އިޒުރޭލަށް ރައްދު ދިނުމުގެ ގޮތުން އީރާނުންދޭ ހަމަލާތަކަކީ އީރާނަށް ލިބެމުންދާ ގެއްލުންތަކާ އަޅާ ބަލާއިރު އުންމީދު ކުރާވަރުގެ ބޮޑު ގެއްލުންތަކަކަށް ނުވެދާނެއެވެ. އިޒުރޭލުން އީރާނަށް އަދިވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފާނެއެވެ. އީރާނުން އިޒުރޭލާ ދެކޮޅަށް ހަމަލާ ދެނީ މި ހަގީގަތް އެނގިތިބެއެވެ.
އީރާނުން ހަނގުރާމަ ކުރަނީ ހަމައެކަނި އިޒުރޭލަކާ ނޫނެވެ. ޒަޔަނިސްޓުންނާއެވެ. އިޒުރޭލާއި އިޒުރޭލު ދިފާޢުކުރުމަށް ފޫގަޅައިގެން ތިބި އެންމެންނާއެވެ. އެމެރިކާއާއި ހުޅަނގުން ތިބީ އިޒުރޭލު ދިފާޢުކުރުމުގައި އީރާނާ ދެކޮޅަށެވެ. އީރާނުން ހަނގުރާމަކުރަނީ އެހެން ބައެއްގެ މަދާއި އެހީތެރިކަން ލިބޭނެކަމަށް އުންމީދުކޮށްގެންނެއްނޫނެވެ. އީރާނުން މި ހަނގުރާމަ ކުރަނީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި ޔޫރަޕުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއި އިޒުރޭލަށާއި އެމެރިކާގެ ފިކުރަށް ސިއްރާއި ފާޅުގައި އެއްބާރުލުންދޭ އަރަބި ޤައުމުތަކާ ވެސް ދެކޮޅަށެވެ.
އީރާނުގެ މި ބޮޑު ފިދާގެ ފަހަތުގައި ވަނީ ކޮންމެ އަގެއް ދައްކައިގެން ވެސް އެ ޤައުމުގެ ނިއުކްލިއަރ ޙައްޤު ދިފާޢުކުރުމެވެ. އިސްލާމީ އުންމަތަކީ އެއްވެސް އާރެއްބާރެއް ނެތް ދަތްނެތް ސިންގާއަކަށް ހެދިޔަ ނުދިނުމެވެ. އިޒުރޭލާއި އެމެރިކާއިން ބޭނުންހާ ގޮތަކަށް މޮޑެއް އޮތް ފުށްގަނޑަކަށް އިސްލާމީ ހިތް ކަމުގައިވާ މެދުއިރުމަތި ހެދިޔަނުދިނުމެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން ތިބެ، އިސްލާމު ދީނުގެ ދުޝްމަނުންގެ އަނިޔާވެރި ލޭހޮރުވުންތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުމެވެ. މުސްލިމުންގެ ލޭގެ ބަދަލުހިފުމެވެ.
އިޒުރޭލުން އެމެރިކާގެ އެންމެ ޒަމާނީ ބޮންއަޅާ ބޯޓުތަކުގައި ގޮސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދަނީ އަރަބި އިސްލާމީ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެންނެވެ. އެ ކަމަކު އެ ސަރަހައްދުތައް އީރާނަށް ބަންދުކޮށްފައި ވާތީ މި ހިނދަށް ފައިޓަރ ޖެޓުތަކުގައި އިޒުރޭލަށް ގޮސް ހަމަލާ ދިނުމަކީ އީރާނަށް ކުރެވެން އޮތްކަމެއް ނޫނެވެ. އީރާނުން މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދެނީ އެހެންވެގެންނެވެ.
އީރާނުން އިޒުރޭލަށް ފޮނުވާ ހަމަލާތަކުގެ ތެރެއިން އެންމެ ހަމަލާއެއް އިޒުރޭލަށް ވެއްޓުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. އެ ހަމަލާ އިޒުރޭލަށް އެ ފޯރަނީ އިޒުރޭލު ދިފާޢުކުރުމަށް ގާއިމުކޮށްފައިވާ އެންމެ ޒަމާނީ އެތައް ވަސީލަތަކާއި އެތައް ޤައުމެއްގެ އެހީތެރިކަން ފޫއަޅުވާލާފައެވެ. އެމެރިކާއާއި އިނގިރޭސީންގެ އިތުރުން އުރުދުނުން އިޒުރޭލު ދިފާޢުކޮަށްދެން ކުރަމުން ގެންދާ މަސައްކަތްތައް ފޫޅުވާލައިފައެވެ.
ހަގީގަތަކީ އިޒުރޭލާއި އިޒުރޭލުގެ ވާގިވެރީން މާއްދީ ބާރު ފެންނަފެނުމަށް ކިތަންމެ ވަރުގަދަޔަސް މާތް ﷲގެ ވާގިފުޅާއެކު އީރާނުން އިޒުރޭލަށް ވޭންދެނިވި ވަރުގަދަ ހަމަލާތަކެއް ދީފިކަމެވެ. އިޒުރޭލުގެ ވެރިރަށާއި ބައެއް މުހިންމު ސިޓީތަކުގެ ބައެއް ސަރަހައްދުތައް ފަނާކޮށްލައިފި ކަމެވެ. ޔަހޫދީ އިޒުރޭލުން ސުންނާފަތި ކޮށްލައިފައިވާ ޣައްޒާގެ އަދުގެ ސިފަ އެ މީހުންގެ ޓެލްއަވީވުން ވެސް ދައްކާލައިފިއެވެ. އިޒުރޭލު ހުއްޓުމަކަށް ގެނެސްފިއެވެ. ޣައްޒާގެ މުސްލިމު ރައްޔިތުން ޝަހީދުކޮށް ލޭހޮރުވަމުން ދިޔައިރު އުފާފާޅުކޮށް ހީމަޖާކޮށް މަލާމާތްކުރަން ތިބި އިޒުރޭލުގެ ރައްޔިތުން ބިރުން ފިއްކަނޑުވައިފިއެވެ. މާޔޫސްވެ ގޮތް ހުސްވެފައިވާ މުސްލިމުންނަށް ހިނިތުންވުން ގެނެސްދީފިއެވެ. ޣައްޒާއާއި ލުބުނާނުގެ މުސްލިމުން އުފާފާޅުކުރަމުން އެ ދަނީ މާޔޫސްވެ، އެކަނިވެރިވެ، ގޮތް ހުސްވެފައިވާ އިސްލާމީ އެ ހިތްތަކަށް އީރާނުގެ ހަމަލާތަކުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭތީއެވެ.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް



advertisment