4 ވަނަ ޗެޕްޓަރ: ހިރުނދު ގަހުގެ ދަށުގައި އަލުން ބައްދަލުވުން
އަހަރުތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ. އުލިގަމުގެ ގޮނޑުދޮށަށް ވަކި ހަމަޔަކަށް ބީއްސަމުންދާ ރާޅުތަކުގެ ހިމޭން ރާގުތައް އިވެމުން ދެއެވެ. އެއިން ކޮންމެ ރާޅަކުން ހަސަނާއި އަހުމަދާއި މަރިޔަމްގެ ހިތުގައި ފުންކޮށް ބިންވަޅުނެގިފައިވާ ހަނދާންތަކުގެ މިއުޒިކު އަޑު އިވެމުންދެއެވެ. އެމީހުންގެ ދިރިއުޅެމުން ދިޔަ މަންޒިލްތައް އެކި ދިމަދިމާގައި ހުރި ނަމަވެސް އެންމެ ފަހުން ވަނީ އެއް މިސްރާބަކަށް ދަތުރުކޮށް އެއް މަންޒިލަކަށް އައިސްފައެވެ. ތަޤްދީރު މިވަނީ އެމީހުން އެއްރަށަކަށް ގެނެސް އެއް ގަހެއްގެ ހިޔަލުގެ ދަށަށް ގެނެސްފައެވެ. އީދު ކުޅިވަރުގެ މޫސުމުގައި އާ މާތަކެއް ފޮޅެމުން ދިއުމުގެ މަގުފަހިކޮށްދީފައެވެ.
އަހުމަދު އެނބުރި ރަށަށް އައި އިރު ފެންނަނީ ވަރަށް ބަދަލުވެފައިވާ ތަނެވެ. އޭނާގެ ފިރިހެންވަންތަ ޒުވާންކަން މިހާރު ވަނީ ފުރިހަމަވެފައިކަން ފާހަގަކުރެވެއެވެ. އުމުރުން 21 އަހަރުގައި އޭނާގެ ހުވަފެންތައް ވަނީ މާލެއާއި ރިސޯޓުތަކުގައި އުޅުމަށް ޝައުގުވެރިކުރުވާފައެވެ. މާލެ ވަނީ އޭނާ ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. ދުވަސްތައް ފެށިގެން އަންނަނީ އިރުނާރަނީސް، ތޮއްޖެހިފައިވާ މަސް މާރުކޭޓްތަކުގެ ތެރެއިން ހަލަބޮލި ބާޒާރު ކުރުމުގައި އަވަދިނެތި އުޅެމުން ދަނިކޮށެވެ. ގޭގައި ޖެހޭހާ ކަމެއް ކުރަން ޖެހެނީ އޭނާއަށެވެ. އެއީ ނިމުމެއް ނެތް މަސައްކަތްތަކެކެވެ. ގޭތެރެ ފޮޅާ ސާފު ކުރުމާއި ސައިކަލާއި ބައިސްކަލު ފޮހުމާއި ތަޅުންމަތީ މޮޕް އެޅުމާއި އެންމެންގެ އަންނައުނު ދޮވުން ފަދަ އެތައް ކަމެއް ކުރަން ޖެހެއެވެ. މިކަންތައް ކޮށްފައި އަރާމުކުރުމަށް ނުވަތަ ކިޔެވުމަކަށް މާ ގިނަ ވަގުތެއް ނޯވެއެވެ. އެހެންކަމުން ކިޔަވަންދާ ޚާއްސަ ކުލާހުން ދޭ ފިލާވަޅުތައް ދިޔައީ ދަސްވަމުން ނުވަމުންނެވެ.
އެންމެ ފަހުން ތަޢުލީމަކީ އަޙްމަދަށް ނުފެންނާނެ ހުވަފެނަކަށް ވެއްޖެއެވެ. ދުވާލުގެ ގަޑީގައި އޮންނަ ކުލާސްތަކަށް ދާނެ ވަގުތު ނުލިބޭތީ އެންމެ ފަހުން ރޭގަނޑު އޮންނަ ބޮޑެތި މީހުންގެ ކުލާހަކަށް ދާން މަޖުބޫރުވެއްޖެއެވެ. ވިޔަސް ގިނަ ފަހަރަށް ވަރުބަލިވެގެން އެކުލާހަކަށް ވެސް ދެވޭ ގޮތެއް ނުވިއެވެ. މިކަންތަކާ މާޔޫސްވެގެން އުޅެނިކޮށް އެންމެ ފަހުން އުއްމީދު އާވީ މަތީ ފެންވަރުގެ ރިސޯޓެއްގެ ވަޒީފާއަކަށް ދާނެ ފުރުސަތެއް ލިބުނީމައެވެ.
ރިސޯޓުގައި އޭނާގެ ދުނިޔެ ވަރަށް ބޮޑަށް އާބާދުވެގެން ދިޔައެވެ. ލަގްޒަރީ ރިސޯޓެއްގެ ވަށައިގެންވާ މާހައުލުން އޭނާއަށް ހުވަފެނެއްގައިވެސް ފެނިފައި ނުވާފަދަ އާ ކަންތަކެއް ތަޖްރިބާ ކުރެވެން ފެށިއެވެ. އެންމެ ޒަމާނީ ޔޫރަޕުގެ ދިރިއުޅުން ފެނި، އެފަދަ މުޖްތަމައެއްގެ ތެރޭގައި އުޅޭނެ ގޮތް ތަޢާރަފްވިއެވެ. އެ ރިސޯޓަކީ އޭނާގެ ކްލާސްރޫމަކަށް ވެގެން ދިޔައިރު، އޭނާއަށް އަސާސީ އިނގިރޭސި ބަހާއި، މެހެމާންދާރީގެ ހުނަރާއި، ސަގާފީ ވިސްނުންތައް ދަސްވެ، އޭނާގެ އެތެރެހަށީގައި އަލަށް މިފެނުނު ދިރިއުޅުމުގެ ފޮނިމީރުކަން ހޭލައްވާލިއެވެ. އުމުރުން 21 އަހަރު ވީއިރު، ފަޚުރުވެރިކަމާއެކު އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތައް ލައިގެން، އާ ގޮތްތަކަށް އުޅެން ހޭނިއްޖެއެވެ. އޭނާއަށް ކުރަން ޖެހުނު ބުރަ މަސައްކަތް ބޮޑު ކަމަކަށް ނުވިއެވެ. އެއީ އޭނާގެ ކުރިއަށް އޮތް މުސްތަގުބަލު އުޖާލާވެ ކުރިއަރައިގެން ދާނެ ރާސްތާއަކަށް ވެއްޖެއެވެ. އޭނާއަށް ލިބުނު ގިނަ ފައިސާއިން ސޭވިންގް އެކައުންޓެއް ވެސް ބެންކުގައި ހުޅުވައިފިއެވެ.
މިހާރު 19 އަހަރު ފުރިފައިވާ މަރިޔަމް އެނބުރި އުލިގަމުއަށް އައީ ނައިފަރުގައި ހޯދި ތައުލީމީ ކާމިޔާބީތަކުން ޒީނަތްތެރިވެފައިވާ ޒުވާން އަންހެން ކުއްޖެއްގެ ގޮތުގައެވެ. ޢިލްމަށް ފެންބޮވައިފައި ހުރެގެން އޭނާ ކިޔަވަމުން ދިޔައީ ހުރިހާ ކުލާހަކުން އެންމެ މަތީން ފާސްވަމުންނެވެ. ނިންމާލުމުގެ ފަހު އިމްތިޙާނުގައި އޭނާ އެފަހަރު ސްކޫލުން އެއްވަނަ ހޯދިއެވެ. ނަމަވެސް ފޮތްތަކާއި ފިލާވަޅުތަކުގެ ބޭރުން މަރިޔަމް، މިނިވަންކަމާއި، ކެތްތެރިކަމާއި، ގެދޮރުވެރިކަމުގެ ތަޖްރިބާތައްވެސް ހާސިލު ކުރިއެވެ. މުޅި ރޭނގަނޑުހެން ފުޅިބައްތި އަލީގައި ފޮތްތައް ބަލައި މުތާލިއާކޮށް ހެދިއެވެ. އެންމެ ފަހުން އޭނާ ހިމެނުނީ ތައުލީމަށް މޮޅު ޒުވާން އަންހެނަކަށެވެ. ދަރިވަރުންގެ އެކުވެރިޔަކަށެވެ. ރަށު އެންމެންގެ ލޯތްބާއި ގަދަރު ލިބިފައި ހުރެގެންނެވެ.
ރަށަށް އެނބުރި އާދެވުމަކީ މަރިޔަމްގެ ތައުލީމީ ދަތުރުގެ ނިމުމެއް ކަމުގައިވިޔަސް އަދި އެއީ އާފެށުމެއް ކަމުގައި އޭނާ ދުއްޓެވެ. އުލިގަމުގައި އެންމެ ބޭނުން ޖެހިފައިވާ ތައުލީމު ދިނުމުގެ މަސްއޫލިއްޔަތައިގެން އޭނާ ކުރިޔަށް ނުކުތެވެ. އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ހިތުން ކުރަން ނިންމި ނިންމުމެކެވެ. އޭނާ މިވޭތިވެ ދިޔަ ދިހަވަރަކަށް އަހަރު ހޯދި ފިލާވަޅުތަކާއި ތަރުބިއްޔަތު، ރަށުގައި އެފަދަ ފުރުސަތެއް ލިބިފައި ނުވާ ކުދީންނަށް ދިނުމަކީ އޭނާގެ މިއަދުގެ ވާޖިބެއް ކަމުގައި ދެކެގެންނެވެ. އޭނައަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާ ކިޔަވައިދޭ ކްލާހުގައި ދަރިވަރުން ތައުލީމު ހޯދުމަށް ދައްކަމުންދާ ޝައުގުވެރިކަން އޭނާގެ ސަބަބުން ފުރިހަމަކޮށް ދެވެމުންދާތީއެވެ. ރަށުގެ ދަރިވަރުންނަށް އިލްމާއި ތަރުބިއްޔަތު ލިބެމުންދާކަމުގެ އިހުސާސް ކުރެވުނީމައެވެ. އެކަމުގެ އަސަރު ރަށުތެރޭންވެސް ފެނި އިލްމުގެ ކަނިތައް ރޯވެ ފެތުރެމުން ދާން ފެށީމެއެވެ. އޭނާގެ ކުޑައިރު މިރަށުގެ އެއުމުރުގެ އެހެން ކުދީން ފަދައިން ހޭދަ ކުރިއިރު މަތީ ތައުލީމު ލިބޭނެ ފުރުސަތެއް ނެތްކަން އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. އެ ހަނދާންތަކަކީ އޭނާގެ މުޅި ހަޔާތާ ގުޅިފައިވާ ހަނދާންތަކެކެވެ.
އުމުރުން 21 އަހަރުވީއިރު ހަސަން މިވަނީ ރަށުގައި އުޅެ ރަށުގެ ސަގާފަތާއި ރަށުން ލިބެން އޮތް އިލްމަކާއި ހުނަރަކާއި ތަރުބިއްޔަތެއް ލިބިފައެވެ. އޭނާގެ ކިބައިން ރަށުގެ ހަރުދަނާ މީހުންގެ ކިބައިގައި ހުންނަ ހިތްހެޔޮކަމާއި ގާތްކަމާއި ކުލުނު އެކުލެވިފައިވެއެވެ. އޭނާގެ ބައްޕަގެ ކިބައިން ދަސްވި ކެތްތެރިކަމާއި، މަސްވެރިކަމާ ކަނޑުފަޅުގެ އިލްމުތަކާއި ލިބުނު އިރުޝާދުގެ ދަށުން އޭނާ މިއަދު މިވަނީ ކަނޑު ފަޅާއި މޫދުގެ ކަންކަމުގައި ދެވަނައެއް ނެތްފަދަ މޮޅު މަސްވެރިއަކަށް ވެފައެވެ. އޭނާގެ ޙަޔާތް، އެތައް ގޮތަކުން ކުރިއަރައި އަމިއްލަ ފައިމަތީގައި އުޅެވޭވަރަށް ކަންކަން ދަސްވެ ރޯފިލާފައެވެ. ރަށުގެ ހުޅަނގުފަރާތު ރުއްވަލުން އޭނާ ނެގި ގެވަޅުގައި މިހާރު ވަނީ ދަނޑިފަނުން ރީތި ހިތްގައިމު ގެޔެއް އަޅައި ފައްކާކޮށްފައެވެ.
މަސްވެރިކަމަކީ ހަމައެކަނި ހަސަންގެ ދިރިއުޅުމުގެ ވަސީލަތެއް ނޫނެވެ. އެއީ އޭނާގެ ތަރިކައާއި، އޭނާގެ ފަޚުރާއި، އޭނާގެ މުޅި ދުނިޔެއެވެ. އޭނާގެ ބައްޕަގެ ކިބައިން ވާރުތަވި މަސްދޯންޏާއި ކުޑަ ބައްތެއްޔަކީ ހަމަ އެކަނި އެއިން އޭނާ ފައިދާ ހޯދާ އެއްޗެއް ނޫނެވެ. ރަށުގެ އެތައް ބަޔަކަށް އޭގެ ފައިދާ ފޯރަމުން ދިޔައެވެ.
މިއަދު ރަށް މި އަންނަނީ ބޮޑު އީދަށް ތައްޔާރު ކުރެވެމުންނެވެ. އެއީ ރަށުގެ ދެއަވަށު އެންމެން އެއްގަލަކަށް އަރައި އެއްތަންވެ ގުޅުން ބަދަހިވެގެންދާ ހަފުލާއެކެވެ. މި ދުވަހަށްޓަކައި މުޅި އުލިގަމު ދަނީ ޒީނަތްތެރި ކުރެވި ފޯރިގަދަ ކުރެވޭނެ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ. އެކި ރަށްރަށަށް އެކި ބޭނުމުގައި ގޮސް ތިބި އެންމެންވެސް އެނބުރި ރަށަށް އަންނަން ފަށައިފައިވެއެވެ. މިއީ އާ ރައްޓެހިން ލިބި ބާ ރައްޓެހީންގެ ގުޅުން ކެނޑި މިކަހަލަ އެތައް ކަމެއް ހިނގާ ދުވަސްވަރެއް މެއެވެ. އެހެންނަމަވެސް ބައެއް ގުޅުންތަކުގެ ގުޅުން އިތުރަށް ބަދަހިވެގެން އަންނަ ވެސް ދުވަސްވަރެކެވެ.
ގަދީމީ ހިރުނދު ގަހުގެ ދަށުގައި މިއަދު ހަވީރު މި ބައްދަލުވަނީ ޒަމާންތަކެއް ވަންދެން ދެގޮތެއް ނުވެ ގުޅިފައިވާ ތިން ރަހުމަތްތެރީންނެވެ. މަސްވެރި ހަސަނާއި މުއްސަނދި އަހުމަދާއި ރަށުގެ އެންމެ މޮޅު އެންމެންގެ ލޯބި ލިބިފައިވާ މަރިޔަންއެވެ. ކުޑައިރު އެކުގައި އުޅުނު ތިން މިތުރުންނެވެ.
އެއީ ހިމޭން ވަގުތުކޮޅެކެވެ. ވާހަކަ ފަށައިގަންނަންވީ ކޮން ހިސާބަކުން ކިހިނެއް ކަމެއްވެސް ނޭނގިފައި ތިއްބެވެ. އެ ހިމޭންކަން ފުރަތަމަ މުގުރާލީ އަހުމަދެވެ. "ހަސަނާ! ކަލޭ ހީވަނީ ބޮޑު މަސްދޯންޏެއް ވެސް ކިހިލިޖަހައިގެން ގެންގޮސްފާނެހެން. އެހާ ވަރުގަދަވެފަ ތިޔަހަރީ!"
ހަސަނުގެ ލޮލުން ފާޅުވަމުން ދަނީ އުފާވެރިކަމުގެ ވިދުވަރެކެވެ. އޭނާ ހީނލާފައި ބުންޏެވެ. "އަހަންމަދާ، ކަލެއަކަށް ކަލޭ ނުވެސް ފެނޭ ދޯ؟ ކަލޭ ލާފައި ތިޔަ ހުރި އެންމެ ޒަމާނީ ކުލަގަދަ ގަމީހާއި އަތުކުރީގައި ބަނދެފައި ތިޔަހުންނަ ރޮދިތަކާއި އިސްތަށިގަނޑު ސްޓައިލް ކޮށްފަ ތިޔަ ހުރިގޮތެއް. ހީވަނީ ބޯމަތީގައި ބޮޑު ހަތައެއް ބާއްވާފައި އޮތްހެނެއްނު؟ ޔޫރަޕު މީހެކޭ ކޮބާ ތަފާތެއް؟ މިހާރު ކޮބާ އަހަރެމެންނާއެކު ބަށިކުޅެން ފީކޮއިކުޅެން ހޭޅިފަށުގައި އުޅުނު އެ ކުއްޖާ؟"
މިހެން ހަސަނު ބުނުމުން މަރިޔަން ހިނިފަޅައިގެން ދިޔައެވެ. ތިންމީހުންވެސް އެކަކު އަނެއްކަކަށް ޖެހުނުހާ ހަޖުލެއް ޖެހިއެވެ. އެހެންނަމަވެސް އެތިން ކުދީންގެ ކިބައިންވެސް ފެންނަމުންދިޔައީ ބަދަލުވުމެއް ނުވާ އެކުވެރިކަމެވެ.
އެމީހުން އެކުގައި ކުޑައިރު އިށީނދެގެން ތިބޭ ހިރުނދުގަހުގެ ޒަމާންވީ މޫމަތީގައި އެގަހުގެ ގޮފިތަކުގެ ދިގު ހިޔަނީގެ ދަށުގައި ތިބެގެން ވަކިވެގެން ދިޔަފަހުން ހިނގި ހުރިހާ ކަމެއްގެ ވާހަކަ ކިޔައިދެމުން ދިޔައެވެ. އަހުމަދު މާލޭގައި ކުރިމަތިވި އުނދަގޫތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް އެވާހަކަތައް ކިޔާދެމުންގެންދިޔައެވެ. ދަތިތަކާއި ތައުލީމީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކުގެ ވާހަކައެވެ. އަދި އެންމެ ފަހުން ރިސޯޓަށް ދެވުނު ގޮތާއި އެ ރިސޯޓުގައި ހޯދި ކާމިޔާބީތައް ސިފަކޮށްދިނެވެ.
"އެއީ ފަސޭހަ ކަމެއް ނޫން،" އަހުމަދު ބުނެދިނެވެ. "އެކަމަކު އެކަމުގެ ސަބަބުން އަހަންނަށް ގިނަ ތަޖުރިބާތަކެއް ލިބި ކަންތައް ތަކެއް ދަސްވި. ދުނިޔެއަކީ ހަގީގަތުގައި ކިހާވަރެއްގެ ތަނެއްކަން ވެސް އެނގުނު."
މަރިޔަމް އޭނާގެ ދަތުރު ހިއްސާކޮށް، ކިޔަވަން އުޅުނު އިރު ލިބުނު އުފަލާއި ކުރިމަތިވި ދަތިކަމުގެ ތަފްސީލުތައް ވެސް ކިޔައިދިނެވެ.
މިވާހަކައިގެ ތެރޭގައި ސްކޫލު ބަންދެއްގައި ޓީޗަރުންނާއި ކުލާހުގެ ކުދީން މާލެއަށް ކުރި ދަތުރުގެ ވާހަކަވެސް ކިޔައިދިނެވެ.
މަރިޔަން ބުންޏެވެ. "އަހަރެން މިއަދު ރަށަށް އައިސް މިހިރީ އެތައް ކަމެއް ތަޖްރިބާކޮށް އިމްތިހާނުތަކާ ކުރިމަތިލުމަށްފަހު. އެހުރިހާ ކަމަކަށް ފަހު އަހަރެންގެ އެންމެ އިސް ވާޖިބަކަށް ވެފައި މިވަނީ އަހަންނަށް ދަސްވި ހުރިހާ ކަންތަކެއް ރަށުގެ އެހެން ކުދީންނަށް ހިއްސާކޮށްދީ ދަސްކޮށްދިނުން."
ހަސަނު އިސްޖަހާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.
"އުލިގަމުގައި ދިރިއުޅުމަކީ ސާދާ ދިރިއުޅުމެއް. އެކަމަކުވެސް ރަށުން ދަސްވި ކަންތަކެއް ވެސް ހުރި. ކަނޑުން ވެސް ކޮންމެ ދުވަހަކު މުހިންމު ކޮންމެވެސް ކަމެއް ދަސްވޭ- ގުދުރަތީ އުފެދުންތައް ފެނި އެތަކެއްޗަށް އިހުތިރާމް ކުރުމުގެ މުހިންމުކަން ވެސް ދަސްވި. އެއާއެކު އަހަރެމެންގެ ބަލިކަށި ކަމާއި ނިކަމެތިކަންވެސް ފާހަގަ ކުރެވުނު. މި ރަށުގައި ހުރެގެން ދަސްވި ކަންކަމުގެ މުހިންމުކަންވެސް ވަކި ކުޑައެއް ނޫން."
އެ ތިން ރައްޓެހިން މިނިވަންކަމާއެކު އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު އަހުމަދު ގެއަށް ސަޔަކަށް ދައުވަތުދިނެވެ. އެހެންވެ އެންމެން އެކުގައި ގޮސް އަހުމަދުގެ ރީއްޗަށް އިމާރާތްކޮށް ސިމެންތިޖަހާ ކުލަލައި ޓިނުންހިޔާކޮށްފައި ހުރި، ރަށުގެ އެންމެ ރީތި ގެޔަށް ގޮސް ވަނެވެ. ގޭގެ ނަމަކީވެސް "ރީތިގެ"އެވެ.
އަހުމަދުގެގޭގައި ނަން ހުސްކޮށް، ރަށުގައި ހަދާ ހުރިހާ ބާވަތެއްގެ ހެދިކާއާއި ކިރުސަޔާއި ފޮނި ތަކެއްޗާއި އެކިކަހަލަ މީރު ބިސްކޯދު ހުއްޓެވެ. އަދި ސައިބުއިމުގެ ތެރޭގައި އަހުމަދު ގެނެސް ހުރި އެކިބާވަތްބާވަތުގެ އާ ސާމާނުތައް ވެސް ދައްކާ ހެދިއެވެ. އޭގެ ތެރޭގައި ފިލްމު ދައްކަން ގެނަސް ހުރި ވީސީއާރާއި ޖެނެރޭޓަރާއި އަދި މިބާވަތުގެ އެތައް ބައިވަރު ސާމާންތައް ދެއްކިއެވެ.
"އަހަރެމެން ތިން މީހުން ކުރިއަށް ދިޔައީ ތިން ރޮނގަކުން،" އަހުމަދު އެންމެ ފަހުން ބުންޏެވެ. "އެހެން ނަމަވެސް އަހަރެމެން އަބަދުވެސް ކުރިޔެކޭ އެއްފަދައިން ގުޅިގެން އުޅެންވާނެ. އުލިގަމަކީ އަހަރެމެން އެންމެންގެ ވެސް ރަށް. މި ރަށުގެ މުސްތަގުބަލަކީ އަހަރެމެން."
މަރިޔަމްގެ ލޮލުންވެސް ވިދަމުން ދިޔައީ އެ ރަހުމަތްތެރިކަމުގެ ޖަޒްބާތުގެ ވިދުވަރެވެ.
"އާނ، ކޮންމެ ކަމެއް ދިމާވިޔަސް އަބަދުވެސް އެކަކު އަނެކަކާ ގުޅުން ބާއްވަންވާނެ…" މަރިޔަންވެސް ބުންޏެވެ.
ހަސަންވެސް ހިނިތުންވެލިއެވެ. "އަހުން ބަދަލެއް ނުވާނަން. ކުރިންވެސް އަދި ފަހުންވެސް ހަމަ މިގޮތުގައި ހުންނާނަން."
ދެން މިގޮތްމަތީ އުޅުމަށް ތިންމީހުންވެސް އެއްބަސްވެ އިގުރާރު ވެއްޖެއެވެ.
(ނުނިމޭ)