Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ތިޔަ ވަރަށް އެހީތެރިވުން ދެން ހުއްޓާލާށެވެ. ޝުކުރިއްޔާއެވެ.

ޝުކުރުވެރިވާން ދަންނަމެވެ. ޝުކުރިއްޔާއެވެ. ދިންހާ އެއްޗެއްސަށް ޝުކުރިއްޔާއެވެ. ވެދިންހާ އެހީއަށް ޝުކުރިއްޔާއެވެ. އެދިގެން ވެދިން އެހީއަށް ޝުކުރިއްޔާއެވެ. ނުބުނަނީސް ވެދިން އެހީއަށް ޝުކުރިއްޔާއެވެ. އަބަދު ދެމުންދާ އެހީއަށް ޝުކުރިއްޔާއެވެ. ކުއްލިއަކަށް ދިމާވާ ދަތިތަކުގައި ވެދީފައިވާ އެހީއަށް ޝުކުރިއްޔާއެވެ. ބޭނުންވެގެން، ބުނެކިޔައިގެން، ދީފައިވާ އެހީއަށް ޝުކުރިއްޔާއެވެ. ބޭނުމެއް ނެތަސް، ގަދަފައި ވިއްދައިގެން، ބޮލުގައި އަޅުވާފައިވާ އެހީއަށްވެސް ޝުކުރިއްޔާއެވެ. ކޮށްދީފައިވާ ކަމެއްވިއްޔާ، އެކަމަކަށް ޝުކުރިއްޔާއެވެ. ކޮށްދޭން ބުނެ، ކޮންމެވެސް ސަބަބަކާހުރެ، ނުކޮށްދެވިވާ ކަންކަމަށްވެސް ޝުކުރިއްޔާއެވެ. މަށަށް އެނގޭ އަދި ހަނދާނުގައި ހުރި ކަންކަމަށް ޝުކުރިއްޔާއެވެ. މަށަށް ނޭނގޭ އަދި ހަނދާން ނެތިފައިވާ ކަމެއް ވިއްޔާ، އެކަމަކަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ހިތަކީ ބައެއް ފަހަރު ފުރޭ އެއްޗެކެވެ. ދުލަކީ ވަކި ވަރަކަށް ބޭނުންކުރީމައި ވާޅުވާ އެއްޗެއްވެސްމެއެވެ. އެހީތެރިވުމުގައި ހައްދެއް ނެތުމުން، މެދުނުކެނޑި ޝުކުރުވެރިވާން ދަތިވަނީއެވެ. އެހީތެރިވުމުގައި އިމެއް ނެތުމުން، ޝުކުރުވެރިވާން ހަނދާންވެސް ނެތެނީއެވެ.

އެކުވެރިޔާއެވެ. އަވަށްޓެރި، މަދަދުވެރިޔާއެވެ. ސަހަރޯއެވެ. ފުދިއްޖެއެވެ. ވަރުބަލިވެއްޖެއެވެ. ފޫހިވެސް ވެއްޖެއެވެ. ތިޔަ ދީލަތިކަން އިތުރަށް ބަރުދާސްތުކުރަން މިހާރު ލަދުގަންނަ ހިސާބަށް ހިނގައްޖެއެވެ. ނިކަމެއްޗަސް، ހިފަހައްޓަން އެދޭ އަގެއްވެސް އެބަވެއެވެ. ތަނަވަސް ނޫނަސް، ސަލާންޖަހަން ޒަމީރު ޤަބޫލެއް ނުކުރެއެވެ. އަދި، ކަލަ ގޮވީމައި އެކަން ހަޖަމުކުރަންވެސް އުނދަގޫވަނީއެވެ.

ފޮންޏަކީ ނޫނެވެ. ދޭ އެއްޗެއްގައި ނުހިފާކަށް ނޫނެވެ. އަދި، ތިޔައަށްވުރެ ގާތް، ދީލަތެއް ރައްޓެއްސެއް ކުއްލިއަކަށް ފެނުނީއަކީވެސް ނޫނެވެ. ޤަބޫލުކުރާށެވެ. ހެޔޮ ހިތަކާއެކު ބުނާ އެއްޗެކެވެ. މޫނު ކެނޑޭކަށް ނޭދެމެވެ.  މިހާ ދުވަސްވީ ގުޅުމެއް އެކީ ކެނޑިގެންދާކަށް ބޭނުމެއް ނޫނެވެ.

އެހީތެރިޔާއެވެ. މިހާ އަވަހަށް ހަނދާން ނެތުނީހެވެ. އެހީތެރިޔާވެސް، އަހަރެން މިއަދު މިއުޅޭ ކަހަލަ، ސާދާ، ނިކަމެތި ދިރިއުޅުމެއް ވޭތުކުރި ދުވަސްތަކެއް ދިޔަ ނޫންހެއްޔެވެ؟ އެއިރު، އެހީތެރިޔާވެސް އުޅުނީ ބަޔަކު ދިނީމައި ލައިގެން ކައިގެންނެވެ. އެއިރު، އެހީތެރިޔާވެސް އުޅުނީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހަކާ މެދު ހުވަފެން ދުށުމުގައެވެ. އެއިރު، އެހީތެރިޔާވެސް ބޭނުންވީ މިނިވަންކަމާއެކު، އަމިއްލަވަންތަ ދިރިއުޅުމެއް ވޭތުކުރަން ނޫންހެއްޔެވެ؟

ހިތުގައި ޖެހުނަސް ބުނެލާނަމެވެ. ދޮގު ހަދާކަށް ނޭދެމެވެ. އޮޅުވާލާކަށް ބޭނުމެއް ނެތެވެ. އެހީތެރިޔާއަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ތިޔައީ ކުރިން މަ ދަންނަ، ލޯބިވާ އެހީތެރިޔާއެއް ނޫނެވެ. ފުރަތަމަ ދިމާވި އިރު ފެނުނު އެހީތެރިޔާއެއް ނޫނެވެ. ފަހަކަށްއައިސް، އެހީތެރިޔާ މަށާމެދު ދެކޭގޮތް ބަދަލުވެއްޖެއެވެ. މަށާމެދު ކަންކުރާ ގޮތްވެސް ބަދަލުވެއްޖެއެވެ. އަދި، މަށަށް އެހީތެރިވާ ގޮތްވެސް ހަމަ ބަދަލުވެއްޖެއެވެ.

ކުރިންވެސް އަދި މިއަދުވެސް އެހީތެރިޔާ މަށަށް އެހީގެ ގޮތުގައި ކަންކަން ނުކޮށްދޭ ވާހަކައެއް ނޫނެވެ. އެއްޗެތި ނުދޭ ވާހަކައެއް ނޫނެވެ. އެކަމަކު، ކުރިން ވެދޭ އެހީއަކީ 'ފީ ސަބީލިއްލާހި' އަށް ވެދޭ އެހީއެވެ. އަދި، އިތުބާރުކޮށްގެން ވެދޭ އެހީއެވެ. އެއިރު އަބަދުވެސް ބުނެ އުޅެމެއްނޫންހެވެ. އަމެވެ. މިއޮތީއެވެ. މީތި ގެންދާށެވެ. އަގަކަށް ނުބަލާނަމެވެ. ބަދަލުގައި އެއްވެސް އެއްޗެއް، އެއްވެސް ކަމެއްވެސް ބޭނުމެއް ނޫނެވެ. މިއަދުން ފެށިގެން މިއީ ތިޔަ ފަރާތުގެ މިލްކެއް ކަމަށެވެ.

މިއަދު އެހެނެއް ނޫންތާއެވެ. މިއަދު އެގޮތަށް އެއްޗެތި ދިނުމުގެ ބަދަލުގައި، ތިޔަ ދެނީ ދޭ އެއްޗެއް ކުޑަ ދުވަސްކޮޅަކަށް ބޭނުންކޮށްލާށެވެ. ގެންގުޅެލަން ދޭ އެއްޗެއްގެ ގޮތުގައެވެ. ބޭނުންކޮށްލަން ދޭ އެއްޗެއްގެ ގޮތުގައެވެ. އަނބުރާ ދޭގޮތަށެވެ. ނުވަތަ އޭގެ އަގު، ފަހުން ނަމަވެސް، ދައްކާ ގޮތަށެވެ. ބައެއް ފަހަރު ރަހުނުގެ ގޮތުގައި އެއްޗެއް ބާއްވާފައެވެ. އަދި، އެހެން ފަހަރުތަކުގައި، އަނބުރާ ދޭ އިރު އެއަށް ސޫތުގެ ގޮތުގައި އެއްޗެއް އިތުރުކޮށްފައިވެސްމެއެވެ.

ކުރިން އެހީތެރިޔާ ދޭ އެއްޗެއް ބަލާ ދިއުމުން ހަވާލުކޮށްލަނީއެވެ. ނޫނީ މިގޭ ދޮށަށް އައިސް ދޮރުމަތިން ދިއްކޮށްލަނީއެވެ. މިހާރު ތިޔަ ގެންގުޅެނީ އާ އުޞޫލެކެވެ. ދޭ އެއްޗެއް ހިފައިގެން އައިސް މިގެއަށް ވަންނަނީއެވެ. އަދި، އޭގެ ބޭނުން ކުރަނީ އެހީތެރިޔާ އެދޭ އިރަކު އެކަންޏެވެ. އޭގެ ފައިދާ ވަނީ އެހީތެރިޔާ ބޭނުންވާ ބަޔަކަށް އެކަންޏެވެ. ބޭނުންކޮށް ނިމުނީމަ ދަނީ ހިފައިގެންނެވެ. މިގޭގައި ހުރެ ބޭނުންކޮށްލާތަން މަށަށް ފެންނަކަން އެނަންޏެވެ. މޮހޮނަށް އޮޑިދޭހެނެވެ.

ނުވިތާކަށް، މިހާރު އެއްޗެއް ދޭނަމަ ދެނީ ލިޔެ ސޮއިކޮށްފައެވެ. ދޭ އެއްޗެއްގެ ބަދަލުގައި ޝުކުރު އަދާކުރާން މަޖުބޫރު ކުރުވާފައެވެ. ދޭ އެއްޗެއްގެ ބަދަލުގައި، މަދަސް، މަގޭ އަތުގައި އޮތް އެއްޗެއްވެސް ބޭނުން ކުރެވޭނެކަން ގައިމުކޮށްފައެވެ. އަދި، ކުޑަޔަސް، މަގޭ ގޭގައިވެސް އައިސް ހުރެވޭނެކަން ޔަޤީންކޮށްފައެވެ.

ދެރައެވެ. އެހީތެރިޔާއަށް މަގޭ އެއްޗެއް ނުދެނީ ހެއްޔެވެ؟ އެހީތެރިޔާ އައިމަ މިގެއަށް ނުވައްދަނީ ހެއްޔެވެ؟ ދެން ތިޔަ ލިޔެ ސޮއިކުރުވަނީ ކީއްވެހެއްޔެވެ؟ މަށަށް އިތުބާރު ނުކުރެވެނީތާއެވެ.

ދުލުގައި ހިފާ ދަމާވަރުން ބުނަން މަޖުބޫރުވީއެވެ. ހެޔޮނުވާނެއެވެ. ތިޔަ ވަރަށް އެހީތެރިވުން ދެން ހުއްޓާލާށެވެ. ތިޔަ ގޮތަށް އެހީތެރިވުން ދެން ހުއްޓާލާށެވެ. ތިޔަ ގޮތަށް އެހީދޭން އެހެން މީހެއް ހޯދާށެވެ. ސަހަރޯއެވެ. މަގޭ ހާލަށް މަ ދޫކޮށްލާށެވެ.

ނިންމާލަމުންވެސް ބުނެލާނަމެވެ. ވެދިޔަތާ ދިން އެހީއަށް، ވެދިން އެހީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިޔަ ގޮތަށް ދެން އެހީ ނުދިނިއްޔާ އަދި އެއަށްވުރެ ބޮޑަށް ޝުކުރިއްޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
265

3 Responses

  1. ވަރަށް ތަފާތު ލިޔުމެއް. މޮޅު ލިޔުމެއް. މާނަ ފުން ލިޔުމެއް. މި ބޭފުޅާގެ ލިޔުންތައް ވަރަށް ކިޔާލާ ހިއްވޭ އަބަދުވެސް.

  2. Mi liyumugai eheetheriyaa magey geyai ayas gey badhigeyahvanas fahaanaa ahvans ok eve. Ekamaku magey
    thanmathin jaagaeh nudheveyne eve. Anbidhareen naa tholhey gonaa kuraakahves ok eh nuvevey ne eve

    1. ރަނގަޅު ވާހަކައެއް، އަސްދަނޑި. ގޭގައި ހުޅުޖަހާތަން ބަލާކަށް ނުތިބެވޭނެ. މިކަހަލަ އެކުވެރިންނަކީ ހަސަދަވެރިންނަށްވުރެ ނުރައްކާތެރި ބައެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *