Support Us

ޢަޒުމް

މިއީ މަގޭ އުފަން ބިމޭ ކަނޑާ ފަޅާއި އެއްގަމޭ
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

ދިރުން ދިނީ މި ފަސްގަނޑަށް ޝަހީދުވީ ވެހީންގެ ލޭން
ރަދުން ޢަލީ، ފަހުން ޙުސޭން، މި ނޫންމެ ގިނަ ބައެއްގެ ލޭން
އެ ލޭގެ އަގު އަދާކުރާން ފަހެއް ނުވެސް ޖެހޭނަމޭ!
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

ވަޠަން ހިތާ ފެއަށް ލިއޭ އުފަން ބިމަށް ޣަދަރުވެރީން
ޙަސަން ކުރީން، ފަހުން ދެބޭން، އިހަށްދުވަހު ނޮވެންބަރީން
ޣަދަރުވެރީން ހޮވައި ހިފާން ފަހެއް ނުވެސް ޖެހޭނަމޭ!
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

ހޮޅީން މެ ޕޯޗުގީޒުނާ ފަހައިލިއޭ މި ފަސްގަނޑުން
އުތީމު ތަކުރުފާނުނާ ހުރާ ބަޠަލްގެ ހިތްވަރުން
އެ ހިތްވަރުން މި ހިތް ފުރާން ފަހެއް ނުވެސް ޖެހޭނަމޭ!
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

މި ބިން މަމެން އަތަށް ދިނޭ ލުޓޭރަކަށް ފުކެއް ނުދީ
މި ބިން އުފެއްދި މާތް ދަރީން ދިފާޢުގައި ދުލެއް ނުދީ
އެ ހެން މެ، ރައްދު ބިން ކުރާން، ފަހެއް ނުވެސް ޖެހޭނަމޭ!
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

ނުވާނަމޭ ޚިޔާނަތެއް ބިމަށް، ކަލާނގެ ގަންދެމޭ
ހުވާކުރީ މި! ޝާހިދުން ކަމަށް ތިބާމެނީ ލަމޭ
މަގޭ ބިމަށް ފުރާނަ ދޭން ފަހެއް ނުވެސް ޖެހޭނަމޭ!
މިއީ މަގޭ ޢަޒުމް! މި ބިން ފުރާނައަށް ހަދާނަމޭ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *