ކުރި ދަތުރަކަށެވެ. ހަގީގަތުގައި އޭނާގެ ފަހަތުގައި އޮތީ، އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ އަތެވެ. އެއީ އީރާނުގެ ވެރިކަމުގެ އެތެރޭގައި ހިނގާ ހުރިހާ ކަމެއް ދެނެގަނެ، އީރާނުގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް މޮސާދުން އަތުރާލި ރާޒުވާ ކުޅިބައެކެވެ. ކެތަރިން އަކީ، އެ ރާޒުވާ ކުޅިބައިގެ ކުޑަކުޑަ މަނަލެކެވެ.

ކެތަރިން އީރާނަށް އެތެރެވީ އާދައިގެ ޖާސޫސެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު އޭނާ އީރާނަށް އެތެރެވީ ލިޔުންތެރިއެއްގެ ގޮތުގައެވެ. ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި މުފައްކިރެއްގެ ގޮތުގައެވެ. އީރާނުގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކޮށް، އީރާނުގެ އިންޤިލާބީ ގާޑުންނާއެކު ބައްދަލުވުންތައް ބާއްވައި، އެންމެފަހުން އިރާނުގެ ރައީސް އިބްރާހިމް ރައިސީއާ ވެސް ބައްދަލުކުރިއެވެ. އަދި "ތަޙުޤީޤީ ނޫސްވެރިކަމުގެ" ޓެގު އަޅުވައިގެން އީރާނުގެ ޚައްސާސީ ސަރަހައްދުތަކަށް ޒިޔާރަތްކުރިއެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައިސީއާ ކެތަރިން (ކ) އިންޓަވިއުކުރަނީ

އެކަމަކު މިކަމުގެ އެންމެ ނުރައްކާތެރި ފްރަންޓަކީ: އީރާނުގެ މަތީ ފެންވަރުގެ އިސްވާރުންގެ އަނބިންގެ އަމިއްލަ މެހެފިލްތަކަށް ވަދެ އެމީހުންނާއެކު ބޭއްވި ބައްދަލުވުންތަކެވެ.

އީރާނުގެ މަތީ ފަންތީގެ އިސްވާރުންނާއި، އަސްކަރީ އޮފިސަރުންނާއި، ސައިންސްވެރިންގެ އަނބިންނާއި ވަރަށް ގާތް ގުޅުމެއް އުފެއްދިއެވެ. އެމީހުންނާ ގާތް ގުޅުންތަކެއް އުފެދި، އެމީހުންގެ ހިތްތައް ކާމިޔާބު ކުރުމުގެ ސަބަބުން އެމީހުންގެ މެދުގައި އޭނާއަކީ އެމީހުންގެ "އުޚުތެއް" ކަމުގައި، އެމީހުން ދެކެން ބަލަން ފެށިއެވެ.

ދެން އެމީހުން ފިރިންގެ އަމިއްލަ ދިރިއުޅުމާއި، ދިރިއުޅޭ ތަންތަނާއި، ދަތުރުތަކާއި، ސެކިއުރިޓީއާއި، އަދި ދުވަހުން ދުވަހަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ފަސްޖެހުމެއް ނެތި އޭނައާ ހިއްސާ ކުރަމުންދިޔައެވެ.

އެމީހުން ދެއްކި ކޮންމެ ވާހަކައެއް، ކެތަރިން ދިޔައީ ރެކޯޑް ކުރަމުންނެވެ. އަދި އެ ހުރިހާ މަޢުލޫމާތެއް ކެތަރިން ދިޔައީ ވަގުތުން ވަގުތަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދާ ހިއްސާ ކުރަމުންނެވެ.

އެ މައުލޫމާތުގެ އަލީގައި، އީރާނުގެ މަތީ ފެންވަރުގެ އިސްވާރުންނަށް ހަމަލާދީ އެމީހުން ޝަހީދުކޮށްލުމަށް ދުރާލާ މޮސާދުން ދިޔައީ ތައްޔާރު ވަމުންނެވެ. އީރާނުގެ އިސްވާރުންގެ އަނބިންގެ މައުސޫމް ބަސްތަކުން، އެންމެފަހުން އެމީހުންގެ ފިރިން ޝަހީދުވީއެވެ. އެމީހުން ކެތަރިންއާ ވާހަކަ ދެއްކިއިރު، އެވާހަކަތައް އެއީ އެންމެފަހުން އެމީހުންގެ މަރާ ގުޅިފައިވާ ވާހަކަތަކެއް ކަމެއް، އެމީހުންގެ ހިތަކަށް ނާރައެވެ.

ކެތަރިންގެ މައްޗަށް ޖާސޫސުކުރުމުގެ ތުހުމަތު ކުރިއިރު އޭނާ ވަނީ އީރާނު ދޫކޮށް ވަގުތުން ފިލައިގެން ގޮސްފައެވެ. އޭރު އެއީ އީރާނުން ބޭރުވުމުގެ މަގުތައް ބަންދު ކުރުމުގެ މާ ކުރިއެވެ. އޭރު ކެތަރިން ވަނީ، އޭނާއާ ހަވާލުކުރި މިޝަން ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އޭނާ ވަނީ އީރާނުގެ ހިތާ ހިސާބަށް ވާސިލުވެ، އެ ހިތަށް ޝިފާއެއް ނެތް ޒަޚަމުތަކެއް ދީފައެވެ. އޭރުވެސް އަދި މިއަދުވެސް އީރާނަށް ކުރިމަތިލާން ޖެހިފައި އެވަނީ، އެ ޒަޚަމުތަކުގެ ސަބަބުން ކުރިމަތިވި ރިހުންތަކާއެވެ.

އިޒުރޭލުން އަންނަނީ އީރާނުގެ ޗެމްބަރުތަކާއި ގެތަކުން ކެތަރިންއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްރު އަދި މަރުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މިއީ ހަމައެކަނި ޖާސޫސީ ވާހަކައެއް ނޫނެވެ. އެކަމަކު ދައުލަތެއްގެ ސަލާމަތާ ގުޅިފައިވާ ބޮޑު ނާކާމިޔާބީއެއްގެ ވާހަކައެވެ.

މި ޒަމާނުގައި، ހަނގުރާމަތައް ކުރެވެނީ ހަމައެކަނި ބަޑިޔާއި، ބޮމާއި އަދި މިސައިލަކުން ނޫނެވެ. އެކަމަކު ވާހަކައާއި ވަކިން ޚާއްޞަކޮށް އަންހެނުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ އަލީގައި ލިބޭ މަޢުލޫމާތަކީވެސް، ވަރަށް އިސްތިރާޖީ ހަތިޔާރެކެވެ.

މި ސަލާމަތީ ނުރައްކަލުން އީރާނަށް އަރައިގަނެވޭނެ ހެއްޔެވެ؟ އަދި މިއަދު އިސްލާމީ އެހެން އެއްވެސް ޤައުމެއްގައި މިކަހަލަ "ކެތަރިން" އެއް ހަރަކާތްތެރިނުވޭ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރައް ފުރިހަމަ ލިއުމެއް…. މިރާއްޖޭގައި ވެސް ތިކަހަލަ މީހަކު ނެތްބާ؟ ސައްކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *