ދޭތެރެދުރުކުރުމަށް އަންހެނުންނަށް ދޭ ބޭސް ގުޅައިގެ ބަދަލުގައި ފިރިހެނުންނަށް އިންޖެކްޝަނެއް ތައްޔާރުކޮށްފިއެވެ.
މިއީ ހޯމޯނާ ނުކުޅޭ "ބޭހެ"ކެވެ. ނަމަކަށް ކިޔަނީ "އެޑަމް"އެވެ.
ބަޔޮލޮޖީއާ ގުޅޭ ޓެކްނޮލޮޖީ ކުންފުނި ކޮންޓްރާލައިނުން ތަރައްގީކުރި މި "ފަރުވާ"ގައި ފިރިހެނާގެ ދަރިފަނި ދަތުރުކުރާ ހޮޅިއަށް ހައިޑްރޯ-ޖެލްއެއް ފޮނުވައިލައެވެ. މިހެން ހެދުމުން މަނި ބޭރުވާ ވަގުތުގައި އޭގައި ހުންނަ ދަރިފަނިތައް ބޭރުވިޔަކަ ނުދެއެވެ.
މި އިންޖެކްޝަންގެ އަސަރު ހުންނަނީ ދެ އަހަރު ދުވަހަށެވެ.
މި ހައިޑްރޯ-ޖެލް އިންޖެކްޝަން ޖެހުމާ ވެސަކްޓޮމީއެއް ހެދުމާ ތަފާތުވާ ގޮތަކީ ވެސަކްޓޮމީގައި އުރަވަޅިން މަނި ބޭރުކުރާ ހޮޅި ބުރިކޮށްލައި ބައްދައިލާތީ އާއި ވަސެކްޓޮމީއަކީ ދާއިމަށް ހަމަޖައްސާ ގޮތަކަށް ވާތީއެވެ. ނަމަވެސް ދެ ޕްރޮސީޖަރުގައި ވެސް ހަދާ ގޮތަކީ މަނި ބޭރުވާއިރު އޭގައިވާ ދަރިފަނި ބޭރުވުމަށް ހުރަސްއަޅަނީއެވެ. އެކަމަކު އެޑަމްގައި ދެ އަހަރަށް ފަހު އޭގެ ބާރު ކެނޑިގެންދެއެވެ. އެހެންވެ ދެ އަހަރު ފަހުން އެ ފިރިހެނަކަށް އަލުން ދަރިއެއް ހޯދުމަށް ފުރުސަތު ލިބެއެވެ.
އެޑަމް މަޝްރޫއުގައި މިހާތަނަށްކުރި ތަހުލީލުތަކުގައި 25 މީހުން ބައިވެރިކުރިއެވެ. އެ ގޮތުން ދެ އަހަރު ފަހުން ނަތީޖާ ބެލުމުން އެ މީހުންގެ މަނީގައި ދަރިފަންޏެއް ނެތެވެ. އަދި އެ މީހުންގެ ސިއްހަތަށް ވެސް ނުރައްކަލެއް ނެތްކަން ހާމަވިއެވެ.