ލާރިއެއްގެ ސައިޒު ހުރި، 100 އަހަރުގެ ހަކަތަ އެކުލެވޭ، ނިއުކްލިއަ ބެޓެރިއެއް ޗައިނާގެ ކުންފުންޏަކުން އީޖާދުކޮށްފިއެވެ. މިއީ ކުރިމަގުގައި ހަކަތަ ރައްކާކުރެވޭ ގޮތަށް އިންގިލާބެއް ގެނުވާނެ ޓެކްނޮލޮޖީއެކެވެ.
ވެރިރަށް ބީޖިންގައި ގާއިމުކޮށްފައިވާ ބީޓާވޯޓް ކުންފުނިން މި ދިޔަ އަހަރު ޖަނަވަރީ މަހު ފުރަތަމަ ތައާފަރުކުރީ ނިކެލް-63 އިން ހަކަތަ އުފައްދައިދޭ، ބީ.ވީ-100 ގެ ނަމުގައި 50 އަހަރަށް ހަކަތަ ދަމަހައްޓައިދޭ ބެޓެރިއެކެވެ. އެއީ އެއްވެސް ވަރަކަށް ރިޗާޖް ކުރުމެއް ނެތިއެވެ.
ވިޔަފާރިއަށް މި ބެޓެރި އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ވައިގެ ދަތުރުފަތުރާއި ސިއްހީ ހިދުމަތާއި އަދި އާއްމުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުގައި ވެސް މި ބޭނުން ކުރެވޭނެއެވެ.
ނޯތުވެސްޓް ނޯމަލް ޔުނިވާސިޓީން ވެސް ވަނީ 100 އަހަރަށް ހަކަތަ ދެމެހެއްޓޭ ނިއުކްލިއަ އާ ބެޓެރިއެއް އުފައްދަނީކަން އިއުލާންކޮށްފައެވެ. މި ބެޓެރިއަށް ހަކަތަ ލިއްބައިދެނީ ކާބަން-14 އިންނެވެ. ކާބަން-14 އަކީ ނާދިރު މާއްދާއެއް ނަމަވެސް ޗައިނާއިން ވަނީ އެ އުފައްދަން ވިޔަފާރި އުސޫލުން ރިއެކްޓަރެއް ގާއިމުކޮށްފައެވެ. މިއީ އިރުން ހަކަތަ އުފައްދައިދޭ ސޯލާ ޕެނަލް އުފެއްދުމުގެ ސިނާއަތުގައި ކުރިއަރައިގެން ދިއުމަށް ޗައިނާއިން މަސައްކަތްކުރި ފަދައިން ނިއުކްލިއަ ބެޓެރި ފޯރުކޮށްދޭ ހިދުމަތަށް ވެސް އެއްކޮށްހެން ޗައިނާއިން ނުފޫޒު ފޯރުވަން ބޭނުންވާ ކަމަށް ދިން ސިގްނަލެކެވެ.

މި ކަމުގައި ޗައިނާއިން ކުރި ހޯދައިފައިވާއިރު، ޗައިނާއާ ފައިހަމަ ކުރަން އެހެން ބޮޑެތި ގައުމުތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެމެރިކާގައި ސިޓީ ލެބްސްއިން އަންނަނީ ސިއްހީ ދާއިރާގެ ބޭނުމަށް 20 އަހަރަށް ހަކަތަ ހިފަހައްޓައިދޭ ޓްރިޓިއަމްއިން ހަކަތަ ލިއްބައިދޭ ނިއުކްލިއަ ބެޓެރިއެއް ތަރައްގީ ކުރަމުންނެވެ.
އިނގިރޭސި ވިލާތުގެ އާކަންލައިޓްއިން އަންނަނީ ނިއުކްލިއަ ކުނިބުނިން ބެޓެރިއެއް ހަދަމުންނެވެ. އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ކްރޮނޮސް އެޑްވާންސްޑް ޓެކްނޮލޮޖީސް އާއި ޔެޝަންގް ގްރޫޕުން ގުޅިގެން އަންނަނީ ނިއުކްލިއަ ބެޓެރި އުފެއްދުމުގެ ދިރާސާތައް ފުޅާކުރަމުންނެވެ. ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކަކުން ވެސް އަންނަނީ މި ކަހަލަ ޓެކްނޮލޮޖީތައް އުފެއްދުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންނެވެ.
ނިއުކްލިއަ ބެޓެރީގެ ވިސްނުން ފުރަތަމަ އައީ އެމެރިކާގައި 1950 ގެ އަހަރުތަކުގައި ކަމަށް ވިޔަސް ފުޅާ ދާއިރާއެއްގައި އެ ބޭނުން ކުރުން ލަސްވެގެން ދިޔައީ ރައްކާތެރިކަމާއި ދިގު މުއްދަތަށް ދެމިގެންދާނެތޯއާމެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. މިއަދު މި ފަދަ ހުރަސްތަކާމެދު އަލުން ވިސްނަމުން އަންނަނީ ދިގު މުއްދަތަށް ދެމިގެންދާ އަދި ދެމެހެއްޓެނިވި ހަކަތައަށް ޑިމާންޑް ބޮޑުވަމުން އަންނާތީއެވެ.
މި ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި އަދި އުފެއްދުމުގައި ޗައިނާއިން ކުރީ ސަފަށް އަރައިފައިވާތީ ތަޖުރިބާކާރުން ބުނަނީ މި އީޖާދުކުރުންތައް ތަރައްގީވާވަރަކަށް ދުނިޔޭގެ ހަކަތައިގެ ސިނާއަތުގެ ބައްޓަން ބަދަލުވަމުން އަންނާނެ ކަމަށެވެ.
ނިއުކްލިއަ ބެޓެރިއަކީ އެއް އިރެއްގައި ވަކި ހާއްސަ ދާއިރާއަކަށް އެކަށޭނަ ހިޔާލެއް ކަމަށް ބެލެވިފައިވިޔަސް މިހާރު މިއީ ހަށިގަނޑަށް ލައްވާ ސިއްހީ އާލާތްތަކުން ފެށިގެން ޖައްވަށް ދާ މިޝަންތައް ފަދަ ހުރިހާ ކަމަކަށް ވެސް ދިގު މުއްދަތުގެ ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.



advertisment