Support Us

ވާހަކަ: ރަން އުޅާ- 5

5 ވަނަ ޗެޕްޓަރ: ޒުވާން ދައުރު

އަހުމަދު އެނބުރި އުލިގަމަށް އައުމަކީ ރަށަށް އައި ކުޑަ ބަދަލެއް ނޫނެވެ. އޭނާ އައީ ކުރިން ރަށުގެ މީހުންނަށް ނޭނގޭ އެތަކެއް ޒަމާނީ އަޖައިބުތަކެއް ހިފައިގެންނެވެ. އޭގެތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ކަހަލަ ކުޑަ ޖެނަރޭޓަރެއް ވެސް ގެނައެވެ. އެއީ ކަރަންޓުގެ އަލި ދުވަހަކުވެސް ދެކެފައިނުވާ ރަށުމީހުން އުފަލުން ފުރިގެން ދިޔަ ކަމެކެވެ. އެއާއެކު އޭނާ ގެނައި ބައިސްކޯފު ދައްކާ ސްކްރީނަކާއި ވީޑިއޯ ޕުރޮޖެކްޓަރ އަކީ ރަށުގެ އެންމެން ކުޑައެއް ބޮޑެއް މުސްކުޅިއެއް ނެތި ހައިރާންވެ އަންތަރީސް ކުރުވި ކަމެކެވެ. އޭނާ ރަށަށް އައިތާ ގިނަ ދުވަހެއް ނުވެ ރަށުއޮފީސް ކުރިމަތީގައި އޮންނަ ކުޅިވަރުކުޅޭ ހުސް ބިމުގައި ފިލްމު ދައްކަން ތައްޔާރު ކުރިއެވެ. އިޝާ ނަމާދަށްފަހު ކައި ހަދައިގެން ރަށު އެންމެން އެތަނަށް ޖަމާވެއްޖެއެވެ. ރަށުގެ މަދު މީހަކު ފިޔަވައި ދުވަހަކުވެސް ބައިސްކޯފެއް ދުށް މީހަކު ނެތެވެ.

ފުރަތަމަރޭ ވެސް އެޅުވީ އޭރު އެންމެ މަޝްހޫރު ހިންދީ ފިލްމު ކަމަށްވާ "ބޮބީ" އެވެ. ސްކްރީނުން ރީތި ކުލަ މަންޒަރުތަކާއި ތަންތަން ފެނުމުން އެންމެން ތިބީ ތަލިން ކުޅު ހިކިފައެވެ. ރީތި ލަވަތަކާއި ނެށުންތައް ފެނުމުން ވަކީން ބޮޑަށް އާސޯޚުވެފައެވެ.

މިއީ މަރިޔަންގެ ގެޔާ މާ ދުރު ތަނެއް ނޫނެވެ. އޭނާއާއި އެ ގޭގެ މީހުންނަށް ޚާއްސަކުރެވި ގޮނޑި ޖަހާފައިވާ ތަނެއް ޕުރޮޖެކްޓަރ ކައިރީގައި ހުއްޓެވެ. އަދި ކަތީބުގެ އާއިލާއާއި ރަށުގެ ކަމުވޮށިވެގެންވާ މީހުންނަށް ވެސް ޚާއްސަ ކުރެވި ގޮނޑި ޖަހާފައި ހުއްޓެވެ. ގިނަ މީހުން ތިބީ ކޮޅަށެވެ. ކުޑަކުދީން ބިންމަތީ ފައިވަށްކޮށްލައިގެން ތިއްބެވެ.

ތިންގަޑިއެއްހާ އިރު ދެމިގެން ދިޔަ މިޝޯ ބަލަން ތިބި އެންމެންނަށް މި ވަގުތުވީ ކުޑަ ހިނދުކޮޅަކަށެވެ. ތިބީ އަދި އިތުރަށް ވެސް ބަލަން ބޭނުންވެފައެވެ. ރިޝީއާއި ޑިމްޕަލްގެ ފަރި ހަރަކާތްތައް އިތުރަށް ދުށުމަށް ކެތްމަދުވެފައެވެ. އެހާ އަވަހަށް އެ ފިލްމު ނިމުނީތީ ގިނަ ބަޔަކު ތިބީ ދެރަވެފައެވެ. އެހެންނަމަވެސް އެހެން ރެޔަކުން އަދި މިއަށްވުރެންވެސް ރީތި ފިލްމެއް ދައްކާނެ ކަމަށް ބުނެ އަހުމަދު އެރޭގެ ޝޯ ނިންމާލިއެވެ. އޭރު އަހުމަދަށް ރަށުގެ މީހުންގެ ފަރާތުން ސައި ތައްޔާރުކޮށްފައި ހުއްޓެވެ. މަރިޔަންއާއި އޭނާގެ ގޭ މީހުންވެސް މި ސައިގައި ބައިވެރިވިއެވެ. އެހެންނަމަވެސް އެތަނަކަށް ހަސަނެއް ނާދެއެވެ. އޭނާ އަކަށް މީހަކު ދައުވަތުވެސް ނުދެއެވެ. ރޭގެ ތަރިއަކީ އަހުމަދެވެ. އޭނާ އަކީ މިއަދު ރަށުގެ އެންމެ މުހިންމު ބަތަލެވެ.

އިރުއޮއްސުމާއެކު އަހުމަދުގެ ޖެނެރޭޓަރު ހިންގައި ރަށުގެ ބައެއް މުހިންމު ގޭގެއަށް ކަރަންޓު ދޫކުރެއެވެ. ރަށުގެ ކަތީބުގޭގައި ދެ ބޮކި، މަރިޔަންގޭގައި ވެސް ދެ ބޮކި ދިއްލާފައި އޮވެއެވެ. އަހުމަދުގެ ގެ ހުންނަނީ ބޮކިއަލިތަކުން ހުޅުދާންވެފައެވެ. ގޭގެ ކުރިމަތީގައި ހުންނަ ލައުޑްސްޕީކަރުން ރީތި ހިންދީ ލަވަތަކާއި ދިވެހި ލަވަތައް އަޑުގަދަކޮށް ޖަހަމުން ދިޔައެވެ. ކޮންމެ ރެއަކުވެސް އެތައް ބަޔަކު އެ ގޭދޮށަށް އެއްވެފައި ތިބެއެވެ. މީގެ އިތުރުން ހުކުރުވިލޭރެއަކީ ޚާއްސަކޮށް ފިލްމު ދައްކާ ރެއެވެ. އެއީ ރަށު އެންމެންހެން ނުނިދާ ގިނައިރު ހޭލާ ތިބޭ ރޭވެސް މެއެވެ.

ފިލްމު ދައްކާ ރޭރޭ މަރިޔަމް ގަވާއިދުން އެތަނަށް އައިސް އިނދެއެވެ. އޭނާއަށް ޚާއްސަކޮށް ގޮނޑިޔެއް ޕްރޮޖެކްޓަރ ކައިރީ ހުރެއެވެ. އެއީ އަހުމަދު އިންނަ ގޮނޑިޔާ ޖެހިގެންނެވެ.

ރަށުތެރޭގައި އަހުމަދާއި މަރިޔަންއާ ގުޅުވައިގެން ވާހަކަ ދެކެވެއެވެ. އެހެންނަމަވެސް އެ ދެމީހުންނަށް ނުރުހިގެން ބަހެއް ބުނާނެ މީހަކު ނެތެވެ. އެއީ މަރިޔަންއަކީ ރަށުގެ އެންމެންގެ ލޯބި ލިބިފައިވާ ޓީޗަރު ވީމައެވެ. އަދި އަހުމަދަކީ މިއަދު ރަށުގައި އެންމެ އުހުގައި ވިދާ ތަރި ވީމައެވެ.

މަރިޔަމްގެ މައިންބަފައިންނަށް ވެސް އަހުމަދާއި މަރިޔަންގެ ގުޅުން ބަދަހިވަމުން އަންނަތަން ފެނުމަކީ އެންމެ އުފާވާ ކަންތަކެވެ. މަރިޔަން އިންނާކަށް އަހުމަދަށް ވުރެން ކުފޫހަމަވާ އެކަކުވެސް ރަށަކު ނެތެވެ. ހަސަނަކީ އާދައިގެ މަސްވެރިޔެކެވެ. އެމީހުން ކުރާ އުފަލެއްގައި ބައިވެރިވެ އުޅެން އައުމަށް ހަސަނަށް މިއަދު އެކަށީގެނެއް ނުވެއެވެ. އެހެންވެ އޭނާ އުޅެމުންދާތަން ފެންނަނީ ވަރަށް ދުރުދުރުގައެވެ. މިއަދު އެފަދަ މަހެފިލަކަށް އޭނާ ވަދެ އުޅެން އެކަށީގެންވާ ހައިސިއްޔަތެއް އޭނާގެ ކިބައިގައި ނުވާކަން ވިސްނޭތީމެއެވެ. އެހެން ނޫނަސް ރަށުގެ އެންމެންގެ ތެރޭގައި އަހުމަދާއި މަރިޔަން ޖެހިޖެހިގެން ފިލްމު ބަލަން ތިބޭ މަންޒަރު ދެކެން އޭނާގެ ހިތަކަށް ކުޅަދާނައެއް ވެސް ނޫންމެއެވެ.

މަރިޔަމްގެ ގޭގައި ބޭއްވި ވަރަށް ޚާއްސަ ޖާފަތަކަށް ހަސަނަށް ދައުވަތު ދިނެވެ. އެހެންނަމަވެސް އެއީ އެ ކަންތަކުގައި އެހީތެރިވެދީ އަތްގާތްކޮށްދޭ މީހެއްގެ ގޮތުގައެވެ. ރަށުގެ ކަމުވޮށިވެގެންވާ އެންމެންހެން އެ ޖާފަތަށް އައިސް ތިއްބެވެ. އެއީ ވަރަށް ބޮޑު ޖާފަތެކެވެ. އެކަމަށް އެތައް ދުވަހެއް ވަންދެން އެތައް ބަޔަކު ތައްޔާރުވަމުން ދިޔައެވެ. އެއީ މެންދުރުގެ ކެއުމެކެވެ. ހުރިހާ ބާވަތެއްގެ ކެއުންތައް އެތަނުގައި ހުއްޓެވެ. ހީވަނީ ބޮޑު މައުލޫދެއްގެ ކޭން ތަކެއްހެންނެވެ. އެކި ބާވަތްބާވަތުގެ ރިހައާއި އެއާ ވާނެ ސަޓަންޏާއި ބުއިންތައް ހުއްޓެވެ.

ޖާފަތުގެ ޝަރަފުވެރީންނަކީ އަހުމަދާއި މަރިޔަންކަން ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ.

ހަސަނުގެ މަސައްކަތަކަށް ވެފައި އޮތީ އައިސް ތިބި މީހުންނަށް ބުއިންތައް ތައްޔާރުކޮށްދިނުމެވެ. ކައި ނިމުމުން ކުރުނބާއާއި އޭގެ ފަހުން ދުފުން ގެންގޮސްދީ ހެދީ ހަސަނާއި އޭނާއާއެކު އެ މަސައްކަތުގައި އުޅުނު އެހެން ކުދީންނެވެ. އޭނާއާ އެކު އުޅުނު ކުދީންގެ ތެރޭން ހުސްނާ އެދުވަހު ފާހަގަކޮށްލެވެއެވެ. އޭނާ ހުރީ އަހުމަދާއި މަރިޔަން ތިބި މޭޒު ބަލަހައްޓާށެވެ. އެހެން ކަމުން ވަރަށް ގާތުން އެ ދެ މީހުންގެ ހުރިހާ ހަރަކާތެއް އޭނައަށް ފެނި ފާހަގަކުރެވެމުން ދިޔައެވެ.

ޖާފަތް ނިމުނު ހިސާބުން އޮތީ ވަރަށް ޚާއްސަ އައިޓަމެކެވެ. އެއީ އަހުމަދު މަރިޔަންއަށް ދޭން ގެނައި ޚާއްސަ ހަދިޔާ ހަވާލު ކުރުމެވެ.

އެއީ ރަން އުޅަލެކެވެ. އަހުމަދު މަރިޔަންގެ އަތުގައި އެ އުޅާ އަޅުވައިދިނެވެ. އެއާއެކު މަރިޔަންގެ މައިންބަފައިންނާއި ދެންވެސް ތިބިހާ ބަޔަކު އަތްތިލަބަޑި ޖެހިއެވެ. އެއީ އަހުމަދު ބުނިގޮތުގައި "އެންގޭޖްމެންޓެ"ކެވެ. ރަށު މީހުންނަށް އަލަށް އިވުނު ބަހެއްހެންވެސް ހީވެއެވެ. އެހެންވެ އޭގެ މާނައެއް އެމީހުންނަކަށް މާ ރަނގަޅަކަށް ނުވެސް އެނގެއެވެ.

މި މަންޒަރު ވަރަށް ރީއްޗަށް ހަސަނަށްވެސް ފެނުނެވެ. އެއާއެކު އޭނާގެ ހިތަށް އެތައްހާސް ކަށިތަކެއް ހެރުނުހެން ހީވިޔަސް އެޔަކީ އޭނާގެ ފެންވަރެއް ނޫންކަން އޭނާއަށް އެނގެއެވެ. ތިންމީހުންގެ އޮތް އެކުވެރިކަމަކީ މުޅީން އެހެން ކަމެކެވެ. އެއީ މާޒީއެކެވެ. އޭނާގެ ހިތަށް މިކަމުން ބަޔާންކުރަން ނޭނގޭހާ ހިތްދަތިކަމެއް ވެރިވެގެން ދިޔައެވެ. އެހެން ކަމުން އިތުރަށް އެތަނުގައި ނުހުރެ އޭނާ އެތަނުން ހިނގައްޖެއެވެ.

އެދުވަހުގެ އިރުއޮއްސުމާއެކު އުލިގަމުގެ އުދަރެސްމަތީގައި ތަރިތައް ދިއްލި ވިދަން ފަށައިފިއެވެ. ހަސަން ގޭ ދޮރުމަތީގައި އުދަރެހަށް ބަލަން ހުއްޓެވެ. އުޑުމަތިން ވިދާ ތަރިތަކާ ހަމަޔަށް އޭނާގެ އަތެއް ނުފޯރާނެއެވެ. އެވަރު އޭނައަށް ވިސްނެއެވެ. އޭނާގެ ފައިދަށުގައި ވަނީ މަޑު ވެލިގަނޑެވެ. އޭގައި ރީތިކަމެއް އަގެއް ނުވެއެވެ. އޭ އުޅެން ޖެހޭނީ އޭނާގެ ފެންވަރުގައެވެ. ބިންމަތީގައެވެ. އުދަރެހުގައި ދިއްލިފައިވާ ތަރިތަކަކީ އޭނާގެ ފެންވަރެއް ނޫނެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅައި ހިނގަންވީ ބިންމަތީގައި ކަން އޭނާއަށް ވިސްނުމުން އެގޮތަށް އެކަން ކުރުމަށް ނިންމިއެވެ. މީގެ ފަހުން އޭނާ އަހުމަދުމެން އުޅޭ ދުނިޔެއާ ދުރަށް ދިއުމަށެވެ. ކޮންމެހެން ބޭނުމެއް ނުޖެހޭނަމަ، ރަށުތެރެއަށް ވެސް ނޭރުމަށެވެ. ވިޔަސް މިފަހަރުގެ އީދު ކުޅިވަރުގައި ބައިވެރި ނުވެއްޖެ ނަމަ މީހުންގެ ނަޒަރުގައި އޭނާ ވާނީ ފިނޑިއަކަށެވެ. އެކަން އެހެން ވިޔަ ނުދޭން އޭނާ ކަނޑައެޅިއެވެ.

***

އީދުގެ ދެވަނަ ދުވަހަކީ ރަށުގައި ވަރަށް ފޯރި ގަދަ ދުވަހެކެވެ. އެންމެން ކެތްމަދުވެފައި ތިބީ އެދުވަހު އޮންނަ މަންޑި މެޗު ބެލުމަށެވެ.- އެއީ ރަށުގެ ކުދިބޮޑު އެންމެން ނިކަން ފޯރިނަގާ ކުޅިވަރެކެވެ. މިއީ އީދުގެ ދެވަނަ ދުވަހު މިރަށުގައި އޮންނަ ސަގާފީ ކުޅިވަރެކެވެ.

މިކަމަށްޓަކައި ވަރަށް ކުރިއާ ލައި ކުރެދިން ފޯލި ލިޔެ މަންޑި ދަނޑިތައް ތައްޔާރުކޮށްފައި ހުރެއެވެ. މަންޑި ދަނޑިއަކީ ވަރަށް ހަރު އެއްޗެކެވެ. މިއިން ފޯލީގައި ޖަހާލުމުން އެތައް ހިސާބަކަށް ފޯލި ދެއެވެ. އެކަމަކު ކުޅަދާނަ ކުޅުންތެރީން ވައިގެތެރޭ ފަތުއަޑު ކިޔާފައި ދާ ފޯލި ހިފަހައްޓައެވެ. މި ކުޅިވަރުގައި މޮޅުވާ މީހަކީ ރަށުގެ އެންމެ އުހަށް އުފުލިގެންދާނެ ތަރިއަކަށް ވާނެއެވެ. އެހެންކަމުން ޒުވާން ފިރިހެން ކުދީން މި މެޗް ކާމިޔާބު ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. ކާމިޔާބު ވާނީ މި ކުޅިވަރަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މި އަހަރުގެ މެޗުގައި ވަކިން ފޯރި ގަދަވެފައިވެއެވެ- އެއީ އަހުމަދު، ހަސަންއާ ދެކޮޅަށް ކުޅެން އަރާތީއެވެ. އެއީ އެންމެ ކުޑައިރުން ފެށިގެން އެކީގައި އުޅުނު ދެކުދީން ވެފައި، މިހާރު ބޮޑުވީފަހުން ފުރަތަމަ ފަހަރަށް ވާދަ ކުރާތީއެވެ. ކޮންމެ މީހެއްގެ ހުރި ކުޅަދާނަކަން ދައްކާލެވޭ ފުރަތަމަ ފަހަރު ވީމައެވެ. މިއީ އުލިގަމަށް މިހާރު އައިސްފައިވާ ބަދަލުތަކާއި ތަރައްގީ ފެނިގެންދާނެ ދުވަސްތަކެކެވެ. އުލިގަމުގައި މީނޫނަސް ކިތަންމެ ކުޅިވަރުގެ ހަރަކާތްތަކެއް ރޭވިފައި އޮތެވެ. އެހެންނަމަވެސް މި މަންޑި މެޗު ހިމެނެނީ ވަރަށް ޚާއްސަ ގޮތެއްގައެވެ.

މެޗު ކުޅެން ރޯނު ދަމާފައިވާ ދަނޑުގެ ވަށައިގެން ރަށުގެ މީހުން ފޯރިއާއެކު ޖަމާވަމުން ދިޔައިރު، މަރިޔަމް އެމީހުންގެ ތެރޭގައި ފާހަގަކޮށްލެވޭ ގޮތަށް ހުއްޓިގެން ހުއްޓެވެ. އޭނާގެ ދެލޯ ސަމާލުކަމާއެކު އަމާޒުވެފައިވަނީ އޭނާގެ އެންމެ ދުވަސްވީ ދެ ރަހުމަތްތެރިންގެ ދެމެދުގައި ވާދަކުރަމުންދާތަން ބެލުމަށެވެ. އަހުމަދުގެ ފުރަތަމަ ވަރުގަދަ ހަމަލާގައި ފޯލި ފަތުއަޑު ކިޔާފަައި ވައިގެ ތެރެއިން ދަތުރުކުރި އެވެ. އެވަގުތު ހަސަންގެ އަތުގައި އެ ފޯލި ހަރުލިއެވެ. އަހަރުތަކެއް ވަންދެން މަސްވެރިކަމަށް ކުޅަދާނަ ހަސަނު ކުޅަދާނަކަމާއެކު އެ ފޯލި ހިފިތަން ފެނި އެއްބަޔަކު ގަދައަށް ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް ބަލަން ތިބި މީހުންގެ ސަޕޯޓު އޮތީ އަހުމަދަށްކަން ހަސަނަށް އެނގެއެވެ. ވަރަށް ފޯރިގަދަ މެޗެއް ކުޅެވެމުން ދިޔައެވެ. އެހެން ކަމުން ވަގުތު ދާގޮތްވެސް ކުޅިބަލަން ތިބިމީހުންނަކަށް ނޭނގެއެވެ.

އެންމެ ފަހުން އަހުމަދު އޭނާގެ މަންޑި އުފުލާލައި ހަސަންއާ ދިމާއަށް ވަރުގަދަ ފޯއްޔެއް ފޮނުވާލިއެވެ. މިއީ ފަހު ފޯއްޔެވެ. މި ފޯލި ހަސަނު ހިފައިފިނަމަ އަހުމަދުގެ ޓީމު ބަލިވީއެވެ. ހަސަނަށް ނުހިފުނު ނަމަ ހަސަނުގެ ޓީމު ބަލިވީއެވެ. ހުރިހާ ބެލުންތެރިން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހަސަން ވަރަށް ކުޅަދާނަކަމާއެކު ފޯލި އަންނަ ދިމާއަށް ދުއްވައިގަތެވެ. ފޯލި އެރީ އޭނާގެ އަތުތެރެއަށެވެ. އެކަމަކު އެ ފަޅި ސިކުންތު ހަސަނުގެ ލޯ މަރިޔަންއަށް އަމާޒުވިއެވެ. އޭނާއަށް ވިސްނުނީ އަހުމަދު ބަލިވާތަން ދެކެން އޭނާ ބޭނުން ނުވާނެ ކަމެވެ. މިއަދު އޭނާގެ ރަހުމަތްތެރި އަހުމަދަށް އޭނާއަށް ދެވެން އޮތް އެންމެ އަގުބޮޑު ހަދިޔާއަކީ މި މެޗުން އޭނާ މޮޅުކޮށްދިނުމެވެ. އޭނާ ބަލިވުމަކަށް ހުރި ދެރައެއް ނެތެވެ. މޮޅުވިޔަކަސް ވާނެ އިތުރު މޮޅެއް ވެސް ނެތެވެ. އެހެންކަމުން އޭނާ ހަމަ ގަސްތުގައި ފޯލި އަތުތެރޭން ދޫކޮށްލިއެވެ.

ހީވީ މުޅި ރަށް އުތުރިއަރައިގަތީހެންނެވެ. އަހުމަދުގެ ސަޕޯޓަރުންތައް، ދަމާފައި ހުރި ރޯނު ވައްޓާލާފައި ދުވެފައި ގޮސް އޭނާ ވަށައިލިއެވެ. އެކަމަކު ހަސަނު މި ފޯލި ދޫކޮށްލީ ގަސްތުގައިކަން މަރިޔަންއަށް އެނގެއެވެ. އަހުމަދުގެ ސަޕޯޓަރުން އޭނާ އަތްއަތްމަތީން ގެންދިޔަ ވަގުތު ހަސަނު އެނބުރި ބަލައިލިއިރު މަރިޔަންގެ ނަޒަރުވަނީ އޭނައަށް އަމާޒުވެފައެވެ. އެއީ އުފާވެރި ކަމުގެ ބެލުމެއްކަމެއް، ނުވަތަ ސުވާލުކުރުމުގެ ބަލާލުމަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.

ދަނޑުމަތީ ފޯރިގަދަވެފައި އޮތް ދަނޑިވަޅު ހަސަން އެތަނުން ގޮސް އޮބާލައިފިއެވެ.

އެރޭ ހަސަނު އެކަނިމާއެކަނި މޫދު ކައިރީގައި ހުރި އޭނާގެ ފަން ޖިފުޓީގައި ހަމަ ޖެހިލައިގެން އިނެވެ. މެޗުން މޮޅުވީ އޭނާކަން އޭނާއަށް އެނގެއެވެ. އެހެންވެ އޭނާ އިނީ ހިނިތުންވެފައެވެ.

މިއަދު ޓީމުން އަހުމަދު މޮޅުވުމުން މަރިޔަން އުފާވާނެކަން އޭނާއަށް އެނގެއެވެ. މަރިޔަން އެކަންޏެއް ނޫނެވެ. މުޅި ރަށް އެވަނީ އުފަލުން ފޮޅިފައެވެ.

އީދުގައި އަދި މިނޫންވެސް ކުޅިވަރުތައް ކުރިޔަށް އެބައޮތެވެ. އެހެންނަމަވެސް އެއިން ކަމެއްގައި އޭނާ ބައިވެރިއެއް ނުވާނެއެވެ. ސްޓޭޖުގެ ޝޯގެ ތައްޔާރީތަކުގެ އަޑު އޭނައަށް އިވެނީ ދުރުންނެވެ. މިއީ އަނެއް ފޯރި ގަދަ އިވެންޓެވެ. އެހެން ނަމަވެސް ހަސަން ގޭ ދޮރުމަތީގައި ހުރި ޖޯލިފަތީގައި އޮށޯތީއެވެ. އޭރު އެދިމާ ގޮނޑުދޮށް އޮތީ ހަނދުވަރުގެ އަލީން ދިއްލިފައެވެ. ރީތި ފިނި ވައިރޯޅި ޖެހެމުން ދިޔަ އިރު ބޯމަތީގައި ދިއްލިފައި ފިޔަ ޖަހަމުންދާ އެކިވަރުގެ ތަރިތައް އޭނާއަށް ހަނާ އަޅަމުން ދެއެވެ. އޭނާ ވަނީ އެ ތަރިތަކާ ކިހާ ދުރެއްގައިކަން އޭނާއަށް ވިސްނެއެވެ.

މިއަދަކީ އަހުމަދުގެ ތަރި އުޑުގެ އެންމެ އުހަށް އުފުލިފައި ހުރި ދުވަހެވެ. އޭނައާ އަރާ ހަމަކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.

ހަސަނަށް އޭނާގެ ފެންވަރު ވަޒަން ކުރެވެއެވެ. އޭނާއަށް އެވަރުން ފުދެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *