Support Us

ރަށްތަކަށްވުރެ ކުރިން މުސްލިމުން ފަތަޙަކުރީ ހިތްތައް

އިސްލާމްދީނަކީ މަތިވެރި އަޚްލާޤުގެ ދީނެވެ. ކީރިތި ރަސޫލާއަށް ތާރީފުގެ ބަސް ވަޙީ ކުރައްވައި ބާވައިލެއްވި ބަސްފުޅަކީ (وَإِنَّكَ لَعَلىٰ خُلُقٍ عَظيمٍ އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.) އެވެ. އިސްލާމްދީނާއިގެން ވަޑައިގެންނެވި މި އުއްމަތުގެ ކައު ރަސޫލާ صلى الله عليه وسلم ގެ ރިސާލަތުގެ ލަޑުދަނޑިއަކީ ކޮބައިކަން ހާމަކޮށް ދެއްވަމުން ޙަދީސް ކުރައްވަނީ (إنَّما بعثتُ لأتمِّمَ مَكارِمَ الأخلاقِ ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚަލާޤުގެ މަތިވެރި ސިފަތައް ފުރިހަމަކުރެއްވުމަށެވެ.)

އެހެންކަމުން މުސްލިމުން ވާންޖެހޭނީ މީސްތަކުން ނަމޫނާއަކަށް ބަލައި، މީސްތަކުން އެމީހުންނަށް ތަބާވާ ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށެވެ. މީސްތަކުންނަށް އިސްލާމްދީން ހުށައަޅާއިރު އަޅުގަނޑުމެން ވާން ޖެހޭނީ ކޮންފަދަ ބަޔަކަށް ހެއްޔެވެ؟ އަޅުގަނޑުމެންގެ ދަރިންގެ ގައިގައި އަޚްލާޤުގެ މާނަތަކާއި އަޅުގަނޑުމެންގެ ސަޤާފީ ދީނީ ޝަޚްޞިއްޔަތުގެ އޮށް އިންދާއިރު އަޅުގަނޑުމެންގެ ގެއާއި ޢާއިލާގެ ކިބައިން އެދެވިގެންވަނީ ކޮން ސިފަތަކެއް ހެއްޔެވެ؟

ރަށްތައް ފަތަޙަކުރުން

މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚިލާފަތުގައި މީލާދީން 639 ވަނަ އަހަރުގެ ތެރޭގައި  އެފްރިކާގެ  ރަށްތައް ފަތަޙަކުރުމުގެ މަސައްކަތްތައް ފެށުނެވެ. މިޞްރުން ފެށުނު މި ފަތަޙަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 26 ދައުލަތަކަށް ވެގެން ދިޔައެވެ. މާތްﷲ ރުއްސުންލެއްވި ޢަމްރު ބުނުލް ޢާޞަށް އިސްލާމީ ލަޝްކަރައިގެން މިޞްރަށް ވަޑައިގަތުމުގެ ހުއްދެ ދެއްވުމުން މިޞްރު ފަތަޙަ ކުރެއްވިއެވެ. މިޞްރުން އެންމެ ފުރަތަމަ ފަތަޙަ ކުރެއްވީ "އަލްޢަރީޝް" އެވެ. މުސްލިމުން މިޞްރު ފަތަޙަ ކުރީ ކަނޑިއަކުންނޫނެވެ. ލޯތްބާއި އަޚްލާޤުންނެވެ. އަލްޢަރީޝް ފަތަޙަ ކުރުމަށްފަހު އިސްލާމި ލަޝްކަރުގެ ދެވަނަ އަމާޒަކަށްވީ އިސްކަންދަރިއްޔާއެވެ. އިސްކަންދަރިއްޔާ ޙިޞާރު ކުރުމުން ޤިބްޠީންގެ ވެރިޔާ އަލްމުޤައުޤިސް އަމާންދެއްވާ މުސްލިމުންނާ އެ ރަށް ޙަވާލު ކުރެއްވިއެވެ. މިޞްރު މީހުން މުސްލިމުންނަށް އަމާންދިނީ މުސްލިމުންގެ އޯގާވެރިކަމާއި ޢަދްލުވެރިކަން ފެނިގެންނެވެ.

އެ ދުވަސްވަރު މިޞްރު މީހުން ތިބީ ބީޒަންޠީނުންގެ އިސްތިޢުމާރުގެ ދަށުގައެވެ. ބީޒަންޠީނުންނާ އެއްދީނެއްގައެވެ. އެހެނަސް ބީޒަންޠީނުން މިޞްރު މީހުން އަތުން ނަގަމުންދިޔަ ވާރުގެ ބުރަކަމުން އެމީހުން ތިބީ އާދައިގެ ދިރިއުޅުމަކަށް ބޭނުންވާ މިންވަރުވެސް ނުލިބި ބިކަ ޙާލުގައެވެ. މަރުވާ މީހާ ވަޅުލެވެނީ ވެސް އޭނާ ދައްކަން ޖެހޭ ވާރު ދެއްކުމުންނެވެ. މި އަނިޔާވެރިކަމުން ސަލާމަތްވުމަށް ޓަކައި މިޞްރު މީހުން މުސްލިމުންގެ ކިބައިން އެހީ ހޯދިއެވެ. ބީޒަންޠީނުން ބަލިކުރުމުގައި މުސްލިމުންނަށް ވާގިވެރިވިއެވެ. އެމީހުން ﷲގެ ދީނަށް އިސްލާމްދީނަށް ހިތުން ރުހުމުން ވަންނަން ފެށިއެވެ. އެމީހުންގެ ޤިބްޠީ ބަސް ދޫކޮށް ޢަރަބިބަސް އެމީހުންގެ ބަހެއް ކަމުގައި ހެއްޖެވެ.މުސްލިމުން މިޞްރު ފަތަޙަކުރީ އަޚްލާޤާއި ރިވެތި މާތް އަގުތަކުންނެވެ.

ވިޔަފާރިވެރި މުސްލިމުން

ވިޔަފާރިވެރި މުސްލިމުންގެ ރިވެތި އަޚްލާޤާއި މާތް މުޢާމަލާތުގެ ސަބަބުން އެތައްއެތައް ރަށެއްގައި އިސްލާމްދީން ފެތުރުނެވެ. މިސާލަކަށް ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ގާނާގެ ދެ ޤަބީލާއެއް އިސްލާމްދީނަށް ވަނެވެ. އެއީ ލަމޫނާނާ ޤަބީލާއާއި ޖައުދަލާ ޤަބީލާއެވެ. މި ދެ ޤަބީލާގެ މީހުން ހުޅަނގު އެފްރިކާގައި އިސްލާމްދީން ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މި ބައިމީހުން އިސްލާމްދީނަށް ގޮވައިލުމުގެ ސަބަބުން ސަރަކޯލާ ޤަބީލާ އިސްލާމްދީނަށް ވަނެވެ. ގާނާގެ އިސްލާމީ ބައެއް ޤަބީލާތައް ހުޅަނގު ސޫދާނަށް ގޮސް އެ ހިސާބުގައި މަލާތާ ނަމަކަށް  ކިޔާ ރަށުގައި ވިޔަފާރި މަރްކަޒުތައް ޤާއިމު ކުރިއެވެ. މި ރަށުގެ ވިޔަފާރިވެރީންގެ ރަނގަޅު މުޢާމަލާތުގެ ސަބަބުން އެ ހިސާބުގެ ވަރަށް ގިނަ ބަޔަކު އިސްލާމްދީނަށް ވަނެވެ. މީލާދީން 1204ވަނަ އަހަރު ގިނީގެ ރަސްގެފާނު އިސްލާމްވެ ވަޑައިގަތީ މި ވިޔަފާރިވެރީންގެ ސަބަބުންނެވެ. އެފްރިކާގެ މަންޑަންގް ޤަބީލާގެ އަމީރު ޚަލީފާ އިސްލާމްދީނަށް ވަދެވަޑައިގެން މާލީގައި އިސްލާމީ ރަސްކަމެއް ޤާއިމުކުރެއްވިއެވެ. ޗާޑުގެ ރަސްރަސްކަލުންގެ ތެރެއިން ބައެއް ރަސްރަސްކަލުން ވެސް އިސްލާމްދީނަށް ވަދެވަޑައިގެންނެވިއެވެ. މީގެ އިތުރަށް އިންޑޮނޭޝިޔާއާއި މެލޭޒިޔާފަދަ ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތައް ވެސް އިސްލާމްދީނަށް ވަނީ މުސްލިމު ވިޔަފާރިވެރީންގެ ސަބަބުންނެވެ. މިއިން އެނގެނީ ރަސްރަސްކަލުންނާއި އަމީރުންނާއި ޢާއްމުންގެ އެތައް ބަޔަކު އިސްލާމްދީނަށް ވަދެފައި ވަނީ މި ދީނުގެ އަހްލުވެރިންގެ ރިވެތި އަޚްލާޤާއި މާތް މުޢާމަލާތުގެ ސަބަބުން ކަމެވެ.

އަޚްލާޤުގެ އަގު

އަޚްލާޤަކީ ވަރަށް މަތިވެރި އެއްޗެކެވެ. މިހެންވެ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވަނީ (إنَّما بعثتُ لأتمِّمَ مَكارِمَ الأخلاقِ ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚްލާޤުގެ މަތިވެރި ސިފަތައް ފުރިހަމަކުރެއްވުމަށެވެ.)) ނަމަވެސް މަސްއަލަ އަކީ މި މަތިވެރި ބަސްފުޅާ އެއްގޮތަށް ޢަމަލު ކުރަނީ ކިތައް މުސްލިމުން ހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ވަނީ މި މަތިވެރި އަޚްލާޤުގެ މަތީގައި ޖީލެއް ބިނާކުރައްވައިފައެވެ. މި ޖީލުގެ ސަބަބުން ތާރީޚުގެ މަލަތައްވަނީ ބަދަލު ވެފައެވެ. އިސްލާމީ މަތިވެރި އަޚްލާޤު ވެފައިވަނީ ހުރިހާ އެންމެންނަށް މުނާސަބު ރިވެތި އަގުތަކަކަށެވެ. އެންމެންނަށް މީރު ރަހަތަކަކަށެވެ. ހުރިހާ ޒަމާންތަކަކަށާއި ތަންތަނަކަށް އެކަށީގެންވާ ގޮތަށެވެ.

މުސްލިމުންގެ ޞޫރަތް

މުސްލިމުންނާ އެހެން ދީންތަކުގެ މީހުން ވަކިކޮށްދޭ ސިފައަކީ އެމީހުން އެހެން އިންސާނުންނާއެކު ކުރާ މުޢާމަލާތުގެ ރިވެތި ކަމެވެ. އޭނާގެ އުޅުމާއި ގުޅުމުން އެ ދީނުގެ ރިވެތި ތަޞްވީރެއް ކުރަހާލަދެއެވެ. ކޮންމެ މުސްލިމަކު އޭނާގެ ދުލުން އޭނާގެ ދީނަށް ގޮވައިލާގޮތަށް އޭނާގެ އުޅުމުންނާއި މުޢާމަލާތުތަކުން އޭނާގެ ދީނަކީ ކޮބައިކަން އަންގައިދެތެވެ. މިކަމުގެ ސަބަބުން އެއް ވަގުތެއްގައި، އެ ދީން ހިތަށާއި ސިކުނޑިއަށް ވާޞިލުވެގެން ދެއެވެ.

ދީން ފެތުރުން

އިސްލާމީ ފުތޫޙާތުތަކަށް ވާޞިލުވުމަށް ނުކުޅެދުންތެރިވި ކިތަންމެ ބައެއްގެ ހިތްތަކަށް އިސްލާމްދީން ވާޞިލުވެފައިވަނީ ރިވެތި އަޚްލާޤުގެ އަލިގަދަ ނޫރުންނެވެ. އިސްލާމީ މި ރިވެތި ސުލޫކުގެ ރިވެލިތަކުންނެވެ. އެމީހުން އިސްލާމްދީނަށް ވަނީ ރިވެތި ނަމޫނާ ފެނިގެންނެވެ. އިސްލާމްދީން ދިވެހި ރާއްޖެ ފަތަޙަ ކުރީ ކޮން ކަނޑިއަކުންތޯއެވެ؟ އަބުލްބަރަކާތުގެ ރިވެތި އަޚްލާޤުން ނޫންތޯއެވެ؟ އެކަލޭގެފާނު މާލޭގައި ފައިބާވަޑައިގެން ހުންނެވި ގޭގެ މީހުން އެކަލޭގެފާނަށް އަދާކުރި މެހެމާންދާރީއަށް ޝުކްރު އަދާކުރެއްވުމުގެ ގޮތުން އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރްބާނީގެ ސަބަބުންނޫންތޯއެވެ؟ ގުރުއަތުން ބުދުކޯލަށް ދާންޖެހުނު އެ ގޭގެ އަންހެން ކުއްޖާގެ ބަދަލުގައި އެ ކަލޭގެފާނު  ވަޑައިގެން ދެއްކެވި ރިވެތި ނަމޫނާއިން ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ރައުސްމާލު

މިއިން އެނގެނީ އަޅުގަނޑުމެންގެ ރައުސްމާލަކީ އަޚްލަޤުކަމެވެ. އިސްލާމްދީނުގެ ދުޝްމަނުން ވަނީ އެތައް ކަމެއްގައި އަޅުގަނޑުމެން ފަހަތަށް ޖަހާލައިފާ ކުރިއަށް ނުކުމެފައެވެ. އެމީހުންގެ ދޮރުތަކުގައި އަޅުގަނޑުމެންނަށް ޓަކިދެވޭނެ އެހެން މަގެއްނެތެވެ. އމީހުން މާ ތަނަވަހެވެ. ރަށްވެހިކަމުގައި ވަނީ މާ ކުރިއަރައިފައެވެ. އަޅުގަނޑުމެންގެ އަތުގައި އޮތް ރަޞީދަކީ (އެސެޓަކީ) އަޚްލާޤެވެ. އަޅުގަނޑުމެންގެ އަޚްލާޤަކީ އޮއްސިގެންދާނެ ބާރެއްނޫނެވެ. މި ހަތިޔާރުން އިއްޔެ ހިތްތައް ފަތަޙަކުރި ގޮތަށް މިއަދުވެސް އަދި މާދަމާވެސް ހިތްތައް ފަތަޙަ ކުރެވޭނެއެވެ. މި ޒަމާނަށް ބަލާއިރި މިއީ މާއްދިއްޔަތުގެ ޒަމާނެވެ. މިއަދު މީސްތަކުން ވަނީ އަޚްލާޤީ މާތް ސިފަތަކަށް ބޭނުންވެފައެވެ. އިސްލާމީ އަޚްލާޤަކީ އެތެރޭގައި ހޮއެ ހެދިފައިވާ ނަޒަރިއްޔާތީ މަފްހޫމެއް ނޫނެވެ. އެއީ މޭވާނުގަންނަ ފަލްސަފީ ޖަދަލުތަކެއް ވެސްނޫނެވެ. އެއީ ކީރިތި ޤުރްއާނާއި ޞަޙީޙު ސުންނަތުގެ އާރުތަކުން އުތުރިއަރާފައިވާ އަގުތަކެކެވެ.

ނަމޫނާގެ އަސަރު

އަޚްލާޤީ ނަމޫނާއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކީރިތި ރަސޫލާގެ މަތިވެރި ޚުލުޤުފުޅާ ބެހޭގޮތުން އުއްމުލްމުއުމިނީން ޢާއިޝަތުގެފާނާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވެފައިވަނީ (އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ޤުރްއާނެވެ.) ދަރިން ތަރްބިޔަތު ކުރުމުގައި ނަމޫނާއަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ. ކުޑަ ކުއްޖާފުޅު ބައްޓަން ކޮށްދޭ އެންމެ ފުރަތަމަ ވެށްޓަކީ އެ ކުއްޖާގެ ޢާއިލާއެވެ. އެ ކުއްޖާގެ ހިތުގެ ހުދު ސަފްޙާތައް ރީތިކުރާ ބަޔަކީ ނުވަތަ ހަޑި ކުރާ ބަޔަކީ އޭނާގެ ޢާއިލާއެވެ. ޚާއްޞަކޮށް މައިންބަފައިންނެވެ. އެ ކުއްޖާގެ ހިތުގައި ދީނީ އަގުތަކާއި އަޚްލާޤީ އަގުތައް އިންދާދޭ ބަޔަކީ އެމީހުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މިކަމަށް އިންޒާރު ދެއްވައިފައެވެ. އެކަލޭގެފާނުގެ ބަސްފުޅުގެ މަފްހޫމުގައި ވަނީ (ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފު ސީދާކަންމަތީގައެވެ. އެ ކުއްޖާ ޔަހޫދީ ކުރަނީ ނުވަތަ ނަޞްރާނީ ކުރަނީ ނުވަތަ މަޖޫސީ ކުރާނީ އެ ކުއްޖާގެ މައިންބަފައިންނެވެ.) އެހެންކަމުން ޢައިލާގެ ދައުރަކީ ވަރަށް ނުރައްކާތރި ދައުރެކެވެ. އެ ކުއްޖާއަށް މައިންބަފައިން ރަނގަޅު ނަމޫނާ ދައްކަން ވާނެއެވެ. ދޮގު ނަހަދާށޭ ބުނެފާ ބައްޕަ މަންމަ އަށް ދޮގުހަދާނަމަ އެ ކުއްޖާއަށް ފެންނާނީ ގަނޑުބަޑުވެފައިވާ މާޙައުލެކެވެ. ބަހާއި ޢަމަލު އެއްފަސްނުވާ ވެށްޓެކެވެ. ކާރލް މާރކްސް ބޮޑުވެފައި ވަނީ މި ކަހަލަ މާޙައުލެއްގައެވެ. އޭނާއަށް އޭނާގެ މައިންބަފައިންގެ ފުށުން ލިބުނު ތަރްބިޔަތުގެ ނަތީޖާއަކަށް ވީ އޭނާ އެއްވެސް ދީނެއް ޤަބޫކުނުކުރާ ކޮމްޔުނިސްޓަކަށް ވުމެވެ.

ޚުލުޤު ރިވެތިކަން

އެއްދުވަހަކު މީހަކު ރަސޫލާ صلى الله عليه وسلمގެ އަރިހަށް އައިސް ދެންނެވިއެވެ. (އޭ ﷲގެ ރަސޫލާއޭވެ! ދީނަކީ ކޮބައިތޯއެވެ؟ ރަސޫލާ ޖަވާބުގައި ޙަދީސްކުރެއްވިއެވެ. އެއީ ޚުލުޤު ރިވެތިވުމެވެ. މި މީހާ ރަސޫލާގެ ކަނާތްޕުޅު ފަރާތުންނާއި ވާތްޕުޅު ފަރާތުން އައިސް ވެސް މި ސުވާލު ދެންނެވިއެވެ. އެއަށްފަހު ރަސޫލާގެ ފުރަގަހުންނާއި ކުރިމަތިން އެމީހާ އައިސް ހަމަ މި ސުވާލު ތަކްރާރުކޮށް ފަށްފަށްކޮށް ދެންނެވިއެވެ. ރަސޫލާގެ ބަސްފުޅު އޭނާއަކަށް ނުވިސްނުނެވެ. އެހެނަސް ރަސޫލާ އޭނާ ދެކެ ކޯފާއެއް ނުވެއެވެ. އޭނާއަށް އިތުރަށް ސާފުކޮށްދެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (ليس الإيمانُ بالتَّمَنِّي ولا بالتحلِّي، ولكن هو ما وقر في القلبِ، وصدقَهُ العملُ – أخرجه ابن النجار كما في «الجامع الصغير» للسيوطي (٢/٢٤٨) والديلمي في «الفردوس» (٥٢٣٢) – އީމާންކަމަކީ އުއްމީދަކުން ނުވަތަ ގަހަނާއަކުން ލިބޭނެ ކަމެއްނޫނެވެ. އެހެނަސް އެއީ ހިތުގައި ސާބިތުވެ ޢަމަލުން އެކަން ތެދުކޮށްދޭ ކަމެކެވެ.)

ހިނިތުންވުމަކާ ހެދި އެމެރިކާގެ މަހުޖަނަކު އިސްލާމްވުން

ކުވައިތުގެ ޢިލްމުވެރިއަކު އެމެރިކާއަށް ވަޑައިގެން އިސްލާމްދީނާ ބެހޭގޮތުން ތަޤްރީރެއްކުރެއްވިއެވެ. މި ޝައިޚު ތަޤްރީރު ކުރައްވަނިކޮށް ކުއްލިއަކަށް މީހަކު ތެދުވެ އޭނާގެ ގާތުގައި އިން އެމެރިކާމީހަކަށް ޝަހާދަތް ލައިދެއްވުމަށް ދެންނެވިއެވެ. އެހިނދު އެ ޝައިޚަށް ބޭއިޚްތިޔާރުގައި (الله أكبر) ވިދާޅުވެވުނެވެ. އެހިނދު މި އެމެރިކާ މީހާ ޝައިޚުގެ އަރިހަށް އައެވެ. ޝައިޚު ވިދާޅުވިއެވެ. ތިބާ އިސްލާމްދީނަށް ވަންނަން ޝައުޤުވެރި ކުރުވީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. (މަށަކީ މުއްސަނދި މަހުޖަނަކީމުއެވެ. އަހުރެންގެ އެތައް ކުންފުނިތަކަކާއި ފިހާރަތަކެއް އެބަހުއްޓެވެ. އެހެނަސް މަށަށް ދުވަހަކުވެސް އުފާވެރިކަން އިޙްސާސް ކުރެވިފައެއް ނުވެއެވެ. އަހުރެންގެ ކުންފުނީގައި މަސައްކަތްކުރާ އިންޑިޔާގެ މުސްލިމަކު އުޅެއެވެ. އޭނާ ގާތަށް އަހުރެން ދާއިރު އަބަދުވެސް އޭނާ ހުންނަނީ ހިނިތުންވެލައިފައެވެ. އެހެނަސް އަހުރެން މި މުއްސަނދި މީހާގެ ގާތަށް ދުވަހަކުވެސް ހިނިތުންވުމެއް ނާދެއެވެ. އެ ފަޤީރު މުވައްޒަފު އަބަދުވެސް ހުންނަނީ އުފަލުން ހިނިތުންވެފައެވެ. އެއް ދުވަހަކު އަހަރެން އޭނާގާތަށް ގޮސް އޭނާއާއެކީ އިށިނދެލަން ބޭނުންކަމަށް ބުނެ އިށީނދެ ވާހަކަދައްކަން ފެށީމެވެ. އޭނާ އަބަދު ހިނިތުންވެލައިފައި ހުންނަނީ ކީއްވެތޯ ސުވާލު ކުރީމެވެ. އެހިނދު އޭނާ ބުންޏެވެ. އެއީ އަހަރެން މުސްލިމަކަށް ވާތީއެވެ. އަހުރެން (أشهد أن لا إله إلا الله وأشهد أن محمدا رسول الله) ކިޔާތީއެވެ. ދެން ޝައިޚު އޭނާއަށް ޝަހާދަތުގެ ދެ ކަލިމަ ލައިދެއްވިއެވެ. އޭނާ އެ ދެ ކަލިމަ ކިޔާ އިސްލާމްވިއެވެ. އެހިނދު އޭނާއަށް އަޑުންއަޑުނަގައި ރޮއެގަނެވުނެވެ. އޭނާގެ ގާތުގައި ތިބި މީހުން އޭނާ މަސަލަސް ކުރަން މަސައްކަތް ކުރުމުން އޭނާ ރޯން ދޫކޮށްލުމަށް ޝައިޚު ވިދާޅުވިއެވެ. އޭނާގެ ރޮއެ ނިމުމުން ޝައިޚު ވިދާޅުވިއެވެ. ތިބާއަށް ރޮވުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. "މަގޭ ހިތަށް ވަން އުފާވެރިކަމެއްގެ ބޮޑު ކަމުންނެވެ. މީގެ ކުރިން އެފަދަ އުފާވެރިކަމެއް މަށެއް ނުދެކެމެވެ."

މީސްތަކުން ހިތްތަކަށް އިސްލާމްދީން ވެރިވެގަންނަނީ ކިހިނެއް؟

އަލަށް އިސްލާމްވި 500 މީހަކާއެކު ސަޢޫދީ ޢަރަބިއްޔާއިން ކުރި ދިރާސަތަކެއް ބުނާގޮތުގައި އެމީހުން އިސްލާމްވީ ހަތަރު ބަހާއަކާ ހެދިއެވެ.

  • ޢަޤީދާގެ ގޮތުންނާއި ޝަރީޢަތުގެ ގޮތުން އިސްލާމްދީނުގެ ސާފުކަން
  • މާތް އަޚްލާޤާއި މުސްލިމުންގެ ރިވެތި މުޢާމަލާތު
  • ނަމާދާއި މުސްލިމުން މި ފަރްޟު އަދާކުރުމަށް ދޭ ސަމާލުކަން
  • މުސްލިމުންގެ ގާތުގައި ޢީސާގެފާނުގެ މަޤާމުގެ މަތިވެރިކަން

މިއިން ކޮންމެ ބަހާއަކާމެދު ވާހަކަ ދައްކަން ޖެހިއްޖެނަމަ މަޒްމޫނު މާ ދިގުވެދާނެތީ މި މިންވަރުން ނިންމާލާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *